ސިވިލް ކޯޓު އަދި ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުގައި މިދިޔަ އަހަރު ނިމުނުއިރު ނުނިމި ހުރި މައްސަލަތަކުގެ އަދަދު 4759އަށް އަރާފައިވާކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސިވިލް ކޯޓުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން ނުނިމި ހުރީ ހުކުމް ތަންފީޒުކުރުމާގުޅޭ މައްސަލަތަކެވެ. އެގޮތުން، އެކަމާގުޅޭ 2368 ގަޒިއްޔާ އޮތްއިރު އޭގެ ތެރޭގައި، އިޚްތިލާފު އުފެދިފައިވާ 2047 މައްސަލައާއި އިޚްތިލާފެއް ނެތް 344 މައްސަލައެއް ހިމެނެއެވެ.
މީގެއިތުރުން، މިދިޔަ އަހަރު އެ ކޯޓުން ނިންމި ގަޒިއްޔާތަކުގެ އަދަދު 2023ވަނަ އަހަރަށްވުރެ 17.57 އިންސައްތަ އިތުރުވެފައިވާއިރު، ރަޖިސްޓަރީކުރި ގަޒިއްޔާތަކުގެ އަދަދުވެސް 12.96 އިންސައްތަ ވަނީ އިތުރުވެފައެވެ.
ސިވިލް ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން ހުކުމް ތަންފީޒުކުރި ގަޒިއްޔާތައް ފިޔަވައި އެހެން ބާވަތްތަކުގެ ގަޒިއްޔާތައް ރަޖިސްޓަރީ ކުރި އަދަދަށްވުރެ އިތުރަށް ވަނީ ނިންމާފައެވެ.
އެ ކޯޓުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 5142 ގަޒިއްޔާ ވަނީ ރަޖިސްޓަރީ ކޮށްފައެވެ. އަދި 190 މައްސަލައެއް ވަނީ ބަލައިނުގަތުމަށް ނިންމާފައެވެ.
ސިވިލް ކޯޓަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ތެރެއިން އެއް ކޯޓަކަށް އެންމެ ގިނަ މައްސަލަ ހުށަހެޅޭ ކޯޓެވެ. ނަމަވެސް އެހެން ކޯޓުތަކާ އެއްގޮތަށް، އެ ކޯޓަށް ވެސް ޖާގައިގެ ދަތިކަމާ ކުރިމަތިވެ، އޭގެ ސަބަބުން މަސައްކަތްތައް ލަސްވާކަން މީގެ ކުރިން ފާހަގަކޮށްފައިވެެއެވެ.
ކޯޓުތަކަށް ދިމާވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ޓަކައި ހުޅުމާލޭގައި ކޯޓް ކޮމްޕްލެކްސްއެއް އަޅާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.