ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފަހު 16 ޓީމުގެ ބުރުން ޖާގަހޯދުމަށްޓަކައި ކުޅެމުންދާ ޕްލޭ އޮފް މެޗުތަކުގެ ތެރެއިން ބަޔާން މިޔުނިކާއި ސެލްޓިކްގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ބަޔާން އިން ކާމިޔާބު ކޮށްފިއެވެ.
ސެލްޓިކްގެ ދަނޑުގައި ކުޅުނު މިމެޗު ބަޔާން އިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ. ނަމަވެސް ސެލްޓިކްއިން ވެސް ވަނީ ހިތްވަރު ގަދަ ކުޅުމެއް މިމެޗުގައި ދައްކާފައެވެ.
މިގޮތުން އެޓީމުން ވަރަށް ރަނގަޅަށް ޑިފެންޑް ކުރުމުގެ އިތުރުން ލިބޭ ފުރުސަތު ތަކުގައި ކުރިއަރާ ހަމަލާ އުފައްދަން މަސައްކަތް ވެސް ކޮށްފައިވެއެވެ. މިމެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓާ ޖެހެންދެން ސެލްޓިކް އިންވަނީ ބަޔާންއަށް ލަނޑެއް ޖެހުނަނުދީ ހިފަހައްޓާލައިފައެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ބަޔާން އިން ނަގާފައި ވަނީ މެޗުގެ 45ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މައިކަލް އޮލީސޭއެވެ. މިހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބިގެންދިޔައެވެ.
މިގޮތުން ދެވަނަ ހާފުގެ ކުޅުން ފެށިތާ ހތަރުވަނަ މިނެޓުގައި ހެރީ ކޭން ވަނީ ބަޔާންގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ މިސީޒަންގައި ކޭން ބަޔާންއަށް ކުޅުނު 29ވަަނަ މެޗުގައި ކާމިޔާބު ކޮށްދިން 29ވަނަ ލަނޑެވެ. އަދި މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ކާމިޔާބު ކުރި ހަތްވަނަ ލަނޑެވެ. މިމެޗުގައި ސެލްޓިކްއަށް ފަހު 16 ބުރުން ޖާގައެއް ހޯދުމަށް ކުރަމުންދިޔަ މަސައްކަތަށް ކިރިޔާވެސް އުންމީދެއް ލިބިގެންދިޔައީ މެޗު ނިމެން 11 މިނެޓަށް ވެފައިވަނިކޮށް ޑައިޒެން މައިޑާ ކާމިޔާބު ކޮށްދިން ލަނޑާއެކުއެވެ.
މި ކާމިޔާބީއާއެކު މިދެޓީމުގެ މެދުގައި މިއަންނަ ހަފުތާގައި ކުޅޭ ދެވަނަ ލެގަށް ނިކުންނައިރު ޕްލޭ އޮފްގެ މިކުރިމަތިލުން ކާމިޔާބު ކުރުމުގެ ފުރުސަތު މިހާރު ބޮޑީ ބަޔާން އަށެވެ. ނަމަވެސް ސެލްޓިކްއިން ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑާއެކު އެޓީމަށް ވެސް އަދި މުޅިން އުންމީދު ނުގެންލޭކަމުގައި ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.
މިމުބާރާތުގައި ފެޔެނޯޑް އާއި އޭސީ މިލާން ބައްދަލުކުރި ޕްލޭ އޮފްގެ ފުރަތަމަ މެޗު އަމިއްލަ ދަނޑުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ފެޔެނޯޑްއެވެ. މިމެޗުގައި އެޓީމުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އީގޯ ޕައިޒާއޯއެވެ. މިކާމިޔާބީއާއެކު މިއަންނަ ހަފުތާގައި މިލާންގެ ދަނޑުގައި ކުޅޭ ދެވަނަ ލެގަށް ނިކުންނައިރު ފެޔެނޯޑްއަށް މިވަނީ ހަނި ލީޑެއް ނެގިފައެވެ.
ނަމަވެސް އެމެޗު ކުޅެވިގެންދާނީ މިލާންގެ ދަނޑުގައިކަމުން މިލާންއަށް އޮތް ފުރުސަތު ވެސް ބޮޑުކަމަށް ގަބޫލު ކުރެވެއެވެ. މީގެއިތުރުން ކްލަބް ބްރޫޖް އާއި އެޓަލާންޓާ ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށް ބްރޫޖްއިން ފުރަތަމަ ލެގުގައި ލީޑު ނަގާފައިވާއިރު މޮނާކޯ އާއި ބެންފީކާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި އެއް ލަނޑު ކާމިޔާބު ކޮށް ބެންފީކާއިން ވެސް މިވަނީ ފުރަތަމަ ލެގު ކާމިޔާބު ކޮށްފައެވެ.