އިޒްރޭލުން ފަލަސްތީނުގައި ފެށި ހަނގުރާމައިގައި މި ވަގުތު ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް އެއީ ދިގު މުއްދަތުގެ ހައްލެއް ނޫން ކަމަށާއި، އެ ހަމަލާތަކުގައި ފަލަސްތީނަށް ލިބުނު ގެއްލުންތައް ފޫބެއްދުމުގެ އިތުރުން، އެ ގައުމުގެ ރައްޔިތުންގެ ހައްގުތަކާއި އެ މީހުންގެ ދިރިއުޅުން ވެސް އިޔާދަކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ޖަލްސާގެ މަތީ ފަންތީގެ ސެގްމަންޓްގައި ތަގުރީރު ކުރައްވަމުންނެވެ.
ހަމަލާތައް މި ވަގުތަށް ހުއްޓާލައިފައި އޮތް އޮތުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔާއިރު، އެއީ ގިނަ ދުވަހަށް ދިގުދެމިގެންދާނެ ހައްލެއް ނޫންކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
"ހަމަލާ ބަދަލުކުރުންތައް ހުއްޓައިލުމަކީ ގިނަ ދުވަހަށް ދިގުދެމިގެންދާ ހައްލެއް ނޫން. [ހަނގުރާމައިގައި] ލިބުނު ގެއްލުންތައް އިޔާދަ ކުރުމުގެ އިތުރަށް ވެސް ބައިނަލްއަގުވާމީ މުޖުތަމައުން ކަންތައްތަކެއް ކުރަންޖެހޭ. ފަލަސްތީނު ރައްޔިތުންގެ ކަރާމާތާއި، ހައްގުތަކާއި އެ މީހުންގެ ދިރިއުޅުން ވެސް އިޔާދަކުރަން ޖެހޭ،" ޚަލީލް ވިދާޅުވިއެވެ.
އިންސާނީ ހައްގުތަކާބެހޭ މަޖިލީހަށް 2010ވަނަ އަހަރު، އެންމެ ފުރަތަމަ ފަހަރަށް ރާއްޖެ އިންތިޚާބުވިއިރު، ރާއްޖެއަކީ އެ މަޖިލީހުގައި ތަމްސީލުކުރި އެންމެ ކުޑަ ގައުމެވެ.
މި ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ގައުމު ކުޑަވުމަކީ އެ ގައުމެއްގެ އަޑު މަޑުވާންޖެހޭ ސަބަބެއް ނޫންކަން ރާއްޖެއިން ސާބިތުކޮށްދީފައިވާ ކަމަށެވެ.
ބައިނަލްއަގުވާމީ ހައިލެވެލް އެކިއެކި ފޯރަމްތަކުގައި ރާއްޖެއިންދަނީ ފަލަސްތީނުގެ ދިފާއުގައި ވަރަށް ބޮޑަށް ވަކާލާތު ކުރަމުންނެވެ.
އެހެން ނަމަވެސް އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހަށް ހުށަހެޅި މައްސަލަ ތާށިވެފައި އޮތުމުން އެ މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުވެއެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި 48،200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
ފަނަރަ މަސް ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ހަނގުރާމައިގައި 69 އިންސައްތަ ގެދޮރު ހަލާކުކޮށް ގާތްގަޑަކަށް މުޅި ޣައްޒާގެ އާބާދީގެ ގެދޮރު ގެއްލުވާލައި، ބަނޑަށް ޖައްސާފައިވާ ކަމަށް އދ.އިން ވަނީ ހާމަކޮށްފައެވެ.
އިސްރާއީލާއި ހަމާސްއިން ކުރި ހަނގުރާމަ ވަނީ ޖެނުއަރީ މަހުގެ 19ވަނަ ދުވަހު މެދުކަނޑާލައިފައެވެ.