ކުރިއަށް އޮތް މާޗް މަހުގެ ހަތް ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމި ބޮލީވުޑް އެކްޓަރު ޖޯން އަބްރަހަމްގެ ފިލްމު "ދަ ޑިޕްލޮމެޓް" ރިލީޒްކުރުން ފަސްކޮށްފިއެވެ.
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ތުރިލާ ފިލްމު ރިލީޒްކުރުން ހަފްތާއަކަށް ފަސްކުރެވުނީ މި މަހުގެ 14 ވަނަ ދުވަހު ރިލީޒްކުރި އެކްޓަރު ވިކީ ކޯޝަލްގެ ފިލްމު "ޗާވާ"ގެ ހިޔަނި މި ފިލްމަށް އެޅިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވިކީ ކޯޝަލް ލީޑްރޯލް ކުޅެފައިވާ އިންޑިއާގެ ތާރީޚީ ފިލްމު "ޗާވާ"އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދިފައިވާއިރު ފިލްމު "ދަ ޑިޕްލޮމެޓް" މި ދުވަސްވަރު ރިލީޒްކޮށްފިނަމަ ފިލްމުގެ ވިޔަފާރި ދަށްވެދާނެ ކަމަށް ލަފާކޮށް ފިލްމު ރިލީޒްކުރުން ފަސްކުރުމަކީ މި ދަނޑިވަޅުގައި އެންމެ ރަނގަޅުގޮތް ކަމަށް ޕްރޮޑަކްޝަން ޓީމުން ނިންމީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ދަ ޑިޕްލޮމެޓް" އަދި "ޗާވާ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
އަންނަ މާޗް މަހުގެ 14 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ފަސްކުރެވިފައިވާ "ދަ ޑިޕްލޮމެޓް" އަކީ ޖޯން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ފިލްމެކެވެ.
ރިތޭޝް ޝާހް ޑައިރެކްޓްކޮށްފައިވާ މި ޕޮލިޓިކަލް ތުރިލާގެ ވާހަކަ ބިނާކޮށްފައި ވަނީ ޕާކިސްތާނަށް ގެންގޮސްގެން އެ ޤައުމުގެ މީހަކާ ގަދަކަމުން ކައިވެނި ކުރުވާ އަންހެނަކު އަނބުރާ އިންޑިއާއަށް ދިއުމަށް ބޭނުންވުމުން ދިމާވާ ހުރަސްތަކުގެ މައްޗަށެވެ.
ފިލްމުގައި ޖޯން ފެންނާނީ މި އަންހެންމީހާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އިންޑިއާގެ ޑިޕްލޮމެޓެއްގެ ރޯލްއިންނެވެ. ޖޯންއާއެކު ފިލްމުގައި ބަތަލާގެ ރޯލްއިން ފެންނާނީ ސާޑިއާ ޚަތީބެވެ.