މީގެ 1.4 މިލިއަން އަހަރު ކުރީގެ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ދެކުނު އެފްރިކާއިން ފެނިއްޖެއެވެ.
ދެކުނު އެފްރިކާއިން ފެނިފައިވާ އިންސާނެއްގެ ދަތްދަޅީގެ ފޮސިލްއަކީ މިހާތަނަށް ދެނެގަނެވިފައިވާ ނުވާ އިންސާނެއްގެ ބާވަތެއްގެ ކަމަށް ސައިންޓިސްޓުންނަށް ފާހަގަކުރެވިފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.
ޖާނަލް އޮފް ހިއުމަން އިވޮލިއުޝަންގައި ޝާއިޢުކޮށްފައިވާ ދިރާސާއިން ދައްކާގޮތުގައި، މި ފޮސިލްއަކީ ޕެރަންތްރޯޕަސް ކެޕެންސިސް ނަމަކަށް ކިޔާ އައު ބާވަތެއްގެ އިންސާނާގެ ބައެއް ކަމަށް ބެލެވެއެވެ.
މި ފޮސިލް ފެނުނީ 1949 ވަނަ އަހަރު ސްވަޓްކްރަންސް ސަރަހައްދުންނެވެ.
ފްރާންސްގެ އެންމެ މަތީ ރޭންކިންގެ ޔުނިވާސިޓީއެއް ކަމުގައިވާ ބޯޑޯ ޔުނިވާސިޓީގެ ޕެލިއޯއެންތްރޮޕޮލޮޖިސްޓް ކްލެމެންޓް ޒަނޯލީ ވިދާޅުވި ގޮތުގައި އެކްސްރޭ އިމޭޖިން ޓެކްނޮލޮޖީ ބޭނުންކޮށްގެން މި ފޮސިލް ދިރާސާކުރުމުން، މިއީ އާންމު އިންސާނުންގެ ބާވަތްތަކާ ތަފާތު ސިފަތަކެއް ހުރި ބާވަތެއްކަން ވަނީ ފާހަގަކުރެވިފައެވެ.
މި ބާވަތުގެ ދަތްދޮޅި އަދި ދަތްތައް ހުރީ އެހެން ބާވަތްތަކަށްވުރެ ކުޑަކޮށެވެ. މިއިން ދޭހަވަނީ މި ބާވަތުގެ އިންސާނުން ކައިއުޅޭ ކާނާގެ އާދަކާދަ އެހެން ބާވަތްތަކާ ތަފާތުވާކަމެވެ.
ދިރާސާއިން ދައްކާގޮތުގައި މިއީ އެއް ދުވަސްވަރެއްގައި އެފްރިކާގައި އުޅުނު ގިނަ ބާވަތްތަކުގެ ތެރެއިން އެއް ބާވަތެވެ.
ސައިންޓިސްޓުން ފާހަގަކުރާގޮތުގައި މި ހޯދުމަކީ އިންސާނީ ޖީނަސްގެ ތަރައްޤީވަމުން އައި ގޮތުގެ އިތުރު މަޢުލޫމާތު ލިބިދޭ ހޯދުމެކެވެ. އަދި މި ސަރަހައްދުން އިތުރު ހޯދުންތައް ހޯދުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކޮށްފައެވެ.