މީގެ ނުވަ އަހަރު ކުރިން ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ސަނަމް ތޭރީ ކަސަމް" އަލުން ރިލީޒް ކުރުމާ އެކު ބޮކްސް އޮފީހުގައި ފިލްމަށް ބޮޑު ކާމިޔާބީއެއް އަންނަނީ ލިބެމުންނެވެ.
ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ރީތި ލޯބީގެ ފިލްމު "ސަނަމް ތޭރީ ކަސަމް" 2016 ވަނަ އަހަރު ރިލީޒްކުރިއިރު ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބެއެވެ.
މުޅިއެކު 25 ކްރޯޑު ރުޕީސް (2.9 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި ފިލްމަށް ބޮކްސް އޮފީހުގައި އޭރު ލިބުނީ އެންމެ 16 ކްރޯޑު ރުޕީސް (1.8 މިލިއަން ޑޮލަރު)ގެ އާމްދަނީއެކެވެ.
ނަމަވެސް މިދިޔަ ހުކުރު މި ފިލްމު އަލުން ސިނަމާތަކުގައި އަލުން ރިލީޒްކުރުމާއެކު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ފިލްމަށް ލިބި މިހާތަނަށް ފިލްމަށް ވަނީ ނުވަ ކްރޯޑު ރުޕީސް (1.0 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިފައެވެ.

ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ބޮކްސް އޮފީހުގައި ފިލްމު ރިލީޒްކުރި އަހަރު ލިބުނު އާމްދަނީއާ އެއް ވަރުގެ އާމްދަނީއެއް އެންމެ ދުވަހަކުން މި ފިލްމަށް ލިބުމުން މިއީ ވަރަށް ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ފިލްމު ޓްރޭޑް އެނަލިސްޓުން ވަނީ ފާހަގަކޮށްފައެވެ. ފިލްމު ސިނަމާތަކުން ނަގާއިރު މި ފިލްމަށް ލިބޭނެ އާމްދަނީ އިތުރުވާނެ ކަމުގެ އުއްމީދު ވެސް މިހާރު އާވެއްޖެކަމަށް ފިލްމީ ރިޕޯޓުތައް ބުނެއެވެ.
މި ފަހަކަށް އައިސް ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން ދެވަނަ ފަހަރަށް ރިލީޒްކުރާ ވަރަށް ގިނަ ފިލްމުތަކަށް ވަނީ އެ ފިލްމުތައް އަސްލު ރިލީޒްކުރި އަހަރާ އަޅާކިޔާއިރު އާމްދަނީގެ ގޮތުން ބޮޑު ފައިދާއެއް ލިބިފައެވެ.
އޭގެތެރޭގައި ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް މިހާރު ހޯދަމުން އަންނަ ބަތަލާ ތުރިޕްތީ ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި ފިލްމު "ލައިލާ މަޖްނޫން" ވެސް ހިމެނެއެވެ.
ފިލްމު "ސަނަމް ތޭރީ ކަސަމް" ދެވަނަ ފަހަރަށް ސިނަމާތަކުގައި އަޅުވާފައި މި ވަނީ ފިލްމު އަލުން ސްކްރީނަށް ގެނައުމަށް ވަރަށް ގިނަ ބަޔަކު އެދިފައި ވަނިކޮށެވެ.
ޕާކިސްތާނު ބަތަލާ މާވްރާ ހޮސެއިން އަދި އިންޑިއާގެ އެކްޓަރު ހަރްޝްވަރުދަން ރާނޭ ލީޑް ރޯލް ކުޅެފައިވާ މި ފިލްމުގެ ސީކުއަލްއެއް ގެނެސްދޭން ނިންމާފައިވާކަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރަސްމީކޮށް ވަނީ އިއުލާނުކޮށްފައެވެ.