އިންގްލިޝް ޕްރިމިއާ ލީގުގައި ތާވަލްގެ ދެވަނައިގާ އުޅޭ އާސެނަލް އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގާ އުޅޭ ލިވަޕޫލާއި ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ.
ލެސްޓާގެ ދަނޑުގައި ކުޅުނު މިމެޗު އާސެނަލް ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ އާސެނަލް އިންނެވެ.
ނަމަވެސް މިމެޗުގައި ލެސްޓާއިން ވަނީ ވަރަށް ރަނގަޅަށް ޑިފެންޑްކޮށް އާސެނަލްގެ ހަމަލާތައް މެޗުގެ ފަހު 10 މިނެޓާ ޖެހެންދެން ހިފަހައްޓާފައެވެ. މިމެޗުގައި އާސެނަލް އިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 81ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ މިކޭލް މެރީނޯއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 87ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވެސް މެރީނޯއެވެ. މިމެޗުގެ 80ވަނަ މިނެޓާއި ޖެހެންދެން މިމެޗުގައި ދެޓިމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހުމުގައި މާބޮޑު ކުރިއެރުމެއް ހޯދޭގޮތެއް ނުވިއެވެ.
މިކާމިޔާބީއާއެކު އާސެނަލް މިހާރު އުޅެނީ ކުޅުނު 25 މެޗުން ލިބިފައިވާ 53 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި އެއްވަނައިގާ އުޅޭ ލިވަޕޫލާއި ދެމެދުގައިވާ ފަރަގު މިހާރުވަނީ ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ.
ލެސްޓާ އުޅެނީ 17 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ. މިމުބާރާތުގައި އެސްޓަންވިލާ އާއި އިޕްސްވިޗް ޓައުން ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުން ދެޓީމު ވީ އެއްވަރެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އިޕްސްވިޗްގެ އެކްސެލް ޓައުންޒޭބޭއަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކިއެވެ.
ދެވަނަ ހާފުގައި އެއް ކުޅުންތެރިއެއް މަދުކޮށް ކުޅެމުންވެސް ލީޑު ނަގާފައިވަނީ ލިއަމް ޑެލަޕް ޖަހާދިން ލަނޑުން އިޕްސްވިޗްއެވެ. ވިލާއަށް އެއްވަރު ކޮށްދިނީ އޮލީ ވޮޓްކިންސްއެވެ. މިމެޗު އެއްވަރު ވުމުން ވިލާ 38 ޕޮއިންޓާއެކު ތާވަލްގެ ނުވަވަނައިގާ އުޅޭއިރު އިޕްސްވިޗް އުޅެނީ 17 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.
މީގެއިތުރުން ބޯންމޯތާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗު ތިން ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބޯންމޯތެެވެ. މިމެޗުގައި ބޯންމޯތަށް ލަނޑުތައް ޖަހައިދިނީ ޑަންގޯ އޮއުޓާރާ، ރަޔަން ކްރިސްޓީ އަދި މާކަސް ޓެވެނިއާއެވެ.
ސައުތެމްޕްޓަންގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކަމަލްދީން ސުލެމާނާއެވެ. މިކާމިޔާބީއާއެކު ބޯންމޯތު މިހާރުވަނީ 43 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ސައުތެމްޕްޓަން އުޅެނީ ނުވަ ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.