ރޯދަތައް އަވަހަށް ޤަޟާކޮށް، ހީވާގިކަމާ އެކު ރޯދައަށް ތައްޔާރުވާން ޚުތުބާގައި ގޮވާލައިފި

ބަޔަކު ނަމާދުކުރަނީ: ރޯދައަށް ތައްޔާރުވާން ޚުތުބާގައި ވަނީ ގޮވާލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭތުވެދިޔަ އަހަރުގެ ފަރުޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާނަމަ، އެ ރޯދަ އަވަހަށް ޤަޟާކުރުމަށާއި، ހީވާގިކަމާ އެކު ރަމަޟާން މަހަށް އިސްތިގުބާލުކުރާން ތައްޔާރުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ޝަޢުބާން މަހުގައި ހެޔޮ އަމަލުކުރުން"، މި މައުޟޫއުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، މިހާރު ވޭތުކުރަމުން ދަނީ ޝަޢުބާން މަހުގެ ދުވަސްތައް ކަމަށާއި މި މަހަކީ އެތައް ގޮތަކުން ޚާއްސަ މަހެއްް ކަމަށެވެ. ސަބަބަކީ ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ މައްސަރަކަށް ވީތީ ކަމަށާއި ޝަޢުބާން މަހު، އަޅުކަމުގައި ހީވާގިވުމަކީ ރަމަޟާން މަހު އަޅުކަމުގައި މަޝްއޫލުވުމަށް ލިބޭ ތަމްރީނެއް ކަމަށް ޚުތުބާގައި ބުންޏެވެ.

މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އިރުޝާދުފުޅުތަކަށް ބަލާއިރު، މާތްﷲގެ ހަޟްރަތުގައި ހެޔޮ އަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑީ، ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮ އަމަލުތައް ކަމަށް ޚުތުބާގައި ބުންޏެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ ގޮތުގައި މާތްﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ކިތަންމެ މަދުން ނަމަވެސް ދާއިމީ ގޮތެއްގައި ކުރެވޭ އަމަލު ކަމަށް ޚުތުބާގައި ބުންޏެވެ.

"ވެހޭތާ ފެންނަގާށޭ" ބުނާ ފަދައިން، ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ހެޔޮ އަމަލު ކުރުމުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރޭ! ގިނަގިނައިން ހެޔޮ އަމަލު ކުރުމަކީ، ގަސްދަކާނުލައި ކުރެވޭ ފާފަތަކުން މާތްﷲ އަހުރެމެން ސަލާމަތްކުރައްވާނެ ކަމެއް. މި ފަދަ ބަރަކާތްތެރި މޫސުމެއްގައި މާތް ނަބިއްޔާ އަހުރެމެންނަށް ނަމޫނާ ދައްކަވައިފައިވާ ގޮތަށް ހެޔޮ އަމަލުކުރުންމަތީ ސާބިތުވެ ތިބުމަކީ މުހިންމު ކަމެއް، ހުކުރު ޚުތުބާ

މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކީރިތި ރަސޫލާގެ ޙަދީޘްކުރައްވާފައިވަނީ ޝަޢުބާން މަސް ދެބައިވުމުން ރޯދަ ނުހިފުމަށެވެ. އެކަމުން ދޭހަވަނީ އާންމުކޮށް ހިފަމުންދާ ސުންނަތް ރޯދަ ފިޔަވައި، ޝަޢުބާން މަހުގެ ދުވަސްތަކުގައި ސުންނަތް ރޯދަ ނުހިފުމަށް އަމުރު ކުރެއްވިކަން ކަމަށް ޚުތުބާގައި ބުންޏެވެ. ނަމަވެސް، އެ ދުވަސްތަކުގައި ރޯދަ ހިފުން މަނާނުވާނެ މީހުންނަކީ:

  • ފާއިތުވި ރަމަޟާންމަހުގެ ރޯދައެއް ޤަޟާ ކުރާން ޖެހިފައިވާ މީހުން
  • ނަދުރު ރޯދައެއް ހިފާން ޖެހިފައިވާ މީހުން
  • އާދަކޮށް ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފައި، މެދުފޮއި ރޯދަހިފުމަށް އާދަވެފައިވާ މީހުން
  • އާދަކޮށް ދެ ދުވަހުން އެއް ދުވަހު ރޯދަހިފާ މީހުން

ޚުތުބާގައި ވަނީ ރަމަޟާން މަހަށް ތައްޔާރުވަމުންދާ މުސްލިމް އަޚުންނަށް ނަސޭހަތްތެރިވެފައެވެ.

އެގޮތުން، ވޭތުވެދިޔަ އަހަރުގެ ފަރުޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާނަމަ، އެ ރޯދަ އަވަހަށް ޤަޟާކުރުމަށާއި، ހީވާގިކަމާ އެކު ރަމަޟާން މަހަށް އިސްތިގުބާލުކުރާން ތައްޔާރުވުމަށް ވަނީ އެދިފައެވެ. ރަމަޟާން މަހުގެ އަޅުކަމަށް، ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރާވައި، ރަމަޟާން މަހަށް ތައްޔާރުވުމަކީ އިސްރާފުކުރުން އޮތްކަމެއް ނޫންކަމަށާއި، ފިތުރު ޒަކާތް ދެއްކުމަށް ނިޔަތް ގަނެ، ރަމަޟާން މަސް ނިމުމުގެ ކުރީން އެ ޒަކާތް ދެއްކުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އޭގެ އިތުރުން، ދީލަތިކަން އިތުރުކޮށް، އޯގާތެރި މަޑުމައިތިރި މީހަކަށްވެ، ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކާ ދުރުހެލިވެ، ކެތްތެރިކަން އިތުރުކުރުމަށް ޚުތުބާގައި ވަނީ ގޮވައިލާފައެވެ. އަދި، ދޮގުހެދުމާއި، ފުރައްސާރަކުރުމާ ދުރުހެލިވެ، ފުރިހަމަ ގޮތުގައި ރޯދަހިފުމަށް ތައްޔާރުވުމުގައި ތިބާގެ ގުނަވަންތަކުން އަދާކުރާންޖެހޭ ދައުރެއް ވާކަން ދަނެ، އެ ގުނަވަންތައް، ކުށްތަކާ ދުރުހެލިކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ޝަޢުބާން މަހާ ގުޅޭގޮތުން ޚުތުބާގައި އިތުރަށް ބުނީ، ޝަޢުބާން މަހުގެ 15 ވިލޭރޭގެ މާތްކަމާ ބެހޭ ގޮތުން ވާރިދުވެފައިވާ ޙަދީޘްތަކަކީ ސައްހަ ނޫން ޙަދީޘްތަކަކަށް ވާތީވެ، އެއީ އިތުބާރު ހުރި ބޮޑެތި އިލްމުވެރިން ގަބޫލު ނުކުރައްވައި ރައްދު ކުރައްވައިފައިވާ ޙަދީޘްތަކެއް ކަމަށެވެ.

ސުވަރުގެވަނުމަށް މަގުކޮށާ ބަޔަކު ކަމުގައިވާނަމަ ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާގެ ސުންނަތަށް އަމަލުކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ނޭނގެއޭ ބުނެ، ބަރަކާތާއި ރަޙުމަތުގެ ދުވަސްތައް ނަގައިނުލައި، ދަންނަ މީހުން ކުރެން އަހައި، އޮޅުންފިލުވުމަށް ވަނީ އެދިފައެވެ. އަދި ދީނީ ދަރުސްތައް އަޑުއަހައި، ދީނުގެ ހުކުމްތައް އޮޅުންފިލުވައި، ތިމާގެ އަމިއްލަ ނަފުސު އިސްލާމީ ޢިލްމުން މުއްސަނދިކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

comment ކޮމެންޓް