ސުރުޚީގައި އެވަނީ، ރޯދަޔާއި ޢީދު ކައިރިވަމުން އަންނައިރު ބައެއް މީހުން ކުރިމަތި ކުރާ ދެ ސުވާލެވެ.
އެހެންކަމަށްވާތީ، އެ، ދެ، ސުވާލަށް، ދޭހަވާނޭ ޖަވާބެއް ހާމަކޮށް ދެވޭތޯ އެ މައުޟޫއުން ހަނދާބެހޭ ވާހަކަ މިފަހަރު ލިޔެލާން ގަސްތު ކުރީމެވެ.
ފުރަތަމަ މިބަލައިލަނީ ނިޔަމިކަމުގެ ހިސާބުން ހަނދު ބެލޭ ގޮތަކީ ކޮބައިކަން ބަޔާންކޮށް ދެވޭތޯއެވެ.
ނިޔަމިކަމަކީ، ދަތުރުފަތުރު ކުރުމުގައި "ނޯޓިކަލް އަލްމަނެކް"Almanac) (Nautical ގައި ކަނޑައަޅާފައިވާ ވަކި ތަރިތަކަކަށް ފިލާއަޅައިގެން ޢަރުޟު (Latitude) އާއި، ޠޫލު (longitude)، ހޯދައިގެން އުޅަނދުފަހަރު ހުންނަތަން (Position) ބެލުމުގައި ޙާއްޞަކޮށް ބޭނުންހިފާ ޢިލްމެއް ކަމުގައިވާ ނިޔަމިކަމުގެ (Celestial Navigation) ގެ ވަސީލަތުން، ތަރިތަކާއި ގުރަހަތަކާއި އިރާއި ހަނދު އުދަވެ އޮއްސޭ ވަގުތުތައްވެސް ދެނެގަންނަ ހިސާބު ޢިލްމުގެ ބާވަތެވެ.
ނިޔަމިކަމަކީ، އޭގެ ހިސާބުގެ އަލީގައި ބިމުގެ އެކިއެކި ތަންތަނަށް ނުވަތަ އެކިއެކި ޕޮޒިޝަންތަކަށް ނުވަތަ އެބަޔަކު ތިބޭތާކަށް އިރާއި ހަނދު އުދަވެ މެދުޖެހި (މެރީޑިއަމްވެ) އަދި އޮއްސޭ ވަގުތުތައްވެސް ސަތޭކަ ޕަސެންޓަށް ދެނެގަނެވޭ ޢިލްމެކެވެ.
އެހެންކަމަށްވާތީ، އާ މައްސަރަކަށް ހަނދު ބެލުމުގައި ހަނދުބަލާ ރޭރޭގައި ހަނދު ފެންމަތިވާނޭކަން ނުވަތަ ނޫންކަން، ނުވަތަ އެފަދަ ދުވަސްދުވަހު އިރުހަނދު އޮއްސުމުގައި އިރަށްވުރެ، ހަނދު އިސްވާނޭކަން ނުވަތަ ފަސްވާނޭކަން، އެ ޢިލްމުގެ ހިސާބުގެ އަލީގައި ސީދާ ސިކުންތުންވެސް ދެނެގަނެވޭ، މުޢުތަބަރު ޢިލްމެކެވެ.
އެގޮތުން، ހަނދުމަހެއްގެ އޮނަތިރީސްވަނަ ދުވަހަކު އެބަޔަކު ތިބޭ ތަނަކަށް ނުވަތަ ރަށަކަށް، އިރާއި ހަނދު އޮއްސޭނޭ ވަގުތުގެ ތަފާތު ދެނެގަނެ، އޮއްސުމުގައި އިރަށް ވުރެ ހަނދު އިސްވާނޭކަން ނުވަތަ ފަސްވާނޭކަން އެ ޢިލްމުގެ ހިސާބުން ދެނެގަނެގެން ކަނޑައަޅާ ކަނޑައެޅުމަކީ، އެއާމެދު ޝައްކެއް ކުރާނޭކަ ޖާގައެއް އޮތް ކަމެއް ނޫނެވެ.
ނިޔަމިކަމުގެ ޢިލްމުން ހަނދު ބަލައި އުޅެނީ، ނިޔަމިކަމުގެ ޢިލްމުގެ ހިސާބުގެ އަލީގައި، ކުޑަވެސް ޝައްކުކަމެއް ނެތް، ސަތޭކަ ޕަސެންޓަށް ކަށަވަރު ވެގެންވާ ގޮތެއް ގައެވެ.
އިރުހަނދުގައި ހިފާ ކޭތަތަކުގެ އިތުރުން، ކިތަންމެ ވިއްސާރަ ކަމުގައި ވިޔަސް ނަމާދު ވަގުތުތައްވެސް އެއްވެސް ޝައްކުކަމެއް ނެތި ދެނެގަންނަނީ، ހަމަ އެ ޢިލްމުގެ ޙިސާބުގެ އަލީގައެވެ.
ރާއްޖޭގައި ފަލަކީ ކޮމިޓީގެ ނަމުގައި އޮންނަ ކޮމިޓީއަކީ، ނިޔަމިކަމުގެ ޢިލްމުގެ ކޮމިޓީއެކެވެ. ސަބަބަކީ، އެކޮމިޓީގައި ހިމެނެނީ ނިޔަމިކަމުގެ ޢިލްމުވެރީންގެ ކަމުގައި ވާތީއެވެ.
ރާއްޖޭގައި ހަނދުބެލުމާއި ނަމާދު ވަގުތު ތަކުގެ ތާވަލުތައް ހެދުމާއި ކޭތަތަކާއި، މިސްކިތްތައް ބިނާ ކުރުމަށްޓަކައި ޤިބްލަވީ ދިމާ ކަށަވަރު ކުރުންފަދަ ކަންތައްތައް ކުރާނީ އެ ކޮމިޓީންނެވެ.
ނިޔަމިކަމުގެ ޢިލްމުގެ ހިސާބުން ހަނދުބެލޭކަމުގެ ކަށަވަރުކަން، ސިކުންތާއެކު ބަޔާން ކުރެވޭކަމުގެ ޚުލާޞާ މިސާލެއް ބަޔާންކޮށްލާނަމެވެ.
އެ މިސާލަކީ، މި ހިނގާ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހާ ދިމާވާ، މި ހިނގާ ޝަޢުބާން މަހުގެ 29 ވަނަ ދުވަހު ފުރަމާލެއަށް އިރާއި ހަނދު އޮއްސޭ ވަގުތު، އިރު އޮއްސުމުގެ ފަހުން ހަނދު ސަތަހައިގެ މަތީގައި ހުންނާނޭކަން ނުވަތަ ނޫންކަން ބަޔާންކުރުމެވެ.
28 ފެބްރުއަރީ 2025ގައި މާލެއަށް އިރާއި ހަނދު އޮއްސޭ ވަގުތާއި ތަފާތު
އިރު އޮއްސޭ ގަޑި: 18:16:00
ދަރަޖަ: 0
އިރު އޮއްސޭ ގަޑި: 18:19:30
ދަރަޖަ: 4.17ނ
ހަނދު އޮއްސޭ ގަޑި: 18:51:00
ދަރަޖަ: 0
ހަނދު އޮއްސޭ ގަޑި: 18:45:30
ދަރަޖަ: 4.17ނ
މި ތާވަލުން ދައްކާ ގޮތުން، ޝަޢުބާން މަހުގެ އޮނަތިރީސް ވަނަ ދުވަހު ރާއްޖޭގެ ވެރިރަށް، ފުރަމާލެއަށް، އިރާއި ހަނދު އޮއްސޭ ވަގުތު ދެނެގަތުމަށް ނިޔަމިކަމުގެ ޢިލްމުން ބަލާއިރު، އިރުމަތީ ޠޫލުން 73 ދަރަޖަ 30 ދަގީގުގައި އޮންނަ މާލޭގެ ނިސްބަތުން އެދުވަހު 0 ދަރަޖައަށް އިރު އޮއްސޭނީ 18:16 ކަމަށްވެފައި، 0 ދަރަޖައަށް އެދުވަހު ހަނދު އޮއްސޭނީ 18:51 ކަމަށްވާތީ، އެދުވަހު 0 ދަރަޖައަށް ހަނދު އޮއްސުމުގައި އިރަށްވުރެ 35 މިނިޓަށް ހަނދު ފަސްވާނޭކަން ޝައްކެއް ނެތި ދެނެގަނެވިފައި ވެއެވެ.
އެ ނިސްބަތުން ހިސާބުކޮށްގެން، އެދުވަހު މާލެ އޮންނަ ޕޮޒިޝަނަށް، އިރު އޮއްސޭނެ ވަގުތު ދެނެގަނެވިފައި، އެދުވަހު މާލެއަށް އިރު އޮއްސޭނެ ވަގުތަށް ވުރެން ހަނދު އޮއްސޭނެ ވަގުތު 26 މިނިޓަށް ފަސްވާނޭކަން ކަށަވަރުވެ އެނގޭކަމީ، ނިޔަމިކަމުގެ ހިސާބުން އަލީގައި އެއްވެސް ޝައްކެއްނެތް މިންވަރަށް ހަނދު ބެލޭކަން ކަށަވަރު ވުމެވެ.
އޭގެ އިތުރުން، އެފަދަ ދުވަސްދުވަހު، ހަނދު ބެލުމުގައި އިރާއި ހަނދު ދުނިޔެއާ ހުންނަ ދުރުމިނަށް ނަޒަރުކޮށް ދުނިޔެއަށް އިރާއި ހަނދު ފެންނާން ހުންނާނޭ ކުޑަބޮޑު މިނުގެ މިންވަރުގެ މައްޗަށްވެސް އެ ޢިލްމުގެ ތަޖުރިބާވެރީން ފިކުރު ނުހިންގައެއް، އެ ފަދަ ދުވަސްދުވަހު، ކުރިން އޮއްސޭނީ އިރުކަން، ނުވަތަ ހަނދުކަން ކަނޑައެއް ނާޅާނެއެވެ.
ހަމަ، އެ، ހަމައިން ކަށަވަރު ކަމާއެކު ޢިލްމުލް ފަލަކު ނުވަތަ ފަލަކީ ޢިލްމު (Astronomy) ގެ އަލީގައިވެސް ހަނދު ބެލޭނެއެވެ.
އެކަމަކު، ފަލަކީ ގޮތުން ހަނދުބަލާ ގޮތާއި، ނިޔަމި ކަމުގެ ޢިލްމު (Celestial Navigation) ގެ ހިސާބުން ހަނދުބަލާ ގޮތަކީ މުޅީން ތަފާތު ދެ ގޮތެކެވެ.
ޢިލްމުލް ފަލަކު، ނުވަތަ ފަލަކީ ގޮތުން ހަނދުބަލާ ހަމަޔަކީ، އިރާއި ހަނދު ހުރި ބުރުޖުގެ ތަފާތު ދަރަޖަ، ދަގީގު، ސާނިޔާ، ގެ ތަފާތުން ބަލައި ދެނެގަނެގެން، ނުވަތަ އިރާއި ހަނދު ހުރި ނަކަތުގެ ތަފާތު ދަރަޖަ، ދަގީގު، ސާނިޔާ، ގެ ތަފާތުން ދެނެގަނެގެން ހަނދު ބަލާ ދުވަހު، ރަށަކަށް ނުވަތަ ތަނަކަށް، އިރާއި ހަނދާ އޮއްސުމުގައި އެ ދޭތީގެވެސް އިރުމަތީ ފަރާތުގެ އަރިމަތި (މަޝްރިޤު ފަރާތުގެ އަރިމަތި) ހުޅަނގަށްގޮސް ސަތަހައިން އޮއްސި ނުވަތަ ނިވައިވެ ފޮރުވި، ޣައިބުވާނީ ކޮން އެއްޗެއްގެ އިރުމަތީ ފަރާތުގެ އަރިމަތިކަން ދެނެގަންނަ ދެނެގަތުމެވެ.
އޭގެ މިސާލެއްގެ ގޮތުން މިތާނގައި ބަޔާން މިކުރަނީ، މިހިނގާ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު މާލެއަށް ކުރިން އޮއްސޭނީ އިރާއި ހަނދާ ދޭތީގެ އިރުމަތީ ފަރާތުން ކޮން އެއްޗެއްގެ އިރުމަތީ ފަރާތްކަން، އެ، ދޭތި، ފަލަކުގައި ހުންނާނޭ (ބުރުޖު ފިޔަވައި) ހަމައެކަނި ނަކަތުގެ ދަރަޖަ، ދަގީގު، ސާނިޔާ، ބަލައި ކަށަވަރުކޮށް ފައިވާ ގޮތެވެ.
ފަލަކީ ގޮތުން ބަލާއިރު، މި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު މާލެއަށް އިރު އޮއްސޭ ވަގުތު ކަމުގައިވާ މާލޭގަޑިން ހަވީރު 06 ގަޑި 20 މިނިޓްގައި އިރު ހުންނާނީ ފުރަބަދުރުވަ ނަކަތުގެ 3 ދަރަޖަ 20 ދަގީގުގައިކަން އެނގެއެވެ. އަދި އެވަގުތު ހަނދު ހުންނާނީ ފުރަބަދުރުވަ ނަކަތުގެ 10 ދަރަޖަ 30 ދަގީގުގައިކަން އެނގެއެވެ.
އެހެން އެކަން ހުރެފައި، އިރާއި ހަނދު އެވަގުތު ދުނިޔެއަށް ފެންނާން ހުންނާނޭ ސައިޒުގެ ތަފާތަށްވެސް ނަޒަރު ކުރުމުން، އިރު ފެންނާން ހުންނާނޭ ސައިޒު، ހަނދު ފެންނާން ހުންނާނޭ ސައިޒަށްވުރެ 3 ދަގީގު ކުޑަކަމަށްވާނެތީ، އިރުގެ އިރުމަތީ (މަޝްރިޤު) ފަރާތު އަރިމައްޗަށްވުރެ ހަނދުގެ އިރުމަތީ ފަރާތު އަރިމަތި، އިރަށް (މަޝްރިޤަށް) ޖެހިފައިހުންނާނޭ މިންވަރުގެ ތަފާތުން، އިރުގެ އިރުމަތީ އަރިމައްޗާއި، ހަނދުގެ އިރުމަތީ އަރިމައްޗާ ((ނުވަތަ ހުޅަނގު އުދަރެހުގައި އެދޭތި ހުންނާނެ ގޮތް، ތަޞްވީރީ ނަޒަރަކުން ބަލާއިރު، އިރުގެ މަތީފަރާތާއި ހަނދުގެ މަތީފަރާތާ)) ދެމެދުގައި ހުންނާނޭ ދުރުމިނުގެ ފަލަކީ ތަފާތަކީ، ދަރަޖަ، ދަގީގު، ސާނިޔާއިން ބަޔާން ކުރާނަމަ 6 ދަރަޖަ، 37 ދަގީގުކަން އެއްވެސް ޝައްކެއް ނެތި ދެނެގަނެވިފައި ވެއެވެ.
އެއިން އެނގެނީ، އިރުގެ މަތީ އަރިމަތި، ސަތަހައިން ޣައިބުވާއިރު، ހަނދުގެ މަތީ އަރިމައްޗާއި ސަތަހަޔާ ދެމެދުގެ އުސްމިނުގައި 6 ދަރަޖަ، 37 ދަގީގު، ހުންނާނޭ ކަމެވެ.
"އާރކު" ވަގުތަށް ބަދަލުކުރާ ހަމައިން ބަލާއިރު، އާރކުގެ 6 ދަރަޖައަކީ ވަގުތުގެ 24 މިނިޓެވެ. އާރކުގެ 37 ދަގީގަކީ 2 މިނިޓް 27 ސިކުންތެވެ. އެއީ، ޖުމުލަ 26 މިނިޓް 27 ސިކުންތެވެ.
އެހެންވީމާ، ހަނދާއި އިރު، އެދުވަހު އޮއްސޭނޭ ވަގުތު ކަމުގައި ނިޔަމިކަމުގެ ހިސާބުން ދައްކާފައިވާ ގޮތާއި، ފަލަކީ ހިސާބުންވެސް ދައްކާފައިވާ ގޮތް، ކުޑަވެސް ތަފާތުކަމެއް ނެތި، އިއްތިފަޤު ވެއެވެ.
އެ، ދެ، ޢިލްމުގެ އަލީގައި ކަށަވަރުވަނީ، މި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު، އިރު އޮއްސޭ ވަގުތަށް ވުރެން، މާލެއަށް ހަނދު އޮއްސޭ ވަގުތު، 26 މިނިޓްގެ ތަފާތެއްގައި ފަސްވާނޭކަމެވެ. އަދި އެކަމާމެދު ޝައްކަކަށް ކިތަންމެ ކުޑަ މިންވަރެއްގެ ޖާގައެއް ވިޔަސް ނެތްކަމެވެ.
އެ ސަބަބަށްޓަކައި މި ފެބްރުއަރީ 28 ވަނަ ދުވަހު އިރު އޮއްސުމުގެ ފަހުން، މުޅި ރާއްޖެއަށްވެސް ހަނދު ފެންނާނެއެވެ.
ހަނދުމަހެއްގެ ފުރަތަމަ ހުޅެވި ނުވަތަ (ހުޅެވިހަނދު) ނުވަތަ (ހަނދުގެހުޅެވި) ހަމަލޮލަށް ފެންނަ އާންމު މިންވަރަކީ، ސަތަޙަޔަށް ވުރެން 7 ދަރަޖަ އުހުގައި ހަނދު ހުރުމެވެ. އެއީ، 28 މިނިޓްގެ މިންވަރެވެ.
މިފަހަރު މުޅި ރާއްޖެއަށް ނަޒަރު ކުރާއިރު 25 މިނިޓާއި 26 މިނިޓާ ދެމެދުގެ ތަފާތެއްގައި ހަނދު ފެންމަތީގައި ހުންނާނެތީ، އެ މިންވަރަކީ 6.5 ދަރަޖައިގެ އުސްމިނެއް ކަމަށް ވިޔަސް، އެރޭގެ ހުޅެވިހަނދަކީ، އެންމެ ބިޔަ ސައިޒާ ދާދި އެއްވަރުގެ ހުޅެވި ހަނދަކަށްވާތީ، އުދަރެސް ސާފު ސަރަހައްދު ތަކަށް ސީދާ ހަމަލޮލަށްވެސް "ހަނދުގެ ހުޅެވި" ފެނުމުގެ ފުރުޞަތު މި ފަހަރު ވަރަށް ތަނަވަސް ވެގެން ވާނެއެވެ.
މި ޝަޢުބާންމަސް ފުރިހަމަ ކުރުމަށްޓަކައި ހަނދު ދުނިޔޭގެ ވަށައިގެން ޖަހަމުންދާ ބުރު ފުރިހަމަކޮށްފައި، އިރާހަމައަށް އަރައި ހަމަވެ އެއްއުއިވާނޭ ވަގުތަކީ، މި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ހެނދުނު މާލޭގަޑިން 06:45 ކަމަށްވާތީ، އެދުވަހު އިސްލާމީ ހުރިހައި ގައުމަކަށްވެސް ހަނދު ފެންމަތިވާނެއެވެ.
އެދުވަހު ހަވީރު 06:20 ގައި ހަނދު ހުންނާނީ މުރިނގު އަސްތަމާނުގެ 0 ދަރަޖަ 28 ދަގީގުގައެވެ. ނުވަތަ 264 ދަރަޖަވީ މިޞްރާބުގައެވެ. ހަނދު ހުންނާނީ އިރު އޮއްސުނު މިޞްރާބަށް ވުރެން 1 ދަރަޖައިގެ މިންވަރަށް އުތުރަށް ޖެހިލާފައެވެ. އިރު އިތުރުގެ ގޮތުން ހަނދާއި އިރު ހުންނާނެ ތަފާތުގެ ކުޑަކަމަށްޓަކައި، ހަނދުގެހުޅެވި އުތުރަށް އަރިވެފައި ހުންނަ މިންވަރު ފާހަގައެއް ނުވާނެއެވެ. ބަލާ ބެލުމަށް ހީވާނީ ހަނދުގެހުޅެވި ރަހަޔަށް ހުރިކަމަށެވެ. އެކަމަކު ރޯދަމަހުގެ ދެވަނަރޭ ހަނދުގެހުޅެވި އުތުރަށް އަރިކަން ފާޅުވާ މިންވަރަށް ހަނދުގެހުޅެވި އުތުރަށް އަރިވާނެއެވެ.
ދުނިޔޭގެ އެހެން ތަންތަނަށް އެރޭ ހަނދު ފެނުމުގައި ކަން ހުންނާނެ ގޮތަކީ، އެންމެ އިރުމަތީގައި އޮންނަ އިސްލާމީ ދައުލަތްކަމަށްވާ އިންޑޮނޭޝިއާގެ އެންމެ އިރުމަތީ ސަރަޙައްދަށް އެރޭ 6 މިނިޓަށް ހަނދު ފެންމަތިވާނެއެވެ. އިންޑޮނޭޝިއާގެ ވެރިރަށަށް 19 މިނިޓަށް ހަނދު ފެންމަތިވާނެއެވެ.
މައްކާއަށް ބަލާއިރު މައްކާއަށް 31 މިނިޓަށް ހަނދު ފެންމަތިވާނެއެވެ. މިޞްރުގެ ވެރިރަށަށް 36 މިނިޓަށް ހަނދު ފެންމަތިވާނެއެވެ. އެންމެ ހުޅަނގުން އޮންނަ އިސްލަމީ ދައުލަތްކަމަށްވާ މޮރޮކޯގެ ވެރިރަށަށް 53 މިނިޓަށް ހަނދު ފެންމަތިވާނެއެވެ.
އެހެން އެކަން ހުރުމުން، ރާއްޖޭގެ ކަލަންޑަރާ އެއްގޮތަށް އަންނަ މާރިޗް މަހުގެ ފުރަތަމަ ދުވަސް ކަމުގައިވާ ހޮނިހިރު ދުވަހަކީ، ރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށްވެސް އަންނަ ރޯދަމަހުގެ "މުލަރޯދަ" ދުވަހަށްވުމުގެ ފުރުޞަތު ތަނަވަސް ވެގެން ވެއެވެ.
ރާއްޖެއަށާއި ޢަރަބި ގައުމުތަކަށް އެރެޔަކީ އަންނަ ރޯދަމަހުގެ މުލަރޯދަ ވިލޭރޭ ކަމަށް ނުވެދިއުމަކީ ނާދިރު ކަމެކެވެ.
މިއީ، ނިޔަމިކަމުގެ ހިސާބާއި ފަލަކީ ހިސާބުގެ އަލީގައި، އަންނަ ރޯދަމަހަށް ހަނދު ބެލުމުގައި، ޢިލްމީ އަޞްލުތަކަށް ފެންނަ ޝައްކުކަމެއް ނެތް ކަށަވަރު ގޮތެވެ.
ނޯޓް: މިއީ، ފަލަކީ އިލްމުގެ ތަޖުރިބާކާރެއް ކަމަށްވާ ޢަބްދުﷲ ރަޝީދު (ލިނެޓް)ގެ ލިޔުއްވުމެކެވެ.