ގޫގްލްގެ މެސެޖިން އެޕްލިކޭޝަން، ގޫގްލް މެސެޖަސްއަށް އައު ފީޗާއެއް އިތުރުކުރުކޮށް މި ފީޗާއާއެކު ވައިޓްސްއެޕް މެދުވެރިކޮށް ވީޑިއޯ ކޯލް ކުރެވޭނެގޮތް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށް ޓެކް ރިޕޯޓުތަކުން ދައްކައިފިއެވެ.
އެންޑްރޮއިޑް އޮތޯރިޓީގެ ރިޕޯޓެއްގައި ބުނާ ގޮތުން، މި ފީޗާ ފެނިފައިވަނީ ގޫގްލް މެސެޖަސްގެ 20250131 ވާޝަންގެ ކޯޑުންނެވެ. ނަމަވެސް މި ވަގުތު މި ފީޗާ އާންމު ޔޫޒަރުންނަށް އަދި ލިބޭކަށް ނެތެވެ.
މި އައު ފީޗާ ބޭނުންކުރެވޭނީ ގޫގްލް މީޓް އިންސްޓޯލްކޮށްފައި ނެތް ފަރާތްތަކަށެވެ. މިހާރު ގޫގްލް މެސެޖަސް މެދުވެރިކޮށް ވީޑިއޯ ކޯލް ކުރެވެނީ ހަމައެކަނި ގޫގްލް މީޓް މެދުވެރިކޮށެވެ.
އައު ފީޗާއާއެކު، ވީޑިއޯ ކޯލް އައިކަން ޓެޕްކުރުމުން ވައިޓްސްއެޕް މެދުވެރިކޮށް ކޯލް ކުރުމުގެ އިޚްތިޔާރު ލިބިގެންދާނެއެވެ. އަދި ވައިޓްސްއެޕް އެޕްލިކޭޝަނަށް ދިއުމަކާ ނުލައި ސީދާ ވީޑިއޯ ކޯލް ސްކްރީނަށް ގެންދާނެއެވެ.
ނަމަވެސް މި ފީޗާ ލިބޭނީ އިންޑިވިޖުއަލް ޗެޓްތަކުގައި އެކަންޏެވެ. ގްރޫޕް ޗެޓްތަކުގައި ވީޑިއޯ ކޯލް ކުރެވޭނީ ގޫގްލް މީޓް މެދުވެރިކޮށެވެ. އަދި ކޯލް ރިސީވްކުރާ ފަރާތުގެ ފޯނުގައި ވައިޓްސްއެޕް އިންސްޓޯލްކޮށްފައި ނެތްނަމަ، މި އޮޕްޝަން ނުދައްކާނެއެވެ.
ގޫގްލްއިން މި ފީޗާއާ ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް އިއުލާނެއް އަދި މިހާތަނަށް ކޮށްފައެއް ނުވެއެވެ.