އިނާމެއްގެ ގޮތުގައި ޢުމްރާ ދަތުރެއް ލިބޭ ޚާއްސަ ސުވާލު މުބާރާތެއް މި ރޯދަ މަހު ގެނެސްދޭން ސަން ސިޔާމް މީޑިއާއިން ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަން ސިޔާމް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު އާސިފެވެ. ޤިބްލަ ޙައްޖު އެންޑް އުމްރާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރިސްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްއެސް މީޑިއާގެ ސީއީއޯ މުޙައްމަދު އާސިފް ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިނާމެއްގެ ގޮތުގައި ޢުމްރާ ދަތުރެއް ލިބޭ ޚާއްސަ ޕްރޮގްރާމެއް މި ރޯދަ މަހު އެސްއެސްޓީވީން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
"އެ ސުވާލު މުބާރާތުގައި ޖަވާބު ދެއްވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ރަނގަޅު ޖަވާބުދެއްވި ފަރާތްތަކުގެ މެދުގައި ގުރުވަތުން ނެގޭ ފަރާތަކަށް ޤިބްލަ ގުރޫޕުގެ ފަރާތުން ޢުމްރާ ދަތުރެއް މި ދެނީ. މި ޢުމްރާ ދަތުރަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ވަރަށް ފްލެކްސިބަލްކޮށް، އެ ބޭފުޅަކު ބޭނުންފުޅުވާ ދުވަސްވަރެއްގައި އެ ބޭފުޅަކު ދަތުރުކުރައްވާ ދުވަސްވަރެއްގައި އެ ދަތުރަކަށް ދެވޭ ގޮތަށް ހަމަޖައްސަވާފައި އޮތް ފުރުސަތެއް،" އާސިފް ވިދާޅުވިއެވެ.
ޤިބްލަ ޙައްޖު އެންޑް އުމްރާގެ ފަރާތުން ވިދާޅުވީ، މި ބުރާތަކީ ރޯދަ މަހު ކުރިއަށްދާ މުބާރާތަކަށްވުމުން މުބާރާތުގެ ސުވާލުތައް ހުންނާނީ ޙައްޖާއި ޢުމްރާގެ އިތުރުން ރޯދަ މަހާ ގުޅުވާލާފައި ކަމަށެވެ.

އުމްރާ ދަތުރެއް ލިބޭ ޚާއްސަ ސުވާލު މުބާރާތެއް ރަމަޟޯން މަހު އެސްއެސް ޓީވީއިން ގެނެސްދެނީ -- ސަން ފޮޓޯ/ މާނިއު މުޙައްމަދު
އެސްއެސްޓީވީން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވާން ވަކި އުމުރުފުރައެއް ނޯވެއެވެ. ސުވާލުތައް އަންނާނީ މަލްޓިޕްލް ޗޮއިސް އުސޫލުންނެވެ.
"އަޅުގަނޑުމެން ވެސް ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް އެއީ ޚާއްސަކޮށް ޢުމްރާ ކަންތައްތަކުގެ އިތުރުން ދިވެހި ރާއްޖޭގައި ދީނީ ކަންތައްތަކަށް އަޅުގަނޑުމެންނަށް ވެވެން އޮތް އެހީތެރިކަމެއް ޚާއްސަކޮށް ދިވެހީންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މި ކަންތައްތަކަށް އަޅުގަނޑުމެންގެ ކުންފުނިން ވެސް ވެވެން އޮތް އެހީތެރިކަމެއް ހަމަ ފޯރުކޮށްދޭނަން،" ޔާމީން ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ރޯދަ މަހު ކޮންމެ ދުވަހަކު ޤިބްލަ ގުރޫޕުގެ ފަރާތުން ސުވާލެއް ހުށަހަޅާއިރު އެ ސުވާލަށް ޖަވާބު ދިނުމުގެ ފުރުސަތު އެސްއެސްޓީވީ އަދި އެސްއެސްޓީވީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހަމަޖެހޭނެ ކަމަށް ސީއީއޯ އާސިފް ވަނީ ވިދާޅުވެފައެވެ.
އާސިފް ވިދާޅުވީ، ރޯދަ މަހާ ގުޅުވައިގެން މި ކަހަލަ ސުވާލު މުބާރާތެއް ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ދީނީ ކަންކަމަށް އާންމުންގެ ސަމާލުކަމާއި ތަރުހީބު ހޯދުން ކަމަށެވެ.