ފަޅުން ބައެއް ޝީޓްޕައިލްކޮށް 4 ލޭން ހިމެނޭހެން މަސްމާރުކޭޓާ ހަމައަށް މަގު ހަދަން ނިންމައިފި

އޭޕްރީލް 24، 2020: ރަސްމީ ފާލަމާ ދިމާއިން ބޮޑުތަކުރުފާނު މަގު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޒުއްދީން ފާލަމާ ދިމާލުން ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރާނީ ފަޅުން ބައެއް ޝީޓް ޕައިލްކޮށްގެން ކޮޅަކަށް ދެ ލޭނު ހިމެނޭގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްވަނީ އިއްޒުއްދީން ފާލަން ސަރަހައްދުން ބޮޑުތަކުރުފާނު މަގު، އެމްޓީސީސީ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ތާރު އަޅައިގެން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާކަން ހާމަ ކުރައްވައިފައެވެ. ރައީސް ވިދާޅުވީ އެ މަސައްކަތް ކުރިޔަށްދާނީ މަގު ފުޅާ ކުރުމަށް ޓަކައި ފަޅުން ބައެއް ޝީޓްޕައިލްކޮށްގެން، ހަތަރު ލޭނު އޮންނަ ގޮތަށް ކަމަށެވެ.

އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

ރައީސް ވިދާޅުވީ އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާ ކަމަށާއި، މި އަހަރު ނިމެންވާއިރަށް މަގު ތަރައްގީކޮށް ނިންމައި، ހުޅުވާނެ ކަމަށެވެ.

"އެމްޓީސީސީ ފެރީ ޓާމިނަލުން ފެށިގެން މިހާރު އެހެރަ ލޯކަލް މާރުކޭޓު ހުރި ހިސާބާ ހަމަޔަށް، މި މަގު ކޮޅަކަށް ދެ ލޭނު އޮންނަ ގޮތަށް މޫދުން ވެސް ބައެއް ނަގައި ޝީޓްޕައިލް ކުރެވި، މަގު ފުޅާކުރެވި، އަޑީގައި ހުންނަންޖެހޭ ހުރިހާ ނިޒާމުތަކެއް ހިމެނޭ ގޮތަށް ތަރައްގީ ކުރެވި، ތާރު އެޅި، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ރަމަޟާން މަސް ނިމޭ ތަނުން ފެށި، އިރާދަކުރެއްވިއްޔާ މި އަހަރު ނިމެންވާއިރަށް ނިންމައި ހުޅުވާނަން،" ރައީސް ވިދާޅުވިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރުމަށް ނިންމާފައިވާއިރު، މުޅި މާލެއާއި ވިލިމާލޭގެ ހުރުހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތްވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަމަޖެހިފައެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއުގައި އެމްޓީސީސީން ތަރައްގީކުރުމަށް ހަމަޖެހިފައިވާ މަގުގެ ސަރަހައްދު ނުހިމެނޭ ކަމަށެވެ.

ރައީސް ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އެ މަޝްރޫއުގެ އެކިއެކި މަރުހަލާތައް މިހާރު ވެސް ކުރިޔަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސްގެ ވާހަކަފުޅުގައިވަނީ ގެދޮރުވެރިކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައިފައެވެ.

މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެނުވާނެ ބަޖެޓެއްގެ ގޮތުގައި ރައީސް ސިފަ ކުރައްވާފައިވެއެވެ. ރައީސް ވިދާޅުވީ މާލެއާއި ވިލިމާލޭގެ އިތުރުން ގުޅީފަޅުގައި ވެސް ގެދޮރުވެރިކަމުގެ މަޝްރޫއުތަކެއް މި އަހަރު ފެށިގެންދާނެ ކަމަށެވެ.

"ސީދާ މާލޭގައި ވެސް ހައުސިން މަޝްރޫއުތަކެއް ހިންގަންވަނީ ނިންމާފައި... މާލޭގައި ވިލިމާލޭގައި ގުޅީފަޅުގައި މި އަހަރުގެ ތެރޭގައި އަމަލީ ގޮތުން ގެދިރުވެރިކަމުގެ މަޝްރޫއުތަކެއް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. އެ މަޝްރޫއުތައް ނިމިގެންދާއިރުގައި މާލެއިން ހައުސިން ޔުނިޓު ފޯރުކޮށްދިނުމުގައި ވެސް މަގުފަހި އެބަވޭ، ވިލިމާލޭގައި ވެސް ހުޅުމާލޭގައި ވެސް" ރައީސް ވިދާޅުވިއެވެ.

މިރޭ އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުވަނީ މިދިޔަ ސަރުކާރުތަކުން ރަސްމީ ފާލަން ވީރާނާވެގެންދިޔައިރު ވެސް އެ ތަނަށް އަޅައިނުލިކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

ފާލަން އަލުން ތަރައްގީކުރުމުގެ މަޝްރޫއު 11.7 މިލިއަން ރުފިޔާއަށް ހަވާލުކުރީ އެމްޓީސީސީއާއެވެ.

comment ކޮމެންޓް