ދިވެހި ސަޤާފަތް ދިރުވައި އާލާ ކުރުމުގެ ގޮތުން ދިވެހި ބޮޑުބެރަށް އަމާޒުކޮށްގެން ޚާއްސަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމު ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އެ ކޯޕަރޭޝަނުން ބާއްވާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު"ގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
ބީސީސީއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތާކީ ދިވެހީންގެ ތެރޭގައި، ހާއްސަކޮށް ޒުވާނުންގެ ތެރޭގައި ދިވެހި ސަގާފަތް އާލާކުރުމުގެ ބޭނުމުގައި ބާއްވާ މުބާރާތެކެވެ. އޭގެއިތުރުން ބޮޑުބެރަށް އޮންނަ ލޯބި ވަރުގަދަކޮށް އެކަމަށް ވާދަވެރިކަން އިތުރު ކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ ފަހަތުގައިވާ ސަބަބެއް ކަމުގައި ބީސީސީއިން ބުނެއެވެ.
ތަފާތު އެކި ގްރޫޕުތަކުން ބައިވެރިވެވޭ މި މުބާރާތުގައި ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީސީސީއިން ބުނެއެވެ. މައުރަޒުގެ ތެރެއިން ބޮޑުބެރުގެ މުބާރާތަކީ މައިގަނޑު އިވެންޓުތަކުގެ ތެރޭގައި ހިމެނޭނެ އެއް އިވެންޓެވެ.
މި މުބާރާތަށް ތައްޔާރުވުމަށް ވަގުތު އޮތް އިރު މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ހުށަހެޅުމަށް ބީސީސީއިން ބާރުއަޅައެވެ.
މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު މި މުބާރާތް ކުރިއަށްދާނީ މައުރަޒު ކުރިއަށްދާ ދުވަސްވަރުގައެވެ. މި މައުރަޒު ކުރިއަށްދާނީ މެއި މަހުގެ 23 އިން 31ގެ ނިޔަލަށެވެ. މި މައުރަޒުގައި ދިވެހީންގެ އުފެއްދުންތެރިކަމުގެ ހުނަރުތައް ދައްކާލުމަށް 15 ދާއިރާއަކުން ކުރިމަތިލެވޭނެއެވެ.
ރާއްޖޭގައި ބޮޑުބެރަކީ ވަރަށް މަގުބޫލު ސަގާފީ ހަރަކާތެކެވެ. އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި ބޮޑުބެރަށް އޮތް މަގުބޫލުކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް އަންހެނުންގެ މެދުގައެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އަންހެން ބޮޑުބެރު ގްރޫޕުތައް ވެސް ވަނީ ފެނިގެން ގޮސްފައެވެ.