"ތިބާއަށް ލިބިފައިވާ ނިއުމަތްތައް ގުނާ އަދަދު ނުކުރެވޭނެއެވެ. ގިނަގިނައިން ޝުކުރުވެރިވާށެވެ."

***

އޭނަގެ ލޯ ބޮޑުވެގެން ދިޔައީ ލިބުނު ހައިރާންކަމުންނެވެ. ބަގީޗާގެ ގަސްތަކުގެ ހިޔަނީގެ ތެރޭގައި މީހަކު ހުއްޓެވެ. ދިގު ހަށިގަނޑެކެވެ. ހަނދުވަރުގެ އޯގާތެރި އަލިކަމުގައި އެ ރިހި އިސްތަށިގަނޑު ދިއްލިފައިވިއެވެ. އެ ފުން ނޫ ލޯ މަދީނާގެ ލޮލާއި ދުރުން ބައްދަލުވިއެވެ. އެއީ އުވައިސްކަމާއިމެދު ޝައްކެއްވެސް ނެތެވެ. އޭނާގެ ބެލުމުގައި ވަރުގަދަކަމެއް ވިއެވެ. ހިތް ދަމައިގަންނަ ކަހަލައެވެ. އެހެންނަމަވެސް އެ ބެލުމުގައި މަޑުމައިތިރިކަމެއްވެސް ވިއެވެ. ހީވަނީ މަދީނާ އެކަން ދެނެގަތުމަށް ކެތްތެރިކަމާއެކު މަޑުކުރާހެންނެވެ. މަދީނާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައިރު ވަހުތު ހީވީ ހުއްޓިފައިވީ ހެންނެވެ. މިއި ހުވަފެނެއްބާއެވެ. މަދީނާ އަށް އެނާގެ ގައިގައި ވިކައިލެވުނެވެ. ގަބޫލުނުކުރެވިފައެވެ.

އޭނަ ގެ މުޅިގަޔަށް ފިނި ހީގަނޑެއް ވަދެލިއެވެ.

މަދީނާގެ ސިކުނޑި ރަގަޅަށް މަސައްކަތްކުރަން ފެށުމާއެކު ވީހާ އަވަހަކަށް އަތުގައި ޖެހުނު ސްކާފެއް ނަގައި ބޯ ނިވާކޮށްލިއެވެ. އަދި ކަޅުކުލައިގެ ދިގު ޖެކެޓެއް ގަޔަށް މަހާލަމުން ބޭރަށް ނިކުތެވެ. އެންމެންވެސް ތިބީ ގަދަ ނިދީގައެވެ. އެއްވެސް ހިލަމެއް ނެތެވެ. އޭނަ ގެ ފަރުވާތެރި ފިޔަވަޅުތަކުގެ އަޑު މެނުވީ ރޭގަނޑުގެ ހިމޭންކަމުގެ ތެރެއިން އިތުރު އަޑެއް ބަޑެއް ނީވެއެވެ.

ގޭގެ ދޮރު މަޑުން ލައްޕާލުމަށްފަހު އޭނަ ހިނގައިގަތީ ބަގީޗާގެ އެންމެ ބޯ ގަސްތަކާއި ދިމާލަށެވެ.

ޚަރީފު މޫސުން ކަމުން ގަސްތަކުގެ ފަތްތައް ވަޔާއެކު އުދުހެމުންދިޔައެވެ. ގަނޑުފެންފަދަ ފިނި ވައިގެ އަސަރު ކުރަން ފެށުމުން ފިނިވެ ހިތުގެ ތެޅުން ބާރުވިއެވެ. އޭނާގެ ދެއަތް ގަޔާ ބައްދާލީ ޖައްވުގެ ފިނިންކަމެއް ނުވަތަ ހިތުގެ ތެޅުން މައިތިރިކުރަން ކަމެއް ޔަގީނެއް ނޫނެވެ. އޭނާގެ ލޯ ހުރީ އެންމެ ދިމާލަކަށެވެ. އުވައިސް ހުރީ ހަމަ އެތާގައެވެ. ރޭގަނޑުގެ އަނދިރިކަމުގައި ހަރުލާފައިވާ ބުދެއްހެން ހިމޭނުންނެވެ. މަދީނާ ގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ދުލުން ބަހެއް ބުނަން އުނދަގޫވިއެވެ. އުވެއިސް އޭނާ ގެ މޫނު އަނބުރާލިއެވެ. ހީވީ މަދީނާ އަށް ބަލަން ބޭނުން ނުވީފަދައަކުންނެވެ.

" އުވެއިސް...." މަދީނާ އަށް ގޮވާލެވުނެވެ. އެގޮތަށް މޫނު އަނބުރާލުމުން ހިތުގައި ޖެހުނެވެ. މަދީނާ އަށް ބަލަންވެސް ބޭނުން ނުވީބާއެވެ. މިހާ ދުވަސް ކޮށްފަ ދިމާ ވުމުންވެސް މޫނު އަނބުރާލީ ބާއެވެ. އުވެއިސް އެއްވެސް ބަހެއް ނުބުނެއެވެ. އޭނާގެ ފިނި ނޭވާ ބޭރުވަމުން ދިޔައީ ދުންގަނޑެއް ފަދައިންނެވެ. މަދީނާ ކުރިޔަށް ފިޔަވަޅު އެޅިއެވެ. އަތް ދިއްކޮށްލެވުނެވެ. އުވެއިސްވެސް އެއް ފިޔަވަޅު ފަހަތަށް ޖެހެލިއެވެ.

" ވާހަކަ އެއްވެސް ނުދައްކާނަންތަ؟އެހާ ވެސް ރުޅީތަ؟ ފޮނިކަން.........." މަދީނާގެ އެންމެ ފަހު ލަފުޒުތައް އަމިއްލަ ނަފުސަށް އިވޭވަރަށް ކިޔައިލިއެވެ. އަދިވެސް މިޒާޖު އެހާ ޅައެވެ. ހަމަ ކުރީގެ މަދީނާ އެވެ. އުވެއިސް ގެ ތުންފަތަށް ހިނިތުންވުމެއް ފާޅުވިއެވެ. މަދީނާއަކީ އޭނާގެ ބަލިކަށިކަމެވެ. ދެރައީ ކިތަންމެ ބޭނުންވިޔަސް އެއީ އޭނާގެ ތަޤްދީރެއް ނޫނެވެ.

" މަދީނާ ދައްކަން އޮތީތަ ވާހަކައެއް؟" އުވެއިސް އަށް އެކުއްޖާގެނަން ކިޔާލަންވެސް އުދަގުލެވެ. ދުލަށް ބަރުވިއެވެ. އެ ބަސްތައް އަޑުއިވުމާއެކު މެދީނާގެ ކަރުގައި އެއްޗެއް ބެދުނު ފަދައެވެ. އޭނާގެ ލޮލުގައި ކަރުނަ ގިނަވާން ފެށިއެވެ.

" ތިހާ ދުރުވާން ބޭނުންވާނަމަ ކީއްވެ އުވެއިސް ދުރަށް ނުދިޔައީ؟ނުފެނުނަސް އެނގޭ ކައިރީގައި އުޅޭކަން....އައި ނޯ....އައި ފީލް އިޓް....ވައި މިރެލް؟ކީއްވެ މިރެލް އަށް އުވެއިސް އެނގެންވީ؟....އައި ހޭވް ސޯމެނީ ކުއެސްޝަންސް..." އޭނަގެ އަޑު ކުރަކިވިއެވެ. އެ ސުވާލުތަކުގެ ޖަވާބަށް ވުރެ އުވެއިސް އޭނާއާއި ވާހަކަ ނުދައްކާން އުޅޭކަން ޔަގީންވުމުން ހިތުގައި ރިއްސިއެވެ.

" މަޖުބޫރުވީމަ...." އުވެއިސް ދިނީ ކުރު ޖަވާބެކެވެ. މަދީނާ އަށް ކެތް ނުކުރެވިގެން އުވެއިސް ގެ ކުރިމައްޗަށް އެރިއެވެ. ނަމަވެސް އުވެއިސް ހަލުވި ކަމާއެކު އަނެއކާވެސް ދުރައް ޖެހެލިއެވެ. މޫނު އަނބުރާލަމުންނެވެ. ހީވީ އޭނަ އަށް ކަމެއް ފޮރުވަން އުޅޭހެންނެވެ.

" ދޮގު...ހުސް ދޮގު....އިޒް އިޓް މިރެލް ނައު...އިޒް ޝީ ޔޯ ޓާގެޓް....އަހަރެން މީ ހާދަ މޮޔަ މީހެކޭ....ހީކުރެވުނީ އުވެއިސް ބަދަލުވެއްޖެކަމަށް...އައި ގެސް ޔޫ އާ ސްޓިލް ދެޓް ސޭމް ބީސްޓް...." އޭނަ ރުޅި ގަދަ ވެފައި ހިތަށް އައިހާ އެއޗެއް ކިޔާލިއެވެ. އުވެއިސް މޫނު އަނބުރާލިއެވެ. އޭރު އެ ލޯ ވީ މުޅިން ދިއްލިފައެވެ. އޭނަ ސިހި ފަސްޖެހޭގޮތްވިއެވެ. ހިތް ބިރުގަތެވެ. އުވެއިސް ގެ އެ ބެލުން އޭނާގެ ހިތުގެ ތެޅުންވެސް ހީވީ މަޑުކުރުވާލިހެންނެވެ.

" އައި ޗޭންޖްޑް ފޯ ގުޑް....އަހަރެން މިރެލް އަކަށް ދެރައެއް ނުދެން...ނުވެސް ދޭނަން...އަދި މަދީނާ އަކަށް ވެސް..." އުވެއިސް ގެ ޖާދުވީ ލޯ ވިދާލީ ކަރުނުން ފުރިގެންނެވެ.

" ބަޓް...އައި..." އޭނަގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް އުވެއިސް ލޯ މަތިން ގެއްލުނެވެ.

"އުވެއިސް..މަޑުކޮށްބަލަ....އުވައިސް......ޕްލީޒް....."އޭނަ އަނދިރީގެ ތެރޭގައި ޖެހިލުމެއްނެތި އުވައިސްއަށް ގޮވަމުން އެތަން މިތާ ދުވިއެވެ. އުވެއިސް އަށް ހުރިހާ މަންޒަރެއް ފެނުނެވެ. މަދީނާގެ ލޮލަށް އޭނަ ވަންހަނާވެގެން ހުއްޓަސް އެ ހަރަކާތްތަކުން ހިތަށް ބަޔާން ނުކުރެވޭފަދަ އަސަރުކުރިއެވެ.

މަދީނާ ދުވެ ދުވެ ވަރުބަލިވުމުން ބަގީޗާތެރޭގައި ހުރި ބެންޗުގައި އިށީނެވެ. ކަކުލުގައި މޫނު ޖައްސާލައިގެން އިނދެ ރޯލީ ހިތް ފުރެން ދެނެވެ. އުވެއިސް އޭނާގެ ގާތުގައި އިށީނެވެ. އެ ކަރުނަ ފޮހެލައި އެ ހިތަށް ތަސައްލީ އެއް ދިނުމަށް ހާސް ފަހަރު ހިތަށް އެރިއެވެ. ނަމަވެސް އެއީ ކުށެކެވެ. އެއީ މަދީނާ އަށް ދެވޭ ދެރައެކެވެ. އެދެމީހުންގެ ލޯތްބަށް ދެވޭ އިތުރު އަނިޔާއެކެވެ.

ތަންކޮޅެއް ދުރުން މީހަކު ގޮވައިލިއަޑަށް މަދީނާ ސިހިފައި އެނބުރި ބަލާލައިފިއެވެ. ޓީޝާޓުގެ އަތުން ލޯ ފޮހެލިއެވެ.

" މިތާ ކީއްތިކުރަނީ؟..." ހުޝަލް ކައިރިއަށް އައެވެ.

އޭނަގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

"ކީއްހޭ މިތާ ތިކުރަނީ؟....ޑޫ ޔޫ އީވެން ރިއަލައިޒް ދަ ޓައިމް....އިޒް ހީ ބެކް؟" ހުޝަލް ސުވާލުކުރިއެވެ.

***

މާޒިމް މިރޭ ހަމަޖައްސާފައި އޮތް ލިމޯ ވީ ޕާކިން ލޮޓް ގައިކަމުން އެ ދިމާއަށް މިސްރާބުޖެހިއެވެ. ޑްރައިވަރަށް ގުޅާލުމުން އަންނާނެ ކަން އެނގުނަސް އޭނަ ބޭނުންވީ އުރުޖުވާން އާއި އެކީ އަދި ކުޑަކޮށް ހިނގާލަފައި ދިޔުމަށެވެ. މާޒިމްގެ އަތު ތެރެއަށް އަތް މަހާލައިގެން ހިނގާލާފައި ދިޔައިއިރު އޭނާގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ.

"ހާދަ އެތެރޭގައޭ މި ޕާކިން އޭރިއާ ހުންނަނީ....ވަރަށް ހުސް ތަނެއް ދޯ..." އޭނަ އަށް ވަށައިގެން ހޯދައިލެވުނެވެ. އެވަގުތު ދެމީހުން ކައިރިޔަށް މަޑުކޮށްލީ އެހެން ކާރެކެވެ.

" ކަލުކުލައިގެ ލިމޯ އެއްގަ އެއްނު އައީ...." އުރުޖުވާން ބުނެލިއެވެ. އޭރު ލައިގެން ހުރި އުސް ފައިވާންުން ފަޔަށް ތަދުވާވަރުން ކޮޅަށް ހުރެވެނީއެއް ނޫނެވެ.

" އާން މީ އެ ކާރެއް ނޫން....ޑްރައިވަރ ފޯނެއްވެސް ނުނަގާ...އަނެއްކާ އެހެން ޕާކިން އޭރިއާ ވެސް ހުރީ ކަންނޭނގެ.....އުރޫޖް އޯކޭތަ؟ފަޔަށް ތަދުވަނީ؟" އޭނަ ކަންބޮޑުވިއެވެ.

" ޔޯ ޑްރައިވަރ ލެފްޓް....ހީ ހޭޑް އޭން އިމާޖެންސި....އައި ކޭން ޑްރޮޕް ޔޫ އޮފް..." ލިމޯ ގައި އިން ޑްރައިވަރު ބުނެލިއެވެ. އެއީ އެއް ސެންޓަރެއްގެ ކާރުތަކަކަށް ވެދާނެތީ މާޒިމް އިތުރު ސުވާލުކުރުމަކަށް ވެސް ބޭނުމެއް ނުވިއެވެ. އެހެން ނޫނަސް މިވަގުތު އުރުޖުވާން ފައިގައި ރިއްސާފައި ހުރުމުންވެސް އޭނަ ބޭނުންވީ އަވަހަށް ގެއަށް ދިޔުމަށެވެ.

ލިމޯގެ ދޮރު ހުޅުވުނެވެ. އެ ކާރުތެރޭގައި އެހެން މީހަކު އިނެވެ. ހަށިފާރަވެރިންވެސް މެއެވެ. އޭނަ އަށް އުރުޖުޥާން އަތުގައި ހިފާލެވުނެވެ. އެރުމަށް ފަސްޖެހެވުނެވެ.

" ކިހިނެއްވީ؟...އަވަހަށް އަރާ...ބޭބެ ލައިދީފާނަން ތި ބޭނުންވާ ތަނަކަށް...." އެ މީހާ ވާހަކަ ދެއްކީ ދިވެހިންނެވެ. އެއީ މިރޭ ހޮޓެލުންވެސް ދިމާވި މީހާއެވެ.

" ތޭންކްސް....ބަޓް ވި ވިލް ފައިންޑް ސަމް އަދާ ވޭއި..." އޭނަ ބުނެލިއެވެ. ގޮތް ނޭގޭ މީހަކާއި އެކި ދާން ފަސްޖެހުނީއެވެ. އެހެން ނޫނަސް އެމިހާ އެހާ ގާތްކޮށް ވާހަކަ ދައްކާ ސަބަބެއް ވެސް އެނގެން ބޭނުންވީއެވެ. އަނެއްކާ ދަންނަ މީހަކީ ބާއެވެ.

" އައްދެ....ހާދަ ބިރައްޓެހި ތިވީ....މިރެއަކު ނުލިބޭނެ ކާރެއްވެސް...." އޭނަގެ ރާގުގައިވީ މަލާމާތާއި ޖެއްސުމެވެ.

" ނޭނގޭ މީހުން ވާނީ ބީރައްޓެހިންނަށް....ވާހަކަ ދައްކާ ގޮތުން ހީވޭ ދަންނަ މީހެކޭ....." އޭނަ ބުމަ އަރުވައިލިއެވެ. އުރުޖުވާން އޭނަގެ އަތުގައި ކޮށްޓާލިއެވެ. އެމީހާ ޖަހައިލީ ބާރު ހިނިގަނޑެކެވެ.

" އޭމް އައި ދެޓް ފަނީ...." އޭނަ އުރުޖުވާން ކައިރިން އަހައިލީ މަޑުމަޑުންނެވެ. އުރުޖުވާން އަށް ހެވުނު ނަމަވެސް އެތަނުން އަވަހަށް ދާން ބުނަމުން ދިޔައެވެ.

" ތިބުނީ ތެދެއް...ބީރައްޓިއްސަކަށް ވާނީ....އެކަމަކު ބުނަން މިހިސާބުން ކާރެއް ހޯދުމަށް ފަސޭހައެއް ނުވާނެ....ނުވެސް ލިބޭނެ...ތި ދާން ބޭނުންތަނަކަށް ލައިދީފާނަން..."

ފޯނުން ކާރު އެޕް ހުޅުވާލައިގެން ހުރި މާޒިމް އަށް ކާރެއް ލިބޭނެ ކަމުގެ އުއްމީދުކުޑަވިއެވެ. އުރުޖުވާން ބޯ ހޫރާލީ މާޒިމް އެ ކާރަށް އަރަން އެއްބަސް ވެދާނެތިއެވެ.

" މިހާ މީހުން ތިބީ މަ ބިރުންތަ؟" އެމީހާ ސަމާސާ ރާގެއްގައި ބުނެލިއެވެ.

" އޯކޭ...އެކަމަކު ތިއީ ކާކު ކަމެއްވެސް ނޭނގޭ....ކޮންމެ އަކަސް މިފަދަ އެހީ އެއް ވެދޭތި ވަރަށް ބޮޑަށް ޝުކުރިއްޔާ...." މާޒިމް ބުނެލިއެވެ.އޭނަ އުރުޖުވާން ކާރަށް އެރުމަށް އެހީތެރިވެދޭން އަތުގައި ހިފާލިއެވެ. ލިމޯ ގެ ކާރު ލެއްޕުނު ވަގުތު ކާރުގެ ތެރެގެ ބޮކިވެސް ނިއްވުނެވެ. އެވަގުތު އުރުޖުވާން އަށް ހަޅޭއްލަވައިގަނެވުނެވެ.

"ހަމަޖެހޭ....އެހާ ނާމާންތަ؟" އޭނާގެ ސިގާ ރޯކޮށްލިއެވެ. އެ ހުލުކޮޅުގެ ފަނޑު އަލި ނޫން އައްޔެއް އެ ކާރުތެރޭގައި ނެތެވެ. އުރުޖުވާން ބާރަށް ހިފަހައްޓާލާއިގެން ހުރީ މާޒިމް ގެ ގަމީހުގައެވެ.

"ކީއްވެ ބޮކި ނިވާލީ.....މިއީ ޖެއްސުމެއްތަ؟..." މާޒިްމ އޭނާގެ އަޑު ހަރުކަށި ވި ނަމަވެސް ބެލީ މި ހިނދުކޮޅުގައި ކެތްކުރުމަށެވެ. ރުލި އިސްކޮށްގެން އެއްވެސްކަމެއް ގޯސް ވެގެން ދާން އޭނަވެސް ބޭނުން ނުވިއެވެ. ކާރުގެ ދުވެލި ބާރުވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު