"މިހުރިހާ ކަމެއްގެ ފަހަތުގަ ހުރި މީހަކީ ކަލޭތަ؟...." ރަޔާން ކުރަން ބޭނުންވި ސުވާލުވެސް ކުރީ އަފްސަމެވެ. "ކަލޭތަ މާސްޓާމައިންޑަކީ؟ އޭނ؟"

ރިވާން އަތުން އިޝާރާތްކޮށްލުމުން، ޖާނުން ވަރުގަދަ ދެ ފުލުހަކު އެތެރެއަށް ވަނެވެ. ދެމީހުންނަށް އަފްސަމް ހުއްޓުވަން ޖެހުނީ ބާރުގެ ބޭނުންކޮށްގެން ގަދަކަމުންނެވެ.

********

އެއްވެސް އެއްޗެއް ނުބުނެ ގަބުވެފައި ރަޔާންއަށް އެތައް އިރަކު ހުރެވުނެވެ. ލޮލަށް ފެނުނަސް، އެ މަންޒަރު ގަބޫލުކުރަން އޭނާއަށް ދަތިވީއެވެ. ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ ނަވީން ހެއްޔެވެ؟ ނަވީންއަކީ ރަޔާނާއި އެއް އޮފީހެއްގައި މަސައްކަތް ކުރާ މީހެކެވެ. ރަޔާނަށް ދުރު މީހެއް ނޫނެވެ. އަވައްޓެރިއެކެވެ. ވީއިރު، ރަޔާނަށް ގެއްލުންދޭން ނަވީން އެހާ ދަށު ދަރަޖައަކަށް ވެއްޓެއްވީ ކީއްވެ ހެއްޔެވެ؟ ރަޔާނަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟

ވަށައިގެން ހިނގާ އެއްވެސް ކަމެއް، އަދި އެއްވެސް އަޑެއްވެސް ރަޔާންއަށް ނީވޭފަދައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ދިމާވި ހާދިސާތަކުގެ ތާޒާ ހަނދާންތަކުން ރަޔާންގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައެވެ. ރަޔާންގެ އެކްސިޑެންޓާއި ރަޒީނާގެ މަރެވެ. ޔަލްވީއަށް ދިމާވި ކަންތައްތަކެވެ. ރަޔާން ނަވީނަށް ބަލައިލީ ކުރިން ނުބަލާފަދަ ގޮތަކަށެވެ. އެތައް ސުވާލުތަކަކުން ރަޔާންގެ ސިކުނޑި ވަނީ ފުރި ބާރުވެފައެވެ. ނަވީންގެ ދެލޮލުގައިވި ހަސަދަވެރިކަމާއި، ބަދަލުހިފުމުގެ ރޫހު، ރަޔާނަށް ފެނުނީ އެފަދަ ނަޒަރަކުން ބެލީމައެވެ. އެހާ ކައިރީގައި އުޅުނުއިރުވެސް، ކުރިން ރަޔާނަށް އެމަންޒަރު ނުފެނުނީ ކީއްވެ ހެއްޔެވެ؟ ޔަގީނުންވެސް ރަޔާން ފަދައިން އެހެން މީހުންގެ ހިތްވެސް ސާފުވާނެކަމަށް އޭނާއަށް ގަބޫލުކުރެވުނީމައެވެ.

"ކީއްވެ؟.... ހުރިހާ ކަމެއް ކުރީ ހަމަ ނަވީންތަ؟..." ރަޔާނަށް ސުވާލުކުރެވުނެވެ.

"މިހާރު ފުށްކޮޅަކަށްވެގެން ތީނީ ކީއްވެޔޯ؟ ކޮބާ އިންޒާރު ދީދީފަ އުޅުނު މީހާ؟ އޭނ؟" ރަޔާންގެ ސުވާލަށް ނަވީން ޖަވާބެއް ނުދިނުމުން، އަފްސަމަށް ހިމޭނުން ނުހުރެވުނެވެ. "އަހަރެން މަންމައެއް ފަދައިން ދެކެމުން އައި މީހާގެ ދުވަސްދުއްވާލާފަ، މިހާރު އަހަރެންގެ ލޯބިވެރިޔާއަށް ގެއްލުންދޭންތަ ތިއުޅެނީ؟.... ލިމް ކޮންކަމެއް ކޮށްގެން ކަލޭ އޭނައަށް....."

އަފްސަމްގެ އަރު ބެދުނެވެ. އަޑެއް ނުނުކުތެވެ. ރަޒީނާ ނިޔާވީ، ރަޔާނަށް ދިމާވި ހިތާމަވެރި ހާދިސާއިން ހިތް ފަޅައިގެން ގޮސްގެންނެވެ. ނަވީން އެފަދަ ކަމެއް ނުކުރިނަމަ، މިއަދު ރަޒީނާ ދުނިޔޭގައި ހުންނާނެކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ. މިއަދު ނަވީންގެ ސަބަބުން ކުށެއް ނެތް އެތައް ބަޔަކަށް ގެއްލުން ލިބިއްޖެއެވެ. އެފަދަ މީހަކަށް އިހުތިރާމު ކުރާކަށް އަފްސަމް ބޭނުމެއް ނުވިއެވެ.

"ލިމްއަށް ކިހިނެއްވީ؟" ރަޔާން ހައިރާންވެފައި އަފްސަމްގެ މޫނަށް ބަލައިލިއެވެ.

"ކުރިމަތީގަ ތީނަ ގާތިލާ ތި ސުވާލު ކޮށްބަލަ!....." ނަވީންދެކެ އައިސްފައި ހުރި ރުޅިން އަފްސަމަށް ރަޔާނާއިވެސް ވާހަކަ ދެއްކުނީ ނުރުހިފައި ހުރެއެވެ. "ލިމްއަށް ކަމެއް ވެއްޖެއްޔާ، ކަލޭގެ ދުވަސް ދުއްވާލާނަން!" ފަހުޖުމުލަ ބުނިއިރު، އަފްސަމްގެ ނަޒަރު ހުއްޓިފައިވީ ނަވީންއަށެވެ.

"ނަވީން!" ރަޔާންގެ މޫނުން ފެނުނީ ވަރުބަލިކަމެވެ. އޭނާ އެތައް ސުވާލެއް ކުރިއިރުވެސް ނަވީން ވާހަކައެއް ނުދެއްކިއެވެ. އިސްޖަހާލިގޮތަށް އިސް އުފުލައިވެސް ނުލިއެވެ.

"ނަވީން ރުޅި އަންނަނީ އަހަރެންދެކެތަ؟ އެކަމަކު ކީއްވެ؟ ކީއްވެ އެހެން މީހުންނަށް ގެއްލުން ދިނީ؟" ރަޔާންއަށް ތަކުރާރުކޮށް އެއް ސުވާލުތަކެއް ކުރަންޖެހުނެވެ.

"ރަޔާން ބުނަންތަ ވާހަކައެއް...." ނަވީންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ކުއްލިއަކަށް ގޮނޑިން ތެދުވިއެވެ. ގޮނޑި ވިއްސައިގެން މާދުރަށް ދިޔައެވެ.

ރިވާން ކުރިއަށް ޖެހިލިއެވެ. ނަވީންގެ ހަމަލާއެއް ރަޔާނަށް އައިސްފިނަމަ، ސަލާމަތްކޮށްދެވޭ ހިސާބަށް ޖެހުނެވެ. އެހެނަސް، ނަވީން ހުއްޓުވާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. ނަވީންގެ އަނގައިން ބޭރުކުރުވަންޖެހޭ ވާހަކަތަކެއް ހުރުމާއި ގުޅިގެންނެވެ. ރުޅި އަރުވާލައިގެން ނޫންގޮތަކަށް ނަވީން ވާހަކަ ނުދައްކާނެކަން ރިވާންއަށް އެނގެއެވެ.

"މާ ބޮޑުވެގެން ނޫޅެއްޗޭ!" ނަވީން ރަޔާންއާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ. "އަބަދަކު ތި އާރާ ބާރެއް ދެމިއެއް ނޯންނާނެ އިނގޭ.... ކަލޭ ބޭނުން ގޮތަކަށް އޮފީހުގެ ހުރިހާ ކަމެއް ނުކުރެވޭނެ.... ކަލެއަކަށް ތިމަގާމެއް ހައްގެއް ނޫން.... އިންޓަވިޔުއިން މަކަރު ހަދައިގެން ކަލޭ ތި މަގާމު ފޭރިގަތީ... ތީ ހިޔާނާތްތެރިއެއް... ތިހެން އައިސް ރޫޑްވިޔަސް ކަލޭދެކެ މަށެއް ބިރެއް ނުގަނޭ!...."

ދެބުމަ ގޮށްޖަހާލަމުން ރަޔާން އާއި ދިމާއަށް ނަވީން ބަލާލިއެވެ. ރަޔާނަށް ފެނުނީ ކުރިން އޭނާއަށް ފެނުނު ނަވީނެއް ނޫނެވެ. ނަވީންގެ އަސްލު ސިފަ ހުރީ ރަޔާންގެ ކުރިމަތިން ފެންނާށެވެ. ނަވީންގެ ހަސަދަވެރިކަން ގުޅިފައިވީ ރަޔާންގެ މަގާމަށެވެ. ރަޔާނާއި ނަވީން ކުރިމަތިލި މަގާމަކުން ރަޔާނަށް ކުރި ލިބިގެންނެވެ. މަގާމަށް މީހުން ހޮވުމަށް ކުރި އިންޓަވިޔުއިން ރަޔާނަށް ކުރި ލިބުނީ އޭނާގެ ވާހަކަދެއްކުންތެރިކަންވެސް ނަވީނަށްވުރެ ރަނގަޅުވީމައެވެ.

"މަގާމުގެ ބޭނުމުގަވިޔަސް އެހެންކަމެއްގެ ބޭނުމުގަވިޔަސް ނަވީން ތިކުރީ ވަރަށް ދެރަކަމެއް.. ތިކަމުން ކިތައް މީހުންނަށް އޭގެ ގެއްލުން ލިބުނު ކަމެއް ނޭނގޭތަ؟" ރަޔާންގެ ދެލޯ ފެންކަޅިވިއެވެ. "ނަވީން ހިތްހަމަނުޖެހެނީ އަހަރެންދެކެ ކަމަށްވަންޏާ ކުރާ ކަމެއް ކުރަންވާނީވެސް އަހަންނަށް.... އެހެން މީހުންނަކަށް ނޫ...ން...."

"ކަލެއަކަށް އަބަދަކު ސަލާމަތެއް ނުވެވޭނެ.... ކަލޭ އެކަމާ މާ ފަހުރުވެރިވާނެ ކަމެއްވެސް ނެތް... އަބަދު އެންމެންނަކަށް ނުތިބެވޭނެ ކަލޭ ސަލާމަތް ކުރާކަށް... އެދުވަހު ނިމާލު ކަލޭ ނުގެންދިޔަނަމަ، ތި ފައިވެސް ސަލާމަތްވިޔަކަ ނުދިނީމުސް.. އެންމެން ކަލޭ ސަލާމަތްކުރަން އަންނަނީ ކީއްވެގެންހޭ؟" ނަވީން ހަޅޭއްލަވަން ފެށިއެވެ. ދެކަންފަތުގައި އަތް އަޅައިގެން އިނދެ، އެތައް އިރަކު ހަޅޭއްލެވިއެވެ. "މަގޭ ކޮންމެ ޕްލޭންއަކަށް ހުރަސްއަޅާ މީހެއްގެ ދުވަސް ދުއްވާލާނަން.... ޔަލްވީއަކަސް، ލިމްޔާ އަކަސް، ނުބަލާނަން...."

ނަވީން ހޭންފެށިއެވެ. ރަޔާންދެކެ އާދެވުނު ރުޅިން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގުނެވެ. ކިޔުނު އެއްޗެއް ރޭކައިލިއިރު، މާ ލަސްވެއްޖެއެވެ. ދެން ސަލާމަތެއް ނެތްކަން އެނގުމުން ނަވީން ކުއްލިއަކަށް ހިމޭންވިއެވެ.

"މާތްﷲގެ އިރާދަފުޅުން އަހަރެންގެ ފައި ސަލާމަތްވީ.... ހިނގުމުގައި އުނިކަމެއް ހުއްޓަސް އިންޝާﷲ ވަރަށް އަވަހަށް އެއުނިކަންވެސް ފިލާ ހިނގައިދާނެ..... އަހަރެން އުއްމީދުކުރަން ނަވީންއަށް ހެޔޮ ވިސްނުން ލިބޭނެކަމަށް...." ރަޔާން ހިތި ގޮތަކަށް ހިންދިރުވައިލިއެވެ. ނަވީންގެ ސަބަބުން ރަޔާނަށް އެތައް ހިތާމައެއް ލިބިއްޖެއެވެ. އެހެނަސް، އޭނާ އެކަންކަމާއި ޝަކުވާއެއް ނުކުރެއެވެ. ލިބުނު މިންވަރަށް ޝުކުރުވެރިވިއެވެ. ކިތަންމެ ބޭނުންވިޔަސް، މާޒީވި އެއްވެސް ކަމެއް ބަދަލެއް ނުކުރެވޭނެއެވެ.

