އިންގްލިޝް ޕްރިމިއާ ލީގު ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލް އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ވިލާއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލްއިންނެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަލާއަށް އިސްކަން ދީގެން ކުޅުނު މަންޒަރެވެ.
މިމެޗު ވެގެންދިޔައީ ވިލާ އާއި ވަރަށް ފަން ލޯން އެއްބަސްވުމެއްގެ ދަށުން ގުޅުނު މާކަސް ރަޝްފަޑް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗަށެވެ. އަދި އޭނާގެ ފަރާތުން މިމެޗުގައި ވަނީ ރަނގަޅު ކުޅުމެއް ވެސް ފެނިގެން ގޮސްފައެވެ.
މިމެޗުގެ ލީޑު އޭނާ ވިލާއަށް ނަގައި ނުދެވި ދިޔައީ ވެސް ކިރިޔާއެވެ. މިގޮތުން މެޗުގެ 17ވަނަ މިނެޓުގައި އޭނާ ނަގައިދިން ހުރަހެއް ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑާއިކް އަތުން ވަނީ ބައިކޮޅަށް ވަދެފައެވެ. ނަމަވެސް ރަޝްފަޑް އޮފް ސައިޑް ވެފައިވުމުން އެލަނޑު ބަލައިގަނެފައެއް ނުވެއެވެ. މިމެޗުގެ ލީޑު މެޗުގެ 29ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑަކާއެކު ނަގައިފާވަނީ ލިވަޕޫލްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހަންމަދު ސަލާހްއެވެ.
މިއީ މިސީޒަންގައި އޭނާ ލީގުގައި ކާމިޔާބު ކުރި 24ވަަނަ ލަނޑެވެ. ނަމަވެސް މި ލަނޑު ޖެހިތާ ނުވަ މިނެޓު ފަހުން ޔޫރީ ޓިއެލެމަންސް ކާމިޔާބު ކޮށްދިން ލަނޑުން ވިލާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި ފުރަތަމަ ލަނޑުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އޮލީ ވޮޓްކިންސް ކާމިޔާބު ކޮށްދިން ލަނޑުން ވިލާއިން މިމެޗުގެ ލީޑު ވެސް ނެގިއެވެ.
މިމެޗުގައި ލިވަޕޫލުން ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 61ވަނަ މިނެޓުގައި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑްއެވެ. މިމެޗުގައި ޑާވިން ނޫނޭޒްއަށް ވަނީ ލިވަޕޫލް މޮޅު ކޮށްދޭނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި ހަމަ އެއާއެކު ވިލާގެ ޖޭކޮބް ރަބްސީ ޖެހި ލަނޑެއް ވަނީ އަނެއްކާވެސް އޮފް ސައިޑް ވުމުގެ ސަބަބުން ބަލައި ނުގެންފައެވެ.
މިމެޗު އެއްވަރު ވުމުން ލިވަޕޫލް މިހާރު އުޅެނީ 26 މެޗުން ލިބިފައިވާ 61 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި މިހާރު މިވަނީ ދެވަނައިގައި އުޅޭ އާސެނަލްގެ މައްޗަށް އަށް ޕޮއިންޓްގެ ލީޑެއްވެސް ނަގައިފައެވެ. ނަމަވެސް މިއަންނަ ހޮނިހިރު ދުވަހު އާސެނަލް ކުޅޭ މެޗު ކާމިޔާބު ކޮށްފި ނަމަ މި ފަރަގު ފަސް ޕޮއިންޓަށް ކުޑަވެގެންދާނެއެވެ.
މިއަންނަ އާދިއްތަ ދުވަހު ލިވަޕޫލް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ މިފަހަރުގެ ލީގުގައި ވަރަށް ހާއްސަ މެޗަކަށް ކަމަށް ގިނަ ބަޔަކު ދެކެއެވެ. މީގެ ސަބަބު ތަކުގެ ތެރޭގައި އެމެޗު ލިވަޕޫލް ކާމިޔާބު ކޮށްފި ނަމަ އެޓީމު ލީޑު ފުޅާވެގެންދާނެއިރު އެމެޗުން ބަލި ވެއްޖެ ނަމަ އާސެނަލްއަށް ލިވަޕޫލާ އަރާ ހަމަ ކުރުމުގެ ފުރުސަތު އިތުރަށް ހުޅުވުން ހިމެނެއެވެ. ރޭގެ މެޗުން ލިބިގެންދިޔަ ޕޮއިންޓާއެކު ވިލާ މިހާރު އުޅެނީ 39 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައެވެ.