ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސްޓާޓްއަޕް ކުންފުނި ޑީޕްސީކުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެ ކުންފުނީގެ މި މަސައްތަކަކީ އޭއައި ދާއިރާއަކީ ވަރަށް ފުޅާ ދާއިރާއެއްކަން ދައްކުވައިދޭ ކަމެއް ކަމުގައި ގޫގުލްގެ މައި ކުންފުނި އަލްފަބެޓްގެ ސީއީއޯ ސުންދަރް ޕިޗައި ބުނެފިއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޑުބާއީ)ގައި މިހާރު ކުރިއަށްދާ ވޯލްޑް ގަވަމަންޓްސް ސަމިޓުގައި ވާހަކަދައްކަމުން ޕިޗައި ބުނީ އޭއައި ދާއިރާގައި އަލްފަބެޓްއަކީ އިސް ދައުރެއް އަދާކުރާނެ ފަރާތެއް ކަމަށް އުންމީދުކުރާކަމަށެވެ.
ނަމަވެސް މި ދާއިރާގައި އެހެން ފަރާތްތަކުން ވެސް މުހިންމު ދައުރެއް އަދާކުރާނެކަމަށް އޭނާ ފާހަގަކުރިއެވެ. މި ބައްދަލުވުމުގެ ކުރިން، ޕިޗައި ވަނީ ޕެރިހުގައި ބޭއްވުނު އާޓިފިޝަލް އިންޓެލިޖެންސް އެކްޝަން ސަމިޓުގައި ވެސް ބައިވެރިވެފައެވެ.
މި ދެ ބައްދަލުވުމުގައި ވެސް އޭއައި ޓެކްނޮލޮޖީގެ ކުރިއެރުމާއި ސިނާއަތުގެ މުސްތަޤުބަލާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ޑީޕްސީކްއަކީ ޗައިނާގައި އުފެދިފައިވާ އޭއައި ސްޓާޓްއަޕް ކުންފުންޏެއް ކަމަށްވެފައި، މި ދާއިރާގައި އެ ކުންފުނިން ކުރަމުންދާ އައު ދިރާސާތަކާއި ތަރައްޤީތަކަށް ބައިނަލްއަޤްވާމީ ސަމާލުކަން ލިބެމުންދެއެވެ.
ގޫގުލްގެ ސީއީއޯގެ މި ބަސްތަކުން އޭއައި ދާއިރާގައި ހަމައެކަނި ހޯދުންތެރިކަމާއި އައު ޓެކްނޮލޮޖީތައް ތަރައްޤީކުރުމުގައި ބާރުވެރިކަން އޮތީ ހަމައެކަނި ހުޅަނގުގެ ޓެކް ޖަޔަންޓުންގެ އަތުގައި ނޫންކަން ހާމަވެގެންދެއެވެ.
މިއީ އޭއައި ދާއިރާގައި އިންގިލާބީ ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެކެވެ. ޗެޓްޖީޕީޓީ، ބާޑް، އަދި ކްލޯޑް ފަދަ ބޮޑެތި އޭއައި މޮޑެލްތައް ތަޢާރަފުވެ، މި ޓެކްނޮލޮޖީގެ ސަބަބުން އިންސާނީ ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކާމެދު ވިސްނުންތެރިންނާއި ސިޔާސަތު އެކުލަވާލާ ފަރާތްތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވެމުން ދެއެވެ.
މިގޮތުން ހުޅަނގުގެ ބޮޑެތި ޓެކް ކުންފުނިތަކުގެ އިތުރުން ޗައިނާގެ ޑީޕްސީކް ފަދަ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކަކީ، މި ދާއިރާގެ ވާދަވެރިކަން އިތުރުވެ، އައު ހޯދުންތަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި މި ދާއިރާގެ ދިރާސާވެރިން ފާހަގަކުރައްވައެވެ.