********

ލިމްޔާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާކުރަން ފެށިއެވެ. މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް ޑޮކްޓަރު ބުނުމުން އެންމެންވެސް ތިބީ ހަމަޖެހިފައެވެ. އަފްސަމާއި ރަޔާނާއިއެކު ޔަލްވީވެސް ހޮސްޕިޓަލަށް ދިޔައެވެ. ލިމްޔާގެ ހަބަރު ލިބުމުން، އެހެން ދުވަސްދުވަހާއި ހިލާފަށް ޔަލްވީ ބޭރަށް ނުކުތީ މާ ބޮޑު މޭކަޕެއް ނުކޮށެވެ. އެއީ ކުރީގެ ޔަލްވީ ދުވަހަކުވެސް ނުކުރާ ކަމެކެވެ. އެވާހަކަ ނުދެއްކި ކަމުގައިވިޔަސް، ރަޔާނަށްވެސް އެކަން ފާހަގަވިއެވެ.

ލިމްޔާއަށް ވާހަކަ ދައްކާލާހިތުން އަފްސަމް ހުރީ ކެތްމަދުވެފައެވެ. ނަމަވެސް އަމީރާ ހުރުމުން، އެދެވޭ ފުރުސަތެއް ނުލިބުނެވެ. އަމީރާ އެންމެ ހިނދުކޮޅަކަށްވެސް ލިމްޔާގެ ކައިރިން ދުރަކަށް ނުދެއެވެ. އަފްސަމް ބޭނުންވި ފުރުސަތު ހޯދައިދިނީ ރަޔާންއެވެ. އަފްސަމް ނުބުންޏަސް އޭނަ އުޅެމުންދިޔަ ގޮތުން އެހިތުގެ ހާލު ރަޔާންއަށް އެނގުނީއެވެ.

"ކިހިނެއް؟" ލިމްޔާގެ މޫނަށް ފުން ނަޒަރެއް ދެމުން އަފްސަމް އަހައިލީ ނުހަނު ލޯބިންނެވެ.

އަފްސަމް ލިމްޔާގެ މަގަތުގައި އިށީނެވެ. ލިމްޔާގެ އަތުގައި ހިފާލިއެވެ. އަފްސަމް ހީކުރިގޮތާއި ޚިލާފަށް ލިމްޔާ އަތް ދަމައެއް ނުގަނެއެވެ.

"ރަނގަޅު" ލިމްޔާ މަޑުމަޑުން ބުނެލިއެވެ.

"ކިރިޔާއޭ ހިތް ނުހުއްޓުނީ" އަފްސަމް މޭގައި އަތް ޖައްސައިލިއެވެ. "ދެން ބޭނުމެއް ނޫން އެންމެ ވަގުތުކޮޅަކުވެސް ދުރުގަ ހުންނާކަށް.... އަހަރެން ބޭނުން ލިމްއާ މެރީކުރަން.. ލިމް ޕްރޮޓެކްޓް ކުރަން ބޭނުން... މި ޕްރޮޕޯސްކުރީ... އެކްސެޕްޓް ކޮށްބަލަ!"

ލިމްޔާގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. އަފްސަމްގެ އަތުގެ ތެރެއިން އަތް ދަމައިގަތީ އަވަސް އަވަހަށް ވަށައިގެން ހޯދައިލާފައެވެ.

"އަހަރެން ބޭނުމެއް ނޫން...." ލިމްޔާއަށް ބުނެވުނެވެ.

އަފްސަމްގެ ހިތް ކުދިކުދިވެގެން ދިޔައެވެ. އެހުރިހާއިރު ކުރި އުއްމީދުތައް ވިއްސި ވިހާލިވިއެވެ. ލިމްޔާ އާއި ނުލައި އޭނާގެ ހަޔާތް ފުރިހަމައެއް ނުވާނެއެވެ. އެހާވެސް ބޮޑަށް އެހިތް ވަނީ ލިމްޔާއަށް ދެވިފައެވެ. ނަމަވެސް ގަދަކަމުން ލޯބި ހާސިލު ނުވާނެކަން އަފްސަމްއަށް އެނގެއެވެ.

އަފްސަމްގެ ދެލޮލަށް ކަރުނަ ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ. ލިމްޔާގެ ކުރިމަތީގައި ބޭޒާރުވާން ބޭނުންނުވާތީ، އަފްސަމް އަވަހަށް އިސްޖަހައިލިއެވެ.

"އެބަ އަންނަން" އަފްސަމް ތެދުވިއެވެ. ދާން ހިނގައިގަތެވެ. އެވަގުތު ލިމްޔާ އޭނާގެ އަތުގައި ހިފައިލިއެވެ.

"އަހަރެން ބުނަން އުޅުނު ވާހަކަ ނުނިމެނީސް ދަނީތަ؟" ލިމްޔާ ބުނެލިއެވެ. އަފްސަމް ދެލޯ ބޮޑުކޮށްލަމުން ލިމްޔާއަށް ބަލައިލިއެވެ. އެހާ ސީރިއަސްވެފައި އޮއްވާވެސް އަފްސަމްއަށް ވީގޮތް ފެނުމުން، ލިމްޔާގެ ކައިރިއަށް ހިނި އައެވެ. "އަހަރެންވެސް ބޭނުމެއް ނޫން ކައިވެނި ނުކޮށް މާގިނަ ދުވަހު ހުންނާކަށް.... އެހެން ބުނަން އުޅުނީ."

އަފްސަމްއަށް ލިބުނީ ކުއްލި ޝޮކެކެވެ. އިވުނީ ލިމްޔާގެ އަޑުކަން ގަބޫލުކުރަންވެސް ދަތިވިއެވެ. ވާންވީ އުފާކަމެއްވެސް ނޭނގިފައި ހުއްޓާ، ލިމްޔާ މަޑުމަޑުން ހީލިއެވެ. އަފްސަމްއަށް ދެލޯ މަރާލެވުނެވެ. ހިތްއެކީ ކުދިކުދިވެގެން ނުދަނީސް، އެ ހިތަށް ޝިފާ ލިބުމުންނެވެ.

"ތިބުނީ، ތިބުނީ އަހަންނާ މެރީކުރަން އެއްބަހޭތަ؟" އަފްސަމް ހުރީ ހިތް އަވަސްވެފައެވެ.

އަފްސަމްގެ ސުވާލަށް އާނބަސްބުނުމުގެ ގޮތުން، ލިމްޔާ ބޯޖަހައިލިއެވެ. ދޮރުމަތިން ކަރުކެހިލި އަޑު އިވުނެވެ. ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ވޯޑުގެ ދޮރުމަތީގައި ތިބި އަމީރާއާއި ޔަލްވީ ފެނުމުން ލިމްޔާގެ ދެލޯ ބޮޑުވިއެވެ. އަފްސަމަށްވެސް ވީ އެވަރެވެ. ދެމީހުން ހާސްވެފައި އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. އަމީރާގެ މޫނުމަތީގެ އަސަރުތަކުން އެދެމީހުންގެ މެދުގައި ދެކެވުނު ވާހަކަ އަޑު އިވިފައިވާކަން އެނގުނެވެ.

އަމީރާ ހަލުވި ފިޔަވަޅުތަކެއްގައި ވޯޑުގެ ތެރެއަށް ވަނުމުން، އަފްސަމް ފަސްފަހަތަށް ޖެހެމުން ގޮސް ވޯޑުން ނުކުންނަން އުޅުނެވެ.

"އަފްސަމް މަޑުކޮށްބަލަ!" އަމީރާ ފަސްއެނބުރި ބަލައިލިއެވެ.

އަފްސަމް ކުއްލިއަކަށް ހުއްޓުނެވެ.

"އަހަ..ރެން.... އަޅު....ގަނޑު..." އަފްސަމްގެ އަޑު ބެދުނެވެ. އޭނައަށް ބަލާލެވުނީ ލިމްޔާ އާއި ދިމާއަށެވެ. ލިމްޔާ ބޯ ޖަހާލީ ހާސްނުވާށޭ ބުނާފަދަ ގޮތަކަށެވެ.

********

"ކިހިނެއްވީ ބޭރުގަ ތިހުރީ؟" ޔަލްވީ ވޯޑުން ބޭރުގައި ހުރިތަން ފެނުމުން ރަޔާންގެ މޫނުން ފެނުނީ ހާސްކަމެވެ. ރަޔާން ހީކުރީ ލިމްޔާއާއި ދެމެދުގައި ކަމެއް ގޯސްވީ ކަމަށެވެ.

"ޝްޝްޝް" ޔަލްވީ ވަގުތުން ރަޔާންގެ އަނގަމަތީގައި އަތް އެޅިއެވެ. "ތަންކޮޅެއް މަޑުން"

"ކިހިނެއްވީ؟" ރަޔާން އުޅުނީ އެތެރެ ބަލައިލާށެވެ.

"ޕްރޮޕޯސްކޮށްގެން އުޅެނީ. ނުވަންނައްޗޭ!" ޔަލްވީ އަވަސް އަވަހަށް ބުނެލިއެވެ.

"އޭނ؟" ރަޔާންއަށް އޭރުވެސް ވީގޮތެއް ނޭނގުނެވެ.

ޔަލްވީ ރަޔާންގެ އަތުގައި ހިފައިގެން އެތަނުން ދުރަށް ގެންދިޔައެވެ.

"އަފްސަމް ހާދަ ކޫލްއޭ... ލިމްޔާއަށް ޕްރޮޕޯސްކޮށްފި... ލޯބިދޯ؟ އަމީރާއްތަ ވެއްޖެ އެތެރޭގަ... އަފްސަމް އެބަހުރި ވެލިފުކަކަށްވެގެން" ޔަލްވީ ހުރީ މަޖާވެފައެވެ.

"އަމީރައްތައަށް އެނގުނީތަ؟" ރަޔާން ހާސްވިއެވެ.

"އާނ! ހުރިހާ ވާހަކައެއް އަޑު އިވުނު" ޔަލްވީ ބުނެލިއެވެ. "ކިހިނެއް ހަދާނެބާ؟ ހިނގާބަލަ ބަލާލަންދާން"

ޔަލްވީ ހިނގައިގަތުމުން ރަޔާން ޔަލްވީގެ އަތުގައި ހިފޭއްޓިއެވެ. ޔަލްވީގެ މޫނުން ފެންނަމުންދިޔަ އުފާވެރިކަން ފެނި، ރަޔާންގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ. ރަޔާންގެ ހިތަށް އުނދަގޫކުރަމުންދިޔަ ވާހަކަ ޔަލްވީއަށް ހިއްސާކުރަން ހިތް އެދުނެވެ. މާހައުލުގެ ނާޒުކުކަމާއި ވަގުތުގެ ގޮތުން އެކަން ނުކުރުމަށް ރަޔާންގެ ސިކުނޑި ބުންޏަސް، ހިތް އެދުނީ ލަސްނުކުރުމަށެވެ.

"އަހަރެންވެސް ބޭނުން ޕްރޮޕޯސްކުރަން" ރަޔާން ބުނެލިއެވެ.

"އަހަރެމެން ކީއްވެ؟" ޔަލްވީ ހުރީ ވާނުވާ ނޭނގިފައެވެ. "އަހަރެމެން މިއުޅެނީ މިހާރު މެރީކޮށްގެންނެއްނު"

"މެރީކުރަން އެކަނިތަ ޕްރޮޕޯސްކުރާނީ؟" ރަޔާން އަހައިލީ ލޯބިން ސަމާސާކުރާ ރާގަކަށެވެ.

"ދެން ހަދާނީ ޕްރޮޕޯސަލް" ޔަލްވީ މަޖާވެގެން ހީގަތެވެ.

"ޕްރޮޕޯސްކުރަނީ ލައިފްއަށް މީހަކު ގެންނަން... އަހަރެން ބޭނުން އަހަރެމެން ދެމީހުންގެ ލައިފްއަށް މީހަކު ގެންނަން.. އުހުނ، މީހެއް ނޫން... ކުޑަކުޑަ ލޯބިލޯބި ފުރާނައެއް... މިކުއްޖާއަށް އެކަން ކުރެވޭނީ" ރަޔާން ޔަލްވީއާއި ގާތްވެލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު