ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެޅި ފުލެޓުތައް ހޯދަން ތާރީޚުތައް އޮޅުވައިލާ ދޮގު މައުލޫމާތުގެ މައްޗަށް ގިނަ ފޯމުތަކެއް ހުށަހަޅާފައި ހުރިކަން ހާމަވެފައިވާ ކަމަށް ކޮންސްޓްރެކްޝަން, ހައުސިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓްރު މުއްތަލިބު މިފަދައިން ވިދާޅުވީ, ފުލެޓު ލިސްޓު އާންމުކުރުމުގެ ކުރީން ނޫސްވެރީންނަށް އެ ކަމާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަމުން މިނިސްޓަރު ވިދާޅުވީ، ވީހާ ވެސް ބޮޑަށް ބަލާފައިވާނީ އެޕްލައިކުރި މީހުންނަށް ފައިދާވާ ގޮތަށް މާނަކޮށް ވީހާ ވެސް ގިނަ މީހުން ލިސްޓުގައި ހިމަނަން ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް ފަހު ޝަރުތު ހަމަވަނީ 20 އިންސައްތަ މީހުންނަށް ކަމަށް ބުނި ނަމަވެސް އެ ގެންދިޔަ ޕްރޮސެސްގެ ތެރެއިން 37 އިންސައްތަ މީހުންނަށް ފުލެޓު ލިބޭނެ ކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ.
ނަމަވެސް، މީގެ ތެރެއިން ފާހަގަކޮށްލެވުނު ބައެއް މައްސަލަތަކަށް އަލިއަޅުވާލާއިރު ކުންފުނި ރަޖިސްޓްރީ ކުރި ތާރީޚަށްވުރެ ކުރީ ތާރީޚެއްގައި ކުންފުނީގައި މަސައްކަތްކުރި ކަމަށް ބަޔާންކޮށް ލިޔުންދީފައި ހުރި ކަމަށާއި އެފަދަ ލިޔުންތައް ބަލައިނުގަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
"2017 ގައި އުފައްދާފައިވާ ކުންފުންޏަކުން 2007 ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރަމުންދާކަމަށް ލިޔުންދީފައި އެބަހުރި. އިއްތިފާގުން މި ފަރާތަކީ ފުލެޓު ކަންކަން ބެލެހެއްޓި ކޮމިޓީގެ ސެކެޓްރިއޭޓް ބެލެހެއްޓި އެއް ފަރާތް،" މިނިސްޓަރު ވިދާޅުވިއެވެ.
ކައުންސިލުން ލިޔުން ދީގެން އެއް ގެއެއްގެ ފަސް މީހެއްގެ ނަން ފުލެޓު ލިސްޓަށް އަރުވާފައި އެބަހުރި ކަމަށާއި ފުލެޓު ކޮމިޓީގެ މެންބަރަކު އަމިއްލައަކަށް އޭނާގެ ނަން ސުޕަވައިޒަރަކަށް އެސައިންކޮށްގެން އިވެލުއޭޓްކޮށް ފުލެޓު ލިސްޓުގައި ހިމަނާފައި އެބަހުރި ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަދި، 15 އަހަރު ދުވަހު މާލޭގައި އުޅުނުކަން ކަށަވަރުކުރުމަށްޓަކައި އައިޑީކާޑުގެ އެއްފުށާއި ކައިވެނީގެ ސެޓްފިކެޓް އަޕްލޯޑުކޮށްފައި ހުރި ފަރާތަކަށް 85 ޕޮއިންޓާ އެކު ލިސްޓުގައި ހިމަނާފައި ހުރިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
"ދިވެހި ފުލުހުންގެ ޚިދުމަތުން މީހަކަށް ރަސްމީކޮށް ލިޔުމެއް ދީފައި އެބައޮތް އެ ތަނުގެ އިސް ވެރިއެއްގެ ގޭގައި އާންމު ރައްޔިތަކު އުޅެމުންދާކަން. ރަސްމީ ލިޔުމެއް. ފުލުހުންގެ ޚިދުމަތުން،" މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުރަތަމަ ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2024 ގައެވެ. އެހެންނަމަވެސް، އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ، އޭސީސީން އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވިއެވެ.
އެއަށް ފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު ފެށުނު ފަހުން، މިދިޔަ ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ހުއްދަދީފައެވެ.
ހައުސިން މިނިސްޓްރީން 4،939 ފަރާތެއްގެ ފޯމް އަލުން ބެލި ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަށް އެއްބަޔަށް ވުރެ ގިނަ ފޯމަށް ދީފައިވާ ޕޮއިންޓް ސައްހަ ނޫންކަން އެނގިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓްރީން އަލުން ބެލީ، ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ތިން ކޮޓަރީގެ ލިސްޓުގައި 75 ޕޮއިންޓަށް ވުރެ އިތުރަށް ލިބުނު ކަމަށް ކަނޑައަޅާފައިވާ މީހުންނާއި ދެ ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުން ކަމަށެވެ.
ހައުސިން މިނިސްޓްރީންވަނީ، އެ ލިސްޓަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޝަކުވާ ހުށަހެޅޭނެ ކަމަށް ބުނެފައެވެ. އެ ފުރުސަތު ހުޅުވާލާނީ މާރިޗު މަހުގެ 31ގެ ނިޔަލަށެވެ.
ޝަކުވާ ހުށަހަޅާނީ، ފޯމް ހުށަހަޅާފައިވާ ފަރާތެއްނަމަ އެފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ 'ގެދޮވެރިން ޕޯޓަލް' މެދުވެރިކޮށެވެ. އަދި ލިސްޓުގައިވާ ފަރާތަކާ ގުޅޭ ޝަކުވާއެއް ނަމަ [email protected] އީމެއިލަށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުން ޝަކުވާ ހުށަހެޅޭނެއެވެ.