އިންގްލިޝް ޕްރިމިއާ ލީގުގައި ފަހަކަށް އައިސް މާރަނގަޅު ކުޅުމެއް ދެއްކެމުން ނުދާ ޓޮޓްނަމް ހޮޓްސްޕާ އާއި މެންޗެސްޓާ ޔުނަައިޓެޑް ބައްދަލުކުރި މެޗު ސްޕާސް ކާމިޔާބު ކޮށްފިއެވެ.
ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕާސްއިންނެވެ.
މި މެޗުގެ ފެށުން ރަނގަޅުވީ ސްޕާސްގެއެވެ. މިގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ސްޕާސްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގިނަ ދުވަސް ތަކެއްވަންދެން އަނިޔާގައި ހުރުމަށް ފަހު އެނބުރި އައިސް ލީގުގައި ފުރަތަމަ މެޗު ކުޅެމުންދިޔަ ޖޭމްސް މެޑިސަންއެވެ.
މި މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށްވެސް ލިބިގެންދިޔައެވެ. ޔުނައިޓެޑަށް ލިބިގެންދިޔަ ފުރުސަތު ތަކަށް ބަލާއިރު އަލެހަންޑްރޯ ގެނާޗޯއަށް ލިބިގެންދިޔަ ފުރުސަތުތައް ފާހަގަ ވެގެންދިޔައެވެ.
މިއީ އަނިޔާގެ ގިނަ މައްސަަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ޔުނައިޓެޑް އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ތިންވަނަ މެޗެވެ.
ސްޕާސްއަށް ބަލާލާއިރު އެ ޓީމަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތައް ގިނަ ނަމަވެސް އޭގެތެރެއިން ބައެއް ކުޅުންތެރިން އެނބުރި އައިސް ޓީމާ މިހާރުވަނީ ގުޅިފައެވެ. މިގޮތުން ފައިގެ ކުޑަހުޅު ބިންދައިގެން ދިއުމުގެ ސަބަބުން ކުޅުމާއި ދުރުގައިހުރި ކީޕާ ގުގްލިއޭމޯ ވިކާރިއޯ ވަނީ މިމެޗުގައި ސްޕާސްގެ ގޯލް ބަލަހައްޓަފައެވެ. އަދި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއްވެސް ފެނިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ.
މީގެއިތުރުން އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރެއިން ބްރެނަން ޖޯންސަން، ޑެސްޓިނީ އުޑޮގީ އަދި ވިލްސަން އޮޑޮބާޓް ވަނީ މި މެޗުގައި ބެންޗުން ފެނިގެން ގޮސްފައެވެ. އެހެން ކަމުން ސްޕާސްއަށް ދިމާވެފައިވާ އަނިޔާގެ މައްސަލަ ތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބެމުންދާކަމަށް ފެނިގެންދެއެވެ.
މި ކާމިޔާބީއާއެކު ސްޕާސް މިހާރު ވަނީ 30 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޔުނައިޓެޑް އުޅެނީ 29 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.