އެމްއެމްޕީއާރުސީގެ އެމްޑީ ޝިއުރީގެ ނަމުގައި ސްކޭމް ލިންކުތަކެއް ދައުރުކުރަނީ

އެމްއެމްޕީއާރުސީގެ އެމްޑީ އިބްރާހީމް ޝިއުރީ -- ފޮޓޯ/ އިބްރާހީމް ޝިއުރީ، އިންސްޓަގްރާމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީގެ ނަމުގައި ދޮގު ޚަބަރުތަކެއްގެ ފޮޓޯތަކާއެކު ސްކޭމް ލިންކުތަކެއް ދައުރުކުރަމުންދާތީ، އެ ކަމަށް ސަމާލުވާން އެދިއްޖެއެވެ.

ދައުރުކުރަމުންދަނީ ނޫހެއްގެ ސުރުޚީ ފެންނަ ގޮތަށް ނަގާފައިވާ ސްރީންޝޮޓެކެވެ. އޭގައިވަނީ ލައިވް ޓީވީގައި ޝިއުރީ ދެއްކެވި ވާހަކައަކާ ގުޅިގެން މަރުކަޒީ ބޭންކު އެމްއެމްއޭއިން އޭނާއާމެދު ފިޔަވަޅު އެޅި ކަމަށެވެ.

ޝިއުރީއާ ގުޅުވައި ފަތުރަމުންދާ ދޮގު ޕޯސްޓުތައް -- ފޮޓޯ/ އެމްވީ ކްރައިސިސް

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝިއުރީވަނީ ދައުރުވަމުން އަންނަ ދޮގު ޚަބަރާއި ސްކޭމް ލިންކުތަކުގެ ވާހަކަ ސަމާލު ކަމަށް ގެންނަވައިފައެވެ.

އެ ޕޯސްޓުގައި އޭނާ ވިދާޅުވެފައި ވަނީ، ދައުރުކުރުވަމުންދާ ދޮގު ޕޯސްޓުގައި ހިމެނެނީ އޮޅުވާލައިގެން ހަދާފައިވާ ފޮޓޯއެއް ކަމަށެވެ. އަދި އޭނާއަށް ނޭނގި، ޓްރޭޑިން ނުވަތަ ފައިސާ ހޯދުމުގެ ވަސީލަތަކާބެހޭ ގޮތުން އިންޓަވިއުއެއް ދިން ކަމަށް ދޭހަވާ ގޮތަށް ލިޔެފައިވަނީ ދޮގު ސުރުޚީތަކެއް ކަމަށް ޝިއުރީ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ފުރަތަމަ މިކަން ފާހަގަވިއިރު، މި ކަމުގެ ނުރައްކާ ވަޒަން ނުކުރެވުނަސް، ބައެއް ފަރާތްތަކަށް މި ޕޯސްޓުގެ ސަބަބުން އޮޅުން އަރާފައިވާކަން އޭނާއަށް އެނގިފައިވާތީ، މި ކަމަށް ސަމާލުވުމަށް އެދޭކަމަށެވެ.

"މިއީ މަކަރުވެރި ޓްރޭޑިން ޕްލެޓްފޯމެއް ޕްރޮމޯޓުކުރުމަށް ޓަކައި އަޅުގަނޑުގެ ފޮޓޯ ކްލިކް ބެއިޓެއްގެ ގޮތުގައި ބޭނުންކޮށްގެން ހަދާފައިވާ އޮޅުވައިލަނިވި މަސައްކަތެއްކަން ފާހަގަކުރަމެވެ. މި ފަދަ ޕޯސްޓުތަކާމެދު ސަމާލުވުމަށާއި، އެއްވެސް މައުލޫމާތެއް ގަބޫލު ކުރުމުގެ ކުރިން، ނުވަތަ ހިއްސާ ކުރުމުގެ ކުރިން، އިތުބާރުހުރި މަސްދަރުތަކުން އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް އަޅުގަނޑު އާންމުންނަށް ގޮވައިލަމެވެ." ޝިއުރީ ލިޔުއްވާފައިވެއެވެ.

މި ފަދަ މަކަރުވެރި ޕޯސްޓެއް ފެނިއްޖެނަމަ، އެ މައުލޫމާތެއް ފެތުރުން ހުއްޓުވުމަށް ޓަކައި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް އޭނާވަނީ ހިތްވަރު ދެއްވައިފައެވެ

comment ކޮމެންޓް