އަމިއްލަ ރާގަށް އިންގިލާބެއް، މެޒޯގެ އަޑު ފަނޑެއް ނުވާނެ

މެޒޯ މުހައްމަދު --

އެންމެ ފުރަތަމަ އާންމުންނަށް ލަވައެއް ހުށަހަޅައިދިނީ އުމުރުން އެންމެ ނުވަ އަހަރުގައި ރިސޯޓެއްގައެވެ. އެއިރު ލަވަކީ އަމިއްލަ އިޚުތިޔާރުގައި ކަމަށް ނުވި ނަމަވެސް، އެއީ ރާއްޖޭގައި އަމިއްލަ ރާގުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އެއް ތަރި، މުހައްމަދު މާޖިދު (މެޒޯ މުހައްމަދު)ގެ ފެށުމެވެ.

މިހާރު ނޫހުގެ ޕޮޑްކާސްޓް "މިވާހަކަ"އަށް ދާދި ފަހުން ދީފައިވައިވާ އިންޓަވިއުއެއްގައި މެޒޯ ބުނީ، އޭނާ އުފަންވީ ވެސް މިއުޒިކުގެ ތެރެއަށް ކަމަށެވެ. އެގޮތުން އޭނާގެ ބައްޕައަކީ އަވަށުގެ އެންމެ ނަން މަޝްހޫރު އެއް ބޮޑުބެރު ޖެހުންތެރިޔާކަން ފާހަގަކޮށްފައި ވެއެވެ.

އުމުރުން ނުވަ އަހަރުގައި އޭނާ ރާއްޖޭގެ ރިސޯޓެއްގައި ލަވަކީ އޭރުގެ އެންމެ މަޝްހޫރު އެއް ބޭންޑު "ކްލަބް ކޯބްރާސް"ގެ ފަރާތުންނެވެ. އެއީ ފެށުމެވެ.

އެހިސާބުން އޭނާ ލަވަކިޔަން ފެށިގޮތަށް ހުއްޓުމެއް ނެތި, 60 އަހަރާ ގާތްކުރިއިރު ވެސް ހުރީ ދާއިރާގައި ފައި ހަމަކޮށްގެންނެވެ. ރާއްޖޭގެ މިއުޒިކްގެ ދާއިރާއަށް އައި ބަދަލުތައް އައީ މެޒޯގެ ހިއްސާއާ އެއްކޮށެވެ. ކޮޕީ ލަވަތައް މަޝްހޫރުވަމުން އައި ދުވަސްވަރެއްގައި، އަމިއްލަ ރާގުގެ އެތައް ލަވައެއް ގެނެސްދީ، ދިވެހީންގެ ހުނަރުވެރިކަން ދައްކާލައިފައެވެ.

މެޒޯއޭ ބުނުމުން ކާމިޔާބު ލަވަކިޔުންތެރިއެއް ހިތަށް ސިފަވި ނަމަވެސް، އޭނާގެ ފެށުން ކާމިޔާބު ނޫންކަން ގިނަ އިންޓަވިއުތަކެއްގައި އޭނާ ފާހަގަކޮށްފައި ވެއެވެ. އެގޮތުން އުމުރުން 10 ނުވަތަ 11 އަހަރުގައި އޭނާ މުޅިން ވެސް ލަވަކީ އަންހެން އަޑަކުންނެވެ.

"އަންހެން ބައި އަންނަ ލަވަތަކުގައި އެ ބައި ކިޔަން އަރާނީ އަޅުގަނޑު. އުމުރުން އެގާރަ ބާރަ އަހަރުގައި ލަވަކިޔައި އުޅުނީ މުޅިން ވެސް އަންހެން އަޑުން. އޭރު ރާއްޖޭގައި އަންހެން ލަވަކިޔުންތެރިން ވަރަށް މަދުވާނެ ދިވެހި ބޭންޑްތަކުގައި. އެހެންވީމަ ހުރިހާ މިއުޒިކް ގްރޫޕެއްގައި ވެސް ހުންނާނެ ފޯސެޓް އަޑު ބޭނުންކޮށްގެން އަންހެން އަޑުން ލަވަކިޔާ މީހެއް." އަވަސް ނޫހަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވެއެވެެ.

ލަވައިގެ އިތުރުން މިއުޒިކުގެ އެކި އާލާތްތަކަށް ވެސް މެޒޯގެ ލޯ ވަނި ހުޅުވިފައެވެ. އެގޮތުން ފުރަތަމަ އޭނާ މަސައްކަތް ކުރަންފެށީ ޑްރަމަރެއްގޮތުގައެވެ. އޭރު އޭނާގެ އަޑު ގުގުމައިގެން ނުދެއެވެ. ނަމަވެސް، ބޭންޑުގެ މަސައްކަތުގެ ތެރެއިން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ބޭރަށް އަޅަމުން ގޮސް އެ އަޑު ރާއްޖެ ހުރަސްކޮށް އެންމެ ފަހުން ދުނިޔޭގެ ސަމާލުކަން ވެސް ހޯދިއެވެ.

މެޒޯ މުހައްމަދު--

ލަވަތަކަށް ޚާއްސަ ބޭރުގެ ޗެނަލެއްކަމަށްވާ އެމްޓީވީން ފުރަތަމަ ދިވެހި ލަވައަކަށް ވެސް ގެނެސްދިނީ މެޒޯގެ ލަވައެކެވެ. ކާމިޔާބަކަށް ފަހު ކަމިޔާބީއެއް ހާސިލްކުރަމުން ގޮސް އެންމެ ފަހުން އޭނާގެ އަމިއްލަ ބޭންޑު "މެޒޯ" އުފައްދައި ދިވެހިންގެ ހިތްތަކުގައި ރަސްކަން ކުރަން ފެށިއެވެ.

ބޭންޑުގެ ނަމުން އަމިއްލަ މީހާ ލޭބަލްވެ އެންމެން ދަންނަ މީހަކަށް އޭނާ ބަދަލުވީ، އަމިއްލަ އުފެއްދުންތަކަށް ދިވެހިންގެ ޝައުޤުވެރިކަން އުފެދެމުން އައި ދުވަސްވަރެއްގައި އޭނާ ލިޔެ ތައްޔާރުކުރި އަމިއްލަ ރާގުތަކުގެ ސަބަބުންނެވެ. މި ލަވަތަކަކީ ރާއްޖޭގެ މިއުޒިކަށް އިންގިލާބެއް ގެނުވި ލަވަތަކެކެވެ.

އޭނާގެ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން 2010ވަނަ އަހަރު އޭނާއަށް ވަނީ ސަރުކާރުންދޭ ހިތްވަރު ދިނުމުގެ ގައުމީ އިނާމު އަރުވާފައެވެ.

[2010ވަނަ އަހަރު މެޒޯއަށް ވަނީ ސަރުކާރުންދޭ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އަރުވާފައި --

މި ދާއިރާގައި އެންމެ ފަޚުރުވެރިވާ އެއް ކަމަކީ އޭނާގެ އަންހެން ދަރިފުޅު މީރާ މުހައްމަދު މާޖިދު މިއުޒިކުގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތައްކަން މެޒޯ ފާހަގަކޮށްފައި ވެއެވެ.

"ދަރިފުޅެއްގެ ވާހަކަ މިގޮތަށް ދައްކަން މިއީ އަޅުގަނޑަށް ވަރަށް އުނދަގޫ ކަމެއް. އެކަމަކު މިއުޒިކަށް ބަލާއިރު އެންމެ މޮޅީ މީރާއެއް ނޫންތަ؟ އަޅުގަނޑަށް ހީވަނީ އޭނަހެންނޭ ހަމަ އެންމެ މޮޅީ. އަންހެން ލަވަކިޔުންތެރިއެއްގެ ވާހަކަ ދައްކާ ނަމަ މިހާރު އެންމެ ފުރަތަމަ ވެސް ބުނާނީ މީރާގެ ނަން. އެއީއެއް ނޫންތަ ލަވަކިޔުމުގައި މޮޅު ދެރަ ގުނާނެ ގޮތަކީ" މެޒޯ އަވަސް ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

މެޒޯ މުހައްމަދު، ދަރިފުޅު މީރާއާއި މަހުރާނާއެކު --

މެޒޯގެ އެންމެ މަޝްހޫރުވި އަމިއްލަ ދިވެހި ލަވަތަކުގެ ތެރޭގައި:

  • ކަމަނަ ގޯތީ އާދަނުތާ
  • ވެއްޖެ ކަމަކާ ހައްޖާ ހަމައޭ
  • ޖިސްމު
  • ރޯނުއެދުރު
  • އެޅި މިކަނޑުމަތި
  • މާލިއަރާނޭ މާލިއަރާނޭ
  • އަކިރި ދެމޭ
  • އުޑުން ތަރިތައް
  • ވިސްނާ ވިސްނާ
  • ދާނެހޭ ތިހަނދާން ފިލާ، ފާހަގަކުރެވެއެވެ.

މިއަދު މެޒޯގެ ކުއްލި ވަކިވުމަކީ ދިވެހި މިއުޒިކްގެ ދާއިރާއަށް ފޫނުބެއްދޭ ވަރުގެ ފަޅުކަމަކާއި ހިތާމައެއް ގެނުވި ކަމެކެވެ. ގިނަ ބަޔަކު ދަނީ މެޒޯގެ ކުއްލި ވަކިކުވާއެކު އެ ހިތާމައިގައި ބައިވެރި ވަމުންނެވެ. އޭނާގެ ހަނދާންތައް ފިލައިގެން ނުދާނެ ކަމާއި، މިއުޒިކީ އުޑުން އޭނާގެ ތަރި ފަނޑުނުވާނެ ކަމަށް ބުނަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު