މިދިޔަ އަހަރު ޑުރަގުގެ މައްސަލަތަކުގައި 10 މިލިއަން ރުފިޔާގެ ޖޫރިމަނާކުރި

ފުލުހުން މަސްތުވާތަކެތީގެ ބާވަތްތަކެއް ނައްތާލުން: މިދިޔަ އަހަރު ޑުރަގުގެ މައްސަލަތަކުގައި 10 މިލިއަނުގެ ޖޫރިމަނާތައް ކޮށްފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖޫރިމަނާގެ ގޮތުގައި ދައްކަން ހުކުމްކޮށްފައިވާ އަދަދުތަކުގެ ޖުމްލަ 10 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފިއެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރު އެ ކޯޓުން މަސްތުވާތަކެތީގެ 137 މައްސަލައެއްގައި ގޮތް ނިންމައިފައިވެއެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާކަން ޝަރީއަތުގައި އިއުތިރާފުވުމުން، ފަރުވާ ފުރުސަތު ދިނުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ޑުރަގު ކޯޓަށް ހުށަހެޅުމަށް ޓަކައި އަނބުރާ ގެންގޮސްފައިވާ މައްސަލަތަކާއި ޕީޖީގެ ފަރާތުން ދައުވާ މުރާޖައާކުރުމަށް ފަހު އިތުރަށް ކުރިއަށް ނުގެންދިޔުމަށް ނިންމައި އަނބުރާ ގެންގޮސްފައިވާ މައްސަލަތައް ހިމެނޭ ކަމަށް އެ ކޯޓުން ބުންޏެވެ.

މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވަނީ ހަތް މައްސަލައެއްގައެވެ. އެހެންކަމުން، ކޯޓުން ހުކުމްކޮށް ނިންމައިފައިވާ މައްސަލަތަކުގެ ތެރެއިން 95 ޕަސެންޓަށްވުރެ ގިނަ މައްސަލަތަކަކީ ސާބިތުވެގެން ނިމުނު މައްސަލަތައްކަން އެ ކޯޓުން ފާހަގަކުރިއެވެ.

އޭގެ ތެރޭގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެ 20 މީހަކު އުމުރަށް ޖަލަށް ލުމަށް ކުރި ހުކުމް ހިމެނެއެވެ. އަދި މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހަތް މީހަކު 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާކަމަށް ވެސް ކޯޓުގެ ތަފާސްހިސާބުން ދައްކައެވެ.

"އަދި މި މައްސަލަތަކާ ގުޅުގެން 10،200،000 ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދެއްކުމަށް ޝަރީއަތުން ހުކުމްކޮށްފައިވާކަން ފާހަގަކުރަމެވެ." ކޯޓުން ނެރުނު ބަޔާނުގައިވެއެވެ.

އޭގެ ތެރެއިން މިހާތަނަށް ދައުލަތަށް ލިބިފައިވަނީ ކިހާ ވަރެއް ކަމެއް ސާފެއްނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު