"ދެން ހަދާނީ ޕްރޮޕޯސަލް" ޔަލްވީ މަޖާވެގެން ހީގަތެވެ.

"ޕްރޮޕޯސްކުރަނީ ލައިފްއަށް މީހަކު ގެންނަން... އަހަރެން ބޭނުން އަހަރެމެން ދެމީހުންގެ ލައިފްއަށް މީހަކު ގެންނަން.. އުހުނ، މީހެއް ނޫން... ކުޑަކުޑަ ލޯބިލޯބި ފުރާނައެއް... މިކުއްޖާއަށް އެކަން ކުރެވޭނީ" ރަޔާން ޔަލްވީއާއި ގާތްވެލިއެވެ.

********

"އަދިވެސް ނޭނގުނުތަ، ބުނި އެއްޗެއް؟" ރަޔާން ޔަލްވީގެ ނޭފަތުގައި ހިފައިލިއެވެ. މަޑުމަޑުން ފިތައިލިއެވެ.

އޭރު ޔަލްވީ ހުރީ ރަޔާން ދެއްކި ވާހަކައިން ލަދުގަނެފައެވެ. ރަޔާން ދެއްކީ ދަރިއަކު ހޯދާ ވާހަކައެވެ. ޔަލްވީވެސް ދަރިއަކު ބޭނުންވެއެވެ. އެކަމަކު، ދަރިއަކު ބެލުމުގެ ގާބިލުކަން ޔަލްވީގެ ކިބައިގައި އެބަހުރި ހެއްޔެވެ؟ ޔަލްވީއަށް އަމިއްލަ ނަފުސާއިމެދު ޔަގީންކަމެއް ނެތެވެ.

"ކިހިނެއްވީ؟" ޔަލްވީ އިސްޖަހައިލުމުން، ރަޔާން ކުޑަކޮށް ގުދުވެލާފައި ޔަލްވީގެ މޫނަށް ބަލައިލިއެވެ.

ޔަލްވީ ހުރީ ފެންކަޅިވެފައެވެ. ރަޔާން ބަލައިލުމުން، ދެފަރާތަށް ބޯ ހޫރައިލިއެވެ. ކަރުނަތައް ހިންދައިލަން އުޅުނަސް، ޔަލްވީގެ ދެލޯ އިޖާބައެއް ނުދިނެވެ. އިހުތިޔާރެއްނެތި ޔަލްވީގެ ދެ ކޯތާފަތް ތެންމައިލިއެވެ. ރޮވުނީ ކީއްވެކަމެއް ހުދު ޔަލްވީއަށްވެސް ނޭނގުނެވެ.

"ގޯސް ވާހަކައެއް ބުނެވުނީތަ؟" ރަޔާން ހާސްވިއެވެ.

"އަހަރެން ކަހަލަ މީހަކު ކިހިނެއް ދަރިއަކު..." ޔަލްވީއަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.

"މިކަހަލަ ލޯބި މަންމައެއް ކީއްވެ ހާސްވަނީ.." ރަޔާން މަސައްކަތްކުރީ ޔަލްވީ ހެއްވައިލާށެވެ. އެކަން ކާމިޔާބުވިއެވެ. ކަރުނައިގެ ތެރެއިން ޔަލްވީ ހިނިތުންވެލިއެވެ.

"ޔާލްއަށް އެއްވެސް ކަމެއް ނުވާނެއޭ ހިތަށް ނާރުވައްޗޭ!" ޔަލްވީ ހިނިތުންވެލުމުން ރަޔާން މަސައްކަތްކުރީ ވިސްނައިދޭށެވެ. "ޔާލް ހީކުރިންތަ ދުވަހަކުވެސް އަމިއްލައަށް އެއްވެސް އެއްޗެއް ކެއްކޭނެއޭ؟ ގޭތެރޭގެ މަސައްކަތްތައް ކުރެވޭނެއޭ؟"

ޔަލްވީ ބޯ ހޫރައިލިއެވެ.

"މިހާރު ތިކުރަނީ އަމިއްލައަކަށްނު.. ކޮންމެ ކަމެއްވެސް ކުރަންފެށީމަ ދަސްވާނެ.. އެނގޭ ބިރުގަންނާނެކަން.. އެކަމަކު، ދުވަސްކޮޅަކުން ބިރުވެސް ފިލާނެ.. އަހަރެން ހުއްޓާ، ހާސްނުވައްޗޭ!" ފަހު ޖުމުލަ ބުނިއިރު ރަޔާންގެ އަޑަށް ލާނެތްކަން ގެނުވިއެވެ.

********

ކޮށިގަނޑަށް ހާޒިރު ކުރެވިފައިވާ ކުށްވެރިއެއްހެން އަމީރާގެ ކުރިމަތީގައި އަފްސަމް އިސްޖެހިފައި ހުއްޓެވެ. ލިމްޔާ ހާސްނުވާށޭ ބުންޏަސް، އޭނާ ހަމަޖެހޭނީ ކިހިނެއް ހެއްޔެވެ؟ ކުރިމަތީގައި ހުރީ ގާޒީއެއްނަމަ، ފަސްޖެހުމެއްނެތި އަފްސަމަށް ކޮންމެ ވާހަކައެއްވެސް ދެއްކުނީހެވެ. އަފްސަމްގެ ދުލުގައި ވަނީ ކަސްތޮޅު އެޅިފައެވެ. ހަމައެކަނި އަމީރާގެ ކުރިމަތީގައެވެ. އަފްސަމަށް ވާހަކަ ދެއްކޭ ގޮތަކުން އަމީރާ ނުރުހިދާނެއެވެ. ދެމީހުންގެ ގުޅުމަށް ހުރަސްއަޅާފާނެއެވެ. ލިމްޔާއާއި ބައްދަލުކުރުން މަނާކޮށްފާނެއެވެ. އޭރުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟

"ކޮބާ އަފްސަމްގެ މަގްސަދަކީ؟" އަމީރާގެ އަޑުގައި ހަރުކަށި ގޮތެއް ހުއްޓެވެ.

"އޭނ؟" އަފްސަމް އިސްއުފުލާލާފައި އަމީރާގެ މޫނަށް ބަލައިލިއެވެ.

އެހާ ހަރުކަށި ރާގަކަށް އަމީރާ ދުވަހަކުވެސް އަފްސަމާއި ވާހަކަ ދައްކާފައެއް ނުވެއެވެ. އަމީރާއަށް ބަލައިލިހާ އަވަހަށް އަފްސަމް އިސްޖެހިއެވެ. އަމީރާއާއި ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް އެނާގެ ގަޔަކު ނެތެވެ.

ލިމްޔާ މަޑުމަޑުން އަމީރާގެ އަތުގައި ހިފައިލިއެވެ. މާބޮޑުވަރު ނުކުރުމަށް އެދުނީ ލޮލުގެ އިޝާރާތުންނެވެ. ހަރުކަށި ރާގަކަށް ވާހަކަދެއްކިޔަސް، އަމީރާ ހުރީ ރުޅި އައިސްފައި ނޫންކަން އެނގޭ ހަމައެކަނި މީހަކީ ލިމްޔާއެވެ.

"ކޮބާހޭ އަހަރެންގެ ދަރިފުޅާ އެގޮތަށް ވާހަކަ ދެއްކުމުގެ މަގުސަދަކީ؟" އަމީރާ އޭނާގެ ސުވާލު ތަކުރާރު ކުރިއެވެ.

"އަޅުގަނޑު.. ލިމްޔާދެކެ... ލޯބި..." އަފްސަމަށް ބުނެވުނީ އެހިސާބަށެވެ.

"ހޫމްމް.. ލޯބި ދޯ.. ލޯބި ވެވިދާނެ ވަރަށް ފަސޭހައިންވެސް" ކުރިން ވާހަކަ ދެއްކި ރާގުގައި އަމީރާ ބުނެލިއެވެ.

"މަންމާ!" ލިމްޔާ ގޮވައިލީ ހަމައެކަނި އަމީރާއަށް އިވޭ ވަރަށެވެ. އަމީރާ ލިމްޔާއަށް ބަލައިލާފައި އަތުގެ އިޝާރާތުން ހަމަޖެހިގެން އޮތުމަށް އެދުނެވެ.

"ލޯބި ވެވިދާނެ... އެކަމަކު، ކައިވެންޏެއް ނުދެމެހެއްޓޭނެ ފަސޭހައަކުން... ލިމްޔާއާ ކައިވެނި ކުރަންތަ ވިސްނަނީ؟" އަމީރާ އަހައިލިއެވެ.

"ލައްބަ.. ލައްބަ" އަފްސަމަށް ހިތްވަރު ލިބުނީ އަމީރާގެ ރާގު ބަދަލުވިހެން ހީވުމުންނެވެ.

"އެންމެ ރަނގަޅު... ތިކަން ލަސްނުކުރާތި! އަހަރެން ބޭނުމެއް ނޫން ލޯބިވެގެން މާގިނަ ދުވަހު އެއްކޮށް އުޅޭކަށް.. އޭރުން ކުރެވޭނީ ފާފަ.. އަވަހަށް ކައިވެނި ކުރަން ވިސްނަންޏާ، އަހަރެން ތިކައިވެންޏާ ގަބޫލު" އަމީރާ ފަހުބަސް އިއްވިއެވެ.

"ލައްބަ ލައްބަ! ކައިވެނި ލަސްކުރާކަށް އަޅުގަނޑުވެސް ބޭނުމެއް ނޫން... ތޭންކްޔޫ މަންމާ!" އަފްސަމަށް ލިބުނު އުފަލުގައި ކުޑަކޮށް ފުންމައިލެވުނެވެ.

އަމީރާއަށް އެމަންޒަރު ފެނުމުން، ލިމްޔާއަށް ބަލައިލާފައި މޫނަށް ވައްތަރެއް ޖައްސައިލިއެވެ. އޭރު އަމީރާއަށްވެސް ހިނިތުންވެލެވިއްޖެއެވެ.

"ކައިވެންޏަށް ވަލީދޭނީ ލިމްޔާގެ ބައްޕަ.. އެހެންވީމަ، އަހަރެން އެކަނި ހުއްދަ ދީގެން ތިގުޅުން ކުރިއަކަށް ނުގެންދެވޭނެ! މުސްތަފާގެ ހުއްދަ ލިބިގެން ނޫންގޮތަކަށް، ލިމްޔާއާ ބައްދަލުނުކުރާތި!" އަފްސަމް އުފާވެގެން އުޅެން ފެށުމުން، އަމީރާ ބުނެލިއެވެ. "އަދި އެއް ވާހަކަ... ކައިވެނީގެ ކުރިން އަހަންނަށް މަންމަ ނުކިޔާތި!"

އަފްސަމް ވަގުތުން ހިމޭންވިއެވެ. ކުރިން ހުރިހެން އިސްޖަހައިލިއެވެ. އަމީރާ ހުރީ އެތެރެއިން ހިނިގަނޑު ފަޅައިގެންދާން ކައިރިވެފައެވެ. އަފްސަމް ދިޔުމުން، އަމީރާއަށް ހެވުނެވެ. ހީހީ ލިމްޔާގެ ދެލޮލުންވެސް ފެން އައެވެ. އަމީރާގެ އެ ސިފަ ލިމްޔާއަށް ފެނުނީ އަލަށެވެ. މަންމަގެ ގާތްކަން ލިބުމުން އިސާހިތަކު ލިމްޔާގެ ދެލޯ ފެންކަޅިވިއެވެ.

"ދަރިފުޅުގެ ހޮވުން ރަނގަޅު.. މަންމަ ވަރަށް ހިތްހަމަޖެހޭ އަފްސަމްއާ ދަރިފުޅު ކައިވެނިކުރަން... ބައްޕަވެސް ތިކައިވެންޏަށް ނުގަބޫލެއް ނުވާނެ!" އަމީރާ ލިމްޔާގެ ބޮލުގައި ފިރުމައިލިއެވެ.

********

ހުރި ހަމައެކަނި ފިރެހެން ދަރިފުޅާއި ފިރިމީހާ ޖަލަށްލުމާއިއެކު ސިތާރާގެ ދުނިޔެ އެފުށްމިފުށަށް ޖެހިގެން ދިޔައެވެ. ސިއްހީމަރުކަޒުގައި މަސައްކަތް ކުރަމުން ސިތާރާގެ ފިރިމީހާ ވަނީ ނަވީންއަށް އެއްބާރުލުންދީ ރަޔާނަށް ގެއްލުންދޭން މަސައްކަތް ކޮށްފައެވެ. ތަހުގީގަށް އެކަން ސާބިތުވީ ނަވީންއާއިއެކު މަސައްކަތްކުރި މީހެއްގެ ހެކިބަހުންނެވެ. މަގާމުގެ ބޭނުމުގައި ފިރިމީހާ އާއި ދަރިފުޅު އެފަދަ ވިޔާނުދާ ކަމެއް ކޮށްފާނެ ކަމަށް ސިތާރާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. ރަޔާނާއިމެދު ހަސަދަވެރިކަން އޮތްނަމަވެސް، ސިތާރާއަކީ މީހަކަށް އެފަދަ ގެއްލުމެއް ދޭނެ މީހެއް ނޫނެވެ. އެފަދަ ކަމެއް އޭނާގެ އާއިލާއިން ކުރުމަށް ހިތްވަރުދޭނެ މީހެއްވެސް ނުމެ ނޫންމެއެވެ. ވީއިރު، އާއިލާގެ ތެރެއިން އެފަދަ ކަމެއް ކުރާނެކަމަށް އޭނާ ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް ހަގީގަތް އޮތީ ހާމަވެ ނިމިފައެވެ. ދެމީހުންވެސް އަމިއްލަ ކުށަށް އިޢުތިރާފުވުމުން އެހިތި ހަގީގަތް ގަބޫލުކުރަން އޭނާއަށް މަޖުބޫރުވިއެވެ.

މީހުން ކިޔަމުން ދިޔަ އެއްޗެހި އަޑުއަހަން ސިތާރާއަކަށް ކެތެއް ނުކުރެވުނެވެ. ގެއިން ނުކުތުން މުޅީންހެން ހުއްޓައިލިއެވެ. އެހުރިހާ ދުވަހު ރިޕޯޓަރެއްހެން މީހުންގެ ވާހަކަ ހިފައިގެން އެހެން މީހުންގެ ކައިރީ ދައްކަމުންދިޔަ ސިތާރާއަށް މިއަދު އެހެން މީހުންގެ ކުރިމަތީގައި އިސްއުފުލާ ބަލާލަންވެސް ނުކެރެއެވެ. މީހުންގެ ފުރައްސާރަ އާއި މަލާމާތް ރައްދުވުމުން ކުރެވޭ އިހުސާސް މިއަދު އޭނާއަށް އެނގިއްޖެއެވެ. ސިތާރާގެ ސަބަބުން އެތައް ބަޔަކު ވަނީ ވޭން ތަހަންމަލް ކޮށްފައެވެ.

ލިމްޔާ އާއި އަފްސަމްގެ ކައިވެނި ހަމަޖެހުނެވެ. ރަސްމީކޮށް ކައިވެނި ކުރެވޭނެ ދުވަސް އިއުލާން ކުރިއެވެ. ޔަލްވީގެ މައިންބަފައިންނާއި ބައްދަލުކޮށްލުމަށް މާލެދާން ރަޔާން އާއި ޔަލްވީ މަޝްވަރާކޮށްފައި އޮތަސް، މާލެދިޔުން ލަސްކޮށްލުމަށް ނިންމިއެވެ. އަފްސަމްއަކީ ރަޔާންގެ ދެމަފިރިންނަށް މުހިއްމު މީހެކެވެ.

ޔަލްވީގެ ދިރިއުޅުން ކުރިއެރުވުމަށް އަފްސަމްގެ ފަރާތުން ލިބުނު އެހީތެރިކަން ޔަލްވީ ހަނދާންނައްތައެއް ނުލައެވެ. އަނެއްކޮޅުން އަފްސަމްގެ ކައިވެނި ކުރެވޭ ދުވަހު ރަޔާންއަށް ވަރަށް ހާއްސަ ސަޕްރައިޒްއެއް ދިނުމަށް ޔަލްވީ ދިޔައީ ތައްޔާރުވަމުންނެވެ.

********

އަފްސަމް އާއި ލިމްޔާގެ ކައިވެނީގެ ހަފުލާއަށް ވާންޖެހޭ ތައްޔާރީތައް ވަމުން ދިޔައެވެ. ގޭތެރެ ޒީނަތްތެރި ކުރުމާއި ކައިވެނީގެ ސައި ތައްޔާރުކުރުމުގެ މަސައްކަތެވެ. ރަޔާން އާއި އަފްސަމްގެ އިތުރުން ޒުވާން ފުރައިގެ ދެތިން ކުއްޖަކު ގޭތެރެ ޒީނަތްތެރި ކުރުމުގައި އަވަދިނެތި އުޅުނެވެ.

"ހަރުގަނޑަށް އަރާނީ އަހަރެން... ރަޔައްޓެގެ ފައި އަދިވެސް އެހާ ރަނގަޅެއް ނުވެއެއްނު.. ތިރީގަ ހުރޭ!" ލައިޓްތައް ހަރުކުރުމުގެ މަސައްކަތަށް ރަޔާން ހަރުގަނޑަށް އަރަން ދިމާކޮށްލުމުން އަފްސަމް އެކަން މަނާކުރިއެވެ.

"ފައި ރަނގަޅޭ މިހާރު..... އަސްލު އެނގޭތަ؟" ރަޔާން އެއްޗެއް ބުނަން އުޅެފައި ހުއްޓައިލިއެވެ. ސިއްރެއް ބުނަން އުޅޭހެން ވަށައިގެން ހޯދައިލިއެވެ. "ޔަލްވީ މަސާޖްކޮށްލަދޭލެއް އަރާމުކަމުން ފައި ރަނގަޅުނުވާކަމަށް ހަދައިގެން މިހާރު މިހުންނަނީ.... އަނބިމީހާގެ ފަރާތުން އެކަހަލަ ނަސީބެއް ލިބިލިބި އޮއްވާ ކިހިނެއް ދޫކުރާނީ.."

ފުށް ތައްޓެއް ހިފައިގެން ބަދިގެއިން ނުކުތް ޔަލްވީއަށް ރަޔާން ބުނި އެއްޗެއް އަޑުއިވުނެވެ. ރަޔާންއަށް ޔަލްވީ ފެނުމުން، ގަދަކަމުން ހީލިއެވެ. ޔަލްވީ ހުރީ ތުންފިއްތާލައިގެންނެވެ.

"ވަރަށް ގޯސްވީ މި.. އެހާ ސިއްރުން ބުނީމަވެސް، އަޑު އިވިއްޖެ" ރަޔާން ދެދަތްޕިލަ ޖައްސައިގެން ހުރެ ބުނެލިއެވެ.

ޔަލްވީ ފުށްތަށި ހިފައިގެން ރަޔާންގެ ފަހަތުން ދުއްވައިގަތެވެ. ރަޔާން ދުވެފައި ގޮސް ބޭރަށް ނުކުތެވެ. ރަޔާންގެ ފަހަތުން ނުކުތް ޔަލްވީ، އެތެރެއަށް ވަންނަން އައި ލިމްޔާގެ ގައިގައި ޖެހިފައި މަތަވިއެވެ. އޭރު ރަޔާން ފެންނަންވެސް ނެތެވެ. ކަންތައް ވެފައި އޮތްގޮތުން ދެމީހުންކުރެ އެކަކަށްވެސް އިސްވެ އަނގައިން ބުނާކަށް ނުކެރުނެވެ. ބޮޑަށް ގޯސްހެދިފައި އޮތީ ޔަލްވީއަށެވެ. އެއީ މާޒީއެވެ. އެކަމާއި މިއަދު އޭނާ ދެރަވެއެވެ. ދެމީހުންގެ ދެމެދުގައި ވާހަކަ ނުދެކެވި ވަގުތުކޮޅެއް ފާއިތުވުމަށްފަހު އިސްނެގީ ޔަލްވީއެވެ.

"ތި އެއްޗެހި ކަފަންތަ ތިއުޅެނީ؟" ލިމްޔާ ހިފައިގެން ހުރި ކަރުދާސްތަކަށް އިޝާރާތްކުރަމުން ޔަލްވީ ސުވާލުކުރިއެވެ.

"އާނ! ހިނގާބަލަ ކަފާލަދޭން ދާން... އެކަނިވީމަ ވަރަށް ލަސްވާނެ" ލިމްޔާ ވާހަކަ ދެއްކީ ޔަލްވީ ހީކުރި ވަރަށްވުރެވެސް ގާތްކޮށެވެ.

"މީ ލިމްގެ ކޮޓަރިތަ؟" ލިމްޔާގެ ކޮޓަރީގެ ފުރިހަމަކަން ފެނި، ޔަލްވީ ހުރީ އަޖައިބުފައެވެ.

ތަނަވަސް ކޮޓަރީގެ ފާރުގައި ހަރުކޮށްފައިވާ ބޮޑެތި ތަސްވީރުތަކަކީ ލިމްޔާ ކުރަހާފައިވާ ކުރެހުންތަކެވެ. ތައުލީމު ހާސިލުކުރި ދާއިރާތަކުން ލިމްޔާ ހާސިލުކޮށްފައިވާ ޓްރޮފީތަކާއި މެޑެލްތަކުން އެއް ބިތް އެއްކޮށް ފުރާލާފައިވެއެވެ. އެހާ މަތީ ތައުލީމެއް ހާސިލުކޮށްގެން ލިމްޔާ އެހާ ދަށް މަގާމެއްގައި ހުރީ ކީއްވެކަން އެނގުމުން، ޔަލްވީއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ.

"ނެކްސްޓް މަންތް އިން ފެށިގެން ޖޮބް ޗޭންޖްވާނެ" ޔަލްވީގެ ހިތުގައި އުފެދިދާނެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ލިމްޔާ ބުނެލިއެވެ.

"ދެން އެންމެން ކިޔާނީ ޕްރިންސިޕަލް ދޯ" ޔަލްވީ މަޑުމަޑުން ހީލިއެވެ. ލިމްޔާވެސް ހީގަތެވެ.

ލިމްޔާއާއި ޔަލްވީގެ އެކުވެރިކަން ފެނި އަމީރާ ހުރީ އުފަލުންނެވެ. މާޒީގައި ކޮންމެ ގޮތަކަށް ކަންތައްވެފައި އޮތަސް، މިއަދު އެނާގެ ހިތް ސާފެވެ.

********

ލާންޗް އައިސް ބަނދަރަށް ގާތްކޮށްލިއެވެ. ރަޔާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ އެއިން ފޭބި ދެ މީހުން ފެނުމުންނެވެ. ނަފީސާއަށް ވަށައިގެން ހޯދައިލެވުނީ ޔަލްވީ ފެންނަން ހުރިތޯއެވެ. ރަޔާން އެކަނި ހުރިތަން ފެނުމުން އޭނާ މުޅީން މާޔޫސްވިއެވެ. އެހާ ދުވަސްވީއިރުވެސް ޔަލްވީގެ ހިތް އެމީހުންނަށް ރަނގަޅު ނުވަނީ ހެއްޔެވެ؟

"ދަރިފުޅު އެކަނިތަ؟" ނިމާލަށް އަހައިލެވުނެވެ.

"ޔަލްވީއަށް ސަޕްރައިޒްއެއް ދޭންވެގެން ބައްޕަމެން އަންނަ ވާހަކަ ނުބުނީ" ރަޔާން ވީގޮތް ބުނުމުން ނަފީސާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

"މިހާރު ކުޑަ ބަނޑެއްވެސް ލައިފިއޭ ދޯ ނަފީސާ... ކުރިއަށްވުރެ ހަށިގަނޑުވެސް ރަނގަޅުވެލައިފިހެން ހީވަނީ...." ރަޔާންގެ ކޮނޑުގައި ޖަހާލަމުން ނިމާލު ބުނެލިއެވެ.

ޔަލްވީ ދެކިލާހިތުން ނަފީސާ ހުރީ ކެތްމަދުވެފައެވެ. ނިމާލު ރަޔާންއާއި ވާހަކަ ދެއްކި ނަމަވެސް، ނަފީސާއަށް އެ ވާހަކަތަކުގައި ބައިވެރިއެއް ނުވެވުނެވެ.

ތިން މީހުން އެކުގައި ގޮސް ވަނީ ރަޔާންގެ ގެއަށެވެ. ގޭތެރޭގެ ސާފުކަމާއި ތަރުތީބުކަމުން ނަފީސާގެ ބަސް ހުއްޓުނެވެ. އެއީ ރަޔާންގެ މަސައްކަތް ހެއްޔެވެ؟ ކުރިން އަފްސަމް އުޅުނު ކޮޓަރިއަށް ނަފީސާމެންގެ ފޮށިތައް ވައްދާފައި ރަޔާން ނުކުތްއިރު، ނަފީސާ ހުރީ ރަޔާންމެންގެ ކޮޓަރި ދޮރު ކައިރީގައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު