ވިޒިޓް ދަރަވަންދޫގެ ފަރާތުން "މަގޭ ދޮރާށި"ގެ ނަމުގައި ފޮޓޯ މުބާރާތެއް ދަރަވަންދޫ ރައްޔިތުންނަށާއި އެރަށުގައި ދިރިއުޅޭ ފަރާތްތަކަސް ހުޅުވައިލައި އެއްވަަނައަށް ދާ ފަރާތަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅައިފިއެވެ.
މި މުބާރާތުގެ ބޭނުމަކީ ބ. ދަރަވަންދޫ އަކީ ބަގީޗާ ރަށެއްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. އެގޮތުން މި ފޮޓޯ މުބާރާތުގައި ހުށަހެޅޭނީ މާމެލާމެލިން ޒީނަތްތެރިކޮށްފައިވާ އެރަށުގެ ދޮރާށިތަކުގެ ފޮޓޮއެވެ.
މި މުބާރާތުގެ މައުލޫމާތު "ސަން"އާ ހިއްސާކުރަމުން އެރަށު ކައުންސިލްގެ ރައީސް އަލީ ސަމީހް ވިދާޅުވީ، މުބާރާތަށް ފޮޓޯ ހުށަހެޅުމުގެ ކުރިން މުބާރާތުގައި ބައިވެރިވާން ފޯމު ފުރަން ޖެހޭނެ ކަމަށެވެ. އެ ފޯމު އޮންލައިންކޮށް ލިބޭއިރު، ފޯމު ފުރުމުގެ ފަހު ވަގުތަކީ ޖޫން މަހުގެ 30ވާ ހޯމަ ދުވަހުގެ މެންދުރު 02:00އެވެ.
އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 31ވަނަ ދުވަހާ ދެމެދު މުބާރާތުގައި ބައިވެރިކުރާ ފޮޓޯ އިންސްޓަގްރާމުގައި ޕޯސްޓުކުރަން ޖެހޭނެއެވެ.
އޭނާ ވިދާޅުވީ، މާކްސް ދިނުމުގައި ޖަޖުންގެ 70 ޕަސަންޓު އަދި އިންސްޓަގްރާމުގެ 30 ޕަސަންޓަށް ބަލާނެ ކަމަށެވެ. އިންސްޓަގްރާމް ލައިކްސްގެ ގޮތުގައި ބަލާނީ ޑިސެމްބަރު 15ވަނަ ދުވަހުގެ ކުރިން އެ ޕޯސްޓަށް ލިބިފައިވާ ލައިކުގެ އަދަދެވެ.
"ރަށުގެ ގެތަށް މާމެލާމެލިން ޒީނަތްތެރިކޮށްފައި އެ ދޮރާށީގެ ފޮޓޯ ހުށަހެޅޭނީ. ލައިކް ދިނުމުގެ ކަންކަމުގައި ކޮންމެ މީހަކަސް ވެސް ބައިވެރި ވެވޭނެ." އޭނާ ވިދާޅުވިއެވެ.
މި މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައި ވާއިރު، ދެވަނައަށް ހޮވޭ ފަރާތަކަށް ލިބޭނީ 15،000 ރުފިޔާގެ އިނާމެކެވެ. އަދި ތިންވަނައަށް ދާ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވެއެވެ.
މި މުބާރާތުގެ ގަވާއިދުތައް މަގޭ ދަރަވަންދޫ ވެބްސައިޓުގައި ޝާއިއުކޮށްފައި ވެއެވެ.
މި އަހަރަކީ ދަރަވަންދޫއަށް ޒިޔަރާތް ކުރުމުގެ އަހަރުގެ ގޮތުގައި ފާހަގަކުރާއިރު، އެރަށަށް މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާ ޒިޔާރާތް ކުރުން ވެސް ކުލަގަދަކޮށް ފާހަގަކޮށްފައި ވެއެވެ.
ސަންސިޔާމް މީޑިއާ އަކީ ވިޒިޓް ދަރަވަންދޫގެ މީޑިއާ ޕާޓްނަރެވެ.