ފޯނު ކަންފަތުގައި ޖައްސާލުމާއެކު، އެކޮޅުން ބުނެލި ވާހަކައިން އޭނާ ހައިރާންވެއްޖެއެވެ.

ޝައުފާއޭ؟ ކޮން އިރަކު؟" އަޒްލަފް ބުނެލިއެވެ.

"އާނ. މަގުމައްޗަށް ވެއްޓުނީ އޭ ބުނީ. ގެނައި އިރު ވެސް ވަރަށް ހުންގަދަ." އެކޮޅުން ވާހަކަ ދެއްކި ނައުފަލް ބުނެލިއެވެ.

"ޑެޑީ... ހިނގާބަ..." އާއިން އައިސް އަޒްލަފްގެ ސޯޓުގައި ހިފާ ދަމަން ފެށުމުން އޭނާ ފޯނު ކަންފަތާ ކުޑަކޮށް ދުރުކޮށްލިއެވެ.

"ވެއިޓް ދަރިފުޅު. މިދަނީ." އާއިންއަށް ޖަވާބު ދީފައި ފޯނު ކަންފަތުގައި ޖައްސާލަމުން، އަޒްލަފް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. "އާނ. އެބަ ހުރިން......"

"މަ ބުނީ ނިދީގަ ވެސް އަޒްލަފްގެ ނަން ނޫނީ އޭނަ ނުކިޔާ." ނައުފަލް ބުންޏެވެ. "އަހަންނަށް ހީވަނީ ވަރަށް ބޮޑުކަމެއް ވެއްޖެހެން."

"އަހަރެން ގޮސްލާނަން. ކޮބާ މިހާރު؟" އަޒްލަފް ޝައުފާގެ ޙާލަތު އޮޅުން ފިލުވިއެވެ.

"ނިދިފަ." ނައުފަލް އެހެން ބުނުމުން އަޒްލަފް ފޯނު ބޭއްވިއެވެ. ޝައުފާއަށް ދިމާވީ ކޮން ކަމެއް ހެއްޔެވެ؟ އެހާ ބައިވަރު ފައިސާ ހޯދަން ގުޅި ސަބަބަކީ ކޮބައި ހެއްޔެވެ؟ މާލޭގައި އޭނާގެ އާއިލާ އިތުރު މީހަކު ނެތްކަން އެނގޭތީ ޝައުފާގެ ޙާލު ބަލަން ދާން އަޒްލަފް ނިންމިއެވެ. އާއިންއަށް ބަލައިލާފައި، ބުނާނެ އެއްޗަކާ މެދު އޭނާ ވިސްނައިލިއެވެ. އަފްނާން ގޭގައި އުޅެތީ ގޮވައިގެން ގެނެސް އާއިން ހަވާލުކޮށްފައި އަޒްލަފް އެންމެ ފުރަތަމަ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ލައިގެން ހުރި ސޯޓާއި ޓީޝާޓް ބަދަލުކޮށްލަމުން، އޭނަ ގޮސް ގެއިން ނުކުމެ ހޮސްޕިޓަލާ ދިމާލަށް މިސްރާބުޖެހިއެވެ.

ޝައުފާ އޮތީ އެމަރޖެންސީ ބައިގައެވެ. އަޒްލަފް ގޮސް ވަނުމާއެކު އެތަނުގައި ހުރި ނައުފަލް އޭނާއަށް އަތުން ހަނާއަޅައިލިއެވެ. ބެޑް ނަންބަރު އޭނާ ބުނީ އަޒްލަފްއަށް އޭނާގެ ގާތަށް އައިސް މަޑުކޮށްލުމުންނެވެ.

ޝުކުރު އަދާކޮށްފައި ގޮސް ފަރުދާތައް އެއްފަރާތްކޮށްލާފައި، އަޒްލަފް ޝައުފާއަށް ބަލައިލިއެވެ.

ނިދިފައި އޮތް ޝައުފާގެ މޫނުމަތިން ޖަހަނީ ބަލި ވައްތަރެވެ. ވަރަށް ބޮޑަށް ރޮއިފައިހުރިކަން ދޭހަކޮށްދެނީ ދެލޯކައިރި ރަތްވެފައި ހުރުމުގެ ސަބަބުންނެވެ. އަޒްލަފްގެ ހިތުގައި ތަފާތު ޝުއޫރުތައް އުތުރި އަރަން ފެށިއެވެ. ޝައުފާއަށް ވީ ކިހިނެއް ހެއްޔެވެ؟ މިހާވަރު ޝައުފާއަށް ވާން ޖެހުނު ސަބަބަކީ ކޮބައި ހެއްޔެވެ؟ މީހަކު ކަމެއް ކުރީ ހެއްޔެވެ؟

ދެފަހަރަކު ކުކުރާލުމަށްފަހު، ލޯ ހުޅުވައިލި ޝައުފާގެ މޫނަށް އެޅުނު އަތްޔާއެކު، ލޮލާ ދިމާލަށް އަތް ހުރަސްކޮށްލެވުނެވެ. އެގޮތުގައި އޭނާއަށް އިރުކޮޅަކު އޮވެވުނެވެ. ލަސް ލަހުން އަތް ދުރުކޮށްލުމާއެކު ލޮލުގައި އަޅައިގަތީ ހުދުކުލައިގެ ސީލިންގެވެ. މަޑުމަޑު ރިހުމެއް އޭރުވެސް ބޮލުގައި ހުއްޓެވެ.

ވަށައިގެން ބަލައިލުމާއެކު އޮވެވުނު ތަން ރޭކާލިއިރު އޭނާއަށް ބަލަހައްޓައިގެން ހުރި އަޒްލަފް ވެސް ލޮލުގައި އަޅައިގަނެއްޖެއެވެ.

"ޝައުފާ؟ އޯކޭތަ މިހާރު؟" އަޒްލަފް އެނދާ ކައިރިއަށް ޖެހިލިއެވެ.

"ހޫމް..." ބަލި ގޮތަކަށް އެހެން ބުނެލާފައި ޝައުފާ ލޯ މަރައިލިއެވެ.

"ކިހިނެއްވީ؟ އެނބުރުން އަރައިގަނެގެންތަ ވެއްޓުނީ؟" އަޒްލަފް ސުވާލުކޮށްލިއެވެ. "ހޮސްޕިޓަލުން އަހަންނަށް ގުޅީމަ މިއައީ..."

"ނޭނގެ ވީ ގޮތެއް. މަގުމަތީގަ ހުއްޓާ މޫނުމައްޗަށް އަނދިރިވީ. ދެން ނޭނގުނު ވީ ގޮތެެއް." ވަރު ދެރަ ގޮތަކަށް ލޯ ހުޅުވާލާފައި ޝައުފާ ޖަވާބު ދިނެވެ.

"އެެއްޗެއް ކައިފިންތަ؟" އަޒްލަފް ޝައުފާގެ މޫނަށް ބަލަމުން ދިޔައީ ކަމެއް ދޭހަކުރަން މަސައްކަތްކުރާ ފަދައަކުންނެވެ. ޝައުފާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ކާ އެއްޗެއް ހިފައިގެން މި އަންނަނީ..." އެހެން ބުނެލާފައި އަޒްލަފް އެނބުރިލި ވަގުތު، މަޑުޖެހެވުނީ ޝައުފާ އޭނާއަށް ގޮވާލުމުންނެވެ.

"އަޒްލަފް..." ނާއުންމީދުވެ ހަދާނެ ގޮތް ހުސްވެފައިވާ އަސަރުތައް ޝައުފާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. "އަހަންނަށް އެހީވެދީބަލަ."

"އަހަންނަށް ކޮށްދެވޭވަރު ކަމެއް ވިއްޔާ ކޮށްދޭނަން." އަޒްލަފް ބުނެލިއެވެ. "ވީ ގޮތް އަހަންނަށް ކިޔައިދީބަލަ........ އަހަރެން ޝައުފާއަށް ކޮންކަމެެއް ކޮށްދޭންވީ؟

"އަހަރެން ބުނީމެއްނު..." ޝައުފާ އިސްޖަހައިލިއެވެ.

"ލާރިތަ؟ އެހާ ބައިވަރު ފައިސާ ޝައުފާ ހޯދާ ސަބަބެއް ވެސް އޮންނާނެއެއްނު. އެވަރު ވެސް ނުބުނެވޭތަ؟" މިފަހަރު އަޒްލަފް ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ. ޝައުފާގެ މޫނުމަތިން ފެންނަ އަސަރުތަކަކީ ދެއްކުންތެރިކަމެއް ނޫނެވެ. މީގެ ކުރިން އޭނާއަށް ނުފެންނަ އެ އަސަރުތަކުން ދޭހަކޮށްދެނީ ހަމަ ހަޤީޤަތުގައި ވެސް ޝައުފާއާ ކޮންމެވެސް ބޮޑު މުސީބާތަކާ ކުރިމަތިވެގެން އުޅޭކަމެވެ.

"އިތުރު ސުވާލެއް ނުކޮށް ލިބިދާނެތަ؟" ޝައުފާ އިސްޖަހަައިލިއެވެ. ފުރަތަމަ ފަހަރަށް އޭނާއަށް ލަދުވެތިކަން އިޙްސާސްކުރެވުނެވެ. "އަހަރެން އެ ލާރި އަނބުރާ އަޒްލަފްއަށް ދޭން ވަޢުދުވަން. އިތުރު އެއްގޮތެއް ވެސް ނެތް."

"ދެން ތިކަމާ ފަހުން ވާހަކަ ދައްކާނީ. ޓޭކް ރެސްޓް" ޝައުފާގެ ވާހަކަތަކުން އަޒްލަފްގެ ހައިރާންކަން އިތުރު ވުން ނޫންކަމެއް ނުވިއެވެ. އެކަމާ އަދިވެސް ވިސްނާލަން ބޭނުންވާތީ، އޭނާ އެތަނުން ދާން ނިންމިއެވެ. "މި އަންނަނީ ކާ އެއްޗެއް ހިފައިގެން."

"ނޫން. އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން.... ކާހިތެއް ނެތް." ޝައުފާ ދެކޮޅު ހެދިއެވެ.

"ކޮންމެވެސް އެއްޗެއް ދެށޭ ޑޮކްޓަރުވެސް ބުނެފި. އެބަ އަންނަން." އަޒްލަފް ބުނެލިއެެވެ.

އަޒްލަފް ދިޔުމުން ޝައުފާ އޭނާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލިއެވެ. ވެގެން އުޅޭ ގޮތް އަޒްލަފްއަށް ކިޔައިދޭނެ ހިތްވަރެއް މިއަދު އޭނާގެ ނެތެވެ. އަޒްލަފް ސުވާލުކުރުމުންވެސް ޖަވާބު ނުދެވެނީ އެހެންވެގެންނެވެ. ހިމޭންކަން އިޚްތިޔާރުކުރެވެނީ ވެސް އެހެންވެގެންނެވެ. އެ ޙާލަތުން އަރައިގަތުމަށް އަޒްލަފް ނޫނީ އެހީއަށް އެދޭނެ މީހެއްވެސް ނެތެވެ. ބުނަން ކިތަންމެ ލަދުވެތިވިޔަސް އެއީ މިއަދު އޭނާގެ މަޖުބޫރީ ޙާލަތެވެ.

ކާއެއްޗެހި ހިފައިގެން އަޒްލަފް އައިސް އެ އެއްޗެހި ދިނުމުން ޝައުފާ އެ އެއްޗެހި ކޮންމެވެސް ވަރަކަށް ކެއެވެ. ނުތަނަވަސްވެފައިވާ ސިކުނޑިއާ އުފެދިފައިވާ ހާސްކަމުގެ ސަބަބުން ކެވުނީވެސް ވަރަށް ކުޑަކޮށެވެ. އޭނާ ކައި ނިމެންދެން އަޒްލަފް އެތަނުގައި މަޑުކުރިއެވެ.

އެމަރޖެންސީއިން ޝައުފާ ވާރޑަށް ޝިފްޓްކުރަން އުޅުމުން އަޒްލަފް އެދުނީ ޕްރައިވެޓް ރޫމަކަށް ޝައުފާ ބަދަލުކުރުމަށެވެ.

"އަހަންނަށް އޯކޭ ވާރޑް ވެސް." ޝައުފާ މިފަހަރުވެސް ދިނީ އަޒްލަފްއަށް އިތުރު ހައިރާންކަމެކެވެ. އޭނާގެ އެ ބަދަލުވެފައިވާ މިޒާޖު މާނަކުރާނެގޮތެއް އަޒްލަފްއަކަށް ހަމަ އެއްގޮތަަކަށްވެސް ނޭނގުނެވެ.

"ނޫނޭ… ވާރޑްގެ އެންމެންނަށްވެސް އަހަރެން އެނގޭނެ. އެހެންވީމަ އެތަނަށް އަހަރެން ގޮސް އުޅޭނަމަ މީހުން ފާޑުފާޑުގެ ވާހަކަ ދައްކަފާނެ." އަޒްލަފް ބުނެލިއެވެ. "އަހަރެން ބޭނުމެއް ނޫން އަހަރެންގެ ޕާސަނަލް ލައިފްގެ އެއްވެސް ކަމެއް އެއްވެސް މީހަކަށް އެނގޭކަށް. އަހަންނަށް އެނގޭ ޝައުފާގެ އާއިލާގެ އިތުރު މީހަކުވެސް ނެތްކަން. އެހެންވީމަ އަހަންނަށްވެސް ޝައުފާގެ ޙާލު ބަލައިލަން ފަސޭހަވާނީ މިހެން ހެދީމަ."

އަޒްލަފް އެހެން ބުނުމުން ޝައުފާ އިތުރު ބަހެއް ނުކީ ނަމަވެސް، އޭނާގެ ހިތުގައި ކުޑަކޮށް ރިއްސައިލިއެވެ.

"އާއިން ކޮބާތަ؟" ޝައުފާ އަޒްލަފްއާ ސުވާލުކުރީ ރޫމަށް އޭނާ ގެންދިޔަފަހުންނެވެ.

"ގޭގަ އެބަ އުޅޭ." އަޒްލަފް ދިނީ ކުރު ޖަވާބެކެވެ. ޝައުފާ ބޯ ޖަހައިލިއެވެ. ވެފައި ހުރި ވަރުބައްޔާއެކު ނިދޭކަށް މާ ގިނަ އިރެއް ނުނެގިއެވެ. މިވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޭނައަށް ހަމަ ނިދިވެސް ނުލިބެއެވެ.

ޝައުފާއަށް ބަލަން ހުރެފައި، އަޒްލަފް އެތަނުން ނުކުންނަން އެނބުރިލިވަގުތު އެއްފަރާތުގައި ހުރި ސައިޑް ޓޭބަލް މަތީގައި އޮތް ޝައުފާގެ ފޯނު ވައިބްރޭޓްވާން ފެށިއެެވެ. ޝައުފާއަށް ބަލައިލުމަށްފަހު އަޒްލަފް، ގޮސް އެ ފޯނު ނެގިއެވެ. ރިންގްވެފައި ކެނޑުނުއިރުވެސް އެ ނަންބަރަށް ބަލަހައްޓައިގެން އަޒްލަފް ހުއްޓެވެ. ދެވަނަ ރިންގާއެކު އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލުމާއެކު އެކޮޅުން ވާހަކަ ދެއްކިއެވެ. އެމީހާ ބުނެލި އެއްޗަކުން، އަޒްލަފްގެ ދެބުމަ ކުޑަކޮށް ގާތްވެލިއެވެ. އޭނާއަށް ނިދިފައި އޮތް ޝައުފާއަށް ވެސް ބަލައިލެވުނެވެ.

"ކިހާވަރެއް ބޭނުންވެގެން ތިއުޅެނީ؟" އެހެން އަހާލާފައި އެކޮޅުން ވާހަކަ ދައްކަންދެން އަޒްލަފް މަޑުކޮށްލިއެވެ. އޭނާ ދެން ވާހަކަ ދެއްކީ އެކޮޅުން ޖަވާބު ދިނުމުންނެވެ. "އަހަރެން މީ ކޮންމެ މީހަކަސް ވަރިހަމައެއްނު. ކިހާވަރެއްހޭ ބޭނުންވެގެން ތިއުޅެނީ؟"

"އަސްލު އަހަރެން ކީ ވިހިހާސް. އެކަމަކު… ތިހެން ފުއްޕީމަ ވިހިހާހުން ނިންމާލާކަށް ބޭނުމެއް ނޫން. ފަންސާސް ހާސް. " އެކޮޅުން ވާހަކަ ދެއްކި ފިރިހެން މީހާ ޖަވާބު ދިނެވެ.

"ފަންސާސް ހާހޭ؟" އަޒްލަފް ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ކިހިނެއްވީ؟ ނެތީތަ؟ ނެތިއްޔާ ބުނޭ ނެތޭ. އޭރުން ދެންވާނެ ގޮތްވެސް އެނގެއެއްނު. " އެމީހާ ނުލަފާ ވައްތަރަކަށް ހިނިގަނޑެއް ޖަހައިލިއެވެ. އަޒްލަފް ވާހަކަ ދެއްކީ އިރުކޮޅަކު ވިސްނަން ހުރެފައެވެ.

"ތި އަދަދު ހަމަކުރަން ކުޑަ ވަގުތުކޮޅެއް ބޭނުން. " ހަޤީގަތުގައި އެ ފައިސާ އެމީހާއަށް ދިނުމަކީ އަޒްލަފްއަށް އެއްވެސް ވަރަކަށް ދަތިކަމެއް ނޫނެވެ. އެހެންނަމަވެސް، އޭނާ ވިސްނުންތެރިކަމާއެކު އެހެން ބުނީ އިތުރު ރޭވުމެއް އެ ހިތު ތެރޭގައި ވާތީއެވެ.

"އެންމެ ލަސްވެގެން މިރޭ އަހަރެން ފައިސާ ބޭނުން." އެ މީހާ ބުނެލިއެވެ.

"މިރޭ؟ އެންމެ ރަނގަޅު." އަޒްލަފް ބުނެލިއެވެ. އެ ފޯނު ކޯލު ބޭއްވުމާއެކު އަޒްލަފްއަށް ބަލައިލެވުނީ ޝައުފާއަށެވެ.

"ޕިސްޕިސް. ޝައުފާ. ކީއްކޮށްގެންތަ ތިއުޅެނީ؟" ނުރުހުންތެރިކަމާއެކު އަޒްލަފް ފުންނޭވާއެއް ދޫކޮށްލިއެވެ. ޝައުފާއަށް އައިސްގެން އެ އުޅޭ ބަދަލުތަކުގެ ހަޤީގަތް އެނގުމުން ޝައުފާއާ މެދު ހިތުގައި ފާޑެއްގެ ފޫހިކަމެއް އުފެދެން ވެސް ފެށިއެވެ. އެހެންނަމަވެސް އޭނާ ޝައުފާއަށް އެހީވާން ނިންމީ އެއީ އޭނާގެ ދަރިފުުޅުގެ މަންމައަށް ވީތީއެވެ. ޝައުފާއަށް ބަލައިލާފައި ނުކުމެ އަޒްލަފް ކޮންމެވެސް މީހަކަށް ގުޅައިލިއެވެ.

އެއަށްފަހު، އޭނާ ދިޔައީ ޝައުފާގެ ފޯނުވެސް ހިފައިގެންނެވެ.

ހަވީރު ވާން އުޅެނިކޮށް ޝައުފާއަށް ހޭލެވުނުއިރު އަޒްލަފްއެއް ނެތެވެ. ހޭލެވުމާއެކު އޭނާއަށް ހޯދައިލެވުނީ ފޯނެވެ. އެއްވެސް ތަނަކު ފޯނެއް ވެސް ފެންނާކަށް ނެތެވެ. އޭރުވެސް ބޮލުގައި ރިހެމުން ދިޔައެވެ. ކުޑަކޮށް ތެދުވެލާ އެނދުގައި އިށީނދެލި ޝައުފާއަށް ދެއަށް މޭގައި ހުރަސްކޮށްލެވުނީ ފިނިވާން ފެށުމުންނެވެ. އޭނާ ބެލްއަޅާލާ ނަރުސް ކުދިންނަށް ގޮވައިލިއެވެ. ލަސްތަކެއްނުވެ ނަރުސް ކުއްޖަކު އައިސް ވަނެވެ.

"ކޮން އިރަކުން ދޫކޮށްލާނީ؟" ޝައުފާ ސުވާލުކުރުމުން ނަރުއްކުއްޖާ ބުނީ، އޭނާ ޑިސްޗާރޖު ކޮށްފިކަމަށާއި އެހެންނަމަވެސް، އަޒްލަފް ބުނުމުން އަދި މަޑުކޮށްލަނީ ކަމުގައެވެ. ނަރުސްކުއްޖާއަށް ޝުކުރު އަދާކޮށްފައި، އޭނާ އެނދުގައި އޮށޯވެލެލިއެވެ. އަދި އަޒްލަފް އަންނާނެ އިރަކަށް އިންތިޒާރުކުރަން ފެށިއެވެ. އެހެން އޮށްވާ އަނެއްކާވެސް ކަރުނަތައް ދެ ކޯތާފަތްމަތިން ތިރިއަށް ރޮނގުދެމިގެން ދާން ފަށައިފިއެވެ.

އަޒްލަފް އައީ ރޭގަނޑު ނުވައެއްޖަހާވެސް ބޮޑުވެފަހުއްޓައެވެ. އަޒްލަފް އައިސް ވަނުމާއެކު، އޭނާގެ ފޯނު ފެނުނުތޯ ޝައުފާ ސުވާލުކުރިއެވެ.

"އަން. މިއޮތީ." ޝައުފާއަށް އޭނާގެ ފޯނު ދިއްކޮށްލަމުން އަޒްލަފް އެ މޫނަށް ބަލައިލި ނަމަވެސް، މޫނުމަތިން އެއްވެސް އަސަރެއް އެވަގުތަކު ފާޅެއް ނުވެއެވެ. "ކައިފިންތަ؟"

"އާނ. ހޮސްޕިޓަލުން ކާއެއްޗެހި ގެނައި.." ފޯނުގައި ހިފަމުން ޝައުވާ ޖަވާބު ދިނެވެ. ޝައުފާ ފޯނު ހުޅުވާލާފައި ކޯލު ލޮގް ބަލައިލިއެވެ. އެއަށް އައިސްފައިހުރި ކޯލުތައް ފެނުމާއެކު އޭނާއަށް، އަޒްލަފްއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. އެހެންނަމަވެސް، ވީ ގޮތް އޮޅުން ފިލުވުމަށް އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ.

"އެއީތަ ޝައުފާ ފައިސާ ބޭނުންވި ކަމަކީ؟" އަޒްލަފް ސުވާލުކޮށްލީ ޝައުފާ އިސްޖަހާލުމުންނެވެ. އަޒްލަފްގެ އެ ސުވާލާއެކުވެސް އިސްއުފުލާލާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

"ކޮން… ކޮންކަމެއް؟" ޝައުފާއަށް ބުނެވުނެވެ. އިސްޖެހިގޮތަށް ފޯނަށް ބަލަހައްޓައިގެން އިންއިރު އޭނާގެ ހިތް ބާރު ބާރަށް ތެޅެން ފަށައިފިއެވެ.

"ހަމަ ރަނގަޅަށް އެނގޭނެ އަހަރެން މި ދައްކަނީ ކޮން ވާހަކައެއްކަން؟" އަޒްލަފް ފުންނޭވާއެއް ދޫކޮށްލިއެވެ. ނުރުހުންވިޔަސް މަޑުން ވާހަކަ ދެއްކޭތޯ އޭނާ މަސައްކަތްކުރިއެވެ. "ހަމަ ނޭނގިގެންތަ ތި އަހަނީ؟"

"ސޮރީ…." ޝައުފާއަށް ހަމައެކަނި ބުނެވުނީ އެހެންނެވެ. ލަދުން ބިންފަޅާފައި އަޑިއަށް ދާނެނަމައޭ އޭނާގެ ހިތަށް އެރިއެވެ.

"ދެން އެމީހުން ޝައުފާއަށް އުނދަގުލެއް ނުކުރާނެ. އެކަންތައް ނިންމާފަ މިއައީ." އަޒްލަފް ބުންޏެވެ.

"ނިންމީއޭ؟ ކިހިނެއް؟ ވިހިހާސް ރުފިޔާ ދިނީތަ؟" ޝައުފާއަށް ސުވާލުކޮށްލެވުނެވެ.

"ވިހި ހާސް ރުފިޔާގެ ޑިމާންޑެއް ނޫނޭ އޭނަ ފަހުން ކުރީ. ފަންސާސް ހާސް…" އަޒްލަފްގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އިސްޖަހާލައިގެން އިން ޝައުފާއާ ވަތްކެއް ނުވެއެވެ.

"ފަންސާސް ހާހޭ؟ އެވަރު ދިނީތަ؟" ޝައުފާއަށް އިސް އުފުލާލާ އަޒްލަފްއާ ހަތަރުކަޅި ހަމަކޮށްލެވުނުއިރު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ. ތުންފަތުގައި ދަތް އަޅާލެވުނީ އަޑު ވީއްލާ ރޮވިދާނެތީއެވެ. އަޒްލަފްއަށް އޭނާ ޝުކުރު އަދާކުރާނީ ކިހިނަކުން ހެއްޔެވެ؟ އޭނާއާ ގުޅުމެއް ނެތްއިރުވެސް އަޒްލަފް އެވަނީ އޭނާގެ އަބުރު ރައްކާތެރިކޮށްދީފައެވެ. ދުނިޔޭގެ ލަދުވެތިކަމުން އޭނާ ސަލާމަތްކޮށްދީފައެވެ. އެހާ މާތް އިންސާނަކާ ދޭތެރޭ އޭނާއަށް ކަންތައް ކުރެވުނީ ހާދަ ގޯސްކޮށެވެ. އެހުރިހާކަމަކަށްފަހު ވެސް އަޒްލަފް އޭނާއަށް އެހީ ވެދީފިއެވެ.

"އެ ފޮޓޯތައް އެމީހާ ޑިލީޓްކުރިތަ؟" ރޮވެން ފެށިނަމަވެސް، ހިތްވަރުކޮށްފައި ޝައުފާ ސުވާލުކޮށްލިއެވެ.

"އެއީ ހުޅުމާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ނަގާފައިހުރި ފޮޓޯތަކެއް ދޯ؟…" އަޒްލަފް ސުވާލުކޮށްލާފައި އިރުކޮޅަކު މަޑުކޮށްލީ ޝައުފާގެ ޖަވާބަކަށެވެ.

"މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެއްނު އެކަމެއް ވީ؟… އަޅެކީއްކުރަންތަ އެކަހަލަ ތަންތަނަށް ދަނީ؟ ހިތުގަ އެއްވެސް ބިރުވެރިކަމެއް ނެތީތަ؟ އެކަކަށް ނޭނގުނަސް ހެއްދެވި ފަރާތް ހުރިހާކަމެއް ވެސް ދެނެވޮޑިގެންވޭ. އަންހެނަކަށް ވެ ހުރެ ލަދެއް ވެސް ނުގަނޭތަ؟" ފުރަތަމަ ފަހަރަށް އެކަމާ ގުޅުވާ ރުޅިއައިސްގެން ވާހަކަ ދައްކަން އަޒްލަފް ފެށިއެވެ. އޭނާ ވަރަށް ކެތްކޮށްފިއެވެ. އެހެންނަމަވެސް، ދެން ނުވާނެއެވެ. ޝައުފާއަށް ޝައުފާގެ ކުށުގެ އިޙްސާސް ކޮށްދޭން އެބަ ޖެހެއެވެ. "ޝައުފާއޭ މީގަ ގޯހީ؟ ފޮޓޯތައް ނެގުމަށްފަހު، ބްލެކްމެއިލްކުރަން ފުރުސަތު ފަހިވީ ޝައުފާގެ ސަބަބުންނޭ. ނަސީބެއް އެ އެއްޗެހި ލީކް ނުވަނީސް އަހަންނަށް އެނގުނުކަން. އެކުވެރި ފުލުހަކަށް ވެސް ގުޅައިގެން އެކަންތައް މި ބެލީ. ނަސީބަކުން އެމީހާ އަތުގެ އެކަނި ކަމަށްވަނީ އެ ހުރިހާ ފޮޓޯއެއް ހުރީ. އެ އެއްޗެހި މިހާރު ޑިލީޓްކޮށްފިން…. އެކަމާ ދެން ހާސްވާނެކަމެއް ނެތް. އެކަމަކު ވިސްނާލަބަލަ........ އަހަންނާ އިނދެގެން ހުރެވެސް ކިތަށް މީހުންނާއެކު ޝައުފާ ގުޅުން ބޭއްވިން. ކިތަށް މީހުންނާ ވާހަކަ ދެއްކިން. ކިހާ ދޮގެއް އަހަންނަށް ހެދިން. ކިތަށް ފަހަރު އަހަރެން ނަސޭހަތްދިނިން. އެކަމަކު އެ އަޑު އެއްފަހަރުވެސް ޝައުފާ އެހިންތަ؟ "

އަޒްލަފް ހީވަނީ ހިތުގެ ހުރިހާ އުދާސްކަމެއް ބޭރުކޮށްލަން ބޭނުންވެފައި ހުރިހެންނެވެ. ޝައުފާ އަނެއްކާވެސް މާފަށް އެދުނެވެ. އޭރު އޭނާއަށް ރޮވެނީއެވެ.

"އަހަންނަށް އަސްލުވެސް ހަދާނެގޮތް ހުސްވީ. އޭނަ ބުނީ ފުލުހަށް ދިޔަޔަސް އިތުރު މީހެއް ކައިރީ ބުންޏަސް މަރާލާނަމޭ. އަހަރެންގެ އަތުގަ ހުރިއްޔާ ހުރި ފައިސާއެއް އޭނާއަށް ދިނިން. އެވަރުންވެސް… " ޝައުފާ ކަރުނަތައް ފުހެލަމުން ހަމަޖެހެން މަސައްކަތްކުރިއެވެ.

"މިހާރު ވިސްނިއްޖެ ދޯ. ކޮންމެ ފަހަރަކު އެހުރިހާކަމެއް ސިއްރުވާތީއެއްނު ޝައުފާ އެގޮތަށް އުޅުނީ. އެކަމަކު ކަމެއް ވާނީ ބުނެފައެއް ނޫން. އެއްފަހަރު ވާނީ. ފޮޓޯތައް ލީކް ވިނަމަ ޝޯޝަލް މީޑިޔާގައި މުޅި އުމުރަށް އެ އެއްޗެހި ދައުރުވާނެ. އާއިންއާ ދޭތެރޭ ވެސް ވިސްނައެއް ނުލަންތަ؟ އާއިން ކުޑަކަންވެސް އެއީ ނަސީބެއް ކަންނޭނގެ. އަހަރެން މިފަހަރުވެސް ޝައުފާ މި ސަލާމަތްކޮށްދިނީ ތީ އާއިންގެ މަންމައަށް ވީމަ. އެކަމަކު އަބަދަކު އަހަންނެއްވެސް ނުހުންނާނެ. އެހެންވީމަ، ހެޔޮނުވާނެ ތި އުޅުން ދޫކޮށްލާ." އަޒްލަފް ޝައުފާއަށް ފަސްދީ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު