މި ފެށޭ ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރީ ކޮންކަމެއް؟

ރަމަޟާން މަހަށް ބާޒާރު ކުރުމަށް އާއިލާއާ އެކު ބާޒާރަށް ދިއުމަކީ ދިވެހީންގެތެރޭ ފެށުނީއްސުރެ އޮންނަ ރީތި އާދައެއް--ފޮޓޯ/އެރެބިއަންބިޒްނަސް

އެހެން މަސްތަކާ ޚިލާފަށް އަޅުގަނޑުމެންނާ ކުރިމަތިލާ އެންމެ މާތް މައްސަރަކީ ރަމަޟާން މަހެވެ.

ރަމަޟާން މަހަކީ އެ މަހަކަށް މަރުހަބާ ކިޔުމުގެ ގޮތުން އަޅުގަނޑުމެން ވަރަށް ބޮޑެތި ތައްޔާރީތަކެއްވާ މައްސަރެކެވެ. މި މަސް ފެށެން ދެ ތިން ދުވަހަށް ވެފައިވާއިރު އެންމެ ގިނަ ބަޔަކު އިސްކަމެއްދީގެން ކުރާ ކަމަކީ ބަދިގޭގައި ގެންގުޅޭ ސާމާނު އާކޮށް ބަދިގެއާއެކު ކާގެ ރީތިކޮށް ޗާލުކޮށްލުމެވެ.

ހަމައެއާއެކު ގޭގެ ސިޓިންގްރޫމަކީ އާއިލާގެ މެމްބަރުން ރަމަޟާން މަހު އެންމެ ގިނަ ވަގުތު ހޭދަކުރާނެ ތަނަކަށް ވުމުން މިއީ ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް ތަކެތި އާކޮށްލާ ތަނެކެވެ.

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރާ ކަންކަމަކީ އާއިލީ ގުޅުންތައް ވެސް އިތުރަށް ބަދަހިވާ ކަންކަމަށް ވާއިރު ގޭގައި ކުލަ ލުމާއި، ގެއަށް ބޭނުންވާ ސާމާނު ގަންނަން އާއިލާގެ މެމްބަރުން އެކީގައި ބާޒާރަށް ދިއުމާއި އަދި ރޯދަ ކުރުކުރުމުގެ ގޮތުން ކުޅޭނެ ގޭމްތަކާއި ކުޅިވަރުތައް ރޭވުމަކީ ވެސް ވަރަށް ފޯރިއާއެކު ކުރެވޭ ކަންކަމެވެ.

އާއިލާގެ މެމްބަރުންނާ އެކު ރޯދަ ކުރު ކުރުމަށް ތަފާތު އެކި ކުޅިވަރުތައް ކުޅުމުގެ ޕްލޭންތައް ވެސް މިއީ ރޯދައިގެ ކުރިއަށް ގިނަ އާއިލާތަކުން ކޮށްނިންމާ ކަންކަން--ފޮޓޯ/އެރެބްނިއުސް

ގޭތެރޭގެ އާބާތުރަ ފިލުވުމުގެ މަސައްކަތްކޮށް، ކުލަ ލުމާއި ރަމަޟާން މަހު ތައްޔާރު ކުރާނެ ކެއުންތަކުގެ ވާހަކަ އަކީ މި މަސް ގާތްވަމުން އަންނަ ވަރަކަށް ހަލުވިކަމާ އެކު ކުރެވޭ ބަހުސްތަކެކެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ނިންމަން ވަރަށް ގިނަ ކަންކަން ތާވަލުކުރެވި ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެންނައިރު އެ ގެނެވޭ ބަދަލުތަކުގެ މުހިއްމު ކަމުގެ މައްޗަށް ވެސް ވިސްނާލުން މުހިއްމެވެ.

އެ ބަދަލުތަކަކީ ކޮންކަމަކާ ގުޅިގެން ކީއްވެގެން ގެންނަ ބަދަލުތަކެއްތޯ ބެލުމަށްފަހު އެކަމަށް މަސައްކަތް ފެށުމުން އެކަންތައް ނިންމަން ފަސޭހަވާނެއެވެ.

ގެއަށް ތަކެތި ގަނެ އާ ކުރާއިރު ވީހާ ވެސް ޚަރަދު ކުޑަގޮތަކަށް ޢަމަލު ކުރުމަކީ ރަމަޟާން މަހަށް ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް ގެންގުޅެން ފަސޭހަވެގެންދާނެ ކަމެކެވެ.

ރާއްޖޭގެ ލޯކަލް މާރުކޭޓުގައި ކާބޯތަކެތި ވިއްކަން ބަހައްޓާފައި--ފޮޓޯ/ކޯޕަރޭޓްމޯލްޑިވްސް

ހަމައެއާއެކު ރަމަޟާން މަހަށް ތަކެތި އާ ކުރާނަމަ އެއީ އެންމެ މައްސަރަކަށް ބޭނުންކުރުމަށް ގަންނަ ތަކެއްޗަށް ހެދުމުގެ ބަދަލުގައި ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ކޮލިޓީ ރަނގަޅު ތަކެތިތޯ ބެލުމަށްފަހު އެކަމަށް ޚަރަދުކޮށްލުން މުހިއްމެވެ.

ބަދިގެއަށް ގަންނަ ސާމާނު ރަމަޟާން މަހު ގަންނަ މިންވަރު އެހެން މަސްތަކާ އަޅާ ބަލާއިރު ގިނަވާނެތީ ރައްކާތެރި ގޮތުގައި ބޭނުން ކުރެވިދާނެ ސާމާނުތައް މިސާލަކަށް: ޕްލާސްޓިކް ކޮންޓެއިނަ ފަދަ ތަކެތި ގަންނައިރު ބީޕީއޭ ފްރީ ތަކެތި ގަންނަން އިސްކަންދެވިދާނެއެވެ.

ރަމަޟާންމަހާ ކުރިމަތިލުމަށް އެއްބަޔަކު އަވަދިނެތި އުޅޭއިރު އަނެއްބަޔަކު އަންނަނީ ރަމަޟާން މަސް ފެށުމުގެ ކުރިން ލިބިފައިވާ މާހެފުމުގެ ދައުވަތުތަކަށް ގޮސް ނިންމާލުމަށެވެ.

މި ހިނގާ ފެބްރުއަރީ މަހަކީ ކުރު މަހަކަށް ވުމުން ހުރިހާ އެންމެން ވެސް އެ މީހުންގެ ހަލަބޮލި ތާވަލުން ވަގުތު ހޯދުމަށް އަންނަނީ އަމިއްލަ ނަފުސާ ހަނގުރާމަކުރަމުންނެވެ.

comment ކޮމެންޓް