"އާނ. ހިތާވޭ. ދެން ކީއްކުރެވޭނީ؟.." ޔޫޝައުގެ ޖުމްލައިން ހީވީ ތަނުގައި ބޮމެއް ގޮށްވާލިހެންނެވެ. "އަހަރެން މައުވާ ދެކެ ލޯބިވޭ. އެކަމަކާ ކަލެއަކާ ކީއް؟"

އަފްނާންގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓީ ދެނެވެ. ބަލަން ނުހުރެ، ފުންމައިގެން އެ ދިޔަ ގޮތަށް ގޮސް ޔޫޝައުގެ މޫނުމައްޗަށް ގޮށް މުށުގެ އެތިފަހަރެއް ވީއްލާލައިފިއެވެ. އެއާއެކު ވަގުތުން ޔޫޝައުގެ ތުންފަތްމަތި ފަޅައިގެން ގޮސް ލޭތައް އޮހިގެންފިއެވެ. މައުވާއާއި ޒާޔާގެ ހަޅޭކުގެ އަޑުން ވެސް އަފްނާންއަށް ފަރަޤެއް ނުވިއެވެ. ދެންވެސް އޭނާ ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ޔޫޝައުއަށް އިތުރު ހަރަކާތެއް ނުގެނެވި އުޅެނިކޮށް ގިރުވާނުގައި ހިފިހިފީނުން، ގޮސް ފާރުގައި ޖައްސާ ފިއްތާލައިފިއެވެ. އަދި އަނެއްކާވެސް ޔޫޝައުގެ މޫނުމަތީގައި ޖެހުމަށް އަތް މަޅައިލިއެވެ. ލޮލާ ދިމާލަށް އައި އަފްނާންގެ އަތް ފެނުމާއެކު ޔޫޝައުއަށް ދެލޯ މަރަިއލެވުނީވެސް ބޭއިޚްތިޔާރުގައެވެ. އެހެންނަމަވެސް، އަފްނާންގެ އަތުގެ ބީހުން އިޙްސާސް ނުވުމުން އޭނާ ލޯ ހުޅުވައިލިއެވެ. އޭރު އަފްނާންގެ އަތް ވަނީ އޭނާގެ ލޮލާ ޖެހޭ ނުޖެހޭހާ ކައިރީގައެވެ.

"މައުވާއަކީ މަގޭ މީހެއް. ޝީ… އިޒް…. މައިން…" ކޮންމެ އަކުރަކަށް ވަކިވަކިން ބާރުލާފައި އަފްނާން ބުނެލިއެވެ. ޔޫޝައުގެ މޫނުމަތިން ފެނުނު އަސަރުތަކުން އޭނާ ޖެހިލުންވިއެވެެ. މައުވާއާ މެދު ޔޫޝައުގެ ހިތުގައި އިޙްސާސްތަކެއް ވާކަމުގައި އޭނާއަށް ޤަބޫލުކުރެވުނެވެ. އެއާއެކު ހިތަށް ބުނެދޭން ނޭނގޭ ގޮތެއް ވެގެން ދިޔައެވެ. ނޭނގޭ ބިރުވެރިކަމެއް އެ ހިތުގައި އުފެދުނެވެ. މީހާގެ ހަރަކާތްތައް މަޑުޖެހި ދޫ ހިމޭންވީ ދެނެވެ. ޔޫޝައުގެ ދެލޮލުގައިވި އަސަރުތައް އޭނާގެ އެތެރެ ހަށީގައި ވަރުގަދަ ތޫފާނެއް އުފައްދައިފިއެވެ.

"މަށަށް ކިތަންމެ އަނިޔާއެއް ދިނަސް، މައުވާއަކީ ކަލޭގެ މީހަކަށް ނުވާނެ. ކާންޓް ޔޫ ސީ؟ ޝީ ހޭޒް ކްލޯޒްޑް ޔޯރ ޗެކްޕޓަރ ފްރޮމް ހާރ ލައިފް ފޯރއެވަރަރ." އެ ހުރި ގޮތަށް ހުރެ ޔޫޝައު ބުންޏެވެ. އަފްނާންއަށް ދޫދޭކަށް ޔޫޝައުގެ ނަފްސު ތަނެއް ނުދިނެވެ. މައުވާއަށްޓަކައި ހިތުގައިވާ ލޯބި އުތުރިއަރަންފެށިއެވެ. އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްނުކުރެވުނު ސަބަބަކީވެސް އެއީއެވެ. ހުރެވުނުތަނާ ޙާލަކަށް ރިއާޔަތްނުކުރެވުނު ސަބަބަކީވެސް އެއީއެވެ.

"ހުއްޓާލަބަލަ." މައުވާގެ އަޑު ކޮޓަރިތެރޭގައި ގުގުމައިލިއެވެ. އަފްނާންއަށްވެސް ހަމަ ބިމަށް އާދެވުނު ހިސާބަކީ އެއީއެވެ. ޔޫޝައުގެ ގިރުވާނުން ދޫކޮށްލާފައި އޭނާ މައުވާއަށް ބަލައިލިއެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރި މައުވާގެ ދެލޮލުގެ ތެރެއިން ކަރުނަތައް ހޯސްލާފައި ފައިބަމުން ދިޔައިރު ދެންމެވީ ހުރިހާކަމަކުން އޭނާއަށް އެ ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފައެވެ. އަފްނާންއާ ހަތަރު ކަޅި ހަމަވުމުންވެސް އެ ނަޒަރު ވަކިކޮށްލާކަށް އޭނައެއް ނޫޅުނެވެ. މަޑުމަޑުން މައުވާއާ ދިމާލަށް އަފްނާން ހިނގައިގަތެވެ. ޒާޔާ ހުރީ މައުވާގެ ކޮނޑުގައި ހިފައްޓާލައިގެންނެވެ. އޭނާ މައުވާގެ ގާތުގައި އިށީންނަން ބުުނުމުންވެސް މައުވާ އެކަމަކަށް އެއްބަހެއް ނުވިއެވެ.

އަފްނާން އެ ދިޔަ ގޮތަށް ގޮސް މައުވާގެ މޫނުގައި ދެ އަތުން ހިފައްޓައިލިއެވެ. ސީދާ މައުވާގެ ދެލޮލަށް ބަލަހައްޓައިގެން އޭނާ ހުއްޓެވެ. އެ ބޮޑު ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެދެމުން އޭނާ މާފަށް އެދެން ފެށިއެވެ. ޒާޔާއަށްވެސް ދެން ކަންތައް ކުރާނެ ގޮތެއް ނޭނގުނެވެ. އޭނާއަށް ބަލައިލެވުނީ، ޔޫޝައުއަށެވެ. މައުވާވެސް އަފްންނާންއާ ދުރަށް ދާން ނޫޅުމުން ޒާޔާއަށް ވެސް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.

"ސޮރީ… އައެމް ސޯ ސޮރީ…" މައުވާގެ ދެލޮލުން ނަޒަރު ވަކިކޮށްލުމެއް ނެތި އަފްނާން ބުންޏެވެ. "ނުރޮއިބަ. ޕްލީޒް… ހުއްޓާލަބަ."

އަފްނާންގެ ވާހަކައާއެކު މައުވާ އޭނާގެ އަތުން އަފްނާންގެ އަތް ދުރުކޮށްލިއެވެ.

"ޒާ… " އޭނާ ޒާޔާގެ އެހީތެރިކަމަށް އެދުނެވެ. މައުވާގެ ދެފައި ކޮޅު ތުރުތުރު އަޅާވަރުން އޭނާއަށް ކޮޅަށް ނުހުރެވޭ ވަރުވިއެވެ. އަފްނާންއަށް ވެސް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ދެން ބަލައިލެވުނީ ޔޫޝައުއަށެވެ. އޭރު ޔޫޝައުވެސް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ. ދެބުމަ ގޮށް ޖަހާލައިގެން ހުރިއިރު، ތުންފަތް މަތީގައި އަތް ޖައްސާލައިގެން ހުރީ އޭރުވެސް ލޭ އަންނަމުން ދިޔައީތީއެވެ.

"މިވަގުތު އިހަށް ދޭ ޕްލީޒް." ޒާޔާގެ އެހީގައި އިށީން މައުވާ ބުނެލިއެވެ.

"ކީއްވެ ހަމައެކަނި އަހަރެން ތި ފޮނުވާލަނީ؟" އަފްނާންގެ ހިތުގައި ޝަކުވާ އުފެދުނެވެ. މައުވާ އަދިވެސް އޭނާގެ ލޯބި އިމްތިޙާންކުރަނީ ކީއްވެހެއްޔެވެ؟ މި ވީ ހާދުވަހު އޭނާގެ އަމަލުތައް ހުރިގޮތުންވެސް އެ ހިތުގައިވާ ލޯބި ޤަބޫލުކުރަން މައުވާ ދެކޮޅު ހަދަނީ ކީއްވެގެން ހެއްޔެވެ؟ އެހިތުގެ އިޙްސާސްތަކަށް ޤަދަރުނުކުރަނީ ކީއްވެގެންހެއްޔެވެ؟ ކުޑަމިނުން އެ ކުށަށް މާފުނުދެވެނީ ކީއްވެގެންހެއްޔެވެ؟ އޭނާއަށް މައުވާއާ ދޭތެރޭ ކަންތައްކުރެވުނު ގޮތް ހަނދާން ނެތީކީ ނޫނެވެ. އެ ހުރިހާކަމެއް އޭނާގެ ހަނދާނުގައި އެބަ ހުއްޓެވެ. އެންމެ ހިނދުކޮޅަކަށްވެސް އެ މާޒީގެ ހިތި ހަނދާން އޭނާގެ ހަނދާނުން ކައްސާލައިގެން ނުދެއެވެ. ރެއާ ދުވާލު އެ ހާދިސާގެ ކޮންމެ މަންޒަރެއްމެ އޭނާގެ ލޯ ކުރިމަތީގައި ސިފަވެއެވެ. އެހެންނަމަވެސް، ހިތުގެ ގިލަންވެރި އިޙްސާސްތަކުގެ ކުރިމަތީގައި ނިކަމެތި ހިތަށް ލިބިދޭ ޒަޚަމްތަކުގެ ސަބަބުން ޝަކުވާ ކުރެވެނީއެވެ. މައުވާގެ ލޯތްބަށް ދަހިވެތިވެފައިވާ ހިތުގެ ޖަޒުބާތުތަކުގެ ކުރިމަތީގައި އަމިއްލަ އިޙްސާސްތައްވެސް އަފްނާންއަށް ކޮންޓްްރޯލް ނުކުރެވެނީއެވެ.

"މިވީ ދެއަހަރު ތެރޭގައި، އަހަރެންގެ ގާތުގައި ތިބީ އެ ދެމީހުންނަށް ވީމަ. އަފްނާންއެއް ނޫން. " އަފްނާންގެ ސުވާލުގެ ޖަވާބު މައުވާ ދިނުމުން އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި ގޮސް ކޮޓަރިން އަފްނާން ނުކުތީ އަދިވެސް އެއްފަހަރު ޔޫޝައުއަށް ބަލައިލަމުންނެވެ.

"ފެންފޮދެއް ބޯލަބަ." ޒާޔާ މައުވާއަށް ފެންފޮދެއް ދިނެވެ. އެނދުގެ ކުރީކޮޅު ކުޑަކޮށް އުފުއްލާލާފައި، އޭނާ މައުވާގެ ބުރަކަށިދަށަށް ބާލީހެއް ލައްވައިލަދިނީ އެކަމަށް މައުވާ އެދުމުންނެވެ. ޓިޝޫއަކުން ކަރުނަތައް ފުހެލާފައި މައުވާ ފުންނޭވާއެއް ދޫކޮށްލިއެވެ. ހަމަޖެހިލަމުން އޭނާ ޔޫޝައުއަށް ބަލައިލިއެވެ. ޒާޔާގެ ނަޒަރުވެސް ޔޫޝައުއަށް ދަތުރުކުރިއެވެ. އެހެންނަމަވެސް އޭނާ އެއްޗެއް ނުބުނެއެވެ. ޔޫޝައު ދެންމެ ބުނެލި ވާހަކައިން ޚުދު އޭނާވެސް ހުރީ ހައިރާންވެފައެވެ. ވާނީވެސް އެހެންތާއެވެ. މިވީ ދެ އަހަރުގެތެރޭގައި ދުވަހަކުވެސް، އެފަދަ ވާހަކައެއް އޭނާއާ ޔޫޝައު ދައްކާފައެއް ނުވެއެވެ. އަބަދުވެސް މަައުވާއާ މެދު ޔޫޝައު ވިސްނާކަން އޭނާއަށް އެނގުނު ނަމަވެސް، އެއީ އެފަދަ އިޙްސާސްތަކެއްކަމުގައި އޭނާއަށް ވިސްނިފައެއް ނުވެއެވެ. އަބަދުވެސް ޔޫޝައު ބުނަމުން ދިޔައީ މައުވާއަކީ އޭނާގެ ވަރަށް ގާތް ރަޙްމަތްތެރިއެއްކަމުގައެވެ. ދެންމެ ޔޫޝައު އެހެން ބުނުމުން އެހާ ބޮޑު ޝޮކެއް ޒާޔާއަށް ވެސް ލިބުނީ އެހެންވެގެންނެވެ. ހަމަ ހަޤީގަތުގައިވެސް ޔޫޝައު މައުވާ ދެކެ ލޯބިވަނީ ހެއްޔެވެ؟ މައުވާއާ މެދު އެހިތުގައި އިޙްސާސްތަކެއް ވަނީ ހެއްޔެވެ؟ މިހުރިހާ ދުވަހު އެކަން ސިއްރުކޮށްގެން ހުރީ ކީއްވެހެއްޔެވެ؟ އެފަދަ ނަޒަރަކުން މައުވާއާ މެދު ދެކޭ ނަމަ އެއީ ކޮން އިރަކު ކިހިނެއް އުފެދުނު އިޙްސާސްތަކެއް ބާއެވެ؟ އިތުރު ކުއްޖަކު އެ ޙަޔާތަށް ޔޫޝައު ނުގެންނަ ސަބަބަކީ މައުވާ ހެއްޔެވެ؟ މައުވާ ދެކެ ލޯބިވާތީ ހެއްޔެވެ؟ ދުވަހަކުވެސް ޔޫޝައު އޭނާގެ ޙަޔާތަށް އަންހެން ކުއްޖަކު ގެނެސްފައެއް ނުވެއެވެ. އެ މައުޟޫއަށް އޭނާ ވާހަަކަ ދައްކަން ފަށާއިރަށް ޔޫޝައު މައުޟޫ އޮޅުވާވެސް ލައެވެ. ސުވާލުތައް ސިކުނޑީގައި ފުނިޖެހެމުން ދިޔަވަރަކަށް ޒާޔާގެ ބޮލުގައި ރިއްސައިލިއެވެ.

ފާރުގައި ލެނގިލައިގެން އިސްޖެހިފައި ހުރި ޔޫޝައު ހީވަނީ މައުވާއަށް ބަލައިލަންވެސް ނުކެރިފައި ހުރިހެންނެވެ. ދެން ކަންތައް ކުރާނީ ކިހިނެއްކަމާ މެދު ވިސްނިނަމަވެސް، ސިކުނޑީގައިވަނީ ބުނެދޭން ނޭނގޭ ފަދަ ހުސްކަމެކެވެ.

"ވަޓް ވޯޒް ދެޓް…" ސިހުނީ މައުވާގެ އަޑަށެވެ.

"އޭނާ މައުވާއަށް ބަލައިލިއިރު މައުވާ އިނީ ސީދާ އޭނާއަށް ބަލަހައްޓައިގެންނެވެ.

"ޔޫޝައު…… އަހަރެން އެބަ ވާހަކަ ދައްކަމޭ…" މައުވާ ދެވަނަ ފަހަރަށް ވެސް ސުވާލުކޮށްލިއެވެ. "ވައި ޑިޑް ޔޫ ސޭ ސަމްތިންގ ލައިކް ދެޓް؟."

"މައު… ލިސެންޓު މީ…." މައުވާގެ މޫނުމަތިން ނުރުހުމުގެ ކުލަަވަރުތައް ފެންނަމުން ދިޔުމުގެ ސަބަބުން ޔޫޝައުއަށް އަވަސް އަވަހަށް ވާހަކަ ދެއްކުނެވެ. އޭނާ ގޮސް މައުވާގެ ކައިރިއަށް ހުއްޓުނެވެ. "އައެމް ސޮރީ މައު…. "

"ޔޫޝައު… އަހަރެން… ދެކެ……" ޖުމްލަތައް އަތުރާލުން މައުވާއަށް އުނދަގޫވީ ޔޫޝައުގެ އެވާހަކަތައް ޤަބޫލުކުރަން ބޭނުންނުވާތީއެވެ. މައުވާއަށް ވީގޮތް ފެނި ޔޫޝައުގެ ހިތުގައި ރިއްސައިލިއެވެ. އެވަގުތު އެހެން ގޮތަކަށް ވިސްނަން އޭނާގެ ޒަމީރު އޭނާއަށް މަޖުބޫރުކުރިއެވެ. މި ޙާލަތުގައި މައުވާއަށް އިތުރު ހާސްކަމެއް ދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އަދި މައުވާގެ ނުރުހުންތެރިކަންވެސް އޭނާއަށް އަމާޒުވާކަށް ޔޫޝައު ނޭދެއެވެ.

"ނޫން މައު… ނޫން… ތީ އަހަރެންގެ ވަރަށް ގާތް ރަޙްމަތްތެރިއެއް. " ޔޫޝައު އަމިއްލަ ހިތުގައި އަތް އަޅާލަމުން ވާހަކަ ދެއްކިއެވެ. އަމިއްލަ އިޙްސާސްތައް މައުވާގެ ކުރިމަތީގައި ހާމަކުރަން މޭގައި އޮތް ހިތް އެދި ގޮވަމުން ދިޔަނަމަވެސް، އެހިތުގެ ގޮވުމަށް ފުރަގަސްދީ ޔޫޝައު ވާހަކަ ދެއްކިއެވެ.

"އެވަގުތު އަފްނާން ފޮނުވާލަން ބޭނުންވެފަ ހުރިވަރުން އަހަންނަށް އެގޮތަށް ބުނެވުނީ….. އައެމް ރިއަލީ ސޮރީ. ޤަބޫލުކުރޭ މައު…." ޔޫޝައު ބުންޏެވެ. "މައު… ލިސެން ޓު މީ… އަފްނާން މައުއާ ދޭތެރޭ ކަންތައްކުރި ގޮތް އެންމެ ކައިރިން ފެނުނު ބަޔަކީ އަހަރެމެން. މައު ރުއި ރުއިންވެސް އަހަންނަށް ފެނުނު. އެހެންވީމަ އެގޮތަށް ރިއެކްޓްކުރެވުނީ. އައި ރިއަލީ ކެއަރ ފޯ ޔޫ… އޭޒް އަ ފްރެންޑް…." އޭނާއާ ދިމާލަށް ބަލަހައްޓައިގެން މައުވާ އިންނަން ފެށުމުން ޔޫޝައު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ހަމައެކަނި ރަޙްމަތްތެރިއެއް ގޮތަކަށް ނޫން. އެއަށްވުރެވެސް މައު އަަހަންނާ ގާތް." އެ ޖުމްލަތައް ވީ ޔޫޝައުގެ ހިތުގައެވެ. އޭނާ ޒާޔާއަށް ވެސް ބަލައިލިއެވެ. އެވާހަކަ ޤަބޫލުކުރާށޭ އެ ނަޒަރުން ބުނާ ކަހަލައެވެ.

އެވަގުތު މައުވާގެ ސިކުނޑީގައި ވަނީ އަފްނާންގެ ޚިޔާލުތަށްކަމުން އެހާ ބޮޑަށް ޔޫޝައުގެ މޫނުމަތީގެ ކުލަވަރުތައް އޭނާއަކަށް ދިރާސާއެއް ނުކުރެވުނެވެ. ޔޫޝައުގެ ވާހަކަތައް ޤަބޫލުކުރެވުނު ސަބަބަކީ އެއީއެވެ. އެހެންނަމަވެސް ޒާޔާގެ މޫނުމަތިން ފެންނަނީ ޔޫޝައުގެ ޖަވާބު އޭނާއަށް އަދި ޤަބޫލު ނުކުރެވޭކަމެވެ.

އެހެން ތިއްބާ ނަރުސްކުއްޖަކު އެތެރެއަށް ވަނުމުން ޒާޔާއާ ޔޫޝައު ދުރަށް ޖެހިލިއެވެ.

*****

ހޮސްޕިޓަލުން ނުކުތުމަށްފަހު، އަފްނާން ސައިކަލުގައި ގޮސް ގޭގެ ގޯތިތެރެއަށް ވަތްއިރު، އަޒްލަފްވެސް ކާރުން ފައިބަނީއެވެ. އަޒްލަފްއަށް އަފްނާން ފެނުމާއެކު ގެއަށް ނުވަދެ މަޑުކޮށްލިއެވެ. ލަސް ފިޔަވަޅުތަކެއްގައި އަފްނާން އައިސް އޭނާއާ އަރާހަމަކޮށްލުމަށްފަހުވެސް އެއްޗެއް ނުބުނެ ގޭތެރެއަށް ވަންނަން ހިނގައިގަތުމުން އަޒްލަފް އޭނާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.

"އަފޫ…." ވަގުތުން އަފްނާން ހުއްޓުނެވެ. ފަހަތް ބަލައިލުމާއެކު އެ މޫނުމަތީގައިވި ކުލަވަރުތައް އަޒްލަފްގެ ލޮލުގައިވެސް އަޅައިގަނެއްޖެއެވެ.

"ކިހިނެއްވީ؟" އަޒްލަފް ސުވާލުކޮށްލުމުން އަފްނާން ކަމެއް ނުވެނޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލާފައި އަނެއްކާވެސް ގޭތެރެއަށް ވަންނަން ހިނގައިގަންނަން އުޅުނެވެ. އެހެންނަމަވެސް ހުއްޓެން މަޖުބޫރުވީ އަޒްލަފްގެ އަޑުންނެވެ.

"ދޮންބެއަށް އެނގޭ އަފޫ ތި އަންނަނީ ހޮސްޕިޓަލުންކަން." އަޒްލަފް ބުނެލިއެވެ. "ކީއްވެ ދޮންބެގެ ވާހަކަ އަފޫއަށް އަންޑަރސްޓޭންޑް ނުވަނީ."

"އަންޑަސްޓޭންޑް ވެޔޭ… އެކަމަކު… އައި ޖަސްޓް ކާންޓް…." އަފްނާން ފުންނޭވާއެއް ދޫކޮށްލާ ބޮލުގެ ފުއްކިބައިގައި ފިރުމައިލިއެވެ.

"ދެން މައުވާ ގެއަށް ދޫކޮށްލީމަ ކިހިނެއް ހަދަނީ؟ އެގެއަށްވެސް ދާނީތަ؟" އަޒްލަފް ސުވާލުކޮށްލިއެވެ. އެމީހުން ނިންމާފައިވަނީ ކުރިއަށް އޮތް ދެ ތިން ހަފްތާތެރޭގައި މައުވާގެ ޙާލަތު ގޯސް ނުވާނަމަ ގެއަށް ފޮނުވާލުމަށެވެ.

"މައުވާ ގެއަށް ދޫކޮށްލަން އުޅެނީތަ؟" އަަފްނާންއަށް އަވަސް އަވަހަށް ސުވާލުކޮށްލެވުނެވެ.

"އަފޫ… ޕްލީޒް ހޭވް ޕޭޝަންސް. އަފޫގެ ތަޤުދީރުގަ މައުވާ ލިބެން ހުރިއްޔާ މައުވާ ލިބޭނެ. އަދި ލިބެން ނެތިއްޔާ އަފޫ ކޮންމެ ކަމެއް ކުރިޔަސް މައުވާއެއް އަފޫ ކައިރިއަކަށް ނާންނާނެ. ޝީ ނީޑްސް ޓައިމް. ކުރިން ބުނިހެން ހުރިހާކަމެއް ޕްރޮސެސް ކުރަން. އަފޫ ލޯބިވާކަން މައުވާގެ ކައިރީގައި ހާމަކޮށްފީމެއްނު. އެކަން އޭނާއަށް މިހާރު އެނގެއެއްނު. އަފޫ އިންތިޒާރުކުރަނީ އޭނާއަށްކަންވެސް އެނގެއެއްނު. އޭނަގެ ހިތުގައި އަފޫއާ މެދު އިޙްސާސްތަކެއް ވާނަމަ، ޚުދު އޭނާއަށްވެސް އަފޫއާ ދުރުގަ ހުންނަން އުނދަގޫވާނެ. ޕްލަސް ދޮންބެއާ ދޭތެރޭ ވިސްނާލަބަ. ޕްލީޒް…" އަޒްލަފް ބުނެލިއެވެ. އަފްނާން އުޅޭ ގޮތުން ހިތްހަމަނުޖެހުނު ނަމަވެސް، ރުޅިއައިސްގެން އެއްޗެއް ނުބުނެވުނީ، އަފްނާންގެ މޫނުމަތީގައި ވި ހިތް ހަލާކުވާފަދަ އަސަރުތަކުންނެވެ. އަދިވެސް އަފްނާންއަށް ވިސްނައިދެވޭތޯ އަޒްލަފް ބެލީ އެހެންވެގެންނެވެ. "އަފޫއަށް ކަމެއްވީކަމަށް ބައްޕަމެންނަށް ވެސް ޝައްކުކުރެވިއްޖެ. ދޮންބެއާ ވެސް އެ ސުވާލުކޮށްފި. ކީކޭ ބުނާނީ؟"

އަޒްލަފްގެ ވާހަކައަށް ބޯ ޖަހާލާފައި އެކަމާ މެދު އަފްނާން ފިނި ހިތަކުން ވިސްނައިލިއެވެ.

*****

އޭގެ ތިން ދުވަސްފަހުން އަނެއްކާވެސް އަފްނާންއާ މައުވާއާ ދެމީހުން އެކަނި ބައްދަލުވިއެވެ.

"ކީއްކުރަން ގެނައި އެއްޗެއް؟" އަފްނާންގެ އަތުގައި އޮތް މާ ބޮނޑި ފެނުމުން މައުވާ ސުވާލުކޮށްލިއެވެ.

"ދިޒް އިޒް ފޯ ޔޫ." އަފްނާން ހިނިތުންވެލިއެވެ.

"އަހަރެން ތިއިން އެއްވެސް އެއްޗެއް ބޭނުމެއް ނޫން. ތިހިފައިގެން ދޭ." މައުވާ އެދުނެވެ.

"ވައި؟ ކަމުނުދަނީތަ؟" އަފްނާން އެ މާ ބޮޑި ސައިޑް ޓޭބަލް މަތީގައި ބޭއްވިއެވެ.

"ކީއްވެތަ އަބަދުވެސް ތިހެން ތިއުޅެނީ. އަފްނާން އަހަރެން ދެކެ ލޯބިވާކަމަށް ތިހާ ވަރަށް ދައުވާ ކުރާނަމަ، އަހަންނަށް ކަމެއް ކޮށްދީފާނަންތަ؟" މައުވާ އަފްނާންއަށް ބަލައިލިއެވެ. "އޭރުން އަހަރެން ޤަބޫލުކުރާނަން އަފްނާން އަހަރެން ދެކެ ލޯބިވާކަން."

"އެނީތިންގ ފޯ ޔޫ." އަފްނާން އަވަސް އަވަހަށް ބުނެލިއެވެ.

"އެހެންވިއްޔާ ހެޔޮނުވާނެ، ހޮސްޕިޓަލަށް އަހަރެންގެ ގާތަށް ނައިސްފާނަންތަ؟ ސިކުނޑިއަށް ހަމަޖެހުމެއް އަހަރެން ބޭނުން." މައުވާ ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ.

"މައު…" އަފްނާން އެއްޗެއް ބުނަން އުޅުނު ނަމަވެސް، މައުވާ އޭނާ ހުއްޓުވިއެވެ.

"ޕްލީޒް… ލޯބިވާނަމަ އެކަން ސާބިތުކޮށްދީ. ތިހާ އަމިއްލަ އެދުން ބޮޑު ނުވެބަަލަ. ހުރިހާކަމެއް އަބަދު ވާން ޖެހޭނީ އަފްނާން ބޭނުންވާގޮތަށްކަމުގައި ކީއްވެތަ ޤަބޫލުކުރަނީ؟" މައުވާގެ ވާހަކައިން އަފްނާންގެ ހިތުގައި ރިއްސައިލިއެވެ.

"އަފްނާން ފެންނަހާ ހިނދަކު އަހަރެންގެ ސިކުނޑިއަކަށް ހަމަޖެހުމެއް ނުލިބެޔޭ. ޕްލީޒް ޑޯންޓް މޭކް އިޓް މޯ ޑިފިކަލްޓް ފޯރ މީ. އައި ބެގް ޔޫ….ޕްލީޒް…." މައުވާ ބުންޏެވެ.

"އަސްލުވެސް އަހަރެން މައުގެ ގާތަށް އަންނާކަށް މައު ބޭނުމެއް ނޫންތަ؟ އަހަރެން ނަޔަސް ހަމަ އެއްވެސް އެއްޗެއް ހިތަކަށް ނާރާނެތަ؟" އަފްނާން ސުވާލުކޮށްލުމުން ދުރުބަލައިލި މައުވާ ބޯ ޖަހައިލިއެވެ. "އަހަންނާ ދިމާލަށް ބަލާލާފަ ޖަވާބު ދީބަލަ."

"އާނ… ބޭނުމެއް ނޫން. " އަފްނާންގެ ބަސްތަކުން ހިތަށް ތަދުވިނަމަވެސް، މައުވާ، އަމިއްލަ ހިތުގެ އިޙްސާސްތައް ކިޔަމަންކުރުވިއެވެ. އޭނާ އަފްނާންއަށް ބަލައިލާފައި ޖަވާބު ދިނެވެ. މައުވާގެ ލޮލުން ފެންނަ އަސަރުތަކާ ބުނެލި ބަސްތައް ދިމާނުވިއެއްކަމަކު އަފްނާން، އިތުރު އެއްޗެއް ނުބުނެއެވެ. އޭނާ އަމިއްލަ ނަފްސަށް ހިތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ބޭޤަރާރުވަމުން ދިޔަ ހިތް ހަމައަކަށް އަޅުވަމުން އަފްނާން ފުންނޭވާއެއް ދޫކޮށްލިއެވެ.

"ސޮރީ…" އެހެން ބުނެލާފައި އަފްނާން ފަހުފަހަރަށް މައުވާއަށް ބަލަލާފައި ގޮސް އެތަނުން ނުކުތީ އިތުރު އެއްޗެއް ބުނުމުގެ ހިތްވަރު ނުލިބުމުންނެވެ.

ބޭހެއް ގަންނަންވެގެން ދިޔަ ރާމިޒާ، އައިސް ވަތުމާއެކު އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އެތަނުގައި އޮތް ބޮޑު ބުކޭއެވެ. ސުވާލުގެ ނަޒަަރަކުން މައުވާއަށް ބަލައިލާފައި އޭނާ އެ ނަގާ ބަލައިލިއެވެ. އެވަގުތު އޭގެ ތެރެއިން ކަރުދާސްކޮޅެއް ވެއްޓުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު