އެރޭ ނިދަން އޮވެގެންވެސް އަޒްލަފްއަށް ވިސްނެނީ ލުޔޫނާއާ މެދުގައެވެ. ލުޔޫނާގެ އެ މަޑުމައިތިރިކަމާއި ނިޔަނެތިކަން އޭނާގެ ހިތަށް އަސަރު ފޯރުވަނީއެވެ. އާއިންއާ މެދު މިއަދު އެ ބެހެއްޓި ގާތްކަމާ މެދުވެސް އޭނާއަށް ވިސްނާލެވުނެވެ. ލުޔޫނާ އަކީ ކުޑަކުދިންނާ ވަރަށް ގަޔާވާ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ މީހެއްކަން އޭނާއަށް އެނގެއެވެ. ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް އޭނަ ވީ ވެސް އެހެންވެގެންނެވެ.

*****

އެ ހަފްތާ އެއްކޮށް ކަހަލަ ގޮތަކަށް އަޒްލަފްގެ ޙާލަކީ އެއީއެވެ. މިހާރަކަށް އައިސް އޭނާއަށް ލުޔޫނާއާ މެދު ވިސްނެނީ މާވަރަކަށެވެ. އެއީވެސް އެފަދަ ރެއެކެވެ. ވިސްނުންތަކުން ފުނިޖެހެމުން ދިޔަ ސިކުނޑިއަށް ލުޔެއް ހޯދުމަށްޓަކާ އަޒްލަފް އެނދުން ތެދުވެ ޓީޝާޓެއް ގަޔަށް މަހާލައިގެން އެރީ ޓެރެސްއަށެވެ. ދޮރު ހުޅުވާލުމާއެކު ގައިގައި ބީހިލީ ލުއި ވައިރޯޅިއެކެވެ. ޓެރެސްގައި ހުރި އޮރެންޖުކުލައިގެ ލައިޓުގެ އަލިކަމުގެ ތެރެއިން އެތަނުގައި އިން އަފްނާން އޭނާގެ ލޮލުގައި އަޅައިގަތުމާއެކު ދެވަނަ ސިކުންތުގައި ބުމަ ގާތްކޮށްލެވި ނިތަށް ރޫތައް އަރުވާލެވިއްޖެއެވެ. ގޮނޑީގައި އިށީނދެލައިގެން އިސްޖަހާލައިގެން އިން އަފްނާން، އަތުގައި އޮތް ވޭޕު ނަގާ ތުމުގައި ޖައްސާލާފައި ނައްޓާލުމާއެކު އޭގެ ދުންތައް މުޅި ތަނަށް ބުރުވާލިއެވެ. އެ މަންޒަރު ފެނުމާއެކު އަޒްލަފްއަށް އޭނާގެ ސިކުނޑީގެ ޚިޔާލުތައްވެސް އެއްފަރާތްކޮށްލެވުނެވެ.

އަފްނާންއަށް ވެސް އެ ދިމާލަށް ބަލައިލެވުމާއެކު އަތުގައި އޮތް ވޭޕް ފޮރުވަންވެގެން އަވަސްވެގަތް ނަމަވެސް، އެ ހުރިހާކަމެއް އަޒްލަފްއަށް ފެނުނުކަން ޔަޤީންވެ އިސްޖަހާލިއެވެ.

"ތިކަން ވެސް ކުރަން ފެށީތަ؟" އަޒްލަފްހުރީ ހިތްހަމަ ނުޖެހިފައިކަން އެ އަޑުން އެކަނިވެސް ދޭހަވިއެވެ. އަޒްލަފްއަށް ބަލައިނުލި ނަމަވެސް، އަފްނާންއަށް ވެސް އެ އަޑުގައި ހުރި ހިތްހަމަނުޖެހުން ފާހަގަވިއެވެ. "ކޮން އިރަކު ތި ބޭނުންކުރަން ފެށީ؟"

"މެލޭގައި އުޅެމުން…" އެއިން ގޮތަށް އިނދެ އަފްނާން އެ ސުވާލަށް ޖަވާބު ދިނެވެ.

"ބައްޕައަށް އެނގިއްޖެއްޔާ ވަރަށް ހިތްހަމަނުޖެހޭނެ. މަސްތުވާ އެއްޗެއް ނޫނަސް، ހަމަ އެހާ ގެއްލުން ލިބޭ އެއްޗެއް ތީވެސް." އަޒްލަފް ގޮނޑީގައި އިށީނދެލިއެވެ. "ކީއްވެ ދޮންބެއަށް ފިލައިގެން ތިއުޅެނީ؟ މި ދިޔަހަފްތާގައި އަބަދުވެސް ދޮންބެ އަފްނާންއާ ބައްދަލުކުރަން ބޭނުންވެގެން ބުނާއިރު އަފްނާން ކޮންމެވެސް ކަމަކު ބިޒީ. އެނގޭ އެއީ ދައްކާ ބަހާނާއެއްކަން. ކީއްވެގެންކަންވެސް އެނގޭ. "

"ސޮރީ… " އަފްނާން ބުނެލިއެވެ. "އަހަންނަށް ދޮންބެއާ ކުރިމަތިލާނެ ހިތްވަރެއް ނުލިބުނު."

"އެ ދުވަހުގެ ފަހުންވެސް މައުވާ ގާތަށް ދިޔައިންތަ؟" އަޒްލަފް ގޮނޑީގައި ލެނގިލަމުން ސުވާލުކޮށްލީ ވަރަށް ސީރިއަސްވެލާފައެވެ. "އަފްނާން…"

"ދިޔައިން…." އެއިން ގޮތަށް އިނދެ އަފްނާން ޖަވާބު ދިނެވެ. ވޭޕް ހިފައްޓާލައިގެން އެއަށް ބަލަހައްޓައިގެން އިންއިރު، އެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ.

"ކީއްވެގެން ދިޔައީ؟ އަފޫ ދާނެކަމެއް ނެތް." އަޒްލަފްގެ އެ ޖަވާބާއެކު އަފްނާންއަށް އަޒްލަފްއަށް ބަލައިލެވުނީ ޝަކުވާގެ ނަޒަރަކުންނެވެ.

"އެކަމަކު….." އަފްނާން ހުއްޓާލިއެވެ. ހިތުގައި އުފެދުނު ޝުއޫރުތައް ދުލާ ހިސާބަށް ގެންނާނެގޮތެއް އޭނާއަކަށް ނޭނގުނެވެ. އެހިސާބަށް ބުނެފައި ހިމޭންކަން އިޚްތިޔާރުކުރެވުނީ އެހެންވެގެންނެވެ. އެކަކަށްވެސް އޭނާގެ ހިތުގެ ޙާލު ފަހުމްނުވާނެހެން އަފްނާންއަށް ހީވިއެވެ.

"އެކަމަކު ކިހިނެއްވީ؟" އަޒްލަފްގެ ތޫނު ނަޒަރު އަފްނާންއާ އަމާޒުވިއެވެ. "އަފްނާން އެތަނަށް ގޮސްގެން ބޮޑު ސީން އެއް ކްރިއޭޓްކުރާކަށް ދޮންބެ ބޭނުމެއް ނުވެޔޭ. އެ ދުވަހުވެސް މައުވާ މަންމަ ހުރީ ވަރަށް ރުޅި އައިސްފަ. ތީ ދޮންބެގެ ކޮއްކޮކަން އެނގުނީމަ ދެން ވާނީ ކިހިނެއް؟ އައި އެމް ހާރ ޑޮކްޓާރ އޭ."

"އައި ނޯ. އައި އޯ ހާރ އެން އެޕޮލޮޖީ." އަޒްލަފް އެ ދެއްކީ ރަނގަޅު ވާހަކަކަން އަފްނާންއަށްވެސް އެނގެއެވެ. އެހެންނަމަވެސް، އެހިތުގެ ނުކިޔަމަންތެރިކަމެއްގެ ސަބަބުން މައުވާ ފެންނަ ހިސާބަށް ނުގޮސް ހުންނާނީ ކިހިނަކުން ހެއްޔެވެ؟ އެހިތަކީ މިހާރު އޭނާގެ ބާރު ފޯރުވޭ އެއްޗެއް ނޫނެވެ. މައުވާ ނުފެނުމުން އޭނާގެ ހިތަށް ހީވަނީ އެތައް ހާސް ހަންޖަރެއް އެއްފަހަރާ ހަރާހެންނެވެ. ދުވާލަކު އެތަކެއް ފަހަރު އެހިތުން ލޭ އޮހޮރެއެވެ. އެ ދެލޮލުން ކަރުނަ ހިލެއެވެ. މައުވާއާ މެދު ކަންތައް ކުރެވުނު ގޮތުން އަމިއްލަ ނަފްސު ކުށްވެރިކުރެވެއެވެ.

"އެހެންވިޔަސް އެމީހުން އެހާ ރުޅި އަންނަ އިރު އަފޫ ހޮސްޕިޓަަލަށް ދިޔުން ރަނގަޅެއް ނުވާނެ." އަޒްލަފް އަފްނާންއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. "އެހެން ނޫނަސް އަފޫގެ ވެސް މިސްޓޭކެއްގެ ސަބަބުންނެއްނު އެހާ ރުޅި އެ އަންނަނީ؟"

"އެހެންވީމައޭ އަހަރެން އެހާ ވަރަކުން ދާން ބޭނުންވަނީ. އައި ނޯ އިޓްސް މައި މިސްޓޭކްކަން. އެއްވެސް މީހަކަށް އިޙްސާސްއެއް ނުކުރެވޭނެ އަހަރެން ގިލްޓީވާވަރު." އަފްނާންގެ އަޑުގައި އިންތިހާ ދަރަޖައިގެ ވޭނާ ކެކުޅުންވެއެވެ. އެ ކުރެވޭ ކުށްވެރި އިޙްސާސްގެ ސަބަބުން ދުވަހަކު އަމިއްލަ ނަފްސަށް މަފުކުރެވޭނެކަމެއް ނޭނގެއެވެ. ދުވަހަކު އެކަން ހަނދާން ނައްތާލެވޭނެކަމެއް ނޭނގެއެވެ. އެކަމުގެ ސަބުން އަމިއްލަ ނަފްސާ ކުރިމަތިލާން ޖެހިލުންވާވަރަށް އޭނާގެ ހިތުގައި ލަދުވެތިކަން ވެއެވެ. މައުވާގެ ކިބައިން އޭނާ ބަދަލު ހިފީ، އެހެން މީހެއް ކުރި އަމަލަކަށެވެ. އެ ވީޑިއޯ ލީކްކޮށްލީ މައުވާއެށް ނޫނެވެ. މުޅީން އެހެން މީހެކެވެ. ވީއިރު މައުވާއަށް އެ ކުށުގެ އަދަބު ދީގެން އޭނާ އަށް ކުރެވުނީ ރަނގަޅުކަމެއް ނޫނެވެ. އޭރު ހިތުގައިވި އިޙްސާސްތަކަށް ފުރަގަސްދެވުމުން މިއަދު އޭނާ އެކަމާ ދެރަވެފައެވެ. ފަހު ވަގުތުވެސް މައުވާގެ ފިޔަވަޅުމަތީ ހުރެ އެންމެ ފަހަރަކު ވިސްނާލެވުނުނަމައެވެ. އެންމެ ފަހަރަކު މައުވާ އޭނާ ދެކެ ވީ ލޯބި އިޙްސާސްކޮށްލެވުނު ނަމައެވެ.

"އިޓްސް އޯލް މައި ފޯލްޓް. އެރޭ އެގޮތަށް ކަންތައް ނުކުރެވުނު ނަމަ."

އެހުރިހާ ކަމަކާ އަފްނާން ދެރަވެ ހިތާމަކުރާވަރު ފެނުމުން އަޒްލަފްއަށް ވެސް އަސަރުކުރިއެވެ. އަފްނާންއަށް އައިސްފައިވާ ބަދަލުތަކުން އޭނާ ވެސް ދެރަވިއެވެ. މީގެ ކުރިން އަފްނާންއަކީ އެއް އިރެއްގައިވެސް އެހާ ޖަޒުބާތީވާ މީހެއް ނޫނެވެ. ޙަޔާތުގެ ކޮންމެ ކަމެއް ވެސް އޭނާ ނަގަނީ މަޖަލެއެއްގެ ގޮތަށެވެ. އޭނާއާ އަފްނާންގެ މިޒާޖު އެހާ ތަފާތު ވަނީ ވެސް އެހެންވެގެންނެވެ. ދިރިއުޅުމުގައި ސީރިއަސްވުމަކީ މީގެ ކުރިން އަފްނާން ބޭނުންވިކަމެއް ނޫނެވެ. އެހެންނަމަވެސް މިއަދު އޭނާގެ ކުރިމަތީގައި އެ އިނީ މުޅީން ތަފާތު އަފްނާންއެކެވެ.

"އައި ވޮނަ މޭކް އިޓް އޯލް ރައިޓް." އަފްނާން އަޒްލަފްއަށް ބަލައިލިއިރު އެ ދެލޮލުގައި ކަރުނައިގެ މުތީތައް ވިދަމުން ދިޔައެވެ. "އެހެންނޫނީ މި ގިލްޓުން ދުވަހަކު ސަލާމަތެއް ނުވެވޭނެ. އައި ކާންޓް އީވެން ފޮގިން މައި ސެލްފް. އައި ރިއަލީ ލަވް ހާރ. އައި… އަ ޖަސްޓް ކޭންޓް ސްޓޭ އަވޭ ފްރޮމް ހާރ އެނީމޯ. "

"އަފޫ… ކީއްވެތަ ތިހާ ގިލްޓީ ތިވަނީ؟ އަފޫ މައުވާ ދޫކޮށްލިރޭ، އޭނަ އެކްސިޑެންޓުވީމަތަ؟" އަޒްލަފް ސުވާލުކޮށްލިއެވެ.

"އެހުރިހާ ވާހަކައެއް ކިޔައިދޭނެހާ ހިތްވަރެއް ނެތް. އަހަންނަށް އެނގޭހާވެސް އެއްޗަކީ އެ ހުރިހާކަމަކީވެސް އަހަރެންގެ ކުށެއްކަން. ދުވަހަކުވެސް އެހެން މީހަކު އަނެކަކަށް އެފަދަ ދެރައެއް ނުދޭނެ. އަހަރެންގެ ސަބަބުންނޭ އޭނަގެ ލައިފްއިން ދެ އަހަރު ގެއްލުނީ. އަހަރެންގެ ސަބަބުން އެހުރިހާކަމެއް ވީ. އަހަރެންގެ އަމިއްލަ އެދުން ބޮޑުކަމުން. " ހިތުގައި އުފެދިފައިވާ ގިލަންވެރި އިޙްސާސް ހީވަނީ އަފްނާން މޮޔަކޮށްލަފާނެހެންނެވެ. މީގެ ކުރިން ދުވަހަކުވެސް މީހަކާ ހިއްސާ ނުުކުރާ އެ އިޙްސާސްތައް އަޒްލަފްގެ ކުރިމަތީގައި ފާޅުކޮށްލެވުނީ ވެސް އެހެންވެގެންނެވެ. "އެކަމަކު މިހާރު…. މިހާރު އަހަރެން މައުވާ ބޭނުން…"

އަފްނާންގެ ހިތް އެދޭ ހަމައެކަނި ސޫރައަކީ މައުވާއެވެ. އެހިތުގެ މަލަކާއަކީވެސް އެއީއެވެ. މާޒީއަށް ގޮސް ކުރެވޭ ކުށް ރަނގަޅުކުރެވޭނެނަމަ އެކަންތައް އޭނާ ރަނގަޅުކުރިތާ ކިތަންމެ ދުވަހެކެވެ. އެހެންނަމަވެސް، އެއީ ވުން ނާދިރުކަމެއްކަން ޚުދު އޭނާގެ ސިކުނޑިވެސް ޤަބޫލުކުރެއެެވެ. ގޮތްހުސްވެ ނާއުންމީދުވެފައިވާ ހިތަށް ތަސައްލީއެއް ދޭނެ ގޮތެއް މިހާރަކު އަފްނާންއަކަށް ނޭނގެއެވެ.

"އަހަންނާ މައުއާ އެކަނި ބައްދަލުކުރެވޭނެ ގޮތެއް ހަދައިދީބަލަ." ބޭޤަރާރުވެފައިވާ ހިތް ހަމައަކަށް އަޅުވަން މަސައްކަތްކުރި، އަފްނާންއަށް، އަމިއްލަ އިޚްތިޔާރުން ބޭރުން އެހެން ބުނެވުނީ ހިތުގައި ވި އުދާސްކަމެއްގެ ސަބަބުންނެވެ. އެހިތުގެ ހުރިހާ އެދުމެއް މިހާރު ގުޅިފައިވަނީ މައުވާއާއެވެ. ރެއާ ދުވާލު އަބަދަމެ ކުރެވޭ ޚިޔާލަކީ ވެސް އެއީއެވެ. އެހިތަށް ތަސައްލީއެއް ދޭނެ ގޮތެއް އަފްނާންއަކަށް ނޭނގުނެވެ.

"އަފޫ… " އަފްނާންގެ އެ އެދުމަށް އިޖާބަދޭނެ ގޮތެއް އަޒްލަފްއަކަށް ނޭނގުނެވެ. "ތިހެން ބުނާއިރުވެސް އަފޫއަށް އެނގެއެއްނު ދޮންބެއަށް ތިކަންތައް ތިގޮތަށް ކޮށް ނުދެވޭނެކަން. އައި އެމް އަ ޑޮކްޓަރ. އައި ކޭންޓް ޓޭކް އަ ރިސްކް. މައުވާގެ ޙާލަތު ރަނގަޅުވަމުން ދާއިރު އަފޫ ތިގޮތަށް ގޮސްގެން މައުވާ އިތުރަށް ނުތަނަވަސްވެ ކަމެއް ވެއްޖެއްޔާއޯ. އެހެން ނޫނަސް، ވީ ރިކުއަރ އަ ލޮޓް އޮފް ޕްރޮފެޝަނަލިޒަމް. ބަލިމީހުންގެ ކޮންފިޑެންޝިއަލިޓީ ވެސް ހިފައްޓަން ޖެހޭ. އައެމް ސޮރީ. އައި ކޭންޓް ޑޫ ދެޓް."

އަޒްލަފް މަސައްކަތްކުރީ އަފްނާންއަށް ވިސްނައިދެވޭތޯއެވެ. އަފްނާންކަންތައްކުރީ ވަކި ރަނގަޅަށް ނޫންކަންވެސް އޭނާއަށް އެނގެއެވެ. އެހެންނަަމަވެސް، ހިތްހަމަނުޖެހި އެއްޗެއް ނުބުނެވުނީ، އަފްނާންގެ ލޮލުން ފެންނަމުން ދިޔަ ވޭނުގެ ސަބަބުންނެވެ. ކޮންމެ ހަރަކާތަކުންމެ ފެންނަމުން ދިޔަ މަޑުމޮޅިކަމެއްގެ ސަބަބުންނެވެ. ހުރިހާކަމެއްވެސް ވިސްނުންތެރިކަމާއެކު ކުރުމަކީ އަޒްލަފްގެ އާދައެކެވެ. އެ ސިފަ އޭނާ ދަސްކުރީ އެމީހުންގެ ބައްޕަގެ ފަރާތުންނެވެ. ނަޖީބަކީވެސް ކަންކަމުގައި ފަރުވާތެރިކަމާއި ޙިކުމަތްތެރިކަމާއެކު ނިންމުންތައް ނިންމާ މީހެކެވެ.

"ދޮންބެއަކަށް ނޭނގެ ސީދާ ވީ ކީއްކަމެއް؟ އަފޫ ކިޔައިދިން ވަރެއް ދޮންބެއަށް އެނގެނީ. އެކަމަކުވެސް ދޮންބެ އަފޫއަށް ހެޔޮ އެދޭތީ ދޭ ނަޞޭޙަތެއް މީ. މައުވާ ރަނގަޅުވަން ދެން މައުވާއާ ދުރުގަ މަޑުކޮށްލާ. ސްޓްރެސް އިޒް ނޮޓް ގުޑް ފޯރ ހާރ. އޭނާގެ ޙަޔާތުން ދެ އަހަރު ގެއްލިއްޖެ. އިޓްސް އަ ލޮޓް. އެހުރިހާ އެއްޗެއް ޕްރޮސެސްކުރަންވެސް ޓައިމް ބޭނުންވާނެ. މައުވާގެ ބައްޕަ ނިޔާވި ވާހަކަ އެނގުމުންވެސް ވަރަށް ރުއި. އެފަހަރުވެސް ވަރަށް ސަކަރާތްވި. އެހެންވީމަ މިހާރު އަދި އަމްދުން އޭނަ މަންމަ ބޭނުމެއް ނުވާނެއެއްނު ސްޓްރެސްވެގެން އިތުރު ކަމެއް މައުވާއަށް ވާކަށް. އަންޑަސްޓޭންޑް ވޭ ދޯ ދޮންބެ މި ބުނާ އެއްޗެއް." އަފްނާންގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމާއެކު، އަޒްލަފް އަފްނާންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލިއެވެ. "ޑޯންޓް ވޮރީ. ޝީޒް އަ ސްޓްރޯންގ ގާރލް. ޝީ ހޭންޑަލްޑް އިޓް ވެލް."

"މައުވާގެ ބައްޕަ ނިޔާވިކަންވެސް އެނގުނީ އެއް ދުވަހެއްގަ މައުވާ މަންމަ އެވާހަކަ ބުނުމުން. ކޮން އިރަކު ނިޔާވީ؟ ދޮންބެއަށް އެނގޭތަ؟" އަފްނާން އެނގެން ބޭނުންވުމުން އަޒްލަފް އެ ވާހަކަތައް އަފްނާންއަށް ކިޔައިދިނެވެ.

"ތެންކިއު ދޮންބޭ…" ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލި އަފްނާން ހާމައަށް އޮތް އުޑުމައްޗަށް ބަލައިލިއެވެ. ތަރިތައް ފިޔަޖަހަމުންދިޔަ މަންޒަރު ކިތަންމެ ހިތްގައިމުވި ނަމަވެސް، އެ ކަމަކުން ހިތަކަށް އެއްވެސް ތަސައްލީއެއް ނުލިބުނެވެ.

"ދެން ތިކަންތައްވެސް ހުއްޓާލާ." ސިހުނީ އަޒްލަފްގެ އަޑަށެވެ. އޭނާ ބަލައިލުމުން އަޒްލަފް އޭނާގެ އަތުގައި އޮތް ވޭޕަށް އިޝާރާތްކޮށްލިއެވެ.

"އައިލް ޓްރައި…" އަމިއްލަ ނަފްސަށް އިތުބާރު ނެތްފަދައަކުން އަފްނާން ބުނެލިއެވެ. އަޒްލަފްގެ ފޯނު ރިންގުވީ އެވަގުތެވެ. އޭނާ ފޯނު ނަގާ ބަލައިލިއިރު ގުޅަނީ ޝައުފާއެވެ. އޭރު ގަޑިން އެކެއް ޖަހަނީއެވެ. އަފްނާންއަށް ބަލައިލާފައި އަޒްލަފް ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އެހާ ދަންގަޑިއެއްގައި ޝައުފާ ގުޅަން ޖެހޭ ސަބަބެއް އަޒްލަފަކަށް ނުވިސްނުނެވެ. މިހާރު އާއިންވެސް ހުރީ ޝައުފާގެ ކައިރިއަކު ނޫން ވިއްޔާއެވެ.

"ހަލޯ… ޝައުފާ." އަޒްލަފް ފޯނު ނެގިއެވެ. އެއާއެކު އަފްނާންވެސް ގޮސް ޓެރެސްއިން އިން ނުކުތީ އަޒްލަފްއަށް ފޯނުން ވާހަކަ ދައްކަން ފުރުސަތު ދިނުުމުގެ ގޮތުންނެވެ.

"ހަލޯ އަޒްލަފް…" ޝައުފާގެ އަޑު ކިތަންމެ މަޑުނަމަވެސް، އޭނާ ހުރީ ކަމަކާ ވަރަށް ހާސްވެފައެވެ. އަހަންނަށް ކަމެއް ކޮށްދީފާނަންތަ؟ އަޒްލަފް ނޫނީ އެހީތެރިވާން ގުޅާނެ އިތުރު މީހަކު އަހަންނަކަށް ނޭނގުނު."

"ކިހިނެއްވީ؟" ބެލްކަނީގެ ރެއިލިންގައި އަތް ޖައްސައިލި އަޒްލަފް ޝައުފާގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ. އޭނާ އެއްޗެއް ނުބުނުުމުން ދެވަނަ ފަހަރަށްވެސް ވާހަކަ ދައްކަން އަޒްލަފްއަށް މަޖުބޫރުވިއެވެ. "ވީކަމެއް ބުނީމައެއްނު އެނގޭނީ. ތިހެން އެއްޗެއް ނުބުނެ ހުއްޓަކަސް އަހަންނަކަށް ނޭނގޭނެ."

"އަހަންނަށް….. އަހަންނަށް…. މީ… ބޭނުން…" ޖުމްލަތައް ދުލުކުރީގައި އަތުލާރަން އުނދަގޫވެފައިހުރި ޝައުފާގެ އަޑުގައި މަޑުމަޑު ތުރުތުރުއެޅުމެއް ވިއެވެ. "އަޒްލަފް…. "

"ކިހިނެއްވީ؟ ބޮޑުކަމެއްވީތަ؟" ޝައުފާ ބުނަން އުޅޭ އެއްޗެއް އެއްގޮތަކަށްވެސް އަޒްލަފްއަކަށް ސާފެއް ނުވިއެވެ.

"އަހަންނަށް ލާރިކޮޅެއް ލިބިދާނެތަ؟" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ޖެހިލުންވެ ހުރެ އޭނާ އެ ގަޑީގައި އަޒްލަފްއަށް ގުޅި ސަބަބު ޝައުފާ ހާމަކޮށްލިއެވެ.

"ތީތަ ޝައުފާ އަހަންނަށް ގުޅި ބޭނުމަކީ؟ ލާރި ބޭނުންވީމަ؟ " އަޒްލަފް ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ޝައުފާ އަކީ ހަމަ އެހާ ގޮތްކުޑަ އަންހެނަކީ ހެއްޔޭ އޭނާގެ ހިތަށް އެރިއެވެ. "ކީއްކުރަން؟ އަހަރެން ބުނެފަ ދޯ އޮތީ ޝައުފާއަށް ފައިސާއެއް ނުދޭނަމޭ. ޝައުފާ ވަޒީފާއަކާ، އިތުރު ތަނެއް ހޯދާ ވާހަކަ ބުނީމަ ފަހު ފަހަރަށް ތި ތަނަށް އަހަރެން ކުލި ދައްކައިދިނީ. އެކަމަކު އެހެންނެއްވެސް ނުވިއެއްނު."

"ޕްލީޒް.. ޕްލީޒް އަޒްލަފް. ޕްލީޒް. ވަރަށް މުހިންމޭ… ޕްލީޒް…" ޝައުފާ އާދޭސްކުރަން ފެށިއެވެ. " މިފަހަރު އެކަނި."

"ތީވެސްކުޅޭ ޑްރާމާއެއްތަ؟ ޝައުފާއަށް އަހަރެން ފެންނަނީ ފައިސާ ޖަހާ މެޝިނެއް ގޮތަށްތަ؟ މީގެ ކުރިން އާއިންގެ ނަން ބޭނުންކޮށްގެން، އަހަރެން އަތުން އެވަރަށް ފައިސާ ހޯދީ. މިހާރު އަނެއްކާ އައު އުކުޅެއް ހޯދީތަ؟" އަޒްލަފް ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ.

"ނޫން. އަޒްލަފް. މިފަހަރު ހަމަ އަސްލުވެސް ވަރަށް ބޮޑަށް މުހިންމުވެގެންނޭ… ހެޔޮނުވާނެ. ޕްލީޒް…" ޝައުފާ ބުނަމުން ދިޔައެވެ.

"ކިހާ މުހިންމުކަމެއް؟ ކުރާކަމެއް ބުނީމައެއްނު އެނގޭނީ…" އަޒްލަފް ހުރީ ޝައުފާއަށް ފައިސާ ދޭގޮތަކަށް ނޫނެވެ. އެގޮތަށް އޭނާ ބުނީ ޝައުފާ ބުނާ އެއްޗެއް ބަލާލުމުގެ ބޭނުމުގައެވެ. "ކިހާ ވަރެއް ބޭނުންވެގެން ތިއުޅެނީ… ޝައުފާ! ކިހާވަރެއްހޭ ބޭނުންވެގެން ތިއުޅެނީ؟"

"ވިހި…. ވިިހި ހާސް…" އެކޮޅުން އަޑު އައެވެ.

"ވިިހި ހާހޭ؟ ކީކުރާހާ ބައިވަރެއް؟ ނުދެވޭނެ އަހަންނަަަކަށް." އަޒްލަފް ދެކޮޅު ހެދިއެވެ.

"ޕްލީޒް އަންޑަރސްޓޭންޑް… އައި ވިލް ރިޓާރން އިޓް އޭ…" ޝައުފާ ހީވަނީ ދެންމެ ދެންމެ ރޮއިގެންފާނެހެންނެވެ. " އާއިންއަށްޓަކާ ވިޔަސް… ޕްލީޒް…"

"ފައިސާ ހޯދަން އާއިންގެ ނަން މީގެ ފަހުން ބޭނުން ނުކުރައްޗޭ. " އަޒްލަފް އިންޒާރެއް ދިނެވެ. " ދެން އެފައިސާއިން ކުރާކަމެއް ބުނެބަަލަ. މީސްމީހުންނާ އެކު ގެސް ގެސްޓްހައުސްތަކަށް ވަނުންތަ؟"

އަޒްލަފްގެ ސުވާލާއެކު ޝައުފާގެ ބަސް ހުއްޓުނެވެ.

"އަޒްލަފް ނުދޭނަންދޯ…" އެންމެފަހުން ޝައުފާ ފޯނު ބޭއްވީ ގޮތް ހުސްވުމުންނެވެ. އަޒްލަފްވެސް، ފޯނު ކަނޑާލަމުން ފޯނު ޖީބަށް ލިޔެވެ. ޝައުފާގެ އެ އަވައިގައި އަލުން ނުޖެހެން އޭނާ އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. އޭނާގެ ހިތުން މިހާރު ވަނީ ޝައުފާގެ ނަން ފަނޑުވެގެން ދާން ފަށާފައެވެ. ޝައުފާއާ މެދު ވާ އިޙްސާސްތައް މުޅީން އެހެން ދިމާލަކަށް ފުރޮޅިގެންދާ ކަހަލައެވެ. ޝައުފާގެ ނަން ފުހެވެމުން ދިޔަ ވަރަކަށް އަޒްލަފްގެ ހިތުގައި ލުޔޫނާގެ ނަން ފެވެމުން ދިޔައެވެ. ވިސްނެނީ ލުޔޫނާއާ މެދުގައެވެ. ލުޔޫނާ ފެނުމުން އެހިތަށް ހަމަޖެހުން ލިބެން ފެށިއެވެ. އިރުކޮޅަކު އެތަނުގައި ހުރެފައި އަޒްލަފްވެސް ކޮޓަރިއަށް ދާންވެގެން މިސްރާބުޖެހިއެވެ.

ޖެހިގެން އައި ދުވަހު ހެނދުނުގެ ނާސްތާއަށްފަހު، އަޒްލަފް، އާއިން ގޮވައިގެން ފަތާފެންގަނޑުގެ ކައިރީގައި އުޅެނިކޮށް އޭނާއަށް ފޯނެއް އައެވެ. އޭރު ފޯނު އޮތީ، އެތަނުގައި ހުރި ގޮނޑިއެއްގެ މަތީގައެވެ. އަޒްލަފް ތައްޔާރުވަމުން ދިޔައީ އާއިންގެ އެދުމަށް ޕޫލަށް އެރުމަށެވެ. އެހެންނަމަވެސް، އައި ކޯލާއެކު އޭނާ ފޯނު ނަގާ ބަލައިލީ ކޮންމެ ވަގުތަކުވެސް ހޮސްޕިޓަލުން ކޯލެއް އަތުވެދާނެތީއެވެ. އޭނާ ފޯނު ނަގައި ބަލައިލިއިރު ވީވެސް އެހެންނެވެ. ގުޅީ ހޮސްޕިޓަލުގައި މަސައްކަތްކުރާ އޭނާގެ ގާތް ޑޮކްޓަރެކެވެ. ފޯނު ކަންފަތުގައި ޖައްސާލުމާއެކު އެކޮޅުން ބުނެލި ވާހަކައިން އޭނާ ހައިރާންވެއްޖެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު