ޕާކިސްތާނުގެ މަޝްހޫރު ބަތަލާ ހާނިއާ އާމިރު އިންޑިއާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ދިލްޖީންތު ދޮސާންޖްގެ ފިލްމު "ސަރުދާރުޖީ 3"އަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ދާދިފަހުން ދިލްޖީންތު ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކުގެ ތެރޭ އިނގިރޭސިވިލާތުގައި ނަގާފައިވާ ބައެއް ފޮޓޯތަކެއް ހިމެނެއެވެ. ހަމަ މި ފޮޓޯތައް ބަތަލާ ހާނިއާ ވެސް ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ދެ މީހުން ވެސް އެއް ތަނެއްގައި ތިބިކަން އެނގުމުގެ ގޮތުން ސޯޝަލްމީޑިއާއަށް ދޫކޮށްލި ފޮޓޯތަކާ އެކު މިއީ އެއް ލޮކޭޝަނެއްގައި ޝޫޓިން ކުރިއަށްދާކަމުގެ ހެއްކެއް ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.
މީގެ ކުރިން ދިލްޖީންތުގެ މިއުޒިކް ޝޯއަކުން ވެސް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޕާކިސްތާނު ބަތަލާ ވަނީ ފެނިފައެވެ. މިއުޒިކް ޝޯގެ ސްޓޭޖުން ދިލްޖީންތާ އެކު ހާނިއާ ފެނުމާ އެކު ވަރަށް ގިނަބަޔަކު ބުނެފައި ވަނީ ދެ މީހުންގެ މިއުޒިކް ވީޑިއޯއަކަށް ނަމަވެސް އިންތިޒާރުކުރާ ކަމަށެވެ. އެހެންކަމުން، މި ފަހަރު ދެ ތަރިން ހިއްސާކުރި ފޮޓޯތަކުގެ ސިއްރަކީ އެކީގައި މަސައްކަތްކުރާ މިއުޒިކް ވީޑިއޯއެއްގައި ހަބަރަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހާނިއާ އިންޑިއާގެ ލަވަކިޔުންތެރިޔާ ދިލްޖީންތުއާ އެކު މިއުޒިކް ޝޯއެއްގައި ބައިވެރިވަނީ--ފޮޓޯ/ޓްރިބިއުންއިންޑިއާ
ޕާކިސްތާނުގެ އިތުރުން އިންޑިއާ އަދި ރާއްޖޭގައި ވެސް ހާނިއާއަކީ ވަރަށް މަގުބޫލު ތަރިއެކެވެ. މަގުބޫލު ޕާކިސްތާނު ޓީވީ ޑްރާމާ މެރޭ ހަމްސަފަރުއިން ބޮޑު މަގުބޫލުކަމެއް ލިބުނު ބަތަލާއަށް ވަނީ އެ އަހަރުގެ ލަކްސް ސްޓައިލް އެވޯޑުގެ އެންމެ މޮޅު ޓީވީ ބަތަލާގެ އެވޯޑު ވެސް ލިބިފައެވެ.
ދިލްޖީންތު ލީޑް ރޯލުން ފެންނާނެ ފިލްމު "ސަރުދާރު ޖީ 3" އަކީ ޕަންޖާބު ހޮރޯ ކޮމެޑީ ފިލްމެކެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވަނީ މި އަހަރުގެ ޖޫން މަހުގެ 27ގައެވެ.