އިންޓަނެޓްގެ ވަސީލަތް ނުލިބޭ ޒަމާނުގައި ބޮލީވުޑްގެ މެގަ ސްޓާ އަމީތާބް ބައްޗަން ކިޔާނެ ނޫސް މަޖައްލާތައް އޭރަކު ހުންނަ ގައުމަކަށް ވައިގެ މަގުން ގެނެސްގެން ކިޔާ ކަމަށް ފިލްމު ޑައިރެކްޓަރު އަޕޫރުވާ ލާހިއާ ބުނެފިއެވެ.
އަޕޫރުވާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ، އަމީތާބަކީ އިންޑިއާގެ އިތުރުން ބޭރު ދުނިޔޭގައި ހިނގާ މުހިއްމު ކަންކަމާ ބެހޭ ޚަބަރުތައް ކިޔުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ އެކްޓަރެއް ކަމަށެވެ.
މީގެ ވިއްސަކަށް އަހަރު ކުރިން އިންޓަނެޓް މެދުވެރިކޮށް ޚަބަރުތައް ކިޔުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި މިހާރު މި ފެންނަ ގޮތަށް ޚަބަރުތައް ފެންނާނެ ވަސީލަތްތައް މަދުކަމަށް އަޕޫރުވާ ވަނީ ބުނެފައެވެ.

އަމީތާބް ބައްޗަން އަދި ފިލްމު ޑައިރެކްޓަރު އަޕޫރުވާ--ފޮޓޯ/ބޮލީވުޑްޝާދީސް
އަމީތާބް މުހިއްމު ރޯލްއިން ފެނުނު ފިލްމު "އެކް އަޖްނަބީ"ގެ ޝޫޓިންގްގެ ބޮޑު ބައެއް ބެންގްކޮކްގައި ކުރިއަށްދިޔަ ދުވަސްވަރު އިންޑިއާގައި ނެރޭ ނޫސް މަޖައްލާތައް އަމީތާބު ވައިގެ މަގުން ކޮންމެ ދުވަހަކު ގެންނަ ކަމަށާއި އެ ދުވަހެއްގެ ނޫސްތައް ކިޔާލުމަށްފަހު އެ ނޫސްތައް އަނބުރާ އިންޑިއާއަށް ފޮނުވާ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަޕޫރުވާ ވަނީ ބުނެފައެވެ.
އެ ދުވަސްވަރަކީ މުމްބާއީން ބެންގްކޮކަށް ކޮންމެ ދުވަހަކު ވެސް ފްލައިޓް ދަތުރުތައް ތާވަލުކުރެވިފައި އޮތް ދުވަސްވަރެއް ކަމުން އެ ދުވަހެއްގެ ހެނދުނުގެ ފްލައިޓުން ލިބޭ ނޫސްތައް ކިޔާލުމަށްފަހު އަމީތާބަށް ފާހަގަ ކުރެވޭ މުހިއްމު ކަންކަން ނޫހުގައި ހައިލައިޓް ކުރުމަށްފަހު އަނބުރާ އިންޑިއާއަށް ފޮނުވާ ކަމަށް އަޕޫރުވާ ވަނީ ބުނެފައެވެ.
ނޫސްތައް ކިޔުމަށް ކޮންމެ ދުވަހެއްގެ ވެސް ހެނދުނު އަމީތާބް ބައިގަޑިއެއްހާއިރު ހޭދަކުރާ ކަމަށާއި އެއީ ކޮންމެ ދުވަހަކު ވެސް އެކްޓަރު އާދަވެގެން ކުރާ ކަމެއް ކަމަށް ފިލްމު ޑައިރެކްޓަރު ވަނީ ބުނެފައެވެ.
ނަމަވެސް ޒަމާނަށް އައި ކުރިއެރުމާ އެކު އެކަން މިހާރު ބަދަލުވެފައިވާ ކަމަށާއި އިންޓަނެޓު މެދުވެރިކޮށް ޚަބަރުތައް ކިޔާލަން ލިބުމަކީ ލިބުނު ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށް އަޕޫރުވާ ވަނީ ބުނެފައެވެ.