ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ލީޑް ރޯލް ކުޅޭ ހޮރޯ-އެކްޝަން ކޮމެޑީ ފިލްމުގެ ރޯލަކުން ބަތަލާ މޯނީ ރޯއި ފެންނާނެކަން ކަށަވަރުވެއްޖެއެވެ.
އަންނަ އޭޕްރިލް މަހުގެތެރޭ ރިލީޒްކުރަން ނިންމާފައިވާ މި ފިލްމުގެ ޓީޒާ ވެސް ބެލުންތެރިންނަށް ދައްކާލާފައިވާއިރު މިއީ ސިދާތު ސަޗްދޭވްގެ އަމިއްލަ ވާހަކައަކަށް ލިތެ ތައްޔާރުކޮށް ޚުދު ސިދާތު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ސަންޖޭ އާއި މޯނީގެ އިތުރުން މި ފިލްމުން ފެންނާނެ އިތުރު ތަރިންގެ ތެރޭ ޕަލަކް ތިވާރީ އަދި ސަނީ ސިންގް ހިމެނެއެވެ. ޕަލަކް އާއި ސަނީ މ ފިލްމުގައި ފެންނާނީ ޒުވާން އިރުގެ ލޯބިވެރިންގެ ގޮތުގައެވެ.

މޯނީ ފިލްމު "ބްރައްމަސްތުރާ"ގެ މަންޒަރަކަށް ތައްޔާރުވަނީ--ފޮޓޯ/ވެރައިޓީ
ސަލްމާން ޚާންއާ އެކު ފިލްމު "ކިސީ ކާ ބާއި ކިސީ ކީ ޖާން"އިން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވުމަށްފަހު މިއީ ޕަލަކް ބެލުންތެރިންނަށް ފެންނާނެ ދެވަނަ ފިލްމެވެ. ފިލްމުގައި ސަންޖޭ ދަތު ކުޅެފައި ވަނީ މަނޯ ރޯއިގެ ޝައިޠާނީ ރޫހު ނައްތާލުމަށް މަސައްކަތް ކުރާ މީހެއްގެ ގޮތުގައެވެ.
މޯނީ ރޯއި ވަނީ 2022 ވަނަ އަހަރު ރިލީޒްވެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ބްރައްމަސްތުރާ"ގައި ވެސް މިފަދަ ބިރުވެރި މީހެއްގެ ރޯލް ކުޅެފައެވެ. އަންނަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި ފިލްމަކީ ވަރަށް ގިނަ ދުވަސްތަކަކަށްފަހު ސަންޖޭ ހޮރޯ ކޮމެޑީއަކުން ފެންނާނެ ފިލްމެކެވެ.
ސަންޖޭ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްވި ތެލުގޫ ފިލްމު "ޑަބްލް އައިސްމާޓް"އިންނެވެ. ސަންޖޭގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ "ދަ ޑެވިލް" އަދި "ބާޣީ 4" ވެސް ހިމެނެއެވެ.