ފިލްމު "ޖަވާން"ގެ ކާމިޔާބީއަށް ފަހު އެ ފިލްމުގެ ޑައިރެކްޓަރު އެޓްލީ ދެން އުފައްދާ ފިލްމުގެ ބަޖެޓުގެ ގޮތުގައި ހަމަޖައްސާފައި ވަނީ 60 މިލިއަން ޑޮލަރު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސަލްމާން ޚާން ލީޑް ރޯލްއިން ފެންނާނެ މި ފިލްމަށް ދީފައިވާ ނަމަކީ "އޭ6"އެވެ. މިހާރު ޕްރީޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަސްތެރޭ ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ތަމަޅަ ޑައިރެކްޓަރު ތަންކޮޅެއް ކުރިން މީޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ސަލްމާން ހިމަނައިގެން އޭނާ އުފައްދަން ގަސްދުކުރާ ފިލްމަކީ އެކްޓަރުގެ ސަޕޯޓަރުން ސިއްސުވާލާނެ ފިލްމެއް ކަމަށެވެ.
މި ފިލްމުގައި ސަލްމާން ޚާން ކުޅެން ހަމަޖެހިފައިވާ ރޯލަށް އެކްޓަރުގެ ބަރުދަން ވަރަށް ބޮޑަށް ލުއިކުރަން ޖެހިފައިވާތީ އެކަމަށް އެކްޓަރު އަންނަނީ ތައްޔާރުވަމުންނެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ސަލްމާން ޚާންއާ އެކު މި ފިލްމުން ބަތަލާގެ ރޯލްއިން ފެންނާނީ ސައުތު ބަތަލާ ރަޝްމިކާއެވެ. ނަމަވެސް އެޓްލީގެ ޓީމުން މިކަން ޔަގީންކޮށްދީފައެއް ނުވެއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173924237611armZ.jpg)
ސަލްމާން ޚާންއާ އެކު އެޓްލީގެ ފިލްމުން ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާ ބަތަލާ ރަޝްމިކާ މަންދަންނާ--ފޮޓޯ/ބޮލީވުޑްހަންގާމާ
ސަލްމާން އާއި ރަޝްމިކާ އެކީގައި ފުރަތަމަ ފަހަރަށް ސްކްރީނުން ފެންނާނެ ފިލްމު "ސިކަންދަރު" މި އަހަރުގެ ފިތުރު އީދުގައި ސިނަމާތަކަށް ގެންނަން ވަނީ ތާވަލުކޮށްފައެވެ.
އެޓްލީ ޑައިރެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފްވި ފިލްމު "ޖަވާން"އަކީ 36 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.
ފިލްމު "ޖަވާން" ވެފައި ވަނީ 2023 ވަނަ އަހަރު ރިލީޒްވި ފިލްމު "ޕަތާން"އަށް ފަހު ޝާހްރުކް ޚާންގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމުގެ ގޮތުގައެވެ.