ރާއްޖޭގައި ހިންގަން ޖެހޭ ކޯސްތަކެއް ބޭރުގައި ހިންގަނީ؛ އެމްކިއުއޭއިން ސަނަދު ބަލައިނުގަންނާނެ

އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު: ރާއްޖެއިން ހުއްދަ ދީފައިވާ ކޯސްތަކެއް ބޭރުގައި ހިންގާ ކަމަށާއި އެ ކޯސްތަކުގެ ސަނަދު ބަލައިނުގަންނާނެ ކަމަށް އެމްކިއުއޭއިން ބުނޭ -- ފޮޓޯ/ އެމްކިއުއޭ

ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ހުއްދަ ދީފައިވާ ކޯސްތަކެއް، ރާއްޖެއިން ބޭރުގައި ހިންގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ކޯސްތަކުން ދޭ ސަނަދުތައް ބަލައިނުގަންނާނެ ކަމަށް އެމްކިއުއޭއިން މިއަދު ބުނެފިއެވެ.

އެމްކިއުއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ބައެއް މަރުކަޒުތަކުން، ރާއްޖެއިން ބޭރުގައި އިޝްތިހާރުކޮށް، ހިންގައި، ސަނަދު ދީފައިވާ ކަމުގެ މައުލޫމާތު ރާއްޖެއިން ބޭރުގެ ކަމާބެހޭ ބައެއް އިދާރާތަކުން ހިއްސާކޮށްފައިވާ ކަމަށެވެ. އެ ޕްރޮގްރާމްތައް ހިންގާފައިވަނީ އެ އޮތޯރިޓީން ގަބޫލުނުކުރާ ރާއްޖެއިން ބޭރުގެ މަރުކަޒުތަކުގައިކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެމްކިއުއޭއިން ބުންޏެވެ.

އެމްކިއުއޭއިން މަތީ ތައުލީމުދޭ މަރުކަޒުތަކަށް ޕްރޮގްރާމް އެކްރެޑިޓޭޝަން ހުއްދަ ދީފައިވަނީ ރާއްޖޭގައި ހިންގުމަށް ކަމަށާއި އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އޮތޯރިޓީގެ ހުއްދައާ ނުލައި ރާއްޖެއިން ބޭރުގައި ހިންގާ ދަރިވަރުންނަށް ދެވޭ ސަނަދު އެ އޮތޯރިޓީން ގަބޫލުނުކުރާނެކަން އެމްކިއުއޭއިން ފާހަގަކުރިއެވެ.

މީގެ އިތުރުން އެމްކިއުއޭއިން ހުއްދަ ދީފައިވާ ގޮތާ ޚިލާފަށް ސަނަދު ދިނުމުގެ ސަބަބުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ގިނަ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާކަން އެ އޮތޯރިޓީން ފާހަގަކުރިއެވެ. އެ ގެއްލުމުގެ ޒިންމާ އެ އޮތޯރިޓީއަށް ނުނެގޭނެ ކަމަށާއި އެހެންވެ، ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ގޮތާ އެއްގޮތަށް ހިންގުމަށް އެމްކިއުއޭއިން އިލްތިމާސްކުރިއެވެ.

މީގެ އިތުރުން މަތީ ތައުލީމުދޭ މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި ޕްރޮގްރާމްތައް ހިންގުމަކީ ރާއްޖޭގެ މަތީ ތައުލީމަށް ލިބޭ ކުރިއެރުމަށް ކަމަށް އެ އޮތޯރިޓީން ދެކޭ ކަމަށާއި، އެކަމާ ގުޅުންހުރި އުސޫލެއް އެކުލަވާލައި އާންމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްކިއުއޭއިން ބުންޏެވެ.

comment ކޮމެންޓް