މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ) މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ، ސިއްހީ ހާލު ގޯސްވެ އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާދެމުން ދަނިކޮށެވެ.
މެޒޯގެ މަރާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާގެ މެސެޖެއް އެކްސްގައި ހިއްސާ ކުރައްވާފައެވެ.
މީގެ ކުރިން ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މެޒޯ ބުނީ، ލަވަކިޔުމަކީ އޭނާ އެންމެ ކުރިން ފެށިގެން ވެސް ކުރަންފެށި މަސައްކަތް ކަމަށެވެ. އެގޮތުން ކުޑައިރު އީދުތަކުގައި ލަވަ ކިޔައިގެން ކުޑަ އަދަދަކުން ފައިސާ ލިބޭ ހަނދާން ހުންނަކަން އޭނާ ހިއްސާކޮށްފައި ވެއެވެ.
އޭނާ ވަނީ ގިނަ އަހަރުތަކެއް ވަންދެއް ރިސޯޓު މިއުޒިކް ކުޅެފައެވެ. އަދި ގިނަ ބޭންޑުތަކަކާއެކު މަސައްކަތް ކޮށްފައި ވާއިރު، އަމިއްލައަށް ސޯލޯ މިއުޒިޝަނެއްގެ ގޮތުގައި ވެސް މެޒޯ މަސައްކަތް ކުރެއެވެ. މެޒޯ މަސައްކަތް ކުރި ބޭންޑުތަކުގެ ތެރެއިން "ބޯން އިން އެމް" އަކީ ވަރަށް މަޝްހޫރުވި ބޭންޑެކެވެ.
މެޒޯ ކިޔާފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި އުޑުން ތަރިތައް، އެޅި މި ކަނޑުމަތި، ވިސްނާވިސްނާ ފަދަ ލަވަތައް ފާހަގަ ކުރެވެއެވެ.
ލަވަ ކިޔުމުގެ އިތުރުން އޭނާ ވަނީ ސިޔާސީ އިސްލާހީ މަސައްކަތްތަކުގައި ހަރަކާތްތެރި ވެފައެވެ. އަދި ސިޔާސީ ކަންކަމާމެދު އޭނާ ދެކޭގޮތް ވަރަށް ފަހަކާ ޖެހެންދެން ވެސް އެކްސްގައި ފާޅުކުރަމުން ގެންދިޔައެވެ.
މެޒޯގެ 48 އަހަރުގެ ދިގު މިއުޒިކީ ކެރިއަރުގައި އޭނާއަށް ވަނީ އެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް 2010ގައި ލިބިފައެވެ.
މެޒޯއަކީ ރާއްޖޭގެ މިހާރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު އަދި މަހްރާން މާޖިދުގެ ބައްޕައެވެ. މެޒޯ މަރުވިއިރު އުމުރަކީ 59 އަހަރެވެ.