އަންހެނުންގެ ކޮމެޓީތައަށް ރޯދަ އެލަވެންސް ދިނުމަށް ރައީސް، ބިލު ތަސްދީގުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު: އަންހެނުންގެ ކޮމެޓީތައަށް ރޯދަ އެލަވެންސް ދޭ ބިލު ރައީސްވަނީ ތަސްދީގުކުރައްވައިފައި --- ފޮޓޯ/ ރައީސް އޮފީސް

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައީސް ޑރ. މުޙަައްމަދު މުޢިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ އެ ބިލް ފާސްކުރީ 72 މެންބަރުންގެ ވޯޓުންނެވެ.

މި ބިލު ރައީސް ތަސްދީގު ކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރުމުން، މި އިސްލާހަށް މިހާރު އަމަލު ކުރަން ފަށާފައި ވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "ސަން"އަށް ވިދާޅުވީ، މި ބިލު ތަސްދީގު ކުރެއްވުމުން، އަންނަ މަހު ފެށޭ ރޯދަމަހަށް ވެސް ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭނެ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށްރަށުގައިއައި ސިޓީތަކުގައި އިންތިޚާބުކޮށްފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް ގާނޫނުގައި ބަޔާން ކުރުމާއެކު، އެ ކޮމިޓީތައް ބާރުވެރިކުރުވުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

މި އިސްލާހު ގެނައުމުގެ ބިލުގައި ހިމެނޭ މައިގަނޑު ކަންކަމަށް ބަލާއިރު، ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމުގެ އުސޫލުތައް ހިމެނެއެވެ. އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރަމަޟާންމަހުގެ އިނާޔަތް ލިބިނުދެވޭ ކޮންމެ މެންބަރަކަށް، ރަމަޟާންމަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭން ވެސް ބިލުގައިވެއެވެ.

ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެ ކޮމިޓީތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީނު ފަދަ ކަންކަން، ކައުންސިލްތަކުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ހަމަޖައްސައިދިނުމާ ގުޅޭ އުސޫލުތައް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ކައުންސިލުތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާގެ ތެރެއިން، ކޮމިޓީތަކުގެ ހަރަކާތްތައް ހިންގުމަށް އެ ކޮމިޓީތަކަށް ދޭންޖެހޭ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން، އެ ފައިސާ ދޫކުރާނެ ގޮތްތަކާއި، އެ ފަދައިން ދޫކުރާ ފައިސާ، ކޮމިޓީތަކުން ބޭނުން ކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތައް ބަޔާންކުރުމަށްވެސް ވަނީ ހިމަނާފައެވެ.

comment ކޮމެންޓް