ރާއްޖޭގެ ތައުލީމަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައި ވާތީ ވޯލްޑް އެޑިއުކޭޝަން ކޮންގްރެސްގެ ގުލޯބަލް ލައިފް ޓައިމް އެވޯޑް ވިލާ ފައުންޑޭޝަންގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް މިރޭ ދެއްވައިފި އެވެ.
ނަސަންދުރަ ޕެލެސް ހޮޓަލުގައި މިރޭ އޮތް ރަސްމިއްޔާތުގައި އެ އެވޯޑް ހަވާލުކޮށްދެއްވީ ވޯލްޑް އެޑިޔުކޭޝަން ކޮންގްރެސްގެ ޗެއާމަން ޑރ. ބާޓިއާ އެވެ. އެވޯޑާ ހަވާލުވެވަޑައިގަތީ ގާސިމް އިބްރާހިމް އެވެ.
ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ބައިވެރިވާ ވޯލްޑް އެޑިޔުކޭޝަން ކޮންގްރެސްއަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި، ތައުލީމަށް ލޯބިކުރައްވާ ފަރާތްތަކުން ކުރައްވާ އާ މަފްހޫމުތައް ހިއްސާ ކުރުމަށް ބާއްވާ ކޮންގްރެސްއެކެވެ. ލައިފް ޓައިމް އެޗީވްމެންޓް އެވޯޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތައުލީމަށް ހިދުމަތް ކުރައްވާ ފަރާތްތައް ވާދަކުރާ އެވޯޑެކެވެ.
މިރޭ ގާސިމާ ހަވާލު ކުރި އެ އެވޯޑަކީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ގާސިމަށް ލިބިވަޑައިގަތް އެވޯޑެކެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވި ގާސިމް އިބުރާހިމަށް އެފަދަ އެވޯޑެއް ލިބުމަކީ މަތީ ތައުލީމުގައި ރާއްޖެ އަށް ލިބުނު ވަރަށް މަތިވެރި ކާމިޔާބެއް ކަމަށެވެ. އަދި ވިދާޅުވީ ގާސިމަކީ ކޯޕަރޭޓިވް ރެސްޕޮންސިބިލިޓީގެ ޒިންމާ އަދާ ކުރެއްވުމުގެ ނަމޫނާ ބޭފުޅެއް ކަމަށެވެ. އަދި އޭނާ އަކީ 2003 ވަނަ އަހަރު ވިލާ ފައުންޑޭޝަން އުފެދުމުގެ ކުރިން ވެސް ތައުލީމަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.
"ގާސިމް ވަނީ ސްކޮލާޝިޕްގެ ގޮތުންނާއި އަދި އެ ނޫން ވެސް ގޮތްގޮތުން މަތީތައުލީމު ހާސިލްކުރުމަށް ބޭނުންވާ ކުދިންނަށް އެ ފުރުސަތު ދުނިޔޭގެ އެކި ކަންކޮލުތަކުގައި ހޯއްދަވައިދެއްވައިފައި. 2007 ވަނަ އަހަރު ވިލާ ކޮލެޖް އުފެއްދި އުފެއްދުން ގަބޫލުކުރެވެނީ ރާއްޖޭގައި މަތީތައުލީމާއި ތަމްރީނު ދިނުން ހަރުދަނާ ކުރެއްވުމަށް ގާސިމް ޝައުގުވެރިކަން ހުރި މިންވަރު،" އާސިމް ވިދާޅުވި އެވެ.
ގާސިމަށް ލިބިވަޑައިގަތް އެވޯޑުގެ އިތުރަށް ވިލާ ކޮލެޖުގެ ރެކްޓާރ ޑރ. އަހުމަދު އަންވަރަށް ވަނީ އައުޓް ސްޓޭންޑިން ކޮންޓުރިބިއުޓިންގް ޓު އެޑިޔުކޭޝަން އެވޯޑް ލިބިވަޑައިގެންފަ އެވެ.