އަމީރާ އެތައް އިރަކު ޓަކިޖެހި އިރުވެސް ލިމްޔާ ދޮރު ނުހުޅުވުމުން ހާސްކަން އިތުރުވިއެވެ. ކޮޓަރި ތަޅުލާފައި ހުރުމުން ސުވާލު އުފެދުނެވެ. ދުވާލުގެ ވަގުތުތަކުގައި ލިމްޔާއަކީ ކޮޓަރި ތަޅުލާފައި ބަހައްޓާ ކުއްޖެއް ނޫނެވެ. އަމީރާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ނުބައި ވަސްވާސްތަކުން ހިތް ކިލަނބުވިއެވެ.
********
އަމީރާ ދެފިކުރެއްގައި ހުރެ ގޮސް، ލިމްޔާގެ ކޮޓަރިއާއި ޖެހިގެން ހުރި ލުޔޫމްގެ ކޮޓަރި ދޮރުގައި ޓަކި ޖަހައިލިއެވެ. ގޭގައި ތިބޭ މެހެމާނުންގެ ކޮޓަރީގައި ޓަކި ޖެހުމަކީ އަމީރާ ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ. އެކަމަކު، ލުޔޫމަކީ ފުލުހަކަށްވެފައި، އެފަދަ ކަންކަމުގައި ކަންތައް ކުރަންޖެހޭނެގޮތް އެނގޭތީ، އަމީރާއަށް އެނޫންގޮތެއް ނެތުނީއެވެ. ގިނައިރެއްނުވެ، ލުޔޫމް ދޮރު ހުޅުވިއެވެ. އަމީރާގެ ހާސްވެފައިވާ މޫނު ފެނުމުން، ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން ލުޔޫމަށް އެނގުނެވެ.
"ދައްތާ ކިހިނެއްވީ؟...." ލުޔޫމް ކޮޓަރިން ނުކުމެ، ދެކޮޅު ހޯދައިލިއެވެ.
"މި...މި... ދައްތަގެ... ދަރި...ފުޅު... ލިމް..ޔާ...." ރޮވޭވަރުން އަމީރާއަށް ވާހަކަ ދެއްކޭ ވަރެއް ނުވިއެވެ. އަތުން އިޝާރާތްކުރީ ލިމްޔާގެ ކޮޓަރިއާއި ދިމާއަށެވެ.
ލުޔޫމް އެކި ގޮތްގޮތަށް ލިމްޔާގެ ކޮޓަރި ތަޅު ހުޅުވޭތޯ މަސައްކަތް ކުރިއެވެ. އެތެރެއިން ތަޅުދަނޑި ޖަހާފައި ހުރުމުން، ދޮރު ހުޅުވޭގޮތެއް ނުވިއެވެ.
"އޯކޭތަ ތަޅު ހަލާކުކޮށްލިޔަސް؟" ލުޔޫމް އަހައިލިއެވެ.
އަމީރާ ބޯ ޖަހައިލުމުން، ލުޔޫމް ގެނައީ އެންމެ ހަރަކާތެކެވެ. ތަޅުން ބައެއް ނައްޓައިގެން މާދުރަށް ވިއްސައިގެން ދިޔައެވެ. ހުޅުވިގެންދިޔަ ދޮރާއިއެކީ ފެނުނު މަންޒަރުން ދެމީހުންނަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އެންމެ ފުރަތަމަ ކޮޓަރި ތެރެއަށް ދުއްވައިގަތީ ލުޔޫމްއެވެ. އަމީރާ އިރުކޮޅަކު ހުރި ފިޔަވަޅުމަތީގައި ގަބުވެފައި ހުއްޓެވެ.
"ދަރިފުޅާ ލިމްޔާ!....." ހަމަހޭވެރިކަންވުމާއިއެކު، އަމީރާއަށް ރޮއެގަނެވުނެވެ.
ކޮޓަރިތެރޭގައި އެއްޗެހިތަށް އެތަންމިތަނަށް އުކާލާފައިވާއިރު، ލިމްޔާ އޮތީ މުށިތަކުގެ މައްޗަށް ވެއްޓިފައެވެ. ލިމްޔާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ޒަހަމުގެ ނިޝާން ހުއްޓެވެ. ބައެއް ޒަހަމުތައް ފުނެވެ. ޒަހަމުތަކުން އައިސްފައިވާ ލޭތައް މުށިތަކުގެ މަތީގައި ހުއްޓެވެ. ލިމްޔާގެ ބޯ ނަގައި، އުނގުމަތީގައި ބާއްވާލުމަށްފަހު، ލުޔޫމް އެންމެ ފުރަތަމަވެސް ބަލާލީ ވިންދު ހުރިތޯއެވެ. އޭނާއަށް ހަމަޖެހުމެއް ލިބުނީ ވިންދު ހުރިކަން ޔަގީންވުމުންނެވެ.
"ދައްތާ! އަވަހަށް ކާރަކަށް ގުޅާ!" ލުޔޫމް އެދުނެވެ.
ދެއަތް ތުރުތުރުލާވަރުން އަމީރާއަށް ފޯނުގައި ނުވެސް ހިފޭއްޓުނެވެ. އޭނާގެ ސިކުނޑި މަސައްކަތްކުރުން ހުއްޓާލާފައިވާ ކަހަލައެވެ. އެފަދަ ކަމެއް ދިމާވީއިރު، މުސްތަފާ ރަށުގައި ނެތްކަންވެސް އެއީ އަމީރާގެ ސިކުނޑި އިތުރަށް ހާސްކުރުވި ސަބަބަކަށް ވިއެވެ.
ހުޅުވިފައިވާ ކުޑަދޮރަށް ލުޔޫމްގެ ނަޒަރު ހުއްޓުނީ އެތަނުގައި ހައްދާފައިވާ ބަގީޗާ ގަސްތަކުގެ ތެރެއިން އަޑެއް އިވުމުންނެވެ. ލިމްޔާއަށް ހަމަލާދިނުމަށްފަހު އެމީހަކު ގޮސްފައިވަނީ އެތަނުން ފުންމާލައިގެން ކަން ލުޔޫމަށް އެނގުނެވެ. ލިމްޔާ ނަގައި، އެނދުމަތީގައި ބޭއްވުމަށްފަހު، ލުޔޫމް ދުވެފައި ގޮސް ކުޑަދޮރުން ފުންމައިލިއެވެ. އެވަގުތު ކަޅު ޓީޝާޓެއް ލައިގެން ހުރި މީހަކު ޖެހިގެން ހުރި ގޭގެ ފާރުމަތިން އެގޯތި ތެރެއަށް ފުންމައިލި ތަން އޭނާއަށް ފެނުނެވެ. އެމީހާގެ ފަހަތުން ގޮސް ލުޔޫމްވެސް ފާރުމަތިން ފުންމައިލިއެވެ.
"ޝިޓް ޝިޓް ޝިޓް" ލުޔޫމް ފާރުމަތިން ފުންމައިލި ތަން ފެނި، ކަޅު ހެދުމުގައި ހުރި މީހާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އެހާ އުސް ތަނެއްގެ މަތިން ފުންމައިލިއިރު، ލުޔޫމަށް އެއްގޮތްވެސް ނުވެއެވެ. އަންހެން ކުއްޖަކަށް އެހާ އުސް ފާރެއްގެ މަތިން ފުންމާލެވޭނެ ކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ. ލުޔޫމަކީ އާދައިގެ ކުއްޖެއް ނޫންކަން އެނގުމުން އޭނާގެ މޫނުން ހާސްކަން ފެނިގެން ދިޔައެވެ.
ލުޔޫމް ދުއްވައިގަތުމުން އެމީހަކު ދުވެފައި ގޮސް ވަނީ އެގެއާއި ޖެހިގެން ހުރި ގޯޅިގަނޑެއްގެ ތެރެއަށެވެ. އެ ސަރަހައްދު ފަޅެވެ. މީހަކު ފެންނާކަށް ނެތެވެ. ވައިރޯޅިއެއް ޖެހިލާ އަޑު ނީވޭ ތަނުގައި ގަސްގަހުގެ ފަތްތައްވެސް ހެލިނުލައެވެ. އެމީހަކު ފެނޭތޯ ލުޔޫމް އެތައް އިރަކު ހޯދިއެވެ. އޭނާ އެނބުރި ދާންޖެހުނީ މީހެއްގެ ހިލަމެއް ނުވުމުންނެވެ.
"އެހާ ފަސޭހައެއް ނުވާނެ އަހަންނާ ހިސާބަށް އަންނާކަށް" ފާރުމަތިން ފުންމައިލަމުން، އެމީހާ ޖަހާލީ ނުރައްކާތެރި ހިނިގަނޑެކެވެ.
އަތިރިމަތީގައި ހުރުމަށްފަހު، ގެއަށްދިޔަ މަގުމަތީ ލިމްޔާގެ ގެއިން ފިރިހެނަކު ދުވެފައި ނުކުތްތަން ރިވާނަށް ފެނުނެވެ. އެމީހާގެ އަމަލުތައް ހުރިގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އޭނާއަށް އެނގުނެވެ. ރިވާން އެމީހަކަށް ފާރަލަމުންދިޔައީ، ފަހަރެއްގައިވެސް އެހެންކަހަލަ މަންޒަރެއް ފެނިދާނެކަމަކަށް ނޫނެވެ. އެމީހެއްގެ ފަހަތުން ދުވެފައިދިޔަ ލުޔޫމް ފެނުމުން، ރިވާންގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ.
ރިވާން ހުރީ ރަނގަޅު ފުރުސަތަކަށް ބަލަބަލައެވެ. އެމީހެއްގެ ފަހަތުން ގޮސް، އޭނާ ލައިގެންހުރި ޓީޝާޓުގައި ހިފައި ދަމައިގަތެވެ. އެމީހަކު ހުރީ އެފަދަ ކަމަކަށް ވިސްނައިގެން ނޫންކަމުން، ދާދި ފަސޭހައިން އުއްޑުން ވާހެން ބިންމައްޗަށް ވެއްޓުނެވެ. އެމީހަކަށް ރިވާންގެ އަތްދަށުން މިނިވަންވާނެ ފުރުސަތެއް ނުދިނެވެ. އަތުގެ އުޅަނބޮށިން އެމީހެއްގެ ކަރުގައި ޖައްސައި، ބިންމަތިން ނުތެދުވެވޭނެހެން ހައްޔަރުކޮށްލިއެވެ. ރިވާންގެ ކައިރީގައި އެމީހަކަށް މާބޮޑު ބާރެއް ނުދެއްކުނެވެ. ތެޅިތެޅި ވަރުބަލިވެގެން އޭނާ ހިމޭންވިއެވެ.
"ކީއްކުރީ؟ ބުނޭ!" ރިވާން އަމުރުކުރިއެވެ.
********
ފެންވަރާލައިގެން ގޮސް އެނދުގައި ޖައްސާލުމަށްފަހު، އަފްސަމް އެންމެ ފުރަތަމަވެސް ބަލައިލީ ފޯނެވެ. ލިމްޔާގެ ހަބަރެއްނުވެ، އެހާގިނައިރުވުމުން، އަފްސަމްގެ މޫނުން ހާސްކަން ފެނުނެވެ. ދެފިކުރެއްގައި އޮވެފައި އޭނާ ލިމްޔާއަށް ގުޅިއެވެ. ފޯނު ނެގީ އަމީރާއެވެ. ލިބުނު ހަބަރަކުން އަފްސަމްގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.
އަފްސަމަށް ދެވުނުއިރު، ރިވާން ލިމްޔާ އުފުލާލައިގެން ގެއިން ނެރެނީއެވެ. ރިވާންގެ އަތްދަނޑިމަތީގައި އޮތް ލިމްޔާ ފެނި އަފްސަމްގެ ހިތް ކުދިކުދިވިއެވެ. ލިމްޔާ ލައިގެން އޮތް އަންނައުނުގައި ލޭގެ އަސަރު ހުއްޓެވެ. ދެލޯ ވަނީ މެރިފައެވެ. ހަށިގަނޑުގައި ދިރުމެއް ނެތެވެ. ކައިރީގައި ތިބި މީހުން ހީކުރާނެ އެއްޗަކަށް ވިސްނާލަންވެސް އަފްސަމްގެ ހަނދާނުގައި ނެތެވެ. ރޮމުން ދުވެފައި ގޮސް ލިމްޔާގެ އަތުގައި ހިފާލެވުނެވެ.
"ލިމް!... ލިމް" އަފްސަމްގެ ދެލޮލަށް ޖަމާވި ކަރުނަތައް އޮހެން ފެށިއެވެ.
އަފްސަމްގެ އެއަމަލުން އަމީރާއަށް ހައިރާންކަމެއް ލިބުނެވެ. ރިވާން ލިމްޔާ ކާރަށް އަރުވާފައި އަމީރާ އެރުމަށް ދޮރު ހުޅުވައިދިނެވެ. އަމީރާގެ ފަހަތުން އަފްސަމްވެސް ކާރަށް އަރަން އުޅުނެވެ. އޭރު ލުޔޫމް އިނީ ކާރުގެ ކުރީ ޝީޓަށް އަރައެވެ. ރިވާން އަތުގެ އިޝާރާތުން އަފްސަމްގެ ކައިރީގައި މަޑުކުރުމަށް އެދުނެވެ.
"އެމީހަކު އަތުލައިފިން!" ކާރު ނައްޓާލުމުން، ރިވާން ބުނެލިއެވެ. "ހިނގާ އަހަންނާއެކީ ޕޮލިސް ސްޓޭޝަންއަށް"
"ކާކު އެއީ؟" އަފްސަމްގެ ދެއަތް މުށްކެވުނެވެ. "ނުކެރޭނެ ދެން ސަލާމަތްވާކަށް"
"އިހަށް ހަމަޖެހިބަލަ" އަފްސަމް ރުޅިގަދަވިވަރު ފެނުމުން، ރިވާންގެ މޫނުން ފެނުނީ ހާސްކަމެވެ.
"ހަމައެއް ނުޖެހެވޭނެ.. އަހަރެންގެ ލޯބިވެރިޔާއަށް އެހެން ހެދި މީހަކަށް ސަލާމަތެއް ނުވެވޭނެ" އަފްސަމް ރިވާންގެ އަތް ފޮޅުވައިލިއެވެ.
"ތިހެން ހުއްޓާ ކިހިނެއް އޭނަ ކުރިމައްޗަށް ގެންދާނީ" ރިވާން ބޯ ހޫރައިލިއެވެ.
********
ޔަލްވީ އޮތީ ރަޔާންގެ ފޯނުން ކައިވެނީގެ ތަސްވީރުތައް ބަލާށެވެ. އެއްވެސް ތަސްވީރެއްގައި ޔަލްވީގެ ތުންފަތުގައި ހިނިތުންވުމެއް ނެތެވެ. ފަހަރަކު ތަސްވީރެއް ބަލަމުންދިޔަ ޔަލްވީގެ އަތުގެ ހަރަކާތް ހުއްޓުނީ ނަފީސާއާއި ނިމާލާއިއެކު ނަގާފައިވާ ތަސްވީރެއް ފެނުމުންނެވެ. އެތައް ދުވަހެއް ފަހުން ނަފީސާގެ ސޫރަ ފެނުމުން، ޔަލްވީގެ ހިތަށް ކުރެވުނީ ބަޔާންކުރަންދަތި އިހުސާސެކެވެ. މަންމަގެ މަތިން މާ ބޮޑަށް ހަނދާންވުމުން، ދެލޮލުން ކަރުނަ ހިލެން ފެށިއެވެ. ޔަލްވީ އަވަސް އަވަހަށް ފޯނު ތިރިކޮށްލިއެވެ. ސިއްރުން ކަރުނަ ފޮހެލީ އެމަންޒަރު ކައިރީގައި އޮތް ރަޔާނަށް ފެންނަން ބޭނުންނުވާތީއެވެ.
"ކިހިނެތްވީ؟...." ޔަލްވީގެ ހަރަކާތްތަކަށް ބަލަން އޮތް ރަޔާން ވަގުތުން ޔަލްވީގެ ކައިރިއަށް ޖެހުނެވެ.
"މަންމަމެން...." ޔަލްވީއަށް ބުނެވުނީ އެހިސާބަށެވެ. އިތުރަށް އެންމެ ބަހެއްވެސް ނުބުނެވުނެވެ. ކަންތައްކުރެވުނު ގޮތުން މަންމަމެންގެ ވާހަކަ ދައްކަންވެސް ޔަލްވީއަށް އުނދަގޫވިއެވެ.
"މަންމަމެންގެ ހާލު ރަގަޅު" ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ޔަލްވީ އޭނާގެ އާއިލާއާއި އޮތް ގުޅުން ރަގަނޅު ކުރަން ރަޔާން މަސައްކަތް ކުރިއެވެ. "ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގުޅާ.... ޔާލްގެ ހާލު ބަލާ...." ޔަލްވީގެ ބޮލުގައި ފިރުމާލަމުން ރަޔާން ބުންޏެވެ.
ޔަލްވީ ހިމޭންވިއެވެ. އިތުރަށް ބުނާނެ އެއްޗެއް ދުލަކަށް ނައެވެ. އަމިއްލަ މައިންބަފައިންނާއި ދޭތެރޭގައި ކަންތައް ކުރި އިހާނެތިގޮތް ހިތަށް އެރުމުންވެސް، ޔަލްވީއަށް އަމިއްލަ ނަފުސުދެކެ ރުޅި އާދެވެއެވެ. އެހެނަސް، ޔަލްވީގެ މައިންބަފައިން އޭނާދެކެ ފޫއްސެއް ނުވެއެވެ. ވަރުބައްޔެއް ނުވިއެވެ. އުފަލާއި ހިތާމަ އެކުވެގެން ޔަލްވީގެ ދެލޮލުން ކަރުނަ އޮހުނެވެ. ގިސްލެވެން ފެށުނެވެ. އެ ކަރުނަތައް ފޮހެދެމުން ދިޔައިރު، ޔަލްވީގެ ކޮންމެ ހިތާމައަކާއި އުފަލެއްގައި ރަޔާންވެސް ބައިވެރިވާކަން އަމަލުތަކުން ހާމަކޮށްދިނެވެ.
"މަންމަމެން މަތިން މާބޮޑަށް ހަނދާންވީދޯ.... ގުޅާލަންތަ؟...." ރަޔާން ވަރަށް ލޯބިން އަހައިލިއެވެ.
ޔަލްވީ މަޑުމަޑުން ބޯޖަހައިލިއެވެ. ރަޔާން ފޯނު ނެގީ ނަފީސާއަށް ގުޅާށެވެ. ޔަލްވީ ބޭނުންވެގެން ގުޅިކަން އެނގުމުން ނަފީސާ އުފާވާނެވަރު ހިތަށް އެރުމުން ރަޔާންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ރަޔާންގެ ފޯނު ރިންގްވާން ފެށިއެވެ.
"އަފްސަމް ކީއްކުރަން މިގަޑީގަ އެ ގުޅަނީ؟" ޔަލްވީއަށް ފޯނުގެ އިސްކްރީން ދައްކައިލަމުން ރަޔާން ބުނެލިއެވެ. "އެބަ ނަގަން އިނގޭ މިކޯލް....."
"ވަރަށް އަވަހަށް އާދެބަލަ....." ރަޔާންއަށް އަނގައިން ނުބުނެވެނީސް އަފްސަމް ބުނި އަޑު އިވުނެވެ.
ކޮންމެވެސް ބޮޑުކަމެއް ދިމާވެއްޖެކަން އަފްސަމްގެ ރާގުން އެކަނިވެސް ރަޔާނަށް އެނގުނެވެ. ރަޔާނަށް ފުރަތަމަވެސް ބަލައިލެވުނީ ޔަލްވީއާއި ދިމާއަށެވެ. ޔަލްވީވެސް އިނީ ރަޔާން ބުނާނެ އެއްޗެއްގެ އިންތިޒާރުގައި މަޑުކޮށްގެންނެވެ.
"ކިހިނެއްވީ؟.... ކަމެއް ގޯސްވީތަ؟.... ކޮންތާކަށް ދާންވީ؟...." ހާސްވީވަރުން ރަޔާންއަށް އެއްފަހަރާ އެތައް ސުވާލެއް ކުރެވުނެވެ. "އޯކޭ މިދަނީ"
ރަޔާން އެނދުން ތެދުވިތަން ފެނުމުން، ޔަލްވީވެސް ތެދުވިއެވެ.
"ކީކޯ ބުނީ؟..." ރަޔާން ތަފްސީލް ނުދިނުމުން ޔަލްވީއަށް އަހައިލެވުނެވެ.
"އެބަ އަންނަން ވަރަށް އަވަހަށް ތަނަކަށް ގޮސްލާފަ" ރަޔާން ޔަލްވީގެ ބޮލުގައި އަތް ޖައްސާލިއެވެ. "ބޭރު ދޮރުވެސް ތަޅުލައިގެން ހުންނައްޗޭ! ތަންކޮޅެއް ލަހުންވެސް އާދެވިދާނެ"
"މީހަކަށް ކަމެއްވީތަ؟" ޔަލްވީ ބޭނުންވީ ރަޔާނާއި އެކުގައި ދާށެވެ.
"މި ލިމް... ގެންގޮއްސި ހޮސްޕިޓަލަށް... މި ދަނީ ޕޮލިސް ސްޓޭޝަންއަށް" ޔަލްވީ ހާސްވެދާނެތީ މާބޮޑު ތަފްސީލެއް ދޭކަށް ރަޔާނަކަށް ނުކެރުނެވެ.
"ލިމްޔާއަށް ކިހިނެއްވީ؟" ޔަލްވީ ހީކުރީ ކުރީ ދުވަހުގޮތަށް އަފްސަމް ރަޔާނާއި ސަމާސާކުރަނީ ކަމަށެވެ.
"ފަހުން ކިޔައިދޭނަން..." ރަޔާން ޓީޝާޓެއް ލައިގެން ކޮޓަރިން ނުކުތެވެ. "ތަޅުލައްޗޭ!"
ރަޔާން ދިޔައިރު، އަފްސަމް ހުރީ ބޭރުގައި ރަޔާންގެ އިންތިޒާރުގައި މަޑުކޮށްގެންނެވެ. ދެމީހުން އެތެރެއަށް ވަނީ އެއްކޮށެވެ. ރަޔާންމެންގެ ކުރީގައި ހުރި ފުލުސްމީހާ ދައްކަމުންދިޔަ މަގުން ދެމީހުން ކުރިއަށް ދިޔައެވެ. ގުދަނެއް ޒާތުގެ ތަނެއްގެ ދޮރު ހުޅުވާލުމަށްފަހު، ރަޔާންމެން އެތެރެއަށް ވައްދާފައި އެމީހާ މަޑުކުރީ ދޮރުމަތީގައެވެ. ރަޔާންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ކުރިމަތިން ފެނުނު ވަށް މޭޒެވެ. މޭޒުގެ އެއްކޮޅުގައި ރިވާން އިންއިރު، އަނެއްކޮޅުގައި އިތުރު މީހަކު އިނެވެ. ރަޔާންމެންނަށް އެމީހަކު ފެނުނީ ފުރަގަހުންނެވެ. އަފްސަމް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެމީހެއްގެ ކުރިމައްޗަށް އެރިއެވެ.
"ކަލޭ؟ ....." އަފްސަމްގެ ދެލޯ ބޮޑުވެގެން ދިޔައީ ފެނުނު ސޫރައަކުންނެވެ.
އަފްސަމަށް ވީގޮތް ފެނި ރަޔާންގެ ހިތް ތެޅިގަތެވެ. ކުރިމަތީގައި އިނީ އަފްސަމް ދަންނަ މީހެއްނަމަ، ރަޔާނަށްވެސް އެމީހަކު އެނގޭނެއެވެ. ރަޔާންވެސް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެމީހެއްގެ ކުރިމައްޗަށް އެރިއެވެ.
"ނަވީން؟" އަފްސަމަށްވުރެ ބޮޑު ހައިރާންކަމެއް ރަޔާނަށް ލިބުނެވެ.
"ކަލޭ ކީއްވެ ކުރިކަމެއް އެއީ؟..... ކީއްވެ ކުރި ކަމެއްހޭ އެއީ؟.... ޖަވާބުދީ!....." ލިމްޔާ އޮތްގޮތް ހަނދާންވުމާއިއެކު އަފްސަމްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.
އަފްސަމް ނަވީންގެ ކަރުގައި ހިފައި އުފުއްލާލިއެވެ. ނޭވާ ނުލެވިގެން ނަވީން ތެޅިފޮޅިގަތެވެ. ރިވާން އަފްސަމް ހުއްޓުވަން އުޅުނެވެ. އެކަމަކު، އަފްސަމް އެ ފުރުސަތު ނުދީ ރިވާންގެ އަތް ފޮޅުވައިލީއެވެ.
"މިހުރިހާ ކަމެއްގެ ފަހަތުގައި ހުރި މީހަކީ ކަލޭތަ؟...." ރަޔާން ކުރަން ބޭނުންވި ސުވާލުވެސް ކުރީ އަފްސަމެވެ. "ކަލޭތަ މާސްޓާމައިންޑަކީ؟ އޭނ؟"
ރިވާން އަތުން އިޝާރާތްކޮށްލުމުން، ޖާނުން ވަރުގަދަ ދެ ފުލުހަކު އެތެރެއަށް ވަނެވެ. ދެމީހުންނަށް އަފްސަމް ހުއްޓުވަން ޖެހުނީ ބާރުގެ ބޭނުންކޮށްގެން ގަދަކަމުންނެވެ.
(ނުނިމޭ)