ރާއްޖޭގައި ޕްރިންޓިން، ސްޓޭޝަނަރީ އަދި އޮފީސް ސާމާނު ފޯރުކޮށްދިނުމުގައި ވަރަށް ފުޅާ ދައުރެއް އަދާކުރާ ކުންފުންޏެއް ކަމުގައިވާ އެމް-7 ގްރޫޕުން އެ ކުންފުނީގެ އައު ޝޯރޫމެއް މިއަދު ހުޅުވައިފިއެވެ.
މިއަދު ހެނދުނު އޮތް ހަފްލާއެއްގައި މާލޭ ނިކަގަސް ހިނގުމުގައި ހުންނަ މި ޝޯރޫމް ހުޅުވައިދެއްވީ ވިލާ ކޮލެޖްގެ ރެކްޓާ ޑރ. އަޙްމަދު އަންވަރެވެ.
އެއާއެކު ހަފްލާގައި ވާހަކަދައްކަވަމުން އަންވަރު ވަނީ ރާއްޖޭގައި ތަޢުލީމާއި ވިޔަފާރި ކުރިއެރުވުމަށް އެމް-7 އިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_17398684227skFi.jpg)
ނިކަގަސް ހިނގުމުގައި ހުޅުވި އެމް-7ގެ އައު ޝޯރޫމް ---
"އެމް-7 ގެ ދެމެހެއްޓެނިވި ކުރިއެރުމާއި އިޚްލާސްތެރިކަން އަޅުގަނޑަށް ވަނީ ފާހަގަވެފައި. މި ފަދަ ވިޔަފާރީގެ އުކުޅުތައް ދަސްކޮށް، ކުރާ މަސައްކަތްތަކަށް އުފެއްދުންތެރިކަން ގެނައުމަކީ މިއަދުގެ އައު ޖީލަށް ވަރަށް މުހިންމު ކަމެއް. ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، މައިގަނޑު އުސޫލުތަކަށް ތެދުވެރިވެ ހުރެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެމް-7 އިން އަބަދު ވެސް މަސައްކަތްކުރޭ،" ޑރ. އަޙްމަދު އަންވަރު
އެމް-7ގެ މި ބުކް ސްޓޯރުން ތަޢުލީމީ މުއައްސަސާތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ އެކި ބާވަތުގެ ސްޓޭޝަނަރީ ލިބޭއިރު ނާސަރީން ފެށިގެން ޔުނިވާސިޓީ ފެންވަރުގެ ދަރިވަރުންނަށް ބޭނުންވާ ތަކެއްޗާއި ކޯޕަރޭޓް އޮފީސްތަކަށް ބޭނުންވާ އަސާސީ ތަކެތި ވެސް އެ ތަނުން ފޯރުކޮށްދެއެވެ.
ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ފޮތްލިސްޓް ފަދަ ތަކެތީގެ ޑެލިވަރީގެ ޚިދުމަތް ވެސް އެމް-7 އިން މިހާރު ވަނީ ދޭން ފަށައިފައެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173986848431dEDC.jpg)
މީގެ އިތުރުން، ރާއްޖޭގެ ކޮންމެ ރަށަކަށް ތަކެތި ވާސިލު ކޮށްދިނުމަށް ޓަކައި "އެމް-7 ރަށު އޭޖެންޓް" ނެޓްވޯކް މެދުވެރިކޮށް އެމް-7 ގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ލިބިގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން އެމް-7ގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ އެމް-7 އިން އިސްކަންދެނީ ފެންވަރު ރަނގަޅު ތަކެތި ފޯރުކޮށްދިނުމަށާއި، އިތުބާރާއި ޔަގީންކަން ދަމަހައްޓައި، ފަސޭހަ އަވަސް ޚިދުމަތެއް ދިނުމަށް ކަމަށެވެ.
އަދި އެމް-7ގެ ޝިޢާރު ކަމުގައިވާ 'ސިމްޕްލިފައިން ސޮލިއުޝަންސް' އިން ދޭހަކޮށްދެނީ ކަސްޓަމަރުންގެ ހާސްތަކާއި، ބޭނުންތަކަށް ހައްލު ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.
ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަކެތިން އަވަހަށް ޚިދުމަތް ދިނުމަކީ އަޅުގަނޑުމެންގެ އަޒުމު. ދަރިވަރުންނާއި މުދައްރިސުންނަށާއި ވަފާތެރި ކަސްޓަމަރުންނަށް، އެ ބޭފުޅުންގެ ދެމެހެއްޓެނިވި އެހީތެރިކަމަށް ޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަބްދުއްސައްތާރު
އެމް-7ގެ އައު ޝޯރޫމް ހުޅުވުން ފާހަގަކުރުމުގެ ގޮތުން އަންނަ ތައުލީމީ އާ އަހަރާއެކު ލަކީޑްރޯއެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އެމް-7އިން ވަނީ ބުނެފައެވެ.
ކަސްޓަމަރުންނަށް އާ ޝޯރޫމަށް ޒިޔާރަތްކޮށް، އެ ތަނުގައި ހުރި ތަފާތު އެކި ބާވަތުގެ ތަކެތި ބަލައި، ލޯޔަލިޓީ ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ.