އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން "އެސެޓް ރިކަވަރީ ނަމޫނާ ގާނޫނު"ގެ ނަމުގައި ފޮތެއް ނެރެފިއެވެ.
އެކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޒާ އާދަމެވެ.
އޭސީސީން ބުނީ، މި ފޮތް ނެރުމުގެ މަގުސަދަކީ ކުށުގެ ސަބަބުން ދައުލަތަށް ގެއްލިގެންދާ ފައިސާއާ މުދާ އަނބުރާ ހޯދައި، އެތަކެތި ދައުލަތަށް ފައިދާހުރި ގޮތުގައި ބޭނުންކުރެވޭނެ ވަށައިޖެހޭ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި މަގެއް ކޮށައިދިނުން ކަމަށެވެ.

އެސެޓް ރިކަވަރީ ނަމޫނާ ގާނޫނު ފޮތް ނެރުމުގެ ހަފުލާގެ ތެރެއިން -- ފޮޓޯ/ އޭސީސީ
އެގޮތުން، އެސެޓް ރިކެވަރީ ނަމޫނާ ގާނޫނެއް އެކުލަވާލުމަށް އޭސީސީން ފުރަތަމަ ޑްރާފްޓްގެ މަސައްކަތްކޮށްފައި ވަނީ މޯލްޑިވްސް ޓާރްސްޕޭރެންސީ އާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
މި ނަމޫނާ ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ:
- ކުށްތަކާ ގުޅުންހުރި ފައިސާއާއި މުދާ ދައުލަތަށް ނެގުމުގެ ގާނޫނީ އުސޫލުތައް ކަނޑައެޅުން
- ކުށްތަކާ ގުޅުންހުރި ފައިސާއާއި މުދާ އެހެން ފަރާތްތަކުގެ އަތްމައްޗަށް ދިޔަނުދިނުމަށް އެތަކެތި ހިފެހެއްޓުމާ ތަސައްރަފުކުރުން މަނާކުރުން
- ކުށްކުރުމަށް މަގުފަހިކުރަން ފައިސާއާ މުދާ ފޯރުކޮށްދިނުމުގެ ނިޒާމުތަކަށް ހުރަސްއެޅުން
- ރާއްޖޭން ބޭރުގައިވާ ކުށްތަކާ ގުޅޭ ފައިސާއާ މުދާ ހޯދުމާއި ހަވާލުކުރުމުގެ އުސޫލުތައް ކަނޑައެޅުން
- ރާއްޖޭގައިވާ ބޭރު ގަައުމުތަކުގެ ކުށްތަކާ ގުޅޭ ފައިސާއާ މުދާ ހޯދައި، އެތަކެތި ގައުމުތަކާ ހަވާލުކުރުމުގެ އުސޫލުތައް ބަޔާންކުރުން
- ދައުލަތަށް ނެގޭ ފައިސާއާ މުދަލާ ގުޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުން
އޭގެއިތުރުން މި ނަމޫނާ ގާނޫނަކީ, ކޮރަޕްޝަން ފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް އެފަދަ ފައިސާއާ މުދަލުން ނަހަމަ މަންފާ ލިބިގަނެ، އޭގެ އަސްލު އޮޅުވާލައިގެން ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަށް ފުރުސަތު ފަހިވެފައި ވާތީ އެކަންކަމަށް ހައްލެއް ހޯދައިދިނުމަށް އެކުލަވައިލި ނަމޫނާ ގާނޫނެއް ކަމަށް އޭސީސީން ބުންޏެވެ.