ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީގެ ކުރިމަތިލުން ރެއާލް ކާމިޔާބުކޮށް މިމުބާރާތުގެ ފަހު 16 ޓީމުގެ ބުރުން ޖާގަހޯދައިފިއެވެ.
ރެއާލް އިން ޕްލޭ އޮފް ކާމިޔާބު ކޮށްފައިވަނީ ހަ ލަނޑު ތިން ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ސިޓީގެ ދަނޑުގައި ކުޅެ ތިން ލަނޑު ދެ ލަނޑުން ރެއާލް ކާމިޔާބު ކުރިއިރު ރެއާލްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު އެޓީމު ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ. ރޭ ކުޅުނު ދެވަނަ ލެގުގައި ރެއާލްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދި އެޓީމުގެ މައި ތަރިއަކަށް ވެގެންދިޔައީ ފަރަންސޭސި ފޯވަޑް ކިލިއަން އެމްބާޕޭއެވެ.
މިގޮތުން މިމެޗުގައި އެމްބާޕޭ ވަނީ ސިޓީ ކޮޅަށް ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. ފުރަތަމަ ލެގުގައި ލިބުނު ކާމިޔާބީއާއެކު ރެއާލް އިން މިމެޗު ވެސް ފަށާފައިވަނީ އެހާމެ ފޯރީގައެވެ. މިގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި ރެއާލް އިން ވަނީ މެޗުގެ ލީޑު ނަގާ ސިޓީއަށް އޮތް ޕްރެޝަރު އިތުރު ކޮށްފައެވެ. މިލަނޑު ވެގެންދިޔައީ އެމްބާޕޭ ރޭގެ މެޗުގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑަށެވެ.
މިމެޗަށް ސިޓީއިން ނިކުތީ އެޓީމުގެ ނުރައްކާތެރި ފޯވަޑް އަދި ފުރަތަމަ މެދުގައި ސިޓީގެ ދެ ލަނޑު ކާމިޔާބު ކޮށްދިން އާލިން ހާލަންޑް މުޅިން ފިޓް ނުވާތީ އޭނާ ބެންޗުގައި ބައިންދައިގެންނެވެ. އަދި ހަމަައެއާއެކު ކެޕްޓަން ކެވިން ޑި ބްރުއިނާ ވެސް ފެނިގެންދިޔައީ ބެންޗުންނެވެ. ސިޓީއަށް ދިމާވެފައިވާ އަނިޔާގެ މައްސަލަ ތައް އިތުރަށް ގޯސްވެގެންދިޔައީ ފުރަތަމަ ހާފުގެ ކުރީކޮޅު ތަޖުރިބާކާރު ޑިފެންޑާ ޖޯން ސްޓޯންގެ ފަޔަށް އަނިޔާވެގެން ބާލަން ޖެހުމުންނެވެ.
މިމެޗުގައި އެމްބާޕޭ އޭނާގެ ދެވަނަ ލަނޑު މެޗުގެ 33ވަނަ މިނެޓުގައި ކާމިޔާބު ކުރިއިރު ހެޓްރިކް ފުރިހަމަ ކޮށްފައިވަނީ 61ވަނަ މިނެޓުގައެވެ. މިމެޗުގައި ސިޓީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ދާދި ފަހުން އެޓީމާ ގުޅުނު ނީކޯ ގޮންޒާލޭޒްއެވެ. މިއީ އޭނާ ސިޓީއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
މިކާމިޔާބީއާއެކު ރެއާލް ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފަހު 16 ޓީމުގެ ބުރުން ޖާގަ ހޯދާފައިވާއިރު ސިޓީ މިވަނީ ޗެމްޕިއަންސް ލީގުން ކަޓައިފައެވެ. ރެއާލްގެ އިތުރުން މިދިޔަ ސީޒަންގައި ރެއާލްއާ ދެކޮޅަށް ފައިނަލްގައި ވާދަކުރި ބޮރޫޝިއާ ޑޯޓްމުންޑްވެސް ވަނީ މިމުބާރާތުގެ ފަހު 16 ޓީމުގެ ބުރުން ޖާގަ ހޯދައިފައެވެ.
ޑޯޓްމުންޑް މިބުރުން ޖާގަ ހޯދައިފާވަނީ ޕްލޭ އޮފްގައި ސްޕޯޓިން ލިޒްބަންއާ ބައްދަލުކޮށް ތިން ލަނޑު ސުން ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ސްޕޯޓިންގެ ދަނޑުގައި ކުޅެ ތިން ލަނޑު ސުން ލަނޑުން ޑޯޓްމުންޑް ކާމިޔާބު ކޮށްފައިވާއިރު ރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.