އޯޕަން އޭއައިއިން ޗެޓްޖީޕީޓީއަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

އޯޕަންއޭއައިގެ ސީއީއޯ ސެމް އޮލްޓްމަން -- ފޮޓޯ: ޓެކް ކްރަންޗް

މަޝްހޫރު އޭއައި ކުންފުނި އޯޕަން އޭއައިއިން އެ ކުންފުނީގެ ޗެޓްޖީޕީޓީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

މި ބަދަލުތަކުގެ ސަބަބުން ޗެޓްޖީޕީޓީއިން ކުރިއަށް އޮތް ތަނުގައި އިތުރު ސުވާލުތަކަށް ޖަވާބު ދެވޭނެ އަދި އިތުރު ނަޒަރިއްޔާތުތަކެއް ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އޯޕަން އޭއައި އިން ބުދަ ދުވަހު އިއުލާނުކުރި ގޮތުގައި އެ ކުންފުނީގެ "މޮޑެލް ސްޕެކް" އަށް އައު އުސޫލެއް ތައާރަފުކޮށްފައިވެއެވެ. އެއީ ދޮގު ނުހެދުމެވެ. މިގޮތުން ދޮގު މައުލޫމާތު ދިނުމާއި މުހިންމު މައުލޫމާތު ނުދީ ދޫކޮށްލުން ހިމެނެއެވެ.

"ސީކް ދަ ޓްރޫތް ޓުގެދާ" ކިޔާ އައު ބައެއްގައި އޯޕަން އޭއައި އިން ބުނެފައިވަނީ ޗެޓްޖީޕީޓީއިން ވަކި ފަރާތަކަށް ބުރަނުވެ، ހުރިހާ ފަރާތްތަކުގެ ނަޒަރިއްޔާތުތައް ހުށަހަޅާނެ ކަމަށެވެ.

މިގޮތުން ބައެއް މީހުންނަށް އަޚްލާޤީ ގޮތުން ރަނގަޅު ނޫން ކަމަށް ފެންނަ ކަންކަމުގައިވެސް ޗެޓްޖީޕީޓީ އިން ވަކި ފަރާތަކަށް ބުރަނުވާނެ ކަމަށް ބުނެފައިވެއެވެ.

މިސާލެއްގެ ގޮތުން އެ ކުންފުނިން ބުނެފައިވަނީ "ބްލެކް ލައިވްސް މެޓަރ" އާއި "އޯލް ލައިވްސް މެޓަ" ގެ ވާހަކަ ޗެޓްޖީޕީޓީ އިން ދައްކާނެ ކަމަށެވެ. އަދި ސިޔާސީ މައްސަލަތަކުގައި ވަކި ފަރާތަކަށް ބުރަނުވެ، އިންސާނިއްޔަތަށް ލޯބިކުރާކަމަށް ބުނުމަށްފަހު އެކި ހަރަކާތްތަކާ ބެހޭ މައުލޫމާތު ދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ބަދަލުތަކަކީ އޯޕަން އޭއައިއިން އެމެރިކާގެ އައު ސަރުކާރުގެ ތާއީދު ހޯދުމަށް ގެނައި ބަދަލުތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިއީ އެކުންފުނީގެ "އޭއައި ސޭފްޓީ" އާ ގުޅޭ ގޮތުން އަންނަމުންދާ ބޮޑު ބަދަލެއްގެ ބައެއް ކަމަށްވެސް ބެލެވެއެވެ.

ޗެޓްޖީޕީޓީ އަކީ އޯޕަން އޭއައި އިން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތަޢާރަފުކުރި އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓެކެވެ. މި ޗެޓްބޮޓަކީ އިންސާނުންނާ ވާހަކަދައްކާ ފަދައިން ވާހަކަދެއްކުމުގެ ޤާބިލުކަން ލިބިފައިވާ، އަދި ގިނަ ބާވަތްތަކުގެ މަސައްކަތްތައް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ސިސްޓަމެކެވެ.

ޗެޓްޖީޕީޓީ ތަޢާރަފުކުރި ފަހުން، އޭގެ ބޭނުންކުރާ މީހުންގެ އަދަދު އަވަސް ދުވެއްޔެއްގައި އިތުރުވެ، މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން ގުނާލެވޭ އަދަދެއްގެ މީހުން މި ސިސްޓަމް ބޭނުންކުރަމުން ގެންދެއެވެ. ނަމަވެސް، މި ސިސްޓަމްގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވެސް ކުރިމަތިވެފައިވެއެވެ.

މިފަދަ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި އޯޕަން އޭއައި އިން މި ގެންނަ ބަދަލުތަކަކީ އެ ކުންފުނިން އަޅާ މުހިންމު ފިޔަވަޅުތަކެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު