އެޑިޓާސް ޓޯކް: ޝަރުއީ ދާއިރާއަށް އަތްބޭނީ ނޫންތަ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މެންބަރަކު އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ދަނީ ކުރިއަށެވެ. މައްސަލަ ކޮޅެއްގައި ނުޖެހެނީސް ސަރުކާރު ހިންގާ ޕީއެންސީން ވަނީ ސުޕްރީމް ކޯޓަށް ބަދަލުގެންނަން ހުށަހަޅާފައެވެ.

ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗު ފަހަކަށް ކުޑަކުރަން ހުށަހެޅީ އަންގާރަ ދުވަހެވެ.

އެ ދުވަހުން އެ ދުވަހަށް ބިލު ކޮމިޓީން ފާސްކުރިއެވެ. ފާސްކުރި ފަހުން ބިލާ ގުޅޭ ގޮތުން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ކަންބޮޑުވުން ފާޅުކުރެއްވުމުން ރޭގަނޑު 10:30 ވި ފަހުން ކޮމިޓީ ބައްދަލުވުމެއް ބާއްވައި، ތަޅުމަށް ރިޕޯޓު އޮތް ގޮތަށް ފޮނުވަން ނިންމީއެވެ.

އޭރު ސުޕްރީމް ކޯޓުން އޮތީ ބުދަ ދުވަހުގެ 11:00 އަށް ގޮނޑި ގެއްލޭ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ތާވަލުކޮށްފައެވެ.

އޭގެ ކުރިން ހެނދުނު 10:00 ހާއިރު މަޖިލީހުން ވަނީ ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރަން ފާސްކޮށްފައެވެ. އެއަށް ފަހު އަޑުއެހުމަށް 15 ވަރަކަށް މިނެޓަށްވީ ފަހުން ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައެވެ. އެހެންވެ، ޝަރީއަތް ނުބޭއްވުނެވެ.

ސަން އެޑިޓާސް ޓޯކްގެ މި ހަފުތާގެ ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން މެނޭޖިން އެޑިޓަރު އަހުމަދު ސާއިލު އަލީ ވިދާޅުވީ، މާޒީގައި ވެސް ފަނޑިޔާރު ގޭގެ މިނިވަންކަން ނަގައިލަން މަސައްކަތްކުރިތަން ފެނުނު ކަމަށެވެ. ސަރުކާރުތަކުން އަބަދު ވެސް ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސާއިލް ވަނީ ޝަރުއީ މިއީ ދާއިރާއަށް ނުފޫޒު ފޯރުވުންތޯ ސުވާލު އުފައްދަވައި، ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އޭނާ ވިދާޅުވީ، މާޒީގައި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި އެ ކޯޓުގެ ފުރާޅުން ޓިނު ނެގުމާއި މުޅި ބެންޗު އެކީ ބަދަލުކުރި މަންޒަރު ވެސް ފެނިފައިވާ ކަމަށެވެ.

ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މެނޭޖިން އެޑިޓަރު އަހުމަދު އިނާހް ވިދާޅުވީ، ގާނޫނުއަސާސީގެ ހަވަނަ ބާބުގައި ފަނޑިޔާރުން ވަކިކުރުމުގެ އިޖުރާއަތްތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އޭނާ ވަނީ ފަނޑިޔާރުގެއަށް އެއްވެސް މީހަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ގާނޫނުއަސާސީ ސާފުކޮށް ބުނާއިރު އެ މަންޒަރު ފެންނަކަން ފާހަގަކުރައްވާފައެވެ.

އިނާހް ވިދާޅުވީ، އެއްވެސް ސަރުކާރަކަށް ޝަރުއީ ދާއިރާ މިނިވަންކުރަން މަސައްކަތްނުކުރާ ކަމަށެވެ. މިނިވަން ޝަރުއީ ދާއިރާއެއް ގާއިމުކުރަން އަދި ދެފުށް ފެންނަ ގޮތެއްގައި ޝަރުއީ ދާއިރާ ޖަވާބުދާރީކުރުވަން ނިޒާމީ އިސްލާހުތަކެއް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕޮޑްކާސްޓްގައި މަލްޓިމީޑިއާ އެޑިޓަރު މުހައްމަދު ނާއިލު ހަފިޒު ވިދާޅުވީ، މިނިވަންކަމާ އެކު ޝަރުއީ ދާއިރާ އޮތުމަކީ ޑިމޮކްރަސީއަށް މުހިންމު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ނާއިލް ވިދާޅުވީ، ރާއްޖޭގައި މިހާރު ކޯޓްޕެކިންގެ ސަގާފަތެއް ފެންނަ ކަމަށެވެ. އެއީ، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން ބޭނުންކުރާ ހަތިޔާރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ހުއްޓުވަން ޖޭއެސްސީއާއި ސަރުކާރުތަކުން ރަނގަޅު ނިޔަތެއް ގެންގުޅެންޖެހޭ ކަމަށާއި ޖޭއެސްސީ ވެސް އިސްލާހުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޑިޓާސް ޓޯކް ޕޮޑްކާސްޓްގައި މި ކަމާ ގުޅޭ ގޮތުން މި ނޫން ވެސް މުހިންމު ގިނަ ވާހަކަތަކެއް ވަނީ ދައްކާފައެވެ. މުޅި ޕޮޑްކާސްޓް އައްސަވާލައްވާށެވެ.

comment ކޮމެންޓް