ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސްޓަގްރާމްގައި އެންމެ ނުފޫޒުގަދަ ފިލްމީ ތަރީގެ މަޤާމު ބަތަލާ އާލިއާ ބަޓް ހޯދައިފިއެވެ.
އިންފުލުއެންސާ މާކެޓިން ޕްލެޓްފޯމް ހައިޕްއޮޑިޓައިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާގެ ބަތަލާ ވަނީ ހޮލީވުޑްގެ ޑްވޭން ޖޯންސަންއާއި ޖެނިފަ ލޮޕޭޒް ފަދަ ބައިނަލްއަޤުވާމީ ތަރިން ފަހަތަށް ޖައްސާލުމަށް ފަހު މުނިފޫހިފިލުމުގެ ދާއިރާގެ ދެވަނައަށް އެންމެ ނުފޫޒުގަދަ އިންސްޓަގްރާމް ތަރީގެ މަޤާމު ހޯދާފައެވެ.
ފާއިތުވެދިޔަ ދެތިން އަހަރަށް ބަލާއިރު އާލިއާގެ އިންސްޓަގްރާމްގައި ބަތަލާ ފޮލޯކުރާ މީހުންގެ އަދަދު އިތުރުވަމުން އައިވަރަކަށް މަޝްހޫރު ބްރޭންޑްތަކުން ވެސް އާލިއާއަށް އައީ ގިނަ ފުރުސަތުތަކެއް ލިބެމުންނެވެ. އޭގެ ތެރޭގައި ބައިނަލްއަޤުވާމީ ފެންވަރުގެ އަގުބޮޑު ބްރޭންޑްތައް ވެސް ހިމެނެއެވެ.
ސޯޝަލްމީޑިއާގައި ހަރަކާތްތެރިވެ އުޅުމުގެ ސަބަބުން އާލިއާ ވެފައިވަނީ ބަތަލާގެ ސަޕޯޓަރުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ތަރިއަކަށެވެ. މިއީ ވެސް އާލިއާގެ ފޮލޯވާސް އިތުރުވެ، ބްރޭންޑްތަކުން ލިބޭ ހުށަހެޅުންތައް ގިނަވުމުގެ އެއް ސިއްރެވެ.

އާލިއާ ބަޓް އިންޓަނޭޝަނަލް ބްރޭންޑް ގުޗީގެ އިޝްތިހާރެއްގައި--ފޮޓޯ/އިންސްޓަގްރާމް
އާލިއާއަކީ ހިލޭ ސާބަހަށް އާންމުންނަށް އެހީތެރިވުމުގެ ހަރަކާތްތައް ވެސް ހިންގާ ބަތަލާއެކެވެ. ޑިޖިޓަލް ދުނިޔޭގައި ވެސް އާލިއާއަކީ މަގުބޫލު ނަމަކަށް ވެފައިވާއިރު އަމިއްލަ ފިލްމު ކުންފުނިން ގެނެސްދޭ ވެބް ކޮންޓެންޓްތައް ވެސް އިތުރަށް މުއްސަނދިކުރުމުގެ މަރުހަލާ ވަރަށް ޅަ އުމުރުގައި އާލިއާ ވަނީ ފަށާފައެވެ.
ޖުމްލަ 85 މިލިއަން ފޮލޯވާސްއާ އެކު އާލިއާއަށް އިންސްޓަގްރާމްގެ އެންމެ ނުފޫޒުގަދަ ތަރީގެ މަގާމު ލިބުނުއިރު މި ލިސްޓުގެ އެއްވަނަ ކާމިޔާބުކޮށްފައިވަނީ ހޮލީވުޑްގެ ޒުވާން ބަތަލާ ޒެންޑަޔާއެވެ. އެޑް-އަ-މަމާގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ފެޝަން ބްރޭންޑެއް ހިންގާ އާލިއާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޖިގްރާ"އިންނެވެ.
ހޮލީވުޑަށް ވެސް ތައާރަފްވެފައިވާ ބަތަލާ އަންނަނީ އިންޑިއާގެ އެންމެ ބޮޑު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން އުފައްދާ ފިލްމު "އަލްފާ"ގައި މަސައްކަތް ކުރަމުންނެވެ.