" އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ."

މުސައްލަމަތީގައި އިން ޙަޔާގެ ދެލޮލުން ފޭދުނު ކަރުނަތައް އޭނާގެ ކޯތާފަތުން ތިރިއަށް ރޮނގުދެމިގެން ދާން ފެށިއެވެ. ބަޤަރާ ސޫރަތުގެ 153 ވަނަ އާޔަތުގެ މާނަ ހިތަށް އެރުމާއެކު، ދެލޯ ފުހެލާފައި ކެތްތެރިވާން އޭނާ މަސައްކަތްކުރިއެވެ. ކެތްތެރިވުމަކީ މާތް ސިފައެއްކަން ޙަޔާއަށް އެނގެއެވެ. އަދި ޚާއްސަކޮށް މުސްލިމަކަށްވެ ހުރެ، ކަތްތެރިކަމުގެ ސިފަ އެމީހެއްގެ ގައިގައި ހުރުމަކީ ލާޒިމުކަމެވެ. ދުނިޔޭގެ މަންޒިލަކީ ވަގުތީ ގޮވައްޗެކެވެ. އިމްތިޙާނުތަކުން ފުރިގެންވީ މަންޒިލެކެވެ. އެ އިމްތިޙާނުތަކާ ކުރިމަތިލާއިރު ކެތްތެރިވުމަށް ﷲ އަންގަވާފައިވަނީ ގިނަ ގުނަ ސަބަބުތަކަކަށްޓަކައެވެ.

ތެދުވެ މުސައްލަ ފަތްޖަހާލުމަށްފަހު، ގެންގޮސް ކަބަޑުމަތީގައި ބާއްވާފައި ޙަޔާ އެނދުމަތީގައި އޮތް ފައިލު ނަގާ އޭގައި ލިޔެފައިވީ އެއްޗެއް ކިޔައިލިއެވެ. އޭރުވެސް އެމޫނުމަތީގައިވަނީ ހިތް ހަލާކުވާފަދަ ހިތްދަތި އަސަރުތަކެކެވެ. ކަރުނަތައް ދެލޮލަށް ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އޭގައި ލިޔެފައިވާ އެއްޗެއް ޤަބޫލުކުރަން ދަތިވި ހިނދުކޮޅެއްވެސް އައެވެ. އެހެންނަމަވެސް އެއީ މިއަދު އޭނާގެ ޙާލަތުކަން ޙަޔާއަށް ވެސް ފަހުމްވިއެވެ.

"ޙަޔާ… ކެތްތެރިވޭ ޙަޔާ. ﷲ އަށް އިތުބާރުކުރޭ. އެކަލާނގެ އެއްވެސް އިންސާނަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެ." އަމިއްލަ ނަފްސަށް ވިސްނައިދޭ ފަދަ ގޮތަކަށް ޙަޔާ މަޑުމަޑުން ވާހަކަ ދެއްކިއެވެ. އަމިއްލަ ނަފްސަށް ވިސްނައިދޭން އޭނާ ބޭނުންވާ ފަދައެވެ. ދޮރުގައި ޓަކި ޖަހައިލީ ވެސް އެގޮތުގައި އޭނާ އެހެން އިންދައެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން އެތެރެއަށް ވަންނާށޭ ބުނެލީ އެއީ ކާކުކަން އެނގޭތީއާވެސް އެކުގައެވެ.

"ޙަޔާ…. ވަރަށް ބޮޑަށް ސޮރީ. ދޮންބެއަށް އޮފީހުގަ ބިޒީވެގެން ހަމަ ނުދެވުނީ…" ދޮރު ހުޅުވައިލުމާއެކު، ވާހަކަ ދެއްކީ ޙަޔާގެ ބޭބެ ހައިޝަމްއެވެ.

"އިޓްސް އޯކޭ ދޮންބޭ…" ޙަޔާ ހިނިތުންވާން މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެކަން ކުރުމަކީ އޭނާއަށް ނުހަނު ދަތި އުނދަގޫކަމަށްވިއެވެ.

"ކީކޭ ޑޮކްޓަރު ބުނީ؟" ހައިޝަމް ޙަޔާއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. "ތީތަ ރިޕޯޓްތައް. ދީބަލަ ދޮންބެ ބަލައިލަން."

ހައިޝަމް އެހެން ބުނުމާއެކު ޙަޔާ އޭނާގެ އަތުގައި އޮތް ޑޮކްޓަރުގެ ރިޕޯޓްތައް ހައިޝަމްއަށް ދިއްކޮށްލިއެވެ. ހައިޝަމްވެސް އެ ރިޕޯޓުތަކުގައި ހިފަމުން އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔައިލިއެވެ. އެއާއެކު އޭނާއަށްވެސް ލިބުނީ ޝޮކެކެވެ. ރިޕޯޓްތައް ތިރިކޮށްލަމުން، އޭނާއަށް ޙަޔާއަށް ބަލައިލެވުނެވެ.

"ޙަޔާ…. މީ… މީ ރަނގަޅު ރިޕޯޓުތަށްތަ؟" އެހެން ބުނެލާފައި ހައިޝަމް ރިޕޯޓުގައި ލިޔެފައިވާ ނަމަށް އަދިވެސް އެއްފަހަރު ބަލައިލިއެވެ. އެކަމަކު މަންޒަރު ބަދަލެއް ނުވިއެވެ. އޭގައި އޮތީ ހަމަ ޙަޔާގެ ނަމެވެ. އޭނާގެ ލޯބިވާ ކޮއްކޮގެ ނަމެވެ.

"ޙަޔާ.." ހައިޝަމްއަށް އަނެއްކާވެސް ޙަޔާއަށް ގޮވައިލެވުނެވެ. މިފަހަރު ހިތާމަޔާއި ހާސްކަން އެކުލެވޭ ފަދަ ގޮތަކަށެވެ. އިސްޖަހާލަމުން ޙަޔާ ބޯ ޖަހައިލިއެވެ.

"ކީއްވެތަ ކުއްލިއަކަށް މިހެންވާންވީ؟ ދޮންބެ ބޭނުން އަދި އިތުރު ޑޮކްޓަރަކަށް ދައްކަން." އޭގައި ލިޔެފައި އޮތް އެއްޗެއް ޤަބޫލުކުރަން ހައިޝަމްގެ ސިކުނޑި ދެކޮޅު ހަދަމުން ދިޔައެވެ.

"ކޮންމެ މީހަކަށް ދެއްކިޔަސް ލިބޭނީ ހަމަ ތި ޖަވާބު. އައި ހޭވް ލިވަރ ކެންސަރ ދޮންބޭ. މިހާރު ކައިރީގައި ހުރި ގުނަވަންތަކަށްވެސް އަސަރު ކުރަން ފަށާފަ ހުރީ." ހަޔާ ބުނެލިއެވެ.

"އެކަމަކު ކީއްވެތަ؟ ވައި ޔޫ ޙަޔާ؟ " ޖަޒުބާތުގައި ޖެހުނު ވަރުން ހައިޝަމްއަށް ބުނެވުނެވެ. އާއިލާގައި އޭނާގެ ހުރި ހަމައެކަނި މީހަކީ ޙަޔާއެވެ. މަންމައާއި ބައްޕަ ނިޔާވުމަށްފަހު، އެ ނޫނީ އޭނާގެ މީހަކު ނެތެވެ. ވީއިރު ޙަޔާއަށް އެހެން އެވީ ކީއްވެހެއްޔެވެ؟ ހައިޝަމްއަށް ޝަކުވާކުރެވުނެވެ.

"ދޮންބޭ. ކޮންމެކަމެއްގައިވެސް ސަބަބެއް އޮންނާނެ. އެ ސަބަބު އަހަރެމެންނަށް ވުރެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ. އެކަލާނގެ ނިންމެވުމާ މެދު ޝަކުވާކުރުމުގެ ބަދަލުގައި އަހަރެމެންނަށް އޮތީ ކެތްތެރިވުން. އަދި މިކަމަށް ފަރުވާކުރުން. ބަލިވީމަ ޝިފާވެސް ދެއްވަނީ އެފަރާތުން. ދުޢާ… ދުޢާއިން ކޮންމެ ޙާލަތެއްވެސް ބަދަލުވެދާނެ.އަހަރެމެން މުސްލިމުންގެ އަތުގައިވާ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާ…" ޙަޔާ ބުނެލިއެވެ. "ދުނިޔޭގެ ދިރިއުޅުމަކީ އިމްތިޙާނުތަކުން ފުރިގެންވީ ތަނަކަށް ވާއިރު، މިއީވެސް އަހަންނާ ކުރިމަތިކުރުވި އިމްތިޙާނެއް."

އެ ޙާލަތުގައިވެސް އުންމީދު ކަނޑާލާކަށް ޙަޔާ ބޭނުމެއް ނޫނެވެ. އޭނާ ﷲއަށް ފުރިހަމައަށް އިތުބާރުކުރެއެވެ. ދިމާވާ ކޮންމެ ޙާލަތެއްގައިވެސް ﷲއަށް އިތުބާރުކޮށް ވަކީލުކުރުމަކީ ފުރިހަމަ މުސްލިމުންގެ ސިފައެކެވެ.

"އިންޝާ ﷲ. ހުރިހާކަމެއް ވެސް ރަނގަޅުވާނެ. ﷲ އިރާދުކުރެއްވިއްޔާ ޙަޔާގެ ތި ބައްޔަށް ﷲ ޝިފާ ދެއްވާނެ." ހައިޝަމް ބުނެލިއެވެ. ޙަޔާގެ ކެތްތެރިކަމަށް އޭނާއަށް ހިތާ ހިތުން ތަޢުރީފް ކުރެވުނެވެ. ކޮންމެ ޙާލެއްގައިވެސް ޙަޔާ ކެތްތެރިވާނެކަން އޭނާއަށް އެނގެއެވެ. މީގެ ކުރިންވެސް ޙަޔާ ވަނީ އެކަން އެތަކެއް ފަހަރު ސާބިތުކޮށްދީފައެވެ.

ޙަޔާއަކީ އަބަދުވެސް ދީނަށް ލޯބިކުރާ އަންހެން ކުއްޖެކެވެ. ކުޑައިރުވެސް، އިސްލާމީ ތަޢުލީމު އުނގެނުމަށް އޭނާ ވަރަށް ލޯބިކުރެއެވެ. ޚާއްސަކޮށް ޤުރުއާނަށް އޭނާ ވަރަށް އަހައްމިއްޔަތުކަން ދެއެވެ. ޙަޔާގެ މަންމަ ނަބީލާއަކީ އިސްލާމް ޓީޗަރެކެވެ. މަންމަކައިރިން އޭނާ ވަރަށް ގިނަ އެއްޗެހި އަމިއްލައަށް ފެނިގެން އޭރު އޮޅުންވެސް ފިލުވައެވެ. ބައްޕައަކީ ސަރުކާރުގައި ޒިންމާދާރު ވަޒީފާއެއްގައި އުޅެމުން ދިޔަ ދީނަށް ލޯބިކުރާ މީހެކެވެ. ދީނަށް އެހާ ބޮޑަށް ޙަޔާގެ ހިތުގައި ލޯބި އުފެެދުނީ އޭނާގެ މައިންބަފައިންގެ ސިފަތައް ފެނިފައެވެ. އެންމެ ފަހުން އުމުރުން ފަނަރަ އަހަރުގައި ޙަޔާ ޤުރުއާން ހިތު ދަސްކުރިއެވެ. ﷲ އިރާދުކުރެއްވީތީ އޭނާއަކީ ހިތް އަލި، ހަނދާން ގަދަ އަންހެން ކުއްޖެކެވެ. ގްރޭޑް ބާރަ ނިންމުމަށްފަހުމަތީ ތަޢުލީމް ޙަޔާ ހާސިލްކުރީވެސް އިސްލާމިކް ސްޓަޑީސް އައި ޤުރުއާނުގެ ދާއިރާއިންނެވެ. މާސްޓާރސް ނިންމުމަށްފަހު، ކިޔަވައިދޭން ދެ ސްކޫލަކަށް ލީނަމަވެސް، އޭނާއަށް ވަޒީފާއެއް ނުލިބުނެވެ. ކުޑަ ކުދިންނަށް ކިޔަވައިދޭން ޖެހޭތީ އޭ ކިޔާފައި މައްސަލައަކަށް އެމީހުން ނެގީ ޙަޔާގެ ނިޤާބެވެ. ކިޔަވައިދޭއިރު މޫނު ފެނުމަކީ މުހިންމުކަމެއްކަމުގައި ބުނެ އެމީހުން އިންޓަރވިއުއާ ހިސާބުން ޙަޔާއަށް ފުރުސަތު ގެއްލުވައިލީއެވެ.

ވަޒީފާއަށްލުމުގެ ކުރިންވެސް އޭނާ ގޭގައި ކުދިންނަށް ޤުރުއާން ކިޔަވައިދެއެވެ. އަދި މިހާރުވެސް އޭނާއަކީ ކުދިންނަށް ޤުރުއާން ކިޔަވައިދީ، އިސްލާމް ޓިއުޝަން ދޭ މުދައްރިއްސެކެވެ.

ޙަޔާގެ އިތުރުން، އޭނާގެ ބޭބެ ހައިޝަމްއަކީވެސް ފަސްވަގުތު ބަރާބަރަށް ނަމާދުކުރާ އަޚްލާޤު ރަނގަޅު ޒުވާނެކެވެ. އުމުރުން ތިރީސް ފަސް އަހަރު ފުރިފައިވާ ހައިޝަމް މަސައްކަތްކުރަމުންދަނީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއްކަމުގައިވާ "ކްރާފްޓީ ހޯމްސް"ގައި މެނޭޖަރ ލެވެލްގެ މަޤާމެއްގައެވެ. އޭނާގެ ޒިންމާދާރުކަމާއި ތެދުވެރިކަމުގެ ސަބަބުން މަސައްކަތުގެ ދާއިރާގޭ ޕްރޮމޯޝަން ކޮންމެ އަހަރަކުވެސް ލިބެއެވެ. ހައިޝަމް ކިޔެވީ އާރކިޓެކްޗަރގެ ގެ ދާއިރާއިންނެވެ.

ޙަޔާއާއި ހައިޝަމްގެ ތަރުބިއްޔަތުގެ މޭސްތިރިން ކަމުގައިވާ ނަބީލާއާއި، ރިޔާޒު ދުނިޔޭގައި ތިބި ނަމަ ޔަޤީނުންވެސް މިއަދު އެ ދެ ކުދިންނާ މެދު އެމީހުން ފަޚުރުވެރިވާނެކަން ޤައިމެވެ.

*****

ކެނެޑާގެ ފަރުބަދަ މަތީގެ ހިސާބެއްގައި ހުރި ކޮޓެޖެކެވެ. ދެ ފަންގިފިލާއަށް ނަގާފައިވާ އެ ކޮޓެޖުގެ ހިތްގައިމުކަމާ ރީތިކަން ބޭރަށް ފެންނަ ފެނުމަށް ވެސް ހާމަވެއެވެ.

ކޮޓެޖުގެ ބަދިގޭގެ ކެބިނެޓްގެ އެއްފަރާތަށް ވާގޮތަށް ހުރި މިނި ބާރގައި ހުރި ސްޓޫލްގައި އިށީނދެގެން އިން ޒުވާނާ އެތަނުގައި ހުރި ވައިން ގްލާސް އަތަށް ނެގިއެވެ.

"ޒައުލް… " އޭނާގެ ކައިރީގައި އިތުރު ޒުވާނެއްވެސް އިނެވެ. އެ ތަށި ނަގާ ތުމުގައި ޖެހުމާއެކު ކައިރީގައި އިން ޒުވާނާ ގޮވައިލިއެވެ.

"އަހަންނަށް އެނގޭ އެ ޚިޔާލުތަކާ ދުރުވުމަކީ އުނދަގޫކަމެއްކަން. އެކަމަކު، ސާރާއަށްޓަކައިވެސް ޒައުލް ހިތްވަރުކުރަން ޖެހޭނެއެއްނު." އަރީޝް ވާހަކަ ދެއްކިއެވެ. އޭނާވެސް އެތަނުގައި ހުރި ތަށިން އެތިފޮދެއް ބޮައިލިއެވެ.

އެއްފަރާތުގައި ބާއްވާފައި އޮތް ފޯނު ރިންގުވީ އެވަގުތެވެ. އަރީޝްގެ ވާހަކައަށް ސަމާލުކަން ނުދީ އިން ޒައުލްގެ ސަމާލުކަން ފޯނަށް ހުއްޓުނީ ދެނެވެ.

"ފޯނު ނަގާބަލަ." އަރީޝް ބުންޏެވެ.

"ކީއްކުރަން؟ އަހަރެން މިވަގުތު އެއްވެސް މީހަކާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން." ޒައުލް ބުންޏެވެ.

"ޒައުލް. ނަގާފަ ވާހަކަ ދައްކަބަަލަ." އަރީޝް އެދުނެވެ. އަރީޝްއަށް ބަލައިލާފައި ޒައުލް ފޯނު ނަގާ ކަންފަތުގައި ޖައްސައިލީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ.

"ހަލޯ." ފޯނު ނަގާ ކަންފަތުގައި ޖައްސައިލަމުން ޒައުލް ބުނެލިއެވެ.

"އައްސަލާމު ޢަލައިކުމް، ދަރިފުޅާ. ކިހިނެއް؟" އެކޮޅުން ވާހަކަ ދެއްކީ ޒައުލްގެ ބައްޕަ ޒަމީރެވެ.

"ރަނގަޅު." ޒައުން އެ ޖުމްލަ އެކަނި ބުނެލުމުން، އެއްވެސް މީހަކާ ވާހަކަ ދެއްކުމުގެ ޝަޢުޤުވެރިކަން އޭނާގެ ނެތްކަން ދޭހަވެއެވެ. އޭރު ފަރުވާކުޑަކަމާއި، ހިތްހަމަނުޖެހުމެއްގެ އަސަރުވެސް އޭނާގެ އަޑުން ހާމަވަމުން ދިޔައެވެ.

"ދަރިފުޅާ. ބައްޕައަށް އެނގޭ ހިނގާދިޔަ ހާދިސާއިން، ދަރިފުޅަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން. އެކަމަކު، އެއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއްނު. ކެތްކުރަންވާނެ ދަރިފުޅާ." ޒަމީރު ބުނެލިއެވެ.

"އަހަރެން ފަހުން ގުޅާނަން." ޒައުލް ބޭނުންވީ ފޯނު ބާއްވާށެވެ. އެހެންނަމަވެސް ޒަމީރު އޭނާއަށް ގޮވައިލުމާއެކު، މަޑުޖެހިލިއެވެ.

"ދަރިފުޅާ މަޑުކޮށްބަލަ. ބައްޕަ އަދި ވަރަށް މުހިންމު ވާހަކައެއް ބުނަންވެފަ އެބައޮތޭ…" ޒަމީރު ބުނެލިއެވެ.

"އާނ…" އެހެން ބުނެލާފައި ޒަމީރު ބުނާނެ އެއްޗަކަށް ޒައުލް މަޑުކޮށްލިއެވެ. އެއާއެކު ޒަމީރު ދެން ބުނެލި ވާހަކައާއެކު ޒައުލްގެ މޫނުމައްޗަށްވެސް ހައިރާންކަމެއް ވެރިވެގެން ދިޔައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު