ރޯދަމަހު ކުނިއުކާލުމުގެ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިކަމަށް ވެމްކޯއިން ބުނެފިއެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވެމްކޯގެ އެސިސްޓެންޓް މެނޭޖަރު އަހްމަދު ސައީދު ވިދާޅުވީ މިހާރު ކުނި ނަގަނީ ހަވީރު 18:00 ފެށިގެން ކުނި ނަގައި ނިމެންދެން ނުވަތަ، އެވަރެޖުކޮށް 02:00 ޖަހަންދެން ކަމަށެވެ.
ނަމަވެސް، ރޯދަމަހު މާލޭގެ ކުނި ނަގަން ފަށާނީ ރޭގަނޑު 20:30 ފެށިގެން 02:30 އަށް ކަމަށެވެ. ހުޅުމާލެ ގޭބީސީތަކުން ކުނި ނަގަން ފަށާނީ ރޭގަނޑު 20:30 ފެށިގެން ކުނިނަގާ ނިމެންދެނެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ދާނީ ހެނދުނު 09:00 އަކުން ފެށިގެން ހަވީރު 16:30ށެވެ. އަދި 21:00އިން ފެށިގެން 01:00 ޖަހަންދެނެވެ.
ރޯދަމަހު ވެމްކޯގެ ކޯލް ސެންޓަރު ހުޅުވާނީ 09:00 އަކުން 14:00އަށެވެ. އަދި 21:00 އިން 12:00 އަށެވެ.
ބިލްޑިން ސާވިސްތަކުން ކުނި ނަގާނީ 20:30 ފެށިގެންނެވެ. އަދި ވިލިމާލޭގެ ގޭބިސީ ތަކުން ކުނިނެގުމުގެ ޚިދުމަތް ފަށާނީ ވެސް މާލެއެކޭ އެއްފަދައިން 20:30 ގައެވެ.
މި ބަދަލު އަންނަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށާއި ރޯދައިގެ ކުރިން މި ބަދަލުތައް ގެންނަނީ ރައްޔިތުން ވެސް ހޭނި އެ ކަމަށް ފަރިތައްވުމަށް ޓަކައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.