"ރާއްޖެއިން މިދުވަސްވަރު ފެންނަނީ މާވަހަރެއް ނޫން، އެއީ ޖަނަވާރު ސަރުބީ"

ރާއްޖެ އިން މި ދުވަސްވަރު ފެންނަމުންދަނީ މާވަހަރުތަކެއް ނޫން ކަމަށާއި އެ އެއްޗެހިތަކަކީ ޖަނަވާރުގެ ސަރުބީ ކަމަށް ރާއްޖެ އިން މާވަހަރު އެކްސްޕޯޓް ކުރާ ކުންފުންޏަކުން ބުނެފި އެވެ.

ރާއްޖެ އިން ހޮވާ މާވަހަރު ބޭރަށް ފޮނުވުމުގައި ނުވަ އަހަރުގެ ތަޖުރިބާ ލިބިފައިވާ ޓްރޮޕިކް އިންވެސްޓުމަންޓް ޕްރައިވެޓް ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒިޔާދު މިއަދު ވިދާޅުވީ ރާއްޖެ އިން މިހާރު ފެންނަމުންދާ "މާވަހަރު"ތަކުގެ ސާމްޕަލްސްތައް ރާއްޖެ އިން ބޭރަށް ފޮނުވައިގެން ޓެސްޓުކޮށްފައިވާ ކަމަށާއި އެ އެއްޗެހިތަކަކީ "އެނިމަލް ފެޓް" ނުވަތަ ޖަނަވާރު ސަރުބީ (ކާބޯތަކެތި އުފައްދާ ފެކްޓްރީތަކުގައި ކެއްކުމަށް ޓަކައި ކުކިން އޮއިލްގެ ބަދަލުގައި ބޭނުންކުރާ އެއްޗެއް) ކަމަށް ކަށަވަރުވެފައިވާ ކަމަށެވެ.

"[އަޅުގަނޑު ޗެކްކުރި] އެއްޗެހިތަކުގައި ހުންނަނީ ބޮޑެތި ފްލެޝް [މަސްގަނޑު] ހަމަ ބޮޑެތި ޓިޝޫޒް. މި ބުނަނީ ގެރި ނުވަތަ ޖަމަލު އެކަލަ ކޮންމެވެސް އެއްޗެއްގެ މަސްގަނޑުގައި ފަށްފަށަށް ދެމިފައި ހުންނަ ޓިޝޫގަނޑާއި ލެޔާ އޮންނަނީ. އެހެންވީމާ މި ފެންނަ އެއްޗަކިއްސަކީ މާވަހަރެއް ނޫން. އެއީ އެނިމަލް ފެޓް،" ރާއްޖެ އިން ފެނުނު ގިނަ މާވަހަރުތަކެއް އަމިއްލަ އަށް ތަޖުރިބާކުރައްވައި ޓެކްސްޓް ކުރެއްވި ޒިޔާދު ވިދާޅުވި އެވެ.

~
އޭނާ ވިދާޅުވީ މާވަހަރު ކަމަށް ހީކޮށް، ސްރީލަންކާގެ މަސްވެރިން ވެސް އެފަދަ އެއްޗެހި ހޮވަމުންދާ ކަމަށާއި އެ އެއްޗެހިތަކަކީ ވެސް ޖަނަވާރުގެ ސަރުބީ ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

މާވަރުކަމަށް ހީކޮށް މަސްވެރިން ހޮވައިގެން ގެންނަ ބޮޑެތި ބަރުދަން ހުންނަ އެއްޗެހި ޗެކްކޮށްފައިވާ ކަމަށާއި އެއީ މާވަހަރު ނޫން ކަމަށް ކަށަވަރުކޮށްދިނުމުން ބައެއް މަސްވެރިންގެ "ލޮލުން ކަރުނަ ހިލުނު" ކަމަށް އޭނާ ވިދާޅުވި އެވެ.

ށ. ފޯކައިދޫ ބަޔަކު ދުއްވާ އެ އަތޮޅު ފީވަކު "އުދަރެސް" ދޯނިން މިދިޔަ ހޮނިހިރު ދުވަހު ހޮވި 480 ކިލޯގެ "ބިޔަ ބޮޑު މާވަހަރަކީ" ވެސް ޖަނަވާރު ސަރުބީ ކަމަށް ޒިޔާދު ކަށަވަރުކޮށްދެއްވި އެވެ.

މާވަހަރު ކަމަށް ހީކޮށް ކަނޑުން ހޮވައިގެން ގެންނަ އެއްޗެހިތަކުގެ ތެރެއިން ތަހުލީލު ކުރުމަށް ޓްރޮޕިކް އިންވެސްޓުމަންޓަށް ގެންނަނީ ބަރުދަން ބޮޑު އެއްޗެހި ކަމަށާއި އެ އެއްޗެހިތައް ތަހުލީލުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ އެއްޗެއް ފިޔަވައި ހުރިހާ އެއްޗިއްސަކީ ޖަނަވާރުގެ ސަރުބީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މާވަހަރުގެ ސިފަ ހުންނަ ވައްތަރުގެ ޖަނަވާރު ސަރުބީ ފެންނަމުންދާ އެއް ސަބަބެއް ކަމަށް ޒިޔާދު ވިދާޅުވީ އެނިމަލްފެޓް ބަރުކޮށްގެން ދިޔަ ކާގޯ ބޯޓެއް ބަންޑުން ޖަހާލުން ނުވަތަ އެ އެއްޗެހި ކަނޑަށް ދޫކޮށްލުމުން މި ސަރަހައްދުގައި އެފަދަ ތަކެތި އާންމުވީ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެ އެއްޗެހި ކުނިނުވެ ގިނަ ދުވަހު ހުންނަނީ އެ އެއްޗެއްސަސީ އެކި ކެމިކަލްތައް އަޅައިގެން ކުނިނުވާ ގޮތައް ހަދާފައިވާ އެއްޗެހިތަކެއް ކަމަށެވެ. އަދި މޫދުގައި އޮތުމުން ސަރުބީގެ "ތާސީރުކަން" ހުންނާނެ ކަމަށެވެ.

ޒިޔާދު ވިދާޅުވީ ރާއްޖެ އިން މިހާރު ހޮވަމުން ދާ މާވަހަރުގެ "ހުރިހާ އެއްޗަކީ ވެސް" ހުދަންބަރު މާވަހަރު ކަމަށް ބުނަމުންދާތީ އެކަމާ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. ހުދަންބަރު މާވަހަރެއް ނަމަ އެ އެއްޗެއްގެ ބަރުދަން 10 ކިލޯ އަށް ވުރެ ބޮޑު ވުމަކީ ނާދިރު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހުދަންބަރު މާވަހަރެއް ނަމަ، އެ އެއްޗަކުން ފެންނާނެ އަލާމާތްތައް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ހުދަންބަރަކަށް ވެއްޖެ ނަމަ އޭގެ ވޮލިއުމް [ސައިޒް] އަށް ވުރެ އޭގެ މާސް [ބަރުދަން] ކުޑަވާނެ. ދެން އޭގައި ހުންނާނެ ހަރުކަމެއް. އުއްބައްތީގެ އުށް ނުވަތަ ވެކްސް އަށް ވުރެ ކުޑަކޮށް ހާޑުވާނެ. ދެން އޭގެ އެތެރެ ބައިގައި ގްރޭ ކުލައެއް ހުންނާނެ. އޭތީގައި ނުބައި ވަހެއް ނުދުވާނެ. ކޮންމެ މާވަހަރެއް ވިޔަސް ވެސް ހުންނަންވާނެ 'ގޮމަ ނިޔަފަފަތި'[ރަސް އައިނު މަތީގައި ނުވަތަ އެން ތިލަވެގެން އުޅޭ ވަގުތު ކަނޑަށް ތިރި ކުރާ ގޮމަ ދޫނި ބޮޑުމަސް ކެއުމުގެ ސަބަބުން ހަޖަމުނުވެ، މައިދާގައި ހަރުލާފައި ހުންނަ ގޮމަ ދޫނީގެ ނިޔަފައްޗާއި ތުންގަނޑު]. ގޮމަ ނިޔަފައްތި ކެވިގެން، ސްޕާމް ވޭލް މައިދާ ހަލާކުވުމުން ޕްރޮޓެކްޓު ކުރަންވެގެން ނެޗުރަލީ އުފައްދާ އިންސްލޭޝަން ލޭޔާއެއް، މާވަހަރު އުފެދޭ ގޮތަކީ،" ހުދަންބަރު މާވަހަރުގައި ހުންނަނެ ސިފަތައް ކިޔައިދެއްވަމުން ޒިޔާދު ވިދާޅުވި އެވެ.

ރާއްޖެ އިން އާދަޔާ ހިލާފަށް "މާވަހަރު" ފެންނަމުންދާއިރު، ކަސްޓަމްސްގެ ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ރާއްޖެއިން އެސްޕޯޓްކޮށްފައި ވަނީ 49 ކިލޯގެ މާވަހަރެވެ. ދައުލަތަށް އެންމެ ބޮޑު ޓެކްސްއެއް ނަގަނީ މާވަހަރުންނެވެ. އަދި މާވަހަރު ވިއްކާ އަގުގެ ދެބައިކުޅަ އެއްބައި ދައުލަތަށް ދައްކަންޖެހެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު