އޭނާ އެއިން އެއްވެސް ކަމެއް ސިއްރެއް ނުކުރެއެވެ. އެކަމަކު އޭރު އެއީ އަފްނާންގެ ރޭވުމެއްކަމެއް މައުވާއަކަށް ނޭނގެއެވެ.
އެހުރިހާ ކަމެއް މައުވާއަށް އެނގުނުއިރު އޭނާގެ ހިތް ވަނީ އެކީ އަފްނާންއަށް މިލްކުކުރެވިފައެވެ. އެހެންނަމަވެސް އެ ލޯތްބާ އިތުބާރު ގެއްލުވާލުމަށްފަހު، އަފްނާން އޭނާގެ ހިތުން ދުވަހަކު ފިލައިގެން ނުދާނެ ފަދަ ދެރައެއް މައުވާއަށް ދިނީއެވެ. އޭނާ ވީ ތެދުވެރި ލޯބީގައި ކޮޅުފައިން ޖަހާ އެންމެންގެ ތެރޭގައި ހަނދާން ނުނެތޭނެ ފަދައަކުން އޭނާ ބޭޒާރުކޮށްލީއެވެ.
* * * * *
"އެ ވީޑިއޯ ވައިރަލްވުމުގައި އޮތީ އަހަރެންގެ ކޮން ކުށެއް؟ އެއްފަހަރުވެސް ވިސްނާލާފަ އަފްނާން ބުނެބަލަ." އުނދަގުލުން ހަށިގަނޑު ސީދާކޮށްލަމުން މައުވާ ވާހަކަ ދައްކަން ފެށުމުން މައުވާގެ އުނަގަނޑާ ދިމާލުގައި ބާލީސް ޖައްސާލަމުން އަފްނާން އޭނާއަށް އެހީތެރިވާން އުޅުނެވެ. މައުވާ އެކަމުން މަނާވެގަތަސް، އަފްނާން ބާލީސް ޖައްސާލަދީފައި ދުރުވެލިއެވެ.
"އަހަރެން ބުނެގެނެއް ނޫން އެމީހަކު ވީޑިއޯ ކުރީ؟ އެކަމުގެ ބަދަލު އަފްނާން އަހަރެންގެ ކިބައިން ހިފީ. އަހަރެން ވީ ލޯބިވެސް ނުފެނުނީ. ޔޫ އާރ އަ ސްލްފިސް، އެންޑް އަ ސެލްފް ސެންޓާރޑް ޕާރސަން. ވަރަށް ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް. ލޯބިވަމޭ ކިޔާފަ ދޮގު ހެދީ… އަހަރެންގެ އިޙްސާސްތަކާ ކުޅުނީ…" މައުވާގެ އަޑު ކުރެހުނު ނަމަވެސް، އޭނާ އެ އަސަރުތައް ވަންހަނާކުރަން މަސައްކަތްކުރިއެވެ.
"އަހަރެން ޤަބޫލުކުރަމޭ އަހަންނަކީ ވަރަށް ނުބައި މީހެއްކަމަށް. ސެޕްފިޝް މީހެއްކަމަށް ވެސް ޤަބޫލުކުރަން. އެ ހުރިހާކަމެއް ވެސް ޤަބޫލުކުރަން. އެކަމަކު ބިލީވް މީ އައި ލަވް ޔޫ….." އަފްނާންގެ އަޑުގައިވެސް ވަނީ އިންތިހާ ދަރަޖައިގެ ވޭނެވެ.
"ހެޔޮނުވާނެ ތިހެން ނުބުނޭ އަފްނާން. އަހަރެން އާދޭސްކޮށްފަ މިބުނަނީ. ލޯބީގެ އެ ޖަޒުބާތަށް މަލާމާތްނުކުރޭ! ޔޫ ނެވަރ ލަވްޑް މީ… ކިހިނެއް އެނގެނީ މިހާރުވެސް ތި ކުޅެނީ ޑްރާމާއެއް ނޫންކަމެއް." މައުވާވެސް އޭނާގެ ހިތުގެ ހާލު ފާޅުކުރަމުން ދިޔައެވެ.
"ނޫން…" އަފްނާންއަށް ބުނެވުނެވެ.
"އެހުރިހާކަމެއް ހަނދާންނެތޭ ވަރަށް އަހަރެން މައުއަށް ލޯބިދޭނަމޭ…އެ ހެދުނު ގޯސް ރަނގަޅުކުރަން އަހަރެން ބޭނުމީ އެންމެ ޗާންސެއް. " އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، އަފްނާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"ބޭނުމެއް ނޫން…. އިތުރު ޗާންސެއް އަފްނާންއަށް ދޭކަށް ބޭނުމެއް ނޫނޭ މިބުނީ." މައުވާ ބުނެލިއެވެ.
ހިތުގައި އަތް އަޅާލަމުން އަފްނާންއާ މެދު ހިތުގައިވި ޖަޒުބާތުތައް ފޮރުވަން މައުވާ މަސައްކަތްކުރިއެވެ. އަފްނާން އޭނާގެ ކުރިމަތީގައި އިނދެ އެގޮތަށް މާފަށް އެދި އާދޭސްކުރަމުން ދިޔަޔަސް އެކަން ހަނދާން ނައްތާލާފައި އައު ފުރުސަތެއް ދޭނީ ކިހިނަކުން ހެއްޔެވެ؟ މައުވާ އިސްޖަހާލައިގެން އިންނަން ފެށުމުން އަފްނާން މައުވާގެ އަތުގައި އަތް ޖައްސާލިއެވެ. މިފަހަރުވެސް މައުވާ އެ އަތް ތިލަ ދުރުކޮށްލިއެވެ.
"ޤަބޫލުކުރޭ، އެހެން އެއްވެސް މީހެއް އަހަރެންގެ ޙަޔާތަކަށް ނާދެ. އޭގެ ފަހުންވެސް ތި ނޫން އަންހެން ކުއްޖަކު އަހަރެންގެ މިހިތް ބޭނުމެއް ނުވި. ހިތުގައިވި ލޯބި ރިއަލައިޒް ވާން ލަސް ވިނަމަވެސް، އެ ލޯބި އެއީ ނެތްއެއްޗަަކަށް ނުވާނެއެއްނު. ސޯ ޕްލީޒް މައު…." އަފްނާން ބުނެލިއެވެ.
"އަސްލުވެސް އެކަމަށް އަފްނާން ގިލްޓީ ވަންޏާ، ލޯބިވެޔޭ ބުނަން އަފްނާން ލަދުގަންނަން ޖެހޭނެ. އަހަރެންގެ ކަރުނަތަކުން އަސަރު ނުކުރިއިރު މިއަދު ކީކޭ ތި ކިޔަނީ؟" މައުވާ އެއިން ގޮތަށް އިނދެ ބުނެލިއެވެ. "އަފްނާން އިންދާ މަންމަ އަތުވެއްޖެއްޔާ، ރުޅި ގަދަވާނެ. އެހެންވީމަ މިތަނުން ދޭ."
"ޕްލީޒް ކީޕް ދިސް." އަނގޮޓި މައުވާއަށް ދިއްކޮށްލަމުން އަފްނާން ބުނެލިއެވެ.
"ކޮން ހައިސިއްޔަތަކުން. އަފްނާންއާ އަފްނާން ދޭ އެއްވެސް އެއްޗެއް އަހަރެން ބޭނުމެއް ނޫން." މައުވާގެ ދެލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އެފަދަ ގޮތަކަށް އަފްނާންއާ ވާހަކަ ދައްކަން ވުމުން އަމިއްލަ ހިތަށް ތަދުވެސް ވިއެވެ. އެކަމުން އެކަނިވެސް އޭނާގެ ހިތުގައި އަފްނާންއާ މެދު އަދިވެސް ލޯބިވާކަން މައުވާއަށް ޔަޤީން ކުރެވުނެވެ.
"ދެން އަނެއްކާވެސް ވަކިން ވާހަކަ ދައްކާލެވޭގޮތަށް ބައްދަލުވާނެ ދުވަހެއް ނޭނގެ. ދިޔުމުގެ ކުރިން އަހަރެން ކުރާ އެންމެ ސުވާލަކަށް ޖަވާބު ދީފާނަންތަ؟" މިހުރިހާ ދުވަހު ހިތުގައި އުފެދިފައިވާ ސުވާލެއްގެ ޖަވާބު ހޯދަން އަފްނާން ބޭނުންވިއެވެ. ލޯ މަރާލުމަށްފަހު. މައުވާ ދެފަރާތަށް ބޯ ހޫރައިލީ، ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އޭނާ އިތުރަށް އަފްނާންގެ އެއްވެސް ސުވާލަކަށް ޖަވާބު ދޭކަށް މިވަގުތަކު ބޭނުމެއް ނޫނެވެ.
"ޕްލީޒް… ހަމަ އެންމެ ސުވާލެއް." އަފްނާން އާދޭހުގެ ރާގެއްގައި ބުނެލިއެވެ. "ޖަވާބު ދިނީމަ އެންމެ ސިކުންތެއްވެސް ލަހެއް ނުކުރާނަން. އައި ވިލް ގޯ…" އަފްނާން ބުނެލިއެވެ.
"ސުވާލުގެ ޖަވާބު ނުދީފިއްޔާ ނުދާނަމޭތަ ތި ބުނަނީ؟" މައުވާ އެހެން އަހައިލިއިރު، އޭނާގެ އަޑަށް ބަދަލުތަކެއް އައިކަން އަފްނާންއަށް ވެސް ދޭހަވިއެވެ.
"ނޫން.. އެހެންނެއް ނޫން. ޕްލީޒް… އައިލް ލީވް. އެކަމަކު އެންމެ ޖަވާބެއް…." އަފްނާން އަނެއްކާވެސް މައުވާގެ ގާތުން އާދޭސްކުރަން ފެށިއެވެ. އަފްނާންގެ ވާހަކަ ނިމުމުން މައުވާ ހިމޭންކަން ޚިޔާރުކުރުމުން، އެއީ މައުވާ ދިން އާބަހެއް ކަމުގައި ނިންމާ އަފްނާން ވާހަކަ ދެއްކިއެވެ.
"މައުއަށް ތިހެން ވީ ކިހިނެއް؟" އަފްނާންގެ އަޑުގައިވަނީ ކެތްތެރިކަން ކުޑަވެފައިވާ ފަދަ އަސަރުތަކެކެވެ.
"އަފްނާން ކީއްކުރަން އެނގެން ބޭނުންވަނީ؟" މައުވާ ވާހަކަ ދައްކާއިރު އޭނާގެ ފުރިހަމަ ނަން ބޭނުންކުރަމުން ދާތީ އެކަމާ ވެސް އަފްނާން ދެރަވިއެވެ. ހަމަ ހަޤީގަތުގައިވެސް މައުވާ އޭނާ ވަރަށް ބޮޑަށް ދުރުކޮށްލައިފިއެވެ. ނޫނެކެވެ. މައުވާ އޭނާ ދުރެއް ނުވެއެވެ. އެހެންނަމަވެސް، އޭނާއާ ދުރުވާން މައުވާއަށް މަޖުބޫރުކުރީވެސް ޚުދު އޭނާއެވެ. ވީއިރު މިއަދު ދެރަވެގެން އެކަމާ ޝަކުވާ ކުރުމުގެ ބޭނުމެއް ނެތެވެ. ހުރިހާކަމަކީވެސް އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން ވީ ކަންތައްތަކެވެ.
"ޑިޑް ޔޫ ހާރޓް ޔޯ ސެލްފް؟ ޑިޑް ޔޫ…" އަފްނާންއަށް ޖުމްލަތައް މެދުކަނޑާލެވުނީ ހިތި ހިނިތުންވުމެއް މައުވާ އޭނާގެ ތުންފަތް މައްޗަށް ވެރިކޮށްލިތަން ފެނިފައެވެ. މައްޗަށް ބަލާލަމުން ފުންނޭވާއެއް ލާފައި މައުވާ އަފްނާންއަށް ބަލައިލި ނަމަވެސް، އޭނާ އިތުރު އެއްޗެއް ނުބުނެއެވެ. މައުވާ ހީވަނީ އަފްނާންގެ މޫނުމައްޗަށް އަަރަމުން ދިޔަ ކުލަވަރުތައް ދިރާސާކުރަމުން ދިޔަހެންނެވެ. އެ މޫނުމަތިން އެ ފެންނަ ބޭޤަރާރުކަމުގެ އަސަރުތައް މައުވާގެ ހިތުގެ ވިންދުތަކަށް އަސަރު ފޯރުވައިފިއެވެ.
"މައު… ވާހަކަ ދައްކަބަލަ." އަފްނާންގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ.
"އަހަރެން ކީކޭ ބުނަންވީ؟" އަފްނާންގެ ސުވާލަށް ޖަވާބު ނުދީ މައުވާ މަޑުކުރީ، އެ ކަން އެނގެން އަފްނާން ތެޅިފޮޅޭ މިންވަރު ބަލާލަން އޭނާ ބޭނުންވާތީއެވެ.
"ހަމައެކަނި އެއެއް ބުނެލަދީ!." އަފްނާން ބުނެލިއެވެ.
"އަފްނާން ހީކުރީ އަފްނާން އެގޮތަށް ކަންތައްކުރީމަ އަމިއްލައަށް އަހަރެން މަރުވާނެކަމަށްތަ؟" އެކްސިޑެންޓުވި ވަގުތުގެ ހަނދާންއާކުރަމުން މައުވާ އެހެން ބުނެލިއެވެ. އެހެން ބުނެލިއިރު، އޭނާގެ ނޭވާވެސް ކުޑަކޮށް އަވަސްވެލައިފިއެވެ. ލޮލަށް ގަދަ އައްޔެއްހެން އެޅުނުހެން ހީވެ މީހާއަށް ތެޅިވެސް ގަނެވުނެވެ.
"އާރ ޔޫ އޯކޭ؟" އަފްނާން އަވަސް އަވަހަށް ކައިރިއަށް ޖެހިލުމަށްފަހު، މައުވާގެ މޫނުގައި ހިފައްޓާލިއެވެ. ދުރުކޮށްލަންވެގެން އަފްނާންގެ އަތުގައި ހިފައްޓާލި މައުވާއަށް ހުއްޓުން އެރީ އެހާ ގާތުން އަފްނާންގެ ސޫރަ ފެނިލުމުންނެވެ. ކަނޑެއްފަދަ އެ ފުން ދެލޮލުގެ ތެރެއަށް ގެއްލެން ނެގީ ހިނދުކޮޅެކެވެ. އަފްނާންގެ ދެލޮލުގެ ތެރޭގައި ވޭނާ ކެކުޅުން ވިއެވެ. އެހެންނަމަވެސް އެއީވެސް އޭނާއަށް ކުރެވިދާނެ ކުށްހީއެކޭ ހީވެ މައުވާ ޖެހިލުންވަނީއެވެ.
އަފްނާންއަށްވެސް މައުވާގެ ދެލޮލުގެ ތެރެއަށް ގެއްލިފައި ހުރެވުނެވެ. މައުވާގެ ދެލޮލުގެތެރޭގައި ވިދަމުން ދިޔަ ކަރުނަތައް އެ ދެ ކޯތާފަތުން ތިރިއަށް ރޮނގުދެމިގެން ދާން ފެށުމާއެކު، އެ ކަރުނަތައް އަފްނާން ފުހެދިނެވެ. މައުވާގެ ދެލޮލުން އެހޮރެމުން އެދާ ކަރުނަތަކުގެ ހުރިހާ ވެސް އަސްލަކީ ހަމައެކަނި އޭނާއެވެ. އޭނާގެ ބޭވަފާތެރިކަމާއި، މަކަރުވެރިކަމުގެ ރަމްޒެއްކަމުގައި މިއަދު މައުވާގެ ދެލޮލުން އޮހޮރެމުން އެދާ ކަރުނަތައް އެކަނިވެސް ފުދެއެވެ.
"ނުރޮއިބަ. އައެމް ސޮރީ…" ޖަރުބާތުގައި ޖެހި އެހެން ހުރިހާކަމެއްގެ މަތިން ހަނދާން ނެތުނު މައުވާއަށް ހަމަބިމަށް އާދެވުނީ އަފްނާން ވާހަކަ ދެއްކުމުންނެވެ. އޭނާ އަފްނާން ކޮށްޕާލިއެވެ. އަފްނާންގެ އެންމެ ފިރުމުމަކަށް އޭނާގެ މުޅި ހަށިގަނޑާ ފުރާނަވެސް ވިދާވެއްޖެއެވެ. އަމިއްލަ ހިތް ކިޔަމަން ނުކުރެވި އެ އަތުގެ ތެރެއަށް ވިރިގެން ހިނގައްޖެއެވެ. ހީވަނީ އަދިވެސް އަފްނާންގެ ލޯތްބާއި އޯގާތެރިކަމަށް ފެންބޮވައިގަނެފައިވާ ހެންނެވެ. އެހާ ފަސޭހައިން އަފްނާންގެ އެ ގާތްކަމަށް މަރުޙަބާ ކިޔުނީތީ މައުވާ އަމިއްލަ ނަފްސަށް އަޑު ލިޔެވެ. އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އަފްނާން އަކީ މިއަދު އޭނާގެ އެއްވެސް މީހެއް ނޫނެވެ.
ކުއްލިއަކަށް މައުވާ އޭނާ ދުރުކޮށްލުމުން އަފްނާންއަށްވެސް ސިހުން ލިބިގެން ދިޔައެވެ. އެހެންނަމަވެސް މާފަށް އެދެމުން އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލިއެވެ. މައުވާ އޭނާގެ ކަރުނަތައް ފުހެލާފައި ވާހަކަ ދެއްކިއެވެ.
"ޕްލީޒް ލީވް." އަފްނާން އެތަނުގައި ހުރެއްޖެނަމަ އެ ނާޒުކު ހިތް އިތުރަށް ބަލިކަށިވާނެކަން އެނގި، މައުވާ ބޭނުންވީ އަފްނާން އެތަނުން ފޮނުވާލާށެވެ. އަފްނާންވެސް އިތުރު އެއްޗެއް ނުބުނެ އެތަނުން ނުކުތީ މައުވާ ހަމައަކަށް އެޅުމުންނެވެ. ކޮޓަރި ދޮރު ލައްޕާލާފައި އަތުގައި އޮތް އަނގޮޓިއަށް އޭނާ ބަލައިލިއެވެ. އަމިއްލަ ނަފްސަށް މަލާމާތުގެ ހިނިތުންވުމެއް އަފްނާންއަށް ވެރިކޮށްލެވުނެވެ. އޭނާ ހީކުރީ ކީކޭކަމަށް ހެއްޔެވެ؟ އެންމެ ފަހަރަކު އެފަދަ ގޮތަކަށް ވާހަކަ ދައްކާލުމުން މައުވާ އޭނާއަށް މާފުކޮށްފައި އަލުން ގުޅޭނެކަމަށް ހެއްޔެވެ؟ ކުރި ހުރިހާ ކުށަކަށް މާފުކޮށްފާނެކަމަށް ހެއްޔެވެ؟
އަފްނާން ލިފްޓުން ތިރިއަށް ގޮސް ހޮސްޕިޓަލުން ނުކުންނަން ދަނިކޮށް ސިހުނީ މީހަކު އޭނާގެ ނަމުން ގޮވާލިއަޑަށެވެ. ފަސް އެނބުރުމާއެކު ފެނުނީ ރައްޔާއެވެ. މިވަގުތު ރައްޔާ ޑިއުޓީގައި ބާއޭ އަފްނާންގެ ހިތަށް އެރިއެވެ. ރައްޔާ މަސައްކަތްކުރަނީ އެ ހޮސްޕިޓަލުގެ ޕިޒިއޯތެރަޕީ ޑިޕާރޓްމެންޓުގައިކަން އަފްނާންއަށް އެނގެއެވެ.
"ކީއްކުރަނީ މިތާ؟" ފިޔަވަޅުތައް ބާރުކޮށްލަމުން އައިސް އަފްނާންގެ ކައިރީގައި ހުއްޓުމަށްފަހު ރައްޔާ ސުވާލުކޮށްލިއެވެ.
"ނުކުރަން ކަމެއް." އަފްނާން ބުނެލި ގޮތުން ރައްޔާއަށް ބުމަ އަރުވައިލެވުނެވެ. އަފްނާންއަށް ގޮވާލައިގެން ކުރެވުނީ ގޯސްކަމެއް ބާއޭ ރައްޔާގެ ހިތަށް އެރިއެވެ.
"ސޮރީ… އަމް. ރައްޓެއްސަކަށް ގޮވާލަންވެގެން އައީ…" އަފްނާން ދޮގެއް ހަދާލިއެވެ. ރައްޔާގެ ކުށެއްނެތްކަން އޭނާއަށް އިޙްސާސްވުމާއެކު ރާގުވެސް ބަދަލުކޮށްލައިފިއެވެ.
"އަހަރެންވެސް ކުޑަ ކަމަކު އައިސްފަ ގެއަށް ދާންވެގެން މިދަނީ. ސޯ… މޭބީ އަ ކޮފީ؟" އަފްނާންއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވެފައި ހުރެ ރައްޔާ ބުނެލިއެވެ.
"މި ގަޑިއަކު ނޫން. ފަހުން… ކުޑަކޮށް ބިޒީކޮށް މިއުޅެނީ." އަފްނާން އުޒުރުވެރިވިއެވެ. މަންމަމެން އޭނާއާ ރައްޔާގެ ކައިވެނި އެހާ ވަރުން ކުރުވަން އެ އުޅެނީ ރައްޔާގެ ފަރާތުން ވެސް ފެހި ސިގްނަލެއް ލިބިފައިވާތީކަން އަފްނާންގެ ސިކުނޑިން އޭނާއަށް ވިސްނައިދޭން ފެށުމާއެކު ދެބުމަ ގާތްކޮށްލެވި، ކުޑަކޮށް ނުރުހުންތެރިކަންވެސް ފާޅުވިއެވެ.
"ވާރޭވެސް ވެހޭ އެބަ. ހުއްޓަންދެން މަޑުކޮށްލެވިދާނެއެއްނު." ރައްޔާ ބޭނުންވީ އަފްނާން ހުއްޓުވާށެވެ. އެހެންނަމަވެސް ކޯޓު އެބަ އޮތްކަމުގައި ބުނެފައި މަޑުނުކުރުމަށް ބަހަނާއެއް ދައްކާާފައި އަފްނާން ދިޔައީއެވެ. އެ މަންޒަރު ބަލަން ހުރި ރައްޔާގެ ހިތުގައި ކުޑަކޮށް ރިއްސާލިއެވެ. އަފްނާން ގަސްތުގައި އޭނާއާއެކު މަޑުނުކުރީއޭ ވެސް އެވަގުތު އޭނާގެ ހިތަށް އެރިއެވެ.
"ހީ މައިޓް ބީ ބިޒީ… ޑޯންޓް އޯވަރތިންކް ރައްޔާ. ހީ ޖަސްޓް ނީޑްސް ސަމްޓައިމް." އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް އެހެން ބުނެލާފައި ރައްޔާވެސް ހިނގައިގަތެވެ.
ގެއަށް ދިޔުމަށްފަހު، ކޮޓަރިއަށް ވަދެ ފެންވަރާލައިގެން ނުކުތް ރައްޔާ އެނދުގައި އޮށޯވެލިއެވެ. ބުރަދުވަހަކަށްފަހު ބަރުބަލިކަން ވެސް އޭނާއަށް އިޙްސާސްވަމުން ދިޔައެވެ. ނިދާލަން ބޭނުންވެފައި ހުރިނަމަވެސް، މިއަދުގެ ހާދިސާ އޭނާއަށް އުނދަގޫކުރަން ފެށިއެވެ. އަފްނާން އަނެއްކާ އޭނާއާ ގަޔާނުވަނީ ބާއޭ ރައްޔާގެ ހިތަށް އަރަމުން ދިޔައެވެ. އެހާ އަވަހަށް ދިޔައީ އެހެންވެހެއްޔެވެ؟ އެކަމާ ނުވިސްނަން އަމިއްލަ ނަފްސަށް ވައުދުވިނަމަވެސް، ވިސްނެނީއެވެ. މަންމަ ބުނެފައިވަނީ އަފްނާން އަދިވެސް ވަގުތުކޮޅެއް ބޭނުންވާކަމަށް ރިސާމާ އާންޓީ ބުނެފައިވާކަމުގައެވެ. ހަޤީގަތުގައި އެހާވަރުން ރައްޔާ އަފްނާންއާ ވާހަކަ ދައްކާ އެކުގައި ވަގުތު ހޭދަކުރަން އުޅުނީވެސް އެހެންވެގެންނެވެ. އަފްނާންގެ ހތުގައި މިހާރު އަދި އޭނާއާ މެދު އިޙްސާސްތަކެއް ނުވިޔަސް އެގޮތަށް އުޅެން ފެށުމުން އޭނާގެ ހިތުގައި ވާފަދަ އިޙްސާސްތަކެއް އުފެދިދާނެކަމަށް ޤަބޫލުކުރެވޭތީއާވެސް އެކުގައެވެ. އެފަދަ ވިސްނުންތަކެއްގައި އެތަކެއް އިރަކު، ރައްޔާއަށް އޮވެވުނެވެ.
*****
އެ ގޮތުގައި މަސް ދުވަސް ވެއްޖެއެވެ. މައުވާގެ ޙާލަތަށްވެސް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބުނެވެ. ކޮންމެވެސް ވަރަކަށް ފައިގައި ތުރުތުރު އެޅުމެއް ހުރިނަމަވެސް، މީހެއްގެ ނުވަތަ އެއްޗެއްގެ އެހީގައި، ކޮޅަށް ތެދުވެވޭ ވަރު ވިއެވެ. އެ މަސްދުވަހުގެ ތެރޭގައިވެސް އެތަކެއް ފަހަރަކު އަފްނާން މައުވާގެ ގާތަށް ދިޔައެވެ. އެހެންނަމަވެސް މައުވާއާ ވާހަކަ ދައްކާލެވެނީ ހާލަކުން ފަހަރަކުއެވެ. ގިނަ ފަހަރަށް އޭނާ ދާއިރު އަބަދުވެސް އެތަނުގައި ރާމިޒާ ހުރެއެވެ.
ކޮލެޖުން އައިސް އަފްނާން ގެއަށް ވަތްއިރު، އާއިން އުޅެނީ ގޭތެރޭގައި މާ އަޑުގަދަ ކޮށްލައިގެންނެވެ. އަފްނާން ފެނުމާއެކު އޭނާ އަތުގައި އޮތް ކޮންމެވެސް އެއްޗެއް ފުރަގަހަށް ލާ ފޮރުވިއެވެ.
"ނުދޭނަން." އަފްނާން އަންނަން ފެށުމުން އާއިން ދުއްވައިގަތީ އަފްނާންގެ އަތު ނުވާށެވެ. އެހެންނަމަވެސް އަފްނާން އެދިޔަ ގޮތަށް ގޮސް އާއިން އުރާލަމުން އާއިންގެ އަތުގައި އޮތީ ކޯންޗެއްތޯ ބަލައިލިއެވެ.
"ދީބަ ތި ޗޮކްލެޓް… ޕްލީޒް…." އަފްނާން ދެރަވެލާފައި ބުނުމުންވެސް ނުދޭނަމޭ ބުނެ އާއިން ހޭން ފެށިއެވެ.
"ޑެޑީ ކައިރީ ބުނެބަ. މީ ކޮއްކޮގެއޭ؟" އާއިން ބުނެލިއެވެ.
"ޑެޑީ އައީތަ؟" އަފްނާން އާއިން ތިރީގައި ބެހެއްޓުމުން އޭނާ ދުވެފައި ގޮސް ސޯފާގައި އިން ރިސާމާގެ އުނގުތެރެއަށް ވަނެވެ.
"ދޮންބެ އައީތަ؟" އަފްނާން ރިސާމާއާ ސުވާލުކޮށްލުމުން އޭނާ ބޯ ޖަހައިލިއެވެ. މި ފާއިތުވި އެއްމަސްދުވަހު އަޒްލަފް ވެސް އުޅުނީ ރާއްޖޭން ބޭރުގައި ކޮންމެވެސް ޓްރެއިނިންއެއްގައެވެ.
*****
އަޒްލަފް ޑިއުޓީއަށް ނުކުތީ ރާއްޖެ އައިތާ ތިންވަނައަށް ވީ ދުވަހު ހަވީރެވެ. ދިޔަތަނާ އެމަރޖެންސީ ކޭސްއަކަށް އެޓެންޑް ވާން ޖެހުމުން އޭނާ ދާން ޖެހުނެވެ. އެހުރިހާކަމަކުން ސަލާމަތްވީ އަށެއްޖަހަން އުޅެނިކޮށެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން ވާރޑުން ގުޅާފައި މައުވާގެ ހުން ހުރި ވާހަކަ ބުނެފައިވާތީ އަޒްލަފް ގަސްތުކުރީ މައުވާގެ ގާތަށް ދިޔުމަށެވެ. އޭނާ ގޮސް ލިފްޓަށް އަރައިގެން، މައުވާ އޮތް ވާރޑަށް ދިޔައެވެ. މައުވާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމާއެކު އިވުނު އަޑާއި ފެނުނު މަންޒަރުން އަޒްލަފްއަށް ހައިރާންކަން ލިބިގެން ދިޔައެވެ.
(ނުނިމޭ)