ކަލާ ފެނިލުމުން... 35

އޭނާ ގޮސް ލިފްޓަށް އަރައިގެން، މައުވާ އޮތް ވާރޑަށް ދިޔައެވެ. މައުވާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމާއެކު އިވުނު އަޑާއި ފެނުނު މަންޒަރުން އަޒްލަފްއަށް ހައިރާންކަން ލިބިގެން ދިޔައެވެ.

"ބުނެފީމެއްނު ދާށޭ. އަދިވެސް ކުރެވުނު ވަރު ކުޑަ ވީތަ؟" ރާމިޒާގެ ރުޅިވެރިއަޑާއެކު، އަޒްލަފްއަށް ފެނުނީ އެތަނުގައި ހުރި އަފްނާންއެވެ.

ދޮރު ހުޅުވާލި އަޑަށް އެ ދިމާ ރާމިޒާއާ އަފްނާންއާ ދެމީހުންވެސް ބަލައިލިއެވެ. އަޒްލަފް ފެނުމާއެކު އަފްނާން ހީވީ ހުރިތަނަށް ގަނޑުވިހެންނެވެ. ސިކުނޑީގެ މަސައްކަތްތައް މަޑުޖެހުނުހެން ހީވިއެވެ.

"ދޮންބެ." އެ ލަފުޒު ބުނަން ކުޑަކޮށް އޭނާގެ ދެތުންފަތް ހަރަކާތްކޮށްލި ނަމަވެސް އަޑެއް ނުނިކުތެވެ. އެ މޫނުމަތިން ފެނުނު ސިހުމުގެ އަސަރުތައް ރާމިޒާއަށް ވެސް މާނަ ކުރާކަށް ނޭނގުނެވެ. އަނެއްކޮޅުން އަޒްލަފްއަށް ވެސް، ހުރެވުނީ ހުއްޓުން އަރާފައެވެ. އެތަނުގައި އެވަގުތު އަފްނާން ހުންނަންވީ ސަބަބަކީ ކޮބައިހެއްޔެވެ؟ އަފްނާންއާ އެ އަންހެން ކުއްޖާއާ އޮތް ގުޅުމަކީ ކޮބައި ހެއްޔެވެ؟ ރާމިޒާ އެހާ ރުޅިއައިސްފައި އަފްނާންއާ ވާހަކަ ދައްކަންވީ ކީއްވެހެއްޔެވެ؟ އަޒްލަފް ހުރި ގޮތުން އަފްނާންގެ ހިތް ތެޅިލިއެވެ. ދޮންބެ ދެން ކަންތައް ކުރާނީ ކިހިނެއްކަން ލަފާ ކޮށްލާކަށް ވެސް އޭނާއަކަށް ނޭނގުނެވެ.

"ވަޓްސް ހެޕެނިންގ ހިޔަރ؟" ސުވާލުގެ ނަޒަރަކުން އަފްނާންއަށް ބަލާލާފައި އަޒްލަފް އަހައިލި ނަމަވެސް، އަފްނާން އެއްޗެއް ނުބުންޏެވެ.

"ދެން މިތަނަށް އައިސްގެން ނުވާނެ." އެ ދަނޑިވަޅު އަނެއްކާވެސް ރާމިޒާ ވާހަކަ ދެއްކިއެވެ.

އަފްނާން ހިނގައިގަތުމުން އޭނާއަށް ބަލާލާފައި ބޭރުގައި މަޑުކުރާށޭ ބުނާފަދަ ނަޒަރެއް އަޒްލަފް ދިނެވެ.

"ކާކު އެއީ؟" ބަލިމީހާގެ އާއިލާއާއި އަމިއްލަ ކަންތައްތަކުގެ ތެރެއަށް ވަންނަން ބޭނުން ނުވި ނަމަވެސް އެއީ އަފްނާންއަށް ވީތީ އަޒްލަފް އެ ސުވާލުކޮށްލީ ޚުދު އޭނާގެ ޒަމީރު އެކަން އެނގެން ބޭނުންވެގެން އުޅޭތީއެވެ.

"އައެމް ސޮރީ... އެނގޭ އަމިއްލަ ކަމެއްކަން." އެހެން ބުނެލާފައި އަޒްލަފް މައުވާގެ ގާތަށް ހިނގައިގަތީ ރާމިޒާ އެ ސުވާލުގެ ޖަވާބު ދޭން ބޭނުންނުވެފައި ހުރިހެން ހީވާތީއެވެ.

"އަހަރެންގެ ދަރިފުޅުގެ ހުރިހާ ހިތާމައެއްގެ އަސްލަކީ އެއީ." ރާމިޒާ އެހެން ބުނެލީ ކިތަންމެ މަޑުން ނަމަވެސް، އަޒްލަފްއަށް އެ އަޑު ރީތިކޮށް އިވުނެވެ. ހައިރާންކަމާއެކު ބަލައިލެވުނީ އެހެންވެގެންނެވެ. ދެވަނަ ސިކުންތުގައި އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން، މައުވާއާ އޭނާ ވާހަކަ ދެއްކިއެވެ.

"ހުމަށް ބޭސް ފަށައިފި ދޯ މިހާރު. ލުއި ވިހެން ހީވޭތަ؟" އަޒްލަފް ސުވާލުކޮށްލިއެވެ. އޭނާ މައުވާގެ މޫނަށް ވެސް ވަރަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. މާޔޫސްކަމާއި ބަލިކަން އެ މޫނުމަތިން ފާޅުވަމުން ދިޔައިރު ދެންމެ ރޮއިފައިހުރިކަން ހާމަވަނީ އެސްފިޔަތަކުގައިވި ތެތްކަމުންނެވެ.

މައުވާ ބޯ ޖަހާލުމުން އޭނާ އެގްޒަމިން ކުރުމަށްފަހު، ނުކުތްއިރު ވެސް އަފްނާން ހުއްޓެވެ. އޭނާ ހުރީ ފާރުގައި ލެނގިލައިގެން އިސްޖަހާ ލައިގެންނެވެ.

"ވެއިޓް ހިއަރ." އަފްނާން އިސްއުފުލާލުމުން، ސީދާ އޭނާގެ ލޮލަށް ބަލާލަމުން އެހެން ބުނެލާފައި އަޒްލަފް ދިޔައީ ނަރުހުންގެ ޖަގަހައަށެވެ. އެތާ ތިބި ނަރުހުންނާ ވާހަކަ ދައްކާލާފައި، އޭނާ އެނބުރިލިއިރު އަފްނާން ހުރީ އެ ދިމާލަށް ބަލަހައްޓައިގެންނެވެ.

އަޒްލަފް އޭނާއާ ދިމާލަށް އަންނަން ފެށުމުން އަފްނާން ޖެހިލުންވިއެވެ. ހަޤީޤަތުގައި އޭނާ ބޭނުންވީ އެތަނުން ދުވެ ފިލާށެވެ. އެހެންނަމަވެސް މިއަދު ނޫނީ މާދަމާ އަޒްލަފްގެ ސުވާލުތަކާ ކުރިމަތިވާނެކަން އަފްނާންއަށް އެނގެއެވެ. މިތަނުގައި ނޫން ނަމަ ގޭގައެވެ. އެއީ އަދި އަމްދުން އޭނަ ބޭނުންވާ ގޮތެއް ނޫނެވެ. ގޭތެރޭގައި މައުވާގެ އެއްވެސް ވާހަކައެއް ދައްކާކަށް އޭނާގެ ހިތެއް ނުރުހެއެވެ. ރޫމު ތެރޭގައިވި ހުރިހާކަމަކަށްފަހު، މަޑުކުރެވުނީ އެހެންވެއެވެ. އަދި އޭނާ ނުކުތްފަހުން ރާމިޒާ އިތުރު އެއްޗެއް އަޒްލަފްގެ ކައިރީގައި ބުނިތޯ އެނގެންވެސް އަފްނާން ހުރީ ބޭނުންވެފައެވެ.

"ކަމް ވިތް މީ." އަފްނާންއާ އަރާ ހަމަކޮށްލާފައި، އަމުރުވެރި ރާގަކަށް އަޒްލަފް ބުނެލިއެވެ. އަފްނާންވެސް އިތުރު އެއްޗެއް ނުބުނެއެވެ.

އަފްނާން ގޮވައިގެން ގޮސް އަޒްލަފް ވަނީ ލައުންޖަށެވެ. އޭރު އިތުރު ޑޮކްޓަރަކު އެތަނުގައި ހުރި ނަމަވެސް، އަޒްލަފްމެން ވަތްތަނާ އޭނާ ވެސް ނުކުމެއްޖެއެވެ.

ސޯފާގައި އަފްނާން އިށީނުމުން އަޒްލަފް އޭނާއާ ކުރިމަތިލިއެވެ.

"ޓެލް މީ.... ވަޓްސް ހެޕެނިންގ؟" އަޒްލަފް ވެސް ސޯފާގައި އިށީނދެލިއެވެ.

"ހޫ އިޒް ޝީ؟ އަފޫ... ދޮންބެ ސުވާލެއް އެބަކުރަމޭ." އަފްނާން ޖަވާބެއް ނުދީ އިސްޖަހާލައިގެން ހިމޭންވެފައި އިންނަން ފެށުމުން އަޒްލަފް އެތަނުގައި ހުރު ކޮފީޓޭބަލްގައި އިނގިލިތަކުން ޖަހައިލިއެވެ. އެއާއެކު އަފްނާން އިސްއުފުލައިލިއެވެ.

"އާންސަރ މީ؟ އަފޫ އަށް މައުވާ އެނގެނީ ކިހިނެއް؟ މައުވާގެ ހުރިހަ ހިތާމަތަކެއްގެ ޒިންމާނަގަން ޖެހޭނީ އަފޫ އޭ އޭނަ މަންމަ އެބުނަނީ ކީއްވެ؟" އަޒްލަފް ހުރީ ހުރިހާ ކަމެއް އެނގެން ބޭނުންވެފައެވެ. އަފްނާން ހިމޭންކަން ޚިޔާރުކުރަން ފެށުމުން އޭނާގެ ކެތްތެރިކަން، ކޮޅުންލާން ފެށި އެވެ.

"އަފޫ އައި ނީޑް ޓު ނޯ ދިސް. ޝީ އިޒް މައި ޕޭޝެންޓް. ވަޓްސް ގޮއިން އޮން؟" އަފްނާން އެއްޗެއް ނުބުނާތީ ނުރުހުންވެފައި ހުރި ޙާލުވެސް އަޒްލަފް މަސައްކަތްކުރީ ރީތިކޮށް ވާހަކަ ދައްކާށެވެ.

"އަފްނާން." އެންމެފަހުން އަޒްލަފް ތަންކޮޅެއް ބާރަށް ގޮވާލައިފިއެވެ.

"އަފްނާން ކައިރިން ހަޤީޤަތް ނުހޯދާ އެއްވެސް ކަމެއް އެސިއުމް ނުކުރަންވެގެން ދޯ ސުވާލުމިކުރަނީ. އެކްސިޑެންފަހު ދެ އަހަރު ކޯމާގަ އޮވެފަ މައުވާ ހޭ އެރީ. އެހެންވީމަ ދޮންބެއަށް ވެސް އެނގޭ އަފޫއާ މައުވާއާ އޮތް ގުޅުމެއް އޮތީ މީގެ ދެއަހަރު ކުރިންކަން." ސޯފާއިން ކުޑަކޮށް ތެދެވެލަމުން އަޒްލަފް ބުނެލިއެވެ.

"މައުވާ... އެކްސިޑެންޓުތަވީ؟" އެ ހުރިހާއިރު އެއްޗެއް ނުބުނެ އިން އަފްނާންއަށް އެ ސުވާލުކޮށްލެވުނީ ކޮންމެވެސް ވަރެއްގެ ހައިރާންކަމަކާއެކު ނަމަވެސް، އެހިތަށް އެވަގުތު ފިނިކަމެއް ލިބިގެން ދިޔައީ މައުވާ އަމިއްލަ ނަފްސަށް ގެއްލުން ނުދޭކަން އެނގުމުންނެވެ.

"ދެޓް މީންސް ޝީ ޑިޑިންޓް ހާރޓް ހާރސެލްފެ. ތޭންކް ގޯޑް." ފުންނޭވާއަކާ އެކު އަފްނާންއަށް މޫނުމަތީގައި ފިރުމާލެވުނެވެ. މިހުރިހާ ދުވަހު އޭނާ ހޯދަން އުޅުނު ސުވާލުގެ ޖަވާބު ލިބުމުން ހީވީ ބޮލުން ބޮޑު ބުރައެއް ލުއިވެގެން ދިޔަހެންނެވެ. އެ އަޑު އަހަން އިން އަޒްލަފް އިތުރަށް ހައިރާންވުން ނޫންކަމެއް ނުވިއެވެ.

"ދެން ކިޔައިދީ. އައި ވޮނަ ނޯ އެވްރީތިންގ..." އަޒްލަފްގެ ސުވާލުތައް އަނެއްކާވެސް އަފްނާންއާ އަމާޒުވިއެވެ. އަފްނާންގެ މޫނުމަތީގެ އަސަރުތައް އަޒްލަފް ވަރަށް ގާތުން ދިރާސާކުރިއެވެ. އެ އަންހެން ކުއްޖާއާ މެދު އަފްނާން ކަންބޮޑުވެފައިވާ މިންވަރުގެ އިތުރުން ލޯބި އަފްނާންގެ ލޮލުން ފާޅުވަމުން ދިޔައެވެ.

"ޝީޒް ދި ރީޒަން ޔޫ އާރ ރިޖެކްޓިން ރައްޔާ؟" އަޒްލަފްގެ އެ ސުވާލާއެކު، އަފްނާން ބޯ ޖަހައިލިއެވެ.

"އެ ނޫނީ އެހެން އަންހެން ކުއްޖަކު އަހަރެންގެ ޙަޔާތަށް ގެންނާކަށް ބޭނުމެއް ނޫން." ފުރަތަމަ ފަހަރަށް އަފްނާން އޭނާގެ ހިތުގެ ޙާލު އަޒްލަފްގެ ކުރިމަތީގައި ހާމަކޮށްލިއިރު އަ އަޑުގައި ވަނީ މޮޅިވެރިކަމެވެ. އަފްނާންގެ އަޑުގައިވި އަސަރުތަކުން، މައުވާއާ މެދު އަފްނާންގެ ހިތުގައިވާ ޖަޒުބާތުތަކުގެ ފުންކަން އަޒްލަފްއަށް ވެސް އަންދާޒަކޮށްލެވުނެވެ. އެއާއެކު ހުރިހާ ކަމެއް އެނގުމުގެ ޝައުޤުވެރިކަން އޭނާގެ ހިތުގައި އުތުރި އަރައިގަތެވެ.

"ދެން ކީއްވެ އެމީހުން އެހެން އެ ބުނަނީ؟" ކުރީގައި ދެއްކި ވާހަކައަށް އިޝާރާތްކޮށްލާފައި، އަޒްލަފް ސުވާލުކޮށްލިއެވެ.

"އަހަންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ ދޮންބޭ!" އަފްނާންއަށް ބުނެވުނެވެ.

"ސާފުކޮށް ކިޔައިދީބަލަ!" އަޒްލަފް ބުނެލިއެވެ.

"މައު... މައުވާގެ އެއްވެސް ކުށެއް ނެތި މީގެ ދެ އަހަރު ކުރިން އޭނަ ދޫކޮށްލީ އަހަރެން. އެރޭ... އެރޭ އޭނަ އެކްސިޑެންޓުވީ." އަފްނާނގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަ ތިކި އޭނާ ފުހެލިއެވެ. އަޒްލަފްގެ ކުރިމަތިގައި ނުރޯން ހިތްވަރު ކުރިޔަސް މާޒީ ގެ ޚިޔާލުތައް އޭނާ ފެންކަޅި ކުރުވައިފިއެވެ. "އެކަމަކު އައި ރިގްރެޓް އިޓް މިހާރު. ވަރަށް ބޮޑަށް..."

އެ ހާދިސާ ތަފްސީލުކޮށް އަޒްލަފްއަށް ކިޔައިދޭނެ ހިތްވަރެއް އަފްނާންއަކަށް ނުލިބުނެވެ.

އަޒްލަފްގެ ފޯނު ރިންގުވުމާއެކު އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.

"އައި ނީޑް ޓު ގޯ." އަޒްލަފް އެހެން ބުނެފައި ތެދުވުމުން އަފްނާން ވެސް ތެދުވެލިއެވެ.

"ގޯ ހޯމް..." އަޒްލަފް ނުސީދާކޮށް އެބުނީ މައުވާގެ ގާތަށް ނުދާށޭކަން އަފްނާންއަށް އެނގުނެވެ. އޭނާ ބޯ ޖަހާލުމަށްފަހު އަޒްލަފްއާއެކު ގޮސް ނުކުމެލިއެވެ. އަޒްލަފް ތިއޭޓަރއާ ދިމާލަށް ދިޔައިރު، އަފްނާން ދިޔައީ ހޮސްޕިޓަލުން ނުކުންނާށެވެ.

*****

ހުކުރު ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަޒްލަފް އާއިން ގޮވައިގެން ކާރުގައި ހުޅުމާލެ ދިޔައީ އޭނާގެވެސް އޮފް ދުވަހަށް ވާތީއެވެ. ބޭރު މަގަށް އެޅުމާއެކު، އަޒްލަފް އޭނާ ގޮވައިގެން އައިސްކްރީމް ބޯން އާއްމުކޮށް ދާ ތަން ފެނިގެން އެތަނަށް ދާން އާއިން ކިޔަން ފަށައިފިއެވެ. އަޒްލަފްވެސް އާއިން ގޮވައިގެން އެތަނަށް ދާން ނިންމީ، މިހާރު އެގޮތަށް ވެސް އާއިންްއާއެކު، ވަގުތުކޮޅެއް ހޭދަކޮށްނުލާތާ ދުވަސްކޮޅެއް ވެފައިވާތީއެވެ. އާއިން ގޮވައިގެން އެތަނަށް ވަންނަން ދިޔަ އަޒްލަފްގެ ލޮލުގައި ސައިކަލެއް މަތީގައި އިން ޝައުފާ އަޅައިގަތެވެ. ސައިކަލުގެ ފަހަތުގައި ޝައުފާ އިންއިރު، ކުރީގައި އިން ޒުވާނާގެ އުނަގަނޑުގައި އޭނާގެ އަތް ވަނީ ވަށާލެވިފައެވެ. އެ ދެމީހުން ސައިކަލުން ފައިބައިގެން ގޮސް ވަނީ އެތަނުގައި ހުރި ގެސްޓް ހައުސްއަކަށެވެ. އަޒްލަފްގެ ދެބުމަ ގޮށްޖެހުނެވެ. އޭނާގެ އަތުގައި ހިފައްޓައިގެން ހުރި އާއިން އެ ދިމާލަށް ބަލައިލަން އުޅުމާއެކު، އަޒްލަފް އާއިން ގޮވައިގެން އަވަސް އަވަހަށް އެތެރެއަށް ވަދެލިއެވެ.

ދެމީހުން ގޮސް ހުސް މޭޒެއްގެ ދޮށުގައި އިށީނީ އާއިންްއަށް ކަމުދިޔަ އައިސްކްރީމް ތައްޓެއް ނަގައިގެންނެވެ. އޭރުވެސް އަޒްލަފްއަށް ވިސްނެނީ ދެންމެ ފެނުނު މަންޒަރާ މެދުގައެވެ. ސިހުނީ އާއިން ވާހަކަ ދެއްކުމުންނެވެ.

"ޑެޑީ ބޭނުންތަ؟" ސަމްސަލުން އައިސްކްރީމް ކޮޅެއް ނަގަމުން، އާއިން ސުވާލުކޮށްލިއެވެ. އެވަގުތު އައިސްކްރީމް ކާހިތް ނެތްނަމަވެސް އާއިން ދިނީތީ އަޒްލަފް އެތިކޮޅެއް އަނގަޔަށް ލިޔެވެ. ތުން ފުހެލި ތަނާ އެތަނަށް ވަތް ލުޔޫނާ އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު ހަައިރާންވީ ލުޔޫނާގެ އަތުގައި ހިފައްޓާލައިގެން ހުރި ތުއްތު ކުއްޖާ ފެނިފައެވެ. އެ އަންހެން ކުއްޖާ އުމުރުގެ ގޮތުން އާއިންއާ އެއްވަރުވާނެކަމަށް އަޒްލަފްއަށް ލަފާ ކޮށްލެވުނެވެ. އެއީ ލުޔޫނާގެ ކުއްޖެއް ބާއޭ އަޒްލަފްގެ ހިތަށް އެރީ މީގެ ކުރިން އެފަދަ ވާހަކައެއް ލުޔޫނާ އޭނާގެ ގާތުގަައި ބުނެފައި ނެތީތީއެވެ.

ލުޔޫނާގެ ލޮލުގައި އަޒްލަފްއާ އާއިން އަޅައިގަތުމުން އޭނާގެ ތުންފަތް މައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. އައިސް ކްރީމް ނަގައިގެން އައިސް އޭނާ އިށީނީ އަޒްލަފްމެން ތިބި މޭޒުގައެވެ.

" ޔޫ އޯކޭ؟" އަޒްލަފް ކަމަކާ ވިސްނާހެން ހީވެ ލުޔޫނާ އަހައިލިއެވެ.

"ޔާ. އައެމް ފައިން... މީ ކޮން ކުއްޖެއް؟" އަފްނާން ސުވާލުކޮށްލިއެވެ.

"ޒީކް...... ދޯ..." ލުޔޫނާ ބުނެލިއެވެ.

"ލުޔޫގެ ކުއްޖެއް ހުންނަ ވާހަކައެއް ނުވެސް ބުނަމެއްނު." އަޒްލަފްއަށް ބުނެވުނެވެ.

"އަޒްލަފް ނުވެސް އަހަމެއްނު." ލުޔޫނާ ހީނލިއެވެ.

އާނ. އަހާ ނުލެވޭ ދޯ. " އަޒްލަފް ވެސް ހިނިތުންވެލިއެވެ. ލުޔޫނާގެ ތުންފަތް މަތީގައިވި ހިނިތުންވުމުގެ މާނަ ނަގައިގަންނަން އުނދަގޫވެ އަޒްލަފްއަށް ދެވަނަ ސުވާލެއް ކޮށްލެވުނެވެ. "ކިހިނެއްވީ؟"

"އަހަރެންގެ ކުއްޖަކު ނުހުރޭ. މީ ކަޒިންއެއްގެ ދަރިފުޅު." ހީނގަނެގެން އިނދެފައި ލުޔޫނާ ބުނެލިއެވެ. ހަޤީގަތުގައި އޭނާ ބޭނުންވީ އަޒްލަފްގެ މޫނުމައްޗަށް އަރާ ކުލަވަރުތައް ބަލާލާށެވެ. އެންމެ ފުރަތަމަ އެ ވާހަކަ ނުބުނީ އެހެންވެގެންނެވެ.

"އެހެންތަ؟ އައި ތޯޓް…" އަޒްލަފް ދެފަރާތަށް ބޯ ހޫރާލިއެވެ.

އެތަނުގައި ތިބެފައި އެމީހުން ދިޔައީ ޕާކަށެވެ. އާއިންއާއި ޒީކްއާ ދެމީހުން ނިކަން އަވަހަށް އެކުވެރިވެއްޖެއެވެ. އެ ދެމީހުން ކުޅެން ދޫކޮށްލާފައި އަޒްލަފްއާއި ލުޔޫނާއާ ދެމީހުން އިށީނީ ބެންޗެއްގައެވެ. އަމިއްލަ ވާހަކަތައް ދައްކަން ތިބިއިރު ވެސް އެ މީހުންގެ ލޮލުގެ މީޒާނުން އެންމެ ހިނދުކޮޅަކުވެސް އާއިންއާއި ޒީކް ކައްސައެއް ނުލައެވެ.

އެތަނުގައި އޮތް ގަލެއްގައި އަޅައިގަނެފައި އާއިން ވެއްޓުމާއެކު އޭނާ ރޯން ފެށިއެވެ. އަޒްލަފްއާއި ލުޔޫނާއާ ދެމީހުން ވެސް ދުވެފައި ކަހަލަ ގޮތަކަށް އެ ދިމާލަށް ދުއްވައިގަތެވެ. އަދި އާއިން ނެގިއެވެ. އާއިންގެ ކަކޫ ކޮންމެވެސް ވަރަކަށް މަށައިގެން ގޮސްފައިވާއިރު، ލޭ އަންނަމުން ދިޔައެވެ. ދަބަސް ހާވާލާފައި ނެގި މަލަންކޮޅު ޖަހާލަމުން، އަޒްލަފްއަށް ވުރެ ކުރިން އާއިން އުރާލަމުން ލުޔޫނާ އޭނާ މަސަލަސް ކުރަން މަސައްކަތްކުރިއެވެ. އެ މަންޒަރު ބަލަން ހުރި އަޒްލަފްގެ ތުންފަތް މައްޗަށް ހިނިތުންވުމެއްގެ އަސަރު ވެރިވިއެވެ. އެފަދަ ހާސްކަމަކާއި ލޯތްބެއް ޝައުފާގެ ފަރާތުން އާއިންއާ މެދު ބަހައްޓާތަނެއް އޭނާއަކަށް ފެނިފައެއް ނުވެއެވެ.

ލުޔޫނާގެ އެ ސިފަ އަޒްލަފްއަށް ވަރަށް ކަމުދިޔައެވެ. މިވީ ދުވަސްތަކުގައި އެ ނޫނަސް ލުޔޫނާގެ ފަރާތުން އޭނާ ގަޔާވާ އެތަކެއް އިފަތަކެއް ފެނިފައިވެއެވެ. އޭގެ ސަބަބުން އޭނާއަށް ލުޔޫނާ ކަމުދެއެވެ. އަދި މިއަދު އެކަމާ މެދު ވަރަށް ފުންކޮށް އަޒްލަފްއަށް ވިސްނާވެސް ލެވިއްޖެއެވެ. އޭނާއަށް ނޭނގުނު ކަމުގައި ވިޔަސް މިއަދު އެހިތުގައި ލުޔޫނާއާ މެދު އާ ވިންދެއްގެ ހިލަން އެހިތަށް ވެއްޖެއެވެ.

އާއިން ހަމައަކަށް އެޅުމުން އޭނާ އަނެއްކާވެސް ޒީކްއާ އެކު ކުޅެން ދިޔައެވެ. އެ މަންޒަރު ބަލަން ހުރި ލުޔޫނާ އަޒްލަފްއަށް ބަލާލާފައި ވާހަކަ ދައްކަންފެށިއެވެ.

"އިޓް މަސްޓް ބީ ޑިފިކަލްޓް ފޯރ ޔޫ ދޯ." ޖެހިލި ވައިރޯޅިއާއެކު އަޅައިގެން ހުރި ބުރުގާ، ވަރާ ނަށަން ފެށުމުން އޭގައި ހިފައްޓާލަމުން ލުޔޫނާ ވާހަކަ ދެއްކިއެވެ.

"ތިބުނީ؟" އަޒްލަފް ބުމަ އަރުވާލިއެވެ.

"މިބުނީ އަޒްލަފް ބުނީމެއްނު ކުރިން އާއިން ހުރީ އޭނަ މަންމަ ކައިރީގައޭ…" ލުޔޫނާ ބުނެލިއެވެ. "ދެން މިހާރު އަޒްލަފް ކައިރީގަ ހުއްޓަސް މަންމަ ބޭނުންވެގެން އުޅޭނެއެއްނު."

"ކުޑަކޮށް އުނދަގޫވާ ފަހަރުތައް އާދެ. އެކަމަކު އާއިންއަކަށް ހުރިހާ ވާހަކައެއް ކިޔައެއްވެސް ނުދެވޭނެނެއެއްނު." އަޒްލަފް އާއިންއަށް ނަޒަރު ހުއްޓާލިއެވެ. "އެކަމަކު އާއިންއަކީ ގޮތް ދޫކުރާ ބަސްއަހާ ކުއްޖެއް. އެހެންވީމަ ގެންގުޅެން އެހާ އުނދަގުލެއް ނޫން. ޝައުފާ ނެތަސް، މަންމަވެސް އާއިންއަށް އެހާ ބަލާ."

"އެ އުމުރުގެ ކުއްޖަކަށް މަންމައެއްގެ ލޯބިވެސް ވަރަށް މުހިންމުވާނެ." ލުޔޫނާ ފާޅުކުރީ އޭނާގެ ޚިޔާލެވެ. ޝައުފާ އާދޭތަ ތިގެއަށް؟"

"އާދޭ. އާއިންއާ ބައްދަލުކުރުމަކަށް އަހަރެން މަނައެއް ނުކުރަން." އަޒްލަފް ބުނެލިއެވެ. އެފަދަ ވާހަކަތަކެއްގައި ތިއްބާ ބަންގި ގޮވުމުން، އެ މީހުންވެސް ޕާކުން ނުކުމެލިއެވެ.

އެރޭ ނިދަން އޮވެގެންވެސް އަޒްލަފްއަށް ވިސްނެނީ ލުޔޫނާއާ މެދުގައެވެ. ލުޔޫނާގެ އެ މަޑުމައިތިރިކަމާއި ނިޔަނެތިކަން އޭނާގެ ހިތަށް އަސަރު ފޯރުވަނީއެވެ. އާއިންއާ މެދު މިއަދު އެ ބެހެއްޓި ގާތްކަމާ މެދުވެސް އޭނާއަށް ވިސްނާލެވުނެވެ. ލުޔޫނާ އަކީ ކުޑަކުދިންނާ ވަރަށް ގަޔާވާ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ މީހެއްކަން އޭނާއަށް އެނގެއެވެ. ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް އޭނަ ވީ ވެސް އެހެންވެގެންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު