މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތެރޭ ރަންބީރު ލޯންޗުކުރި އަމިއްލަ ބްރޭންޑް 'އޭއާރުކޭއެސް'ގެ ފުރަތަމަ ސްޓޯ އިންޑިއާގެ މުމްބާއީގައި ހުޅުވައިފިއެވެ.
ރަންބީރު އަލަށް ތައާރަފުކުރި ލައިފްސްޓައިލް މި ބްރޭންޑް މިދިޔަ އަހަރު ލޯންޗުކޮށްފައިވަނީ ސޯޝަލްމީޑިއާގައި ނަމަވެސް މިއީ ރަސްމީކޮށް އެ ބްރޭންޑު ލޯންޗުކުރި ފުރަތަމަ ފަހަރެވެ.
ފެޝަންގެ ދުނިޔެއަށް ލޯބިކުރާ އެކްޓަރަށް ކަމުދާ ވަރަށް ގިނަ ފެޝަނުގެ ސާމާނުތައް "އޭއާރުކޭއެސް"ގެ ދަށުން ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި ސްނިކާސް، ބޮލުގައި އަޅާ ތޮފި، ފައިވާން އަދި އަންނައުނު ފަދަ ތަކެތި ހިމެނެއެވެ.
މި ބްރޭންޑްގެ ދަށުން ރަންބީރު ތައާރަފުކުރަން ބޭނުން ވަނީ އެކްޓަރުގެ އަމިއްލަ ސްޓައިލްއާ ވީހާ ވެސް ގުޅުން ހުންނަ ވައްތަރުގެ ތަކެތި ކަމަށާއި މިއީ އިންޑިއާގެ މުމްބާއީގައި ދިރިއުޅޭ ފެޝަނަކަށް ލޯބިކުރާ ޒުވާނުންނަށް ފަސޭހަކަމާ އެކު ތަކެތި ގަނެވޭނެ މަގުފަހިވެގެންދާނެ ކަމެއް ކަމަށް ރަންބީރާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ރަންބީރުގެ އަމިއްލަ ބްރޭންޑްއިން "އޭއާރްކޭއެސް"ގެ ބައެއް އުފެއްދުންތައް ޕްރޮމޯޓް ކުރުމުގައި އެކްޓަރު އަދި ބަތަލާ އަކަންޝާ ރަންޖަން--ފޮޓޯ/ޕިންކްވިލާ
މީޑިއާއަށް މައުލޫމާތު ދެމުން ރަންބީރު ބުނީ، ދުނިޔޭގެ އެތައް ގިނަ ޤައުމުތަކަށް ދަތުރުކުރެވިފައިވާއިރު މުމްބާއީއަކީ އޭނާއަށް އެންމެ ޚާއްސަ އެއް ސިޓީކަމުގައެވެ.
ފެއިލްވާ ކޮންމެ ފަހަރަކު އަމިއްލަ ފައިމައްޗަށް ތެދުވެ ހިތްވަރާ އެކު ބުރަކޮށް މަސައްކަތް ކުރުމުގެ ހިތްވަރު މުމްބާއީގެ މާހައުލުން ރަންބީރަށް ލިބުނު ކަމަށާއި އެހެންކަމުން އަމިއްލަ ސްޓޯއެއް އެންމެ ފުރަތަމަ ވެސް މުމްބާއީގައި ހުޅުވިގެން ދިއުމީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ރަންބީރު ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ރަންބީރަށް 42 އަހަރު ފުރުމާ ދިމާކޮށް އިންސްޓަގްރާމް ޕޭޖެއް "އޭއާރުކޭއެސް"ގެ ނަމުގައި ލޯންޗުކުރިއިރު ރަންބީރުގެ އަންހެނުން ބަތަލާ އާލިއާ ބަޓްއަކީ ވެސް އަމިއްލަ ކްލޯތިންގް ބްރޭންޑެއްގެ ވެރިއެކެވެ.
އެޑް-އަ-މަމާގެ ނަމުން އާލިއާ ތައާރަފުކޮށްފައިވާ ކްލޯތިންގް ބްރޭންޑަކީ ކުޑަ ކުދިންނަށް ޚާއްސަކޮށްގެން ތައާރަފުކުރި ބްރޭންޑެކެވެ. އަލަތު ދަރިފުޅު ލިބުމާ ގުޅިގެން އާލިއާ ވަނީ އެންމެ ތުއްތު ކުދިންނަށް ހާއްސަކޮށްގެން އެޑް-އަ-މަމާގެ އާ އުފެއްދުންތަކެއް ތައާރަފުކުރަން ބޭނުންވާކަން އިއުލާނުކޮށްފައެވެ.