އަމިއްލަ ދަނޑުގައި ރޭ ޕީއެސްޖީ ކުޅުނު މެޗު ކާމިޔާބުކޮށްފި

އަމިއްލަ ދަނޑުގައި ރޭ ޕީއެސްޖީ ކުޅުނު މެޗު ކާމިޔާބުކޮށްފި --

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި ޕެރިސް ސެެއިންޓް ޖާމެއިން އާއި ބްރެސްޓްގެ ކުރިމަތިލުން ޕީއެސްޖީއިން ކާމިޔާބު ކޮށް މިމުބާރާތުގެ ފަހު 16 ޓީމުގެ ބުރުން ޖާގަ ކަށަވަރު ކޮށްފިއެވެ.

ޕީއެސްޖީން ޕްލޭ އޮފް ކާމިޔާބު ކޮށްފައިވަނީ 10 ލަނޑު ސުން ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. ފްރެންޗް ލީގު އާންއަށް ނިސްބަތްވާ މިދެޓީމުގެ މެދުގައި ކުޅުނު ޕްލޭ އޮފްގެ ފުރަތަމަ ލެގު ތިން ލަނޑު ސުން ލަނޑުން ޕީއެސްޖީ ރަށުން ބޭރުގައި ކާމިޔާބު ކުރިއިރު ރޭ ކުޅުނު ދެވަނަ ލެގު އަމިއްލަ ދަނޑުގައި އެޓީމުން ކާމިޔާބު ކޮށްފައިވަނީ ފަސޭހަ ކަމާއެކު ހަތް ލަނޑު ސުން ލަނޑުންނެވެ.

މިމެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 20ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޑްލީ ބާކޯލާއެވެ. ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 39ވަނަ މިނެޓުގައި ދާދިފަހުން އެޓީމާއ ގުޅުނު ހަވީޗާ ކްވަރަޓްސްހޭލިއާއެވެ.

މިމެޗުގައި ޕީއެސްޖީން ކާމިޔާބުކުރި އަނެއް ފަސް ލަނޑު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ދެވަނަ ހާފުގައެވެ. މިގޮތުން ތިންވަނަ ލަނޑު މެޗުގެ 59ވަނަ މިނެޓުގައި ވިޓީނިއާ ކާމިޔާބު ކޮށްދިން އިރު ހަތަރުވަނަ ލަނޑު މެޗުގެ 64ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިސާއާ ޑޮއުއެވެ. އަދި މިލަނޑު ޖެހިތާ ފަސް މިނެޓް ފަހުން އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ނޫނޯ މެންޑޭޒްއެވެ. އަދި ފަހު ދެ ލަނޑު މެޗުގެ 76ވަނަ މިނެޓާއި 86ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ގޮންކާލޯ ރާމޯސް އާއި ސެނީ މަޔޫލޫއެވެ.

މިކާމިޔާބީއާއެކު ޕީއެސްޖީއިން ފަހު 16އިން ޖާގަ ހޯދާފައިވާއިރު ޗެމްޕިއަންސް ލީގުގައި މިސީޒަންގައި އަލަށް ވާދަކުރަމުންދިޔަ ބްރެސްޓްގެ މިފަހަރުގެ ދަތުރު މިވަނީ ނިމުމަކަށް އައިސްފައެވެ.

ޕީއެސްޖީގެ އިތުރުން ޕީއެސްވީ އެއިންދުހީވެންވެސް ވަނީ ފަހު 16 އިން ޖާގަ ހޯދައިފައެވެ. އެޓީމުން ފަހު 16 އިން ޖާގަހޯދީ ޔުވެންޓަސް އާއި ޕްލޭ އޮފްގައި ވާދަކޮށް ހަތަރު ލަނޑު ތިން ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.

މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ދެ ލަނޑު އެއް ލަނޑުން ޔޫވޭ ކާމިޔާބު ކުރި ނަމަވެސް ރޭ ޕީއެސްޕީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ޕީއެސްވީ ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ.

ރޭ ކުޅުނު ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެލަނޑު އެއް ލަނޑުން ޕީއެސްވީ ކުރި ހޯދާފައިވުމާއި ގުޅިގެން ނަތީޖާ ނެރެފައިވަނީ 15 މިނެޓުގައި އިތުރު ދެ ހާފު ކުޅެގެންނެވެ. މިގޮތުން ޕީއެސްވީ އެގްރިގޭޓުން ކުރި ހޯދި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 98ވަނަ މިނެޓުގައި ރަޔަން ފްލެމިންގޯއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